ރައީސް ސޯލިހްގެ ސަރުކާރުގެ ކޯލިޝަންގެ ލީޑަރުން
ރައީސް ސޯލިހްގެ ސަރުކާރުގެ ކޯލިޝަންގެ ލީޑަރުން
މިހާރު އެންމެ ބާރަށް ދެކެވޭ ވާހަކައަކީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހްގެ ސަރުކާރަށް މިފެށޭ ހަފުތާގައި އަންނަ ވަރުގަދަ ލޮޅުމެއްގެ ވާހަކަ އެވެ. މުޅި ސަރުކާރު އޯވަހޯލްކޮށް "ފީ" ހޮވާއިރު ކޯލިޝަނަށް ދެންވާނީ ކިހިނެއްވާނެތޯ، އުފެދޭ ސުވާލެވެ. ސަރުކާރުގެ ހިންގުމަށް ގެންނާނެ ބޮޑެތި ބަދަލުތަކާއި ވަޒީރުންނާއި ސިޔާސީ މަގާމުތަކަށް ރައީސް ގެންނަވާނެ ބަދަލުތަކުގެ އިންތިޒާރުގައި ގިނަ ބަޔަކު އެބަތިއްބެވެ. އެމައުލޫމާތު ކޮންމެވެސް ވަރަކަށް އެބަލިބެއެވެ. މިފެށޭ ހަފުތާގައި ނުވަތަ ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި އެބަދަލުތައް ސަރުކާރަށް އައިސް އެ އިންތިޒާރަށް ނިމުމެއް އަންނާނެެއެވެ. ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިއްމަވާފައިވާކަން ސަބަބުތަކާ އެކު އެމަނިކުފާނުގެ ފަރާތްޕުޅުން، ޗީފް އޮފް ސްޓާފް އަލީ ޒާހިރު މިހާރު ވަނީ ކޯލިޝަން ލީޑަރުންނަށް އަންގަވައިފަ އެވެ.  ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީން ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީ އާއެކު ސަރުކާރުގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނެކަން ރައީސް ސޯލިހް ވަނީ ހާމަކުރައްވާފައެވެ. އެއީ މީގެކުރިން ވެސް ގެންނަން ޖެހި، އެކި ސަބަބުތަކާއި ހުރެކަމަށް ވިޔަސް ނުގެނެވި އޮތް ބަދަލެކެވެ.

ދުނިޔެ ތޮށަލިދުޅައަށް ހިނގައޭ ބުނެ ނިންމާލެވުނަސް ސަރުކާރު އެގޮތަށް ހިނގައިގެން ކަމަކު ނުދާނެއެވެ. އެއްދުވަހު ކުރިއަށް ގޮސްލާފައި އަނެއް ދުވަހު ހުއްޓިފައި އޮތުމަކީ ބޮޑު މައްސަލައެކެވެ. ބޮޑުސޯބު އެނބުރޭ ގޮތަށް ހުރިހާ ކުދި ސޯބުތައްވެސް އެނބުރޭން ޖެހެއެވެ. ބޮޑުނަމެއް ކިޔާފައި މަގާމު ދިނީމާ ރައީސުލްޖުމްހޫރިއްޔާ އަކީ ކާކުކަން އޮޅި އެހެން މީހެއްގެ ހިޔަންޏަށް މުޑިނަގައިގެން އެމީހާ ފަހަތުން އެނބުރުނީމާ ކަމަކު ނުދާނެއެވެ. ބޭރުގައި ތިބި ބަޔަކު ސަރުކާރުގެ ހަތަރުފަރާތުން ލެފި ކައިހުސްކުރަމުންދާއިރު އެއީ ދޮގެއްވިއްޔާ ދިގެކޭ ބުނާން އަނގަހުޅުވާލާން ނުކުރޭ މީހުންނަށް ސަރުކާރުން ބޮޑެތި ވަޒީފާ ދީފާ ބެއިތިއްބުމުން ސަރުކާރަށް، ރައީސަށް ވާނީ ކޮން ފައިދާއެއްހެއްޔެވެ؟ ސިޔާސީ ވަޒީފާތަކުގައި ތިބެ ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރު ދިފަޢުކުރާން އަނގަ ހުޅުވާން ނުކުރެވޭ ބަޔަކީ ރައީސަށާއި ސަރުކާރަށް ވެސް އެއްވެސް ކުލުނެ ލޯތްބެއް ހުރި ބަޔަކަށް ނުވާނެއެވެ. އެންމެ ފަހުންވެސް މިސަރުކާރުގައި ތިބި އެފަދަ މީހުންގެ ފަރާތުން ފެނިގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ ބަރުލަމާނީއަށް ނޫނެކޭ ވިދާޅުވީމާ ވެސް، "ނޫނެކޭ ބަރުލަމާނީއޭ ރަނގަޅީ" ކިޔައިގެން ކެމްޕޭން ކުރަން ފެށިތަނެވެ. ހަގީގަތުގައި މިފަދަ މީހުންނަކީ ފުރުސަތެއް ލިބުނިއްޔާ ރައީސުލްޖުމްހޫރިއްޔާ ކޮއްޕާ "ގަޅުވާލައިގެން" ވެސް ވައްޓާލާން ތައްޔާރަށް ތިބި މީހުންކަން ގަބޫލުކުރަން ޖެހެއެވެ.

ސަރުކާރުގެ މަގާމުތަކަށް ގެންނާނެ ބަދަލުތަކާއި މަގާމުތަކަށް އަންނާނެ ބޭފުޅުންނާއި މެދު ބޮޑު ބަހުސެއް މިހާރު ވަނީ ފެށިފައެވެ. ކެބިނެޓަށް އަންނާނެ ބަދަލުތަކުގެ ތެރޭގައި އެމްއާރުއެމްގެ ސްލޮޓެއްގައި ފިޝަރީޒް މިނިސްޓަރުގެ މަގާމް ފުރުއްވާ ޒަހާ ވަކިކުރެއްވުން ހިމެނޭ ކަމަށް އިތުބާރު ހުރި ބައެއް މަސްދަރުތަކުން ބުނެއެވެ. ޒަހާއަކީ އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ފަރާތުން ބޮޑެތި ފާޑުކިއުން އަމާޒުވެ ނަތީޖާ ނުނެރެވޭ ވަޒީރުންގެ ލިސްޓުގައި ހިމެނޭ ވަޒީރެކެވެ. ފިޝަރީޒަށް ޖުމްހޫރީ ޕާޓީގެ ހުސެއިން ހަމަޖައްސަވައި އެ ވުޒާރާއަށް އައްޔަންކުރައްވަން ރައީސަށް ފެނިވަޑައިގަންނަވާ އެންމެ ގާބިލް އެއް ނަމުގެ ތެރޭގައި ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ ހިމެނިވަޑައިގަންނަވާ ކަމަށް މައުލޫމާތު ލިބެއެވެ.

މިހާރުގެ ކެބިނެޓުގައި ދެން ބަދަލު އަންނާނެ ކަމަށް އިތުބާރު ހުރި ބައެއް މަސްދަރުތަކުން ބުނަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އަށެވެ. އެ މިނިސްޓްރީ ހިންގަވަނީ އެމްއާރުއެމްގެ ސްލޮޓެއްގައި ކެބިނެޓަށް ވަޑައިގަތް ޑރ. އިބްރާހިމް ހަސަން، ޗަބީއެވެ. މީގެ އިތުރުން ޔޫތް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އަހުމަދު މަޚުލޫފް ވެސް މަގާމުން ވަކިކޮށް އެމަގާމަށް އައްޔަންކުރާނެ ބޭފުޅެއްގެ ވާހަކަ، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ދެކެވުނެވެ.



ކޯލިޝަންގެ ސިޔާސީ މަގާމުތަކަށް ބަދަލު ގެންނަން ނިއްމައި ރައީސް ސޯލިހް ވިދާޅުވީ ބައެއް ވުޒާރާތަކުން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށެވެ. އެ ޝަކުވާ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި އެކި ވުޒާރާތައް ހިންގުމުގައި، ސިޔާސީ މަގާމްތަކަށް ކޯލިޝަން ޕާޓީތަކުން ވަޑައިގެންނެވި ބޭފުޅުންގެ އެހީތެރިކަމާއި އެއްބާރުލުން ނުލިބޭ މައްސަލަ ވެސް ރައީސް ވަނީ ލީޑަރުންގެ ސަމާލުކަމަށް ގެންނަވައިފަ އެވެ. މިކަމުގެ ސަބަބުން ސިޔާސަތުތަކާއި މަސައްކަތްތައް ތަންފީޒުކުރަން ހުރަސްތައް މެދުވެރިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެެވެ.

ރައީސް ސޯލިހް މި ވާހަކަތައް ހިއްސާކުރައްވާފައިވަނީ އެމަނިކުފާނުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މެދުވެރިކުރައްވައި ކޯލިޝަންގެ ލީޑަރުންނަށް ފޮނުއްވި ސިޓީއެއްގައެވެ. ސަރުކާރުގެ ބައެއް ވަޒީރުން މަގާމުން ވަކިކޮށް ސިޔާސީ މަގާމުތަކަށް ބަދަލު ގެންނަން އުޅޭކަމުގެ އަޑުތަކާއެކު ކޯލިޝަންގެ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދާލަތު ޕާޓީގެ ރައީސް، އަދި ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވެސް ވަރަށް ނުސީދާކޮށް އެކަމާ މެދު ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާކަން ވަނީ ހާމަކުރައްވާފައެވެ.

ވަރަށް މާނަ ފުން ޓުވީޓެއް ކުރައްވައި އިމްރާން އަބުދުﷲ ވިދާޅުވީ ކާމިޔާބެއް ލިބުމަކީ ބޮޑާކަމާއި ކިބުރުވެރިކަން ދައްކާ، އަނެކުން ނިކަމެތިކޮށް ހައްޤުތަކުން މަހްރޫމް ކުރަންވީ ސަަބަބެއް ނޫންކަމަށެވެ. އަދި ނާކާމިޔާބެއް ލިބުމަކީ ހާސްވެ، ގޮތް ހުސްވެ، މާޔޫސްވެ، ތިމާއާއި ތިމާގެ ޖަމާޢަތް ހަލާކުގެ ތެރެއަށް އެއްލާލަންވީ ސަަބަބެއްވެސް ނޫންކަމަށް އިމްރާން ވިދާޅުވިއެވެ. އިމްރާން އެ އިޝާރަތް ކުރެއްވީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީން ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއަށް ލިބުނު ބޮޑު ނާކާމިޔާބީއަށް ކަމަށް ބެލެވެއެެވެ. ނޫންނަމަ އެވިދާޅުވާ ނާކާމިޔާބީއަކީ ކައުންސިލް އިންތިޚާބުގައި އަދާލަތަށް ލިބުނު ނާކާމިޔާބީއާއެކު އެޕާޓީގެ ބާރު ކޯލިޝަނުން ބީވެގެންދާ ކަމުގެ ސިގުނަލެއް ކަމަށް ވެސްވެދާނެއެވެ. އެކަމާ ގުޅިގެން ރައީސް ސޯލިހް ވިދާޅުވީ މާލެއިން ނާކާމިޔާބުވީ ރައްޔިތުންގެ ކަންބޮޑުވުންތައް ހުރެގެން ކަމަށެވެ. ސަރުކާރުގެ ހިންގުމަށް ބަދަލުތައް ގެންނަވަން ރައީސް ނިއްމަވާފައިވަނީ އިންތިޚާބުގައި ލިބުނު އެ ނާކާމިޔާބީއަށްފަހުއެވެ. އިމްރާންގެ ވާހަކަތަކުން ވެސް ކޯލިޝަނަށް އަންނަން އުޅެނީ ވަރުގަދަ "ހިލުންގަނޑެއްކަން" ކަށަވަރުވެ ޔަގީންވެއެވެ.



ކޮންމެއަކަސް ސަރުކާރަށް މިއަންނަ ގުޑުމާއެކު ކުންފުނިތަކުގެ ބައެއް އެމްޑީންނާއި ސިޔާސީ މަގާމުތަކުގައި ތިބި ބައެއް އެކްޓިވިސްޓުން މަގާމުތަކުން ވަކިކުރަން އުޅޭކަމުގެ އަޑުތައް މިވަނީ ގަދަވެފައެވެ. އޭގެތެރޭގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު ހިމެނެއެވެ. އޮޑިޓް ރިޕޯޓާއެކު ފެނަކައިގެ ބައެއް ކަންކަން އިސްލާހު ކުރަން ރައީސް ސޯލިހް މީގެ ކުރިންވެސް ވަނީ މުހުލަތެއް ދެއްވާފައެވެ. އެކަންކަން އިސްލާހު ނުކުރާނަމަ މޫނަކަށް ކަނދުރާ އަކަށް ނުބައްލަވައި ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

މީގެ އިތުރުން މަގާމުން ވަކިކުރާ ލިސްޓުގައި އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު ވެސް ހިމެނޭ ކަމަށް އަޑުތައް ފެތުރިފައިވެއެވެ. ރައީސް ސޯލިހަށް ތާއިދު ކުރާ ބައެއް ފަރާތްތަކުން ދެކޭގޮތުގައި ސަރުކާރެއް ރަނގަޅު ގޮތުގައި ހިގާނީ ރައީސްގެ ފިކުރާ ޚިޔާލާ އެއްގޮތަށް މަސައްކަތް ކުރާ ފަރާތްތަކެއް ސަރުކާރުގައި ތިބެގެންނެވެ. އެކަމާ ދެކޮޅު ބަޔަކު ސަރުކާރުގައި ތިބުމަކީ ސަރުކާރުގެ ވައުދުތައް ފުއްދައި ރައްޔިތުންނަށް ދޭންެޖެހޭ ޚިދުމަތްތަށްދިނުމަށް ރައީސަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ރައީސް ސޯލިހަށް ތާއިދުކުރާ ފަރާތްތަކުން ސިފަކުރެއެވެ. އަމްރުގެ ފަރާތުން ފެންނަމުންދަނީ ރައީސްގެ ސިޔާސަތަށްވުރެ ޕާޓީގެ އެހެން ފިކުރުތަކަށް އާވާރާވެގެން އެ ފިކުރުގެ ފަހަތުން ދުވާ މަންޒަރެވެ. އޭނާ ހަވާލުވި ފަހުން އެސްޓީއޯ ވެސް ހުލިވަމުން ދާކަމަށް ފެންނަނީވެސް އެހެން ވެގެން ކަމަށް ބައެއް މީހުން ބުނެއެވެ.

ނިޒާމް ބަދަލު ކުރުމާއި ގުޅޭގޮތުން އެމްޑީޕީ އުފެއްދުމުގައި އެންމެ އިސްރޯލެއް އަދާކުރެއްވި ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ދައްކަވަމުން ގެންދަވާ ވާހަކަ ތަކަކީ ސީދާ ރައީސް ސޯލިހްގެ ބަސް ކަމަށް އެމަނިކުފާނަށް ތާއިދުކުރާ ގިނަ ބަޔަކު ބުނެ އެވެ. އެމްޑީޕީއަށް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީން ލިބުނު ނާކާމިޔާބީ އަކީ އެމްޑީޕީއަށް ވަފާތެރި އިޚުލާސްތެރި ބޭފުޅުން އެއްފަރާތްކޮށް ބާކީކޮށްލައި އެފަރާތްތަކުގެ ބަސް ނޭހުމުގެ ނަތީޖާ ކަމަށް ދެކޭ އެމްޑީޕީ މެމްބަރުންވެސް މަދެއް ނޫނެވެ.

ރައީސް ސޯލިހުގެ ވިސްނުންފުޅު ބަރުލަމާނީ ނިޒާމާއި މުޅިން ދެކޮޅުއިރު އެމަނިކުފާނުގެ ސަރުކާރުގައި މިނިސްޓަރުންގެ ނަމުގައި މަގާމުގައި ތިއްބެވި އެމްޑީޕީގެ ނައިބް ރައީސް މުހަންމަދު ޝިފާޒް ބަރުލަމާނީ ނިޒާމަށް ތާއިދު ހޯދަން މަސައްކަތް ފެއްޓެވުމަކީ ރައީސް ސޯލިހްގެ ސަރުކާރުގެ ތެރޭގައި އިތުރު ސަރުކާރެއް އުފެދުން ކަހަލަ ކަމެކެވެ. މިއީ ރައީސް ސޯލިހަށް ވެސް އަދި ރައްޔިތުންނަށްވެސް ބަލައިގަންނަން އެހާ ފަސޭހަ ކަމަކަށް ނުވާނެއެވެ. ޝިފާޒަކީ އެންމެ އެތެރޭގައި ހުންނަވައިގެން ރައީސް ޞާލިހުގެ ސިޔާސަތާއި ދިމާ ދެކޮޅަށް މަސައްކަތް ކުރާ ބޭފުޅެއް ކަމުގައި އެކަން ދަންނަ މީހުން ވަރަށް ސާފުކޮށް ބުނެއެވެ. މޭޒެއްގެ މަތީގައި ހުރި މާވަށްޓަކަށް އިޝާރާތް ކުރަށްވާފައި އެއީ ރައީސް ޞާލިހުގެ މިސާލު ކަމަށް ވިދާޅުވި ތަނުގައި ތިބި މީހުން މިއަދުވެސް ދުނިޔޭގައި އެބަތިއްބެވެ. އެކަން ރައީސް ޞާލިހަށް މިހާރު ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. އެހެންވީމާ ޝިފާޒަކީވެސް ބަދަލު އަންނަ ލިސްޓުގައި އޮތް ބޭފުޅެއް ކަމަށް މިވާހަކަ ދައްކަވާ ބޭފުޅުން ވިދާޅުވެއެވެ. އަމްރާއި ޝިފާޒުފަދަ ބޭބޭފުޅުން ކޮންޓްރޯލް ކުރަމުން ގެންދާ ރައީސްގެ ސިޔާސަތުތަކާއި ދެކޮޅަށް ފިކުރުހިންގާ އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް، ތޮއްޔިބުމެން ފަދަ މީހުންނަށް ވެސް މިފަހަރު ބަދަލުތައް އަންނާނެ ކަމަށް އަޑުތައް ފެތުރެއެވެ. އެ ގްރޫޕުން ވެސް ބޮޑަށް ފެންނަނީ ހަމަ ބަރުލަމާނީ ވިސްނުން ޕްރޮމޯޓްކުރާ މަންޒަރެވެ.

ސަރުކާރުގެ ސިޔާސަތާއި ދެކޮޅު މީހުން ލައިގެން އިބްރާ ވިދާޅުވާހެން "އަކުންބަކުން ކުޅޭހެން" ސަރުކާރެއް ނުހިންގޭނެއެވެ. ރައްޔިތުން ބޭނުންވަނީ ބޮޑު ދެގެރި ތަޅާތަން ބަލައި ދެ ރައީސުންގެ ޗަރުކޭސް ބަލާކަށްވެސް ނޫނެވެ. ނުވަތަ އޮލިމްޕަހުގެ ސްކްރީނަށް އަންނަން އުޅޭ ކޯލިޝަންގެ ލީޑަރުންގެ ޑްރާމާ ބަލާކަށް ވެސް ނުމެނޫންމެއެވެ. ރައްޔިތުން ބޭނުންވަނީ އަންނަން އޮތް ރިޔާސީ އިންތިޚާބާއި ދެމެދުގައި މިއޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވައުދުތައް ފުއްދެނީ ކިހާވަރަކަށްތޯ ބެލުމަށެވެ. އެވައުދުތަށް ފުއްދުނުތޯ ނުވަތަ ނޫންތޯ ރައްޔިތުން ނިއްމާނީ ރިޔާސީ އިންތިޚާބުގެ ވޯޓުންނެވެ. ވަޢުދު ނުފުއްދިގެން ރައީސް ޞާލިޙު ފެއިލް ވެއްޖެއްޔާ ރައްޔިތުން އިނގިލި ދިއްކުރާނީ އެމްޑީޕީއަށެވެ. އެކަން އެއޮތީ ނިމިދިޔަ ޓާމުގެ މެދު އިލެކްޝަނުން ފެނިފައެވެ. އިންތިޚާބަށް ކެމްޕޭން ކުރާކަށް ސަރުކޯލިޝަންގެ އެއްވެސް ޕާޓިއަކަށް ސަރުކާރުގެ އެއްވެސް ވަޢުދެއްވެސް ސިޔާސަތެއްވެސް ވަސީލަތެއްވެސް ބޭނުމެއް ނުކުރެވެއެވެ. އެފުރުސަތެއް ނުލިބެއެވެ. ސަރުކާރުގައި ސާޅީސް އިންސައްތަ ހިއްސާކުރިޔަސް އެފުރުސަތު ބޭނުންކުރީ އެމްޑީޕީންނެވެ. އެޕާޓީގެ ކެންޑިޑޭޓުންގެ ކެމްޕޭނަށެވެ. އެހެންވީމާ ރައްޔިތުން ސަރުކާރުގެ ކާމިޔާބާއި ނާކާމިޔާބުވެސް އަޅާކީ އެމްޑީޕީއާއެވެ. އެހެންވީމާ 2023 އަށް ދާއިރު ސަރުކާރަށް ވަޢުދު ނުފުއްދި ފެއިލްވުމުން ފެެއިލްވީ ކަމަށް ރައްޔިތުން ގުނާނީ ވެސް އެމްޑީޕީކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން