ރާއްޖޭގެ އިޤްތިޞާދުގެ މައި ނާރަކީ ފަތުރުވެރިކަމެވެ. ރާއްޖޭގައި އަދި އޮތީ ހަމައެކަނި މޫދާއި ރީތި ދޮންވެލި ގޮނޑުދޮށްތަކާއި ކަނޑާއި ފަޅުގެ މައްޗަށް އެކުލެވޭ ފަތުރުވެ ކަމެކެވެ. މުޅި ޤައުމު ބަރޯސާވަނީ މި ސިނާއަތަށެވެ. ހިނދުކޮޅަކަށް ވެސް މިސިނާޢަތަށް ހުއްޓުމެއް، ލޮޅުމެއް އަރައިފި ނަމަ ޤައުމުގެ އިޤްތިޞާދުގެ މައިބަދަ ބިނދުނީއެވެ.

ދުނިޔޭގައި ހިނގާ އެއްވެސް ކަމެއްގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް އަންނަ ލޮޅުމެއްގެ އަސަރު އެންމެ ފުރަތަމަ ކުރާ އެއްޤައުމަކަށް ރާއްޖެވަނީ މި ޤައުމުގެ އިޤްތިޞާދު ފަތުވެރިކަމުގެ ސިނާއަތަށް ބަރޯސާވެފައި އޮތް އޮތުމެވެ. އެއީ ހަނގުރާމައެއްގެ ސަބަބުން ކަމަށްވިޔަސް ޓެރަރިސްޓް ހަމަލާއަކުން ކަމަށްވިޔަސް، ތޫފާނުތަކާއި ހަނަފަސް ކަމުން ނުވަތަ ރޯގާ ބަލިމަޑުކަމަކުން ކަމުގައި ވިޔަސް ދުނިޔޭގެ އިޤްތިޞާދަށް އަންނަ ލޮޅުންތަކުގެ އަސަރު މިޤައުމުގެ ފަތުރުވެރިކަމަށް ނުކޮށް ނުދެއެވެ. މިއީ ތާރީޚު ދައްކާފައިވާ ހަގީގަތެވެ.

ފަސްލައްކަ ހަމަނުވާ މި ކުޑަކުޑަ އާބާދީއާއި ނުބައްދަލު މިންވަރަށް މިދެންނެވި ނާޒުކު ފަތުރުވެރިކަމުން ފައިސާ ވަންނަމުން ދިޔަ ކަމުގައި ވިޔަސް އަހަރު ނިމޭއިރު ދަރަންޏަށް ނުނަގައި ބަނޑުފުރާނެ މުއްތިވެސް ނުކުރެވެއެވެ. އެންމެ ފަސް ލައްކަ މީހުން، އާބާދީގައި ހަމަނުވާ މި ޤައުމަށް 37 ބިލިއަން ރުފިޔާގެ ބަޖެޓަކީ މިހާރު ކައިފަ ވައެއް ލާވަރުވެސް ވާ މިންވަރެއްނޫނެވެ.

އެންމެ ފަހުން ވެރިކަން ކޮށްފައި ފައިބައިގެން ދިޔަ ވެރިމީހާ ވިދާޅުވީ އެބޭފުޅާ މި ވަޑައިގަންނަވަނީ ރައްޔިތެއްގެ ބޮލަކަށް ޖެހޭ މިންވަރު 10 ހާސް އެމެރިކާ ޑޮލަރަށް އަރުވާލާފައި ކަމަށެވެ. އެހެން ވިދާޅުވިއިރު ވާރުތަވަމުން އައި ދަރަނީގެ ބަޔާއި އަދި އެބޭފުޅާ އެ ހެއްދެވި ގޮތެއް ހައްދަވާފައި ދޫކުރެއްވި ދަރަނީގެ މިންވަރުން ބޮލަކަށް ޖެހޭ ވަރެއް ނުވެސް އެނގެއެވެ. އެބޭފުޅާ ވިދާޅުވަނީ މަގުތަކަށާއި ފަޅުތެރެއަށް ކޮންކްރީޓް އަޅައިލީމާ ފައިސާ ހޯދި ގޮތެއް ރައްޔިތުން ނާހާނެ ކަމަށެވެ. ތެދަކަށް ވެދާނެއެވެ.

ދަންނަވަން މިއުޅެނީ މި ޤައުމުގެ ހަރުމުދާ ވިއްކައިގެންނާއި ކުއްޔަށްދީގެންނާއި ވިޔަފާރިކުރަން ދީގެން އެލިބޭ އާމްދަނީގެ ތެރެއިން ބައެއް ދައުލަތުގެ ބޮޑު ތިޖޫރިއަށް ވަނީމާވެސް ރައްޔިތެއްގެ ބޮލަށް ފަސް ހަ ހާސް އެމެރިކާ ޑޮލަރު ޖެހެއެވެ. ދެން މި ޤައުމަށް މިގެނައި ފާޑެއްގެ ވެރިކަމުގެ ނިޒާމެއްގެ ސަބަބުން ޤައުމަށް ލިބޭ މިދެންނެވި އާމްދަނީން ދެކޮޅު ނުޖެހިގެން ރައްޔިތު މީހާ ބޯ ކަޅުސައި ތަށިން ވެސް އެކިޔާ ޓެކުހެއް ނަގައިގެން އެވަރުން ނުވެގެން ޤައުމުގެ ކަނޑުފަޅާއި ހާހަލާއި ގިރި ފަރު ވިއްކައިގެންނާއި ކުއްޔަށް ދީގެންނާއި ވިޔާފާރި ކުރަން ދީގެން ޤައުމަށް ލިބޭ އާމްދަނީ ތިން ގުނަ އިތުރުވީމާވެސް ހަމަ ޖެހުނީ އެއްތާކުއެވެ.

އެކިޔާ ނިޒާމުގެ ތެރެއިން ބައިއަޅަން ޖެހޭ މީހުންނަށާއި ކަންކަމަށް ބައި އަޅާފައި، ރައްޔިތުން ރުއްސާ ބޮޑު ހިލަޖައްސާފައި މަގުތަކަށް ކޮންކްރީޓާއި ތާރުއަޅާފައި ދެން ހަމަ އަހަރު ނިމޭއިރު އޮންނަނީ ދަރާ ވިކިފައެވެ. މަހުގެ ފަހުކޮޅަށް އެޅީމާ ދަރަނި ފޮތުގައި ޖަހައިގެން ކަންމަތީ ފިހާރައިން ދަރަންޏަށް މުދާ ނަގާ އުސޫލުން އަހަރުގެ ފަހު ކޮޅަށް އަޅައިލީމާ ސަރުކާރުގެ މުވައްޒަފުންނަށް މުސާރަކޮޅުވެސް ދެވެނީ ކޮންމެވެސް މަހުޖަނެއްގެ އުނގަށް ވެއްޓިގަނެގެން ނުވަތަ ކޮންމެވެސް ކަހަލަ ބިލެއް، ބޮންޑެއް ވިއްކައިގެން ދަރަނި ނަގައިގެންނެވެ.

މިއީ ދުނިޔޭގެ އެންމެ އަގުބޮޑު ފަތުރުވެތި ކަމުގެ މަންޒިލް ތަކުގެ އެންމެ ކުރީގައި އޮތް މި ދިވެހިރާއްޖޭގެ ހާލު ހުރިގޮތެވެ. ރައްޔިތުން ފަހަށްރައްކާކުރާ ވާހަކަ ބޮޑެތި އިކޮނަމިސްޓުން ދައްކާއިރު ރައްޔިތުންނަށް ނަމޫނާއަކަށް ފެންނާން އޮތް ގައުމުގެ ބޮޑު ތިޖޫރީގެ ހާލަތު އޮތީ މާ ނިކަމެތިކޮށެވެ. އަހަރުގެ ފަހުކޮޅަށް ދިޔައިމާ ދެން އިވޭނީ ތެލީގެ ފޫކަހާ އަޑުފަށްގަނޑެވެ. ދެން ރަހުމަތްތެރި ކޮންމެވެސް ޤައުމަކުން ނުވަތަ މާލީ އިދާރާއަކުން އެތިކޮޅެއް ދިއްކޮށްލިއްޔާ ނޫނީ ދަރިން ބަނޑު ފުރާނެ މުއްތި ކުރާވަރުވެސް ނުވެއެވެ.

މިއަދު މިއޮތީ މިދެންނެވި ވާހަކައިގެ ހަގީގަތް އޮޅުން ފިލުވާން އުސްތާޒެއްގެ ގާތަށް ނުވަތަ ފާލުބަލާ ރަމަލު ޖަހާ މީހެއްގެ ގާތަށް ދާންނުޖެހޭވަރަށް މިހަގީގަތް ހާމަވާށެވެ. ދުނިޔޭގައި ނުރައްކާތެރި ރޯގާ ބަލިމަޑުކަމެއް ފެތުރެން ފެށުމާއެކު އެންމެ ފުރަތަމަ އަސަރުކުރީ މި ރާއްޖޭގެ އިޤްތިޞާދަށެވެ. އެއްކަލަ ރަންބިސްއަޅާ ނާޒުކު ކުކުޅު ނޫން އެހެން ގޮތެއް ނެތެވެ. އެކުކުޅަށް ތައްޔާރީ ބޭސް ކާންދީގެން ގަދަކަމުން އަޅުވަމުން ދިޔަ ރަން ބިހުން އެންމެ ބިހެއްވެސް ރައްކާކުރެވިފައި ނެތުމުގެ ނަތީޖާއެވެ. ރަންބިސް އަޅާ ކުކުޅު ބަލިވެ ބިސް ނޭޅޭ ވަރަށް ހާލަތު ގޯސްވީއެވެ. ކުކުޅު ގަދަވާންދެން އަނގަޔާއި އަތާ ދިމާވާނެ ފަދަ ވެސް ރައްކާ ކުރެވިފައެއް ނެތެވެ. އެދުވަހަކު ކުކުޅު އަޅާ ބިހެއް ކާލައިގެން ފައިކޭޓަށް އަތް ޖަހާލައިގެން ތިބީއެވެ.

ދުނިޔޭގައި ނުރައްކާތެރި ކޮރޯނާ ވައިރަސްގެ ބަލިމަޑުކަން ފެތުރި މި ރާއްޖެއަށް ވެސް އެރީއެވެ. ޤައުމުގެ އިޤްތިޞާދީ މައިނާރު ކަމަށްވާ ފަތުރުވެރިކަން މުޅިން ހުއްޓުނީއެވެ. ތިން މަހެއްހާ ދުވަހުގެ ކާޑު ކޮޅު ފިޔަވާ އެހެން އެއްޗެއް ނެތެވެ. މިއީ ވިހި ފަންސަވީސް ބިލިއަން ރުފިޔާ އަހަރަކު ވަންނަ އިޤްތިޞާދުގެ ހާލަތެވެ. އިޤްތިޞާދު އަލުން ނަގާ ކޮޅަށް ޖެހެންދެން ބަނޑުފުރާނެ މުއްތި ކޮށްލެވޭހާ ވަރު ނެތެވެ. އެވަރު ރައްކާ ކޮށްލެވިފައި ނެތެވެ. ދެން އެބުނާ ވެރިއަކު އެވިދާޅުވާ ބޮލަކަށް ޖެހޭ 10 ހާސް އެމެރިކާ ޑޮލަރަށް ވީގޮތެއް ރައްޔިތުންނަށް ސާފުވާން ވެސް އެބަޖެހެއެވެ.

ހަގީގަތުގައި މިއީ މިއަދު ދައްކާން އެންމެ އެކަށީގެންވާ މުނާސަބު ވާހައެއް ވެސް ނޫނެވެ. މިއަދު ދައްކާންވީ ޤައުމު މި ދަތުރުކުރާ ދަތި ހާލުން އަރައިގަތުމަށް ކުރެވެން އޮތް ކަމެއްކޮށް އެޅެން އޮތް ފިޔަވަޅެއް އަވަހަށް އެޅުމުގެ ވާހަކައެވެ. މިއީ ރައްޔިތުން ގޮތް ހުސްނުވަނީސް ކޮންމެވެސް ގޮތެއް ހޯދައިދޭން ޖެހޭ ވަގުތެވެ. ވިޔަފާރިތައް ހުއްޓި ވަޒީފާތައް ގެއްލި ރައްޔިތުން ބިކަ ނުވަނީސް ވަގުތީ ހައްލުތަކެއް ހޯދައިދޭން ޖެހޭ ވަގުތެވެ. ބިލުތައް ނުދެއްކި ކުލި ނުދެއްކި، ބޯހާސްވެ ރުޅިގަދަވާ ހިސާބަށް ނުދަނީސް ގޮތެއް ހޯދައިދޭން ޖެހޭ ވަގުތެވެ.

ރާއްޖޭގެ އިޤްތިޞާދާއި ވިޔަފާރީގެ އެތައް ތަޖުރިބާއެއް އަމިއްލައަށް ކުރައްވާފައިވާ އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން މެދު ނުކެނޑި ކުރައްވަމުން ގެންދަވާތާ އެތައް އަހަރެއްވެފައިވާ ތަޖުރިބާކާރު މަޖިލިސް މެންބަރު އިބްރާހީމް ޝަރީފު ވިދާޅުވަނީ މިހާރު ކުރިމަތިވަމުން މިދާ އިޤްތިޞާދީ ދަތި ހާލަތުން އަރައިގަތުމަށް ނުވަތަ މިހާލަތު އިތުރަށް ގޯސްނުވެ ހިފެހެއްޓުމަށްޓަކާ ވަރަށް ވިސްނުންތެރިކަމާއެކު ސަރުކާރުން އަވަސް ފިޔަވަޅު ތަކެއް އަޅަން ޖެހޭ ކަމަށެވެ. ޝަރީފަކީ މަރަދޫ ދާއިރާގެ މެންބަރުގެ އިތުރުން ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ މުޤައްރިރުކަމާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ މުޤައްރިރު ކަމާއި މާލިއްޔަތު ކޮމިޓީގެ މެންބަރުކަމާ އަދި މާލީ ސެކިއުރިޓީ ސަބް ކޮމިޓީގެ މުޤައްރިރުކަންވެސް ކުރައްވާ ރާއްޖޭގެ އިޤްތިޞާދާ ވިޔަފާރީގެ ތަޖުރިބާކާރު ބޭފުޅެކެވެ.

ޝަރީފު ޤަބޫލު ކުރައްވާ ގޮތުގައި ވިޔަފާރިތައް ބަނގުރޫޓު ވިޔަނުދީ ވަޒީފާތައް ގެއްލުނަ ނުދީ ދެމެހެއްޓުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ މާލީ ޕެކޭޖްތަކެއް ހަމަޖައްސައިދިނުން މިވަގުތަށް ވަރަށް މުހިންމެވެ. އެގޮތުން ލޯނު ދެއްކުމާއި ކަރަންޓު ބިލާއި މުސާރަ ދިނުން ފަދަ ހިންގުމުގެ ޚަރަދުތަކަށް އެހީތެރިވެ ދިނުމަށް ވަރަށް އަވަހަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭކަން އޭނާ ފާހަގަކުރައްވާފައި ވެއެވެ.

މީގެއިތުރުން މި ބަލިމަޑުކަމުގެ ސަބަބުން އިޤްތިޞާދަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކާ ޤައުމު މިހާލަތުން އަރައިގަންނަންދެން ބޭންކް ތަކުން ދޫކޮށްފައިވާ ލޯނު ތަކުގެ އިންޓްރެސްޓް ރޭޓް ކުޑަކުރުމަކީވެސް ވަރަށް މުހިންމު ކަމެއްކަން ޝަރީފު ފާހަގަ ކުރައްވައެވެ. ހަމައެހެންމެ މިދަނޑިވަޅުގައި ސަރުކާރުގެ ޚަރަދުތައް ކުޑަކުރެވޭނެ ދާއިރާތަކާއި ދިމާތަކާއި ގޮތްތައް ބަލައިގެން އެމަގުން އަވަސް ފިޔަވަޅުތަކެއް އަޅަންވެސް ޖެހެއެވެ. މިދަނޑިވަޅަކީ ޞިއްހީ ދާއިރާއިން ވެސް އެހީތެރިކަން ބޭނުންވެފައިވާ ދަނޑިވަޅަކަށްވާއިރު އަދި އެހީ ދޭން ތިބި ބަޔަކީ ޗައިނާ ކަމުގައިވިޔަސް އެ އެހީތެރިކަން ބޭނުން ކުރަން ޖެހޭނެކަން ޝަރީފު ފާހަގަކުރައްވާފައިވެއެވެ،

ޝަރީފު ޤަބޫލުކުރައްވާ ގޮތުގައި ޖިއޮގްރަފީގޮތުން ރާއްޖެ އުފެދިފައި އޮންނަ ގޮތަށް ބަލާއިރު ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވައި އޭގެ ސަބަބުން އިޤްތިޞާދަށް ކުރާ ނޭދެވޭ އަސަރުތަކުން އެންމެ އަވަހަށް އަރައިގަނެވޭނެ އެއް ޤައުމަކަށް ރާއްޖެ ވެގެންދާނެ ކަމަށް ދުނިޔޭގެ ތަޖުރިބާކާރުން ވެސް އެއްބަސްވެއެވެ. އެކަމަކު އެ ނަތީޖާ ނެރެވޭނީ ޝަރީފު އެ ފާހަގަ ކުރެއްވި ގޮތަށް ވިޔާފާރިތައް ދެމެހެއްޓުމަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިކަމާއި ލުއިތައް ދީގެން އަވަސް ފިޔަވަޅުތަކެއް އަޅައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން