ކޮންމެ އަހަރަކު ވެސް ރޯދަ މަހަކީ ބާޒާރުގައި ތަކެތީގެ އަގަށް ބޮޑެތި ބަދަލުތަކެއް އަންނަ މަހެކެވެ. ފާއިތުވި ދެ އަހަރުގައި ވެސް ރޯދަމަހާއި ދިމާކޮށް ތަކެތީގެ އަގު އިންތިހާއަށް ވަނީ އުފުލިފައެވެ. މީގެ ކުރީގެ ރޯދަމަސްތަކުގައި ކަނޑޫދޫ މިރުސް ކިލޯ އެއްގެ އަގު ވެސް 2000 ރުފިޔާ އަށް ވުރެ މައްޗަށް އެރިއެވެ. ފިޔާ ބަސްތާއެއްގެ އަގު 700 ރުފިޔާ ފާއިތުވެދިޔަ ރޯދަމަސް ތަކުގައި އަރައިގެންދިޔައެވެ. ބިސްކޭހުގެ އަގު ދެގުނައަށް އަރައެވެ. ފިޔާ ކިލޯއެއް ފަންސާހުން މައްޗަށް ވެސް ދެއެވެ. އެންމެ ފަހުން ކޮންމެ ރޯދަމަހަކުވެސް ސަރުކާރަށް ޖެހެނީ އަގުތައް ކޮންޓްރޯލްކޮށް އަގުބޮޑުކޮށް މުދާ ވިއްކާ ފަރާތްތަކާމެދު ފިޔަވަޅުއަޅައި ހެދުމަށެވެ. އަދި ކަމާބެހޭ ވުޒާރާގެ ވެބްސައިޓުގައި އެންމެ އަގުހެޔޮކޮށް މުދާ ވިއްކާ ފިހާރަތަކުގެ ލިސްޓު އާންމުކޮށް ވިޔަފާރިވެރިން ލައްވާ ގަދަކަމުން މުދާ އަގުހެޔޮކުރަން އެމީހުން ފަހަތުން ސަރުކާރުން ދުވީއެވެ. ރޯދަމަހަށް މުދާ އަގުބޮޑު ކުރުމަކީ ވަރަށް ގިނަ ބަޔެއްގެ ޝަކުވާއެކެެވެ.

ސަރުކާރުން ވަނީ މި ރޯދަމަހުގެ ބާޒާރުގެ ތަކެތީގެ އަގު މައްޗަށް ނުދާނެ ކަމުގެ ޔަގީންކަން ރައްޔިތުން ދީފައެވެ. ތަކެތީގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށް ސަރުކާރުން ކުރި މަަސައްކަތްތަކުގެ ނަތީޖާ ވަރަށް ފޮންޏެވެ. އެހެން ފަހަރުތަކާއި ޚިލާފަށް މިފަހަރު ހަމަގައިމުވެސް ރައްޔިތުންގެ ޖީބަށް ލުއިވެއްޖެއެވެ. މިއީ ރަައްޔިތުންގެ ޖީބަށް ލުއިވެ ހިންދަމާލެވުނު ރޯދަމަހެކެވެ. ކޮވިޑާއި ގުޅިގެން ކުރިމަތިވި ދަތިތަކާއި ގުޅިގެން ރައްޔިތުންގެ އާމްދަނީ އެތަށް ގުނައެއް ދަށްވެފައިވާ މި ދަނޑިވަޅުގައި އަގުތަށް އަތްފޯރާ ފަށުގައި ހުރުމަކީ ކޮންމެހެން ބޭނުންކަމެކެވެ. ރައްޔިތުންގެ އަގަޔާއި އަތާއި ދިމާކުރެވޭނީ އޭރުންނެވެ.

މިފަހަރު ބާޒާރުގައި މުދަލުގެ އަގު ރޯދައަށް ބޮޑުނުވެ ހިފެހެއްޓިފައި ހުރިމުގައި ކޮވިޑްގެ ސަބަބުން އައި ދަތިމަޑުކަން ވެސް ވަރަށް ބޮޑު ދައުރެއް އަދާކުރިއެވެ. ކުރިއާ ޚިލާފަށް ގިނަ މީހުންގެ އަތްމަތި ދަތިވުމާއި ކުރިއަށް އޮތް ދުވަސްތަކުގެ ހާލަތު ތަސައްވަރު ކުރަން ނޭނގުމަކީ މީގެ އެއްސަބަބު ކަމުގައި ބެލެވެއެވެ. ބާޒާރު މަތީގެ ބައެއް ފިހާރަތަކުން ބުނަނީ ކޮވިޑާއެކު ދެވަނަ ރޯދަމަސް ހޭދަކުރަން ޖެހިފައިވާއިރު މީހުންގެ އަތްމަތި ވެސް ހަމަ ދަތީކަމަށެވެ. އަދި އިގްތިޞާދީ ގޮތުން ގައުމު އޮތް ހާލަތުންނާއި ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަނެވޭނެ ދުވަހެއް ނޭނގޭތީ އިގްތިޞާދު ކުރުމަށް ވެސް ގިނަ ބަޔަކު ދަސްކުރީއެވެ. ޚަރަދުތައް ކުޑަކޮށް ބޭކާރު އެއްޗެހި ނުގަތުމަށް ފަރިތަކުރީއެވެ. އެހެން ގޮތަކުން ބުނާނަމަ މިހުރިހާ ކަމަކާއެކު މުދަކުގެ ޑިމާންޑް ނުވަތަ ބޭނުންވާ މިންވަރު ދަށްވީއެވެ.

ރޯދަމަހުގެ ފަހުދިހައިގެ ދުވަސްތައް ދިވެހިން ގުނަމުންދާއިރު ބާޒާރުގައި ތަކެތީގެ އަގު އުޅެނީ ހަމަ "އަތްފޯރާ ފަށުގައެވެ". މިއީ ރައްޔިތުންނަށް މި ރޯދަމަހު ލިބުނު ވަރަށް ބޮޑު ތަސައްލީއެކެެވެ. މިއަދާ ހަމައަށް ބާޒާރުގައި ބައެއް އާންމު މުދަލުގެ އަގު ހުރީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ.

"ރަސް އޮންލައިން"ގެ ނިއުސް ޓީމް ބާޒާރު މައްޗަށް ގޮސް މާރުކޭޓް ގޮޅިތައް ހިންގާ މީހުންގެ ތެރެއިން ވާހަކަ ދައްކާލި ގިނަ މީހުން ބުނެފައިވަނީ މި ރޯދަމަހު ތަކެތީގެ އަގު ވަރަށް ބޮޑަށް ދަށައް ގޮސްފައިވާ ކަމަށެވެ. ރޯދަމަހު ބޭނުންކުރާ ވަރަށް މަދު އެއްޗެއް ފިޔަވައި ގިނަ އެއްޗެހީގެ އަގު ހުރީ ރޯދަމަސް ފެށުނުއިރު ހުރި ވަރަށްވުރެ ވެސް ދަށުގައި ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.

އެގޮތުން ރޯދަމަހު އެންމެ ގިނައިން ބޭނުންކުރާ ކަރަލާއި މިރުގެ އަގު އެހެން ރޯދަ މަސްތަކާއި އަޅާބަލާއިރު އުޅެނީ ދަށުގައެވެ. ބާޒާރުގައި ކަރަލުގެ އަގު އުޅެނީ ކަރާ ކިލޯއެއް 12 ރުފިޔާ އާއި 20 ރުފިޔާ ދެމެދުގެ އަގުތަކެއްގައެވެ. ކުދި ކަރާ ކިލޯއެއް ބާޒާރުގައި 15 ރުފިޔާއަށް ލިބެން އެބަހުއްޓެވެ. އެހެން ރޯދަމަސްތަކުގައި ރަނަށް އަރައިގެންދާ ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު ވެސް ބާޒާރުގައި އުޅެނީ 280 ރުފިޔާ އަށެވެ. ފިޔާ ކިލޯއެއް 7 ރުފިޔާ އާއި 10 ރުފިޔާ ދެމެދު އަގުތަކެއްގައި ބާޒާރުން ލިބެއެެވެ. ލުނބޯ ކިލެއްގެ އަގު މާރުކޭޓްގައި އުޅެނީ ކިލޯއެއް 25 ރުފިޔާ އަށެވެ. ކޮފީ ފަތް ބޮނޑިއެއް ބާޒާރުން ލިބެނީ 10 ރުފިޔާ އާއި 12 ރުފިޔާ އާއި ދެމެދުގެ އަގުތަކެއްގައެވެ.

މާރުކޭޓް ގޮޅިއެއްގައި އިން ލ. ކުނަހަންދޫއަށް ނިސްބަތްވާ އަންހެނަކު ބުނީ ކުރުނބާގެ އަގު ކޮންމެވެސް ވަރަކަށް މައްޗަށް ދިޔަ ކަމަށާއި، އެހެން އެއްޗެހީގެ އަގު ހުރީ އެއްވަރެއްގައި ކަމަށެވެ. އޭނާ ބުނީ ރޯދަމަސްވިޔަސް މިފަހަރު ތަކެތީގެ އަގު ބޮޑުނުވާ ކަމަށެވެ.

މާރުކޭޓް ގޮޅިއެއް ހިންގާ އިތުރު މީހަކާއި ސުވާލުކޮށްލުމުން އޭނާ ބުނިގޮތުން މިރޯދަމަހު އަގު އުފުލިފައިވަނީ ފަޅޮލުގެއެވެ. އަދި ފެޝަން ފުރުޓް އަގު ވެސް ހުރީ ކިލޯއެެއް 60 ރުފިޔާ އަށް ކަމަށާއި، އެ އަގު ދަށްނުވާ ކަމަށް އޭނާ ބުންޏެވެ.

"ބައެއް އެއްޗިހި އަގު އަރައިގެން ދިޔަ، އެކަމަކު ގިނަ އެއްޗެހީގެ އަގު އުޅެނީ ދަށުގައި، 10 ރުފިޔާ އަށް 100 ގުރާމް މިރުސް ލިބެން އެބަހުރި ބާޒާރުގައި." ބާޒާރުގެ އަގުތަކާއި ބެހޭގޮތުން ސުވާލުކޮށްލުމުން މާރުކޭޓް ގޮޅިއެއް ހިންގާ އެމީހާ ބުނެފައިވެއެވެ.

އާންމު މަސްމަހާ ހިލާފަށް، ގޭބީސީތަކުން ކާބޯތަކެތި އެންމެ ގިނައިން ގަންނަ މަހަކަށް ވެގެންދަނީ ރޯދަމަހުގައެވެ. މި ޑިމާންޑާއެކު، ރޯދައާ ކައިރިވާ ވަރަކަށް ވިޔަފާރިވެރިން ތަކެތީގެއަގު ބޮޑުކޮށް ނެގެން އޮންނަ އެންމެ ބޮޑު ފައިދާއެއް ނެގޭތޯ ކަމަރު ބަދެލައެވެ. ކޮވިޑްގެ ބަލިމަޑުކަން ކުރިމަތިވެފައި އޮތް މި ދަނޑިވަޅުގައި ރޯދަ މަސް ފެށުމުގެ ކުރިން މިއަހަރުގެ ރޯދަ މަހު ވެސް ތަކެތީގެ އަގުތައް އަތް ނުފޯރާ ފަށަށް އަރައިގެންދާނެ ކަމަށް ލަފާކުރެވުނު ނަމަވެސް ކަން ދިމާވީ ރައްޔިތުން ހީކުރި ގޮތާއި މުޅިން ޚިލާފަށެވެ. މިއީ ހެޔޮ ފާލަކަށް ވެސް ވެދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން