ރަޝިޔާގެ ބޮޑުވަޒީރު މިޚައިލް މިޝަސްޓިން
ރަޝިޔާގެ ބޮޑުވަޒީރު މިޚައިލް މިޝަސްޓިން
ރަޝިޔާގެ ބޮޑުވަޒީރު މިޚައިލް މިޝަސްޓިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ބީބީސީން މިރޭ ރިޕޯޓްކޮށްފައިވާ ގޮތުގައި ރަޝިޔާގެ ބޮޑުވަޒީރު ބައްޔަށް ޕޮޒިޓިވް ވުމާއި ގުޅިގެން މިހާރު ވަނީ ހޮސްޕިޓަލަށް ވަޑައިގެންފައެވެ.

ބޮޑުވަޒީރާއެކު މިއަދު އެކަނިވެސް ރަޝިޔާގައި ކޯވިޑް-19 އަށް 7099 މީހުން ޕޮޒިޓިވް ވެފައި ވެއެވެ. މިއަދަކީ އެގައުމުގައި ބަލި ފެތުރޭން ފެށިފަހުން އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވި ދުވަހެވެ.

ރަޝިޔާގައި ބަލި ޖެހުނު މީހުންގެ އަދަދު މިހާރުވަނީ 100 ހާހުން މައްޗަށް އަރާފައެވެ. މިޝަސްޓިންއަށް ރަޝިޔާގެ ބޮޑުވަޒީރުގެ މަގާމުގެ ޒިންމާތައް ހަވާލު ކޮށްފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. އޭގެ ފަހުން އޭނާ މިހާތަނަށް ވެސް ވަޑައިގެންނެވީ ކޯވިޑް-19 ގެ ރޯގާބަލިމަޑުކަމާއި ދެކޮޅަށް ރަޝިޔާއިން ކުރަމުން ގެންދާ މަސައްކަތް ތަކުގައި ވަރަށް އިސް ދައުރެއް އަދާކުރައްވަމުންނެވެ.

ބޮޑުވަޒީރު ބައްޔަށް ޕޮޒިޓިވް ވި ވާހަކަ ރަޝިޔާގެ ރައީސް ވްލާޑްމިރް ޕޫޓިންގެ އަރިހުގައި ދަންނަވާ މަންޒަރު ރަޝިޔާގެ ގައުމީ ޓީވީން ވަނީ ދައްކާފައެވެ.

"އަޅުގަނޑަށް ދެންމެ މައުލޫމާތު ލިބިއްޖެ ކޮރޯނާވައިރަހަށް ކުރި ޓެސްޓްގެ ނަތީޖާ ޕޮޒިޓިވް ވެއްޖެކަން." ގައުމުގެ ރައީސަށް ކުރެއްވި ވިޑިއޯ ކޯލެއްގައި މިޝަސްޓިން ވިދާޅުވިއެވެ.

މިޝަސްޓިންގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާ ކުރުމަށް އޭނާ އައްޔަން ކުރެއްވީ ފަސްޓް ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަންޑްރޭ ބެލޫސޯވްއާއެވެ. ރަޝިޔާގެ ރައީސް ވަނީ އޭނާގެ މި ހުށައެޅުއްވުން ގަބޫލުކުރައްވާފައެވެ. އަދި މި ދުވަހަކީ ހަމަ ކޮންމެ މީހަކަށްވެސް ކުރިމަތިލާން ޖެހިދާނެ ދުވަހެއްކަން ވިދާޅުވަމުން ގެންދެވިކަން ރައީސް ޕޫޓިން ވަނީ އޭނާގެ ބޮޑުވަޒީރަށް ހަނދާންކޮށްދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން