ރާއްޖޭއިން މިއަދު ތައިލެންޑަށް ގެންދިޔަ މީހުން އެއަރޕޯރޓްގައި
ރާއްޖޭއިން މިއަދު ތައިލެންޑަށް ގެންދިޔަ މީހުން އެއަރޕޯރޓްގައި
ދިވެހި ރާއްޖެއިން އިއްޔެ ތައިލޭންޑަށް ގެންދިޔަ މީހުންގެ ތެރެއިން މީހެއްގެ ކިބައިން ކޯވިޑް-19 އަށް ޝައްކު ކުރެވޭ އާލާމާތްތައް ފެނިފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެފިއެވެ.

ތައިލެންޑްގެ މީޑިއާ ތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިއްޔެ އެގައުމަށް ރާއްޖެއިން ގެންދިޔަ 42 މީހުންގެ ތެރެއިން އެކަކު ހުރީ ވަރަށް ގަދަޔަށް ހުންއައިސްފައި ކަމަށާއި އޭނާގެ ކިބައިން ބަލީގެ އަލާމާތްތައް ފެނިފައިވާ ކަމަށެވެ. އޭނާ އައިސޮލޭޝަނަށް ގެންގޮސް އަނެއް 41 މީހުން ކަރަންޓީނަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް މީޑިއާތަކުން ބުނެފައި ވެއެވެ.



މޯލްޑިވިއަންގެ މަތިންދާބޯޓު ތައިލޭންޑްގެ ސުވަރްނަބޫމީ އެއަރޕޯރޓަށް ޖެއްސީ އިއްޔެ ހަވީރު 4:45 ހާއިރު ކަމަށް މީޑިއާތަކުން ބުނެފައިވެއެވެ. އަދި ބޯޓުން ދިޔަ މީހުން ރިސީވް ކުރުމަށް އެ ގައުމުގެ ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ޓީމެއް އެއަރޕޯރޓަށް ދިޔަ ކަމަށްވެސް މައުލޫމާތު ދީފައި ވެއެވެ. އަދި ބަލީގެ އަލާމާތްތައް ހުރި މީހާ ވަގުތުން ގެންދިއައީ ފަރުވާއަށް ކަމަށާއި ދެންތިބި 41 މީހުން ގެންދިޔައީ 14 ދުވަހުގެ ކަރަންޓީނަށް ކަމުގައި ނޫސްތަކުން ބުނެފައި ވެއެވެ.



ރާއްޖޭގައި ތިބި ބޭރުގެ ބައެއް މީހުން ގެންދިއުމަށް ބައެއް ގައުމުތަކުން މަސައްކަތް ކުރަމުން ގެންދާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި އިއްޔެ ވެސް އޭގެ ތެރެއިން ބަޔަކު ފުރާނެ ކަމަށް ބުނެފައި ވެއެވެ. ނަމަވެސް މި މީހުން ފުރުވާލުމުގެ ކުރިން ކޯވިޑް-19 އަށް ޓެސްޓް ކުރާނެ ކަމެއް އެނގިފައެއް ނުވެއެވެ. މީގެކުރިން ފުރުވާލި ބަންގްލަދޭޝްގެ ރައްޔިތުން ވަނީ ކޯވިޑް-19 އަށް ޓެސްޓް ކޮށްފައެވެ. އަދި އެފަހަރު ފުރާން އޮތް ދެމީހުން ޕޮޒިޓިވް ވެފައިވާތީ އެދެމީހުން ފުރުވާލާފައެއް ނުވެއެވެ.

އިއްޔެ ރާއްޖެއިން ތައިލެންޑަށް ފުރުވާލި މީހުންނާ ބެހޭ އިތުރު ތަފުސީލެއް އަދި ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން