ރާއްޖޭގައި ފުރަތަމަ ގާއިމު ކުރެވުނު އޯޕަން އެކްސެސް ފައިބަރ ނެޓްވޯކް ގާއިމުކޮށްފައިވަނީ ތ. އަތޮޅު ވިލުފުށީގައެވެ. އޯޕަން އެކްސެސް ފައިބަރ ނެޓްވޯކަކީ ވާދަވެރިކަމާއެކު ޒަމާނީ މުވާސަލާތީ ޚިދުމަތްދޭ ފަރާތްތަކުން ދޭ ޚިދުމަތްތައް އެއް ވިއުގައެއް ނުވަތަ އެއް ޕްލެޓްފޯމެއްގައި ރައިޑް ކުރުމަށް ލިބޭ ފަސޭހަ ވަސީލަތެކެވެ. ވިލުފުށީގައި ގާއިމްކޮށްފައިވާ މި ނެޓްވޯކް ގާއިމްކުރީ ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ފަންބޮޑި މޯލްޑިވްސްއިންނެވެ. އެކުންފުންޏަށް މި ވިއުގަ ފަރުމާކޮށްދީ މި ބުރަ މަސައްކަތް ކޮށްދީފައިވަނީ މި ދާއިރާގައި ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އެއް ފަރާތްކަމަށްވާ މުހަންމަދު ފަޔާޒު، ޖޭބީއެވެ.

ފަންބޮނޑި މޯލްޑިވްސްއިން ވިލުފުށީގައި 2016 ވަނަ އަހަރު ގާއިމުކުރި މި އޯޕަން އެކްސަސް ފައިބަރ ނެޓްވޯކަކީ މި ރޮނގުން ރާއްޖޭގައި ކުރެވުނު ފުރަތަމަ ތަޖުރިބާ ކަމަށްވިޔަސް އެކުންފުނީގެ މި މަސައްކަތަކީ ވަރަށް ކާމިޔާބު އަދި ޒަމާނީ ޓެކްނޮޖީއަށް ވާސިލުވުމަށް ކޮށައިދިން ވަރަށް ފުރިހަމަ މުހިންމު ވަސީލަތެކެވެ. މި މަސައްކަތުގެ އެންމެ ބޮޑު ކާމިޔާބަކީ ރާއްޖޭގައި މުވާސަލާތީ ޚިދުމަތްދޭ ދެކުންފުނި ކަމަށްވާ ދިރާގާއި އޫރީދޫގެ ޚިދުމަތް މި އޯޕަން އެކްސެސް ފައިބަރ ނެޓްވޯކްގެ ތެރެއިން ދޭން ފެށުމެވެ. މިއަދު ދިރާގު ޓީވީއާއި އިންޓަނެޓާއި އޫރީދޫގެ އިންޓަރނެޓްގެ ޚިދުމަތް ވިލުފުށީގެ ރައްޔިތުންނަށް ދެމުން ގެންދަނީ މިދެންނެވި ނެޓްވޯކްގެ ތެރެއިންނެވެ. ވާދަވެރިން އެރަށަށް ގޮސް ނެޓްވޯކް ގާއިމުކުރުމަށް ބޮޑު ހޭދައެއް ނުކޮށް ނޫނީ އެބުރަ މަސައްކަތް ނުކޮށް ޚިދުމަތް ދެމުން އެ ގެންދަނީ ފަންބޮނޑި މޯލްޑިވްސްއިން ވިލުފުށީގައި ގާއިމުކޮށްފައިވާ މިދެންނެވި އޯޕަން އެކްސެސް ފައިބަރ ނެޓްވޯކްގެ ތެރެއިންނެވެ.

"ރަސް އޮންލައިން" އާއި ވާހަކަ ދައްކަވަމުން ފަންބޮނޑި މޯލްޑިވްސްގެ ސީއޯއޯ ފާތުމަތު އާސިޔާ ވިދާޅުވީ އޯޕަން އެކްސެސް ނެޓްވޯކަކީ އެޚިދުމަތް ތަރައްގީކުރުމުގެ ޚަރަދާއި ނެޓްވޯކް ބެލެހެއްޓުމާއި އިކްއިޕްމެންޓްގެ ޚަރަދު ބޮޑު ނަމަވެސް، މިއީ ޒަމާނީ ޓެކްނޮލޮޖީއަށް ވާސިލުވުމަށް ކުރެވުނު ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.

"އޯޕަން އެކްސެސް ނެޓްވޯކާއެކު ޚިދުމަތްދޭ އެންމެން ކޭބަލް އެޅުން ނިމުމަކަށް އަންނާނެ، މިސާލަކަށް އުރީދޫ، ދިރާގް، މީޑިޔާ ނެޓް ހިދުމަތް ހޯދުމަށް ވެސް އެޕާޓްމެންޓަށް ވަންނާނީ އެންމެ ކޭބަލެއް." އާސިޔާ ވިދާޅުވި އެވެ.



ޓީވީގެ ޚިދުމަތާއި އިންޓަރނެޓްގެ ޚިދުމަތް ނޫނަސް މުވާސަލާތީ އެހެނިހެން ޚިދުމަތްތައް ވެސް މި ނެޓްވޯކްގެ ތެރެއިން ދެވޭނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ. އެގޮތުން ކޮމިއުނިޓީ ޓީވީއާއި ސެކިއުރިޓީ ކެމެރާގެ ޚިދުމަތްފަދަ ޒަމާނީ މުހިންމު ވަސީލަތްތަކުގެ ޚިދުމަތް މި ނެޓްވޯގެ ތެރެއިން ފަސޭހަ ކަމާއެކު ރައިޑް ކުރެވޭނެއެވެ.

މިއީ ވަކިވަކިން އުފެދިފައިވާ ރާއްޖޭގެ ރަށްތަކަށް ޒަމާނީ މުވާސަލާތީ ޚިދުމަތް ދިނުމުގައި ކޮށްފައިވާ ވަރަށް މުހިންމު އަދި ވަރަށް ކާމިޔާބު ތަޖުރިބާއެކެވެ. މުވާސަލާތީ ޚިދުމަތްދޭ ކޮންމެ ކުންފުންޏަކުން ރަށުގެ މަގުތައް ނުކޮނެ އަދި ގޭގެއަށް ތިން ހަތަރު ނެޓްވޯކް ލައިން ވެއްދުމުގެ ބަދަލުގައި ވާދަވެރިންނަށް ވާދަވެރިކަމާއެކު މި ޒަމާނީ ވަސީލަތުގެ ބޭނުން ހިފައިގެން ޚިދުމަތް ދެވޭނެކަން މިއޮތީ ވިލުފުށީގައި ފަންބޮނޑި މޯލްޑިވްސްއިން ސާބިތުކޮށްދީފައެވެ.



މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ރާއްޖޭގެ އެހެން ބައެއް ރަށްރަށުގައިވެސް ބައެއް ފަރާތްތަކުން މިފަދަ އޯޕަން އެކްސެސް ނެޓްވޯކް ވިއުގަތަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރެވެމުން އެބަދެއެވެ. އެޗްޑީސީން ހުޅުމާލޭގައި ވެސް މިފަދަ އޯޕަން އެކްސެސް ނެޓްވޯކް ވިއުގައެއް ގާއިމު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނިން ދާދިފަހުން ވަނީ އިޢުލާންކޮށްފައެވެ. އަދި މާލޭގައިވެސް އެކަން އެގޮތަށް ނުކުރެވެންވީ ސަބަބެއް ނެތެވެ. މާލޭގެ މަގުތައް އަލުން ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދާއިރު އަދި ޒަމާނީ ޓެކްނޮލޮޖީއާއެކު ކުރިއަށްދާން ވިސްނާއިރު މިއީ ކުރަންޖެހޭ ވަރަށް މުހިންމު ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން