ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ޓެރަރިސްޓް ހަމަލާދިނުމުގައި ގްރައުންޑްގައި އެންމެ އިސް ދައުރެއް އަދާކުރި ކަމަށް ތުހުމަތުކުރާ، އެންމެ މުހިންމު މީހާ މިއަދު ހެނދުނު ހުޅުމާލެއިން ހައްޔަރުކޮށްފި ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

ނަމަވެސް ފުލުހުން އަދި މިކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ފުލުހުން ހަމައެކަނި ބުނެފައިވަނީ ބޮމުގެ ހަމަލާއާ ގުޅިގެން ތިން ވަނަ މީހަކު މިއަދު ހެނދުނު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މީހާއަކީ މި ހަމަލާއާ ގުޅޭ އެންމެ މުހިއްމު މީހާ ކަމަށް ފުލުހުން އިއްޔެ ބުނެފައިވާއިރު، އެ މީހާގެ މައުލޫމާތު ހޯދަން ފުލުހުން އިއްޔެ ވަނީ އާއްމުންގެ އެހީތެރިކަމަށް ވެސް އެދިފަ އެވެ.

ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ހަތަރު މީހަކު ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު، އޭގެ ތެރެއިން ދެމީހުން ހައްޔަރުކޮށް، ހައްޔަރު ކުރި ދެ މީހުންގެ ވަނަވަރު ފުލުހުން އިއްޔެ ވަނީ އާއްމުކޮށްފައެވެ.

ފުލުހުން ބުނީ ޓެރަރިޒަމްގެ ހަމަލާގައި ހައްޔަރު ކުރި ދެ މީހުންނަކީ ހަރުކަށި ފިކުރުގެ މީހުން ކަމަށާއި، އެ ދެމީހުންނަކީ ކުށުގެ ރެކޯޑް އޮންނަ މީހުން ކަމަށެވެ. އެ މައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ، މުޖާޒް އަޙްމަދު މއ. ފޭރުގެ ކ. މާލެ އާއި، ތަހުމީން އަޙްމަދު ގއ. ކޮނޑޭ ފޮޅޭމާގެ އެވެ. ނަމަވެސް އެ މީހުންނަކީ ދީނީގޮތުން ހަރުކަށި މީހުންތޯ ނުވަތަ އެހެން ގޮތަކުން ހަރުކަށި މީހުންކަން ނޭނގޭ ކަމަށް ކޮމިޝަނަރ ޙަމީދު ވިދާޅުވިއެވެ.

މާލޭގެ ނީލޯފަރުހިނގުމުގައި ރައީސް ނަޝީދުގެ ޢާއިލީ ގެކޮޅު ކަމަށްވާ ގ. ކެނެރީގެ ކައިރީގައި މިމަހުގެ 6 ވަނަ ދުވަހުގެރޭ 8:27 ހާއިރު ބާރުގަދަ އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ގޮއްވާލައިގެން ދިން ހަމަލާގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާއިރު އޭޑީކޭގައި ކުރި އޮޕަރޭޝަން ތަކަށް 16 ގަޑިއިރު ވަނީ ހޭދަވެފައެވެ. އެހަމަލާގައި ރައީސް ނަޝީދަށް ބޮޑެތި އަނިޔާތަކެއް ލިބިވަޑައިގެންނެވިއެވެ. ރައީސް ނަޝީދަށް ލިބިފައިވާ އަނިޔާތަކާ ބެހޭގޮތުން އޭޑީކޭއިން ބުނީ، އެމަނިކުފާނުގެ ފުރާނަ ސަލާމަތް ކުރުމަށް ނުރައްކާތެރި ސާޖަރީތަކެއް ހަދަން ޖެހުނު ކަމަށެވެ.

ރައީސް ނަޝީދުގެ މިހާރުގެ ޙާލަތާ ގުޅޭގޮތުން އޭޑީކޭ އިން އިއްޔެ ބުނީ ރައީސް ނަޝީދަށް މިހާރު އަމިއްލަފުޅަށް ނޭވާލެވޭތީ ވެންޓިިލޭޓަރު މިހާރު ނައްޓާލެވިފައިވާ ކަމަށާއި އަދި ބްލަޑް ޕްރެޝަރު ބޭސް ވެސް މިހާރު ހުއްޓާލެވިފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ހާލު މިހާރު ސްޓޭބަލް ކަމަށް ވެސް ޑޮކްޓަރުން މިއަދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން