ރައީސް އިބްރާހިމް މުހަންމަދު ސޯލިހްގެ ސަރުކާރަކީ އެމްޑީޕީގެ ސަރުކާރެއް ނޫނޭ ނުބުނެވޭނެ ކަމަށް ޕީޕިއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމުގެ ބިލުގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ސާލިހްގެ ސަރުކާރަކީ އެމްޑީޕީގެ ސަރުކާރެއް ނޫން ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވެ ދެއްކެވި ވާހަކަ ތަކަށް ރައްދު ދެއްވަމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ރައީސް ސާލިހްގެ ސަރުކާރަކީ އެމްޑީޕީގެ ސަރުކާރެއް ނޫން ކަމަށް ނުބުނެވޭނެ ކަމަށާއި، ރައްޔިތުން ވޯޓްދިނީ އެމްޑީޕީއާއި ތިލަފަތަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ރައްޔިތުން އެމްޑީޕީއަށް ދިނީ ކަންކަން އިސްލާހު ކުރަން ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެކަން އަބަދުވެސް މަޖިލިސް މެމްބަރުން ހަނދާން ކުރަންޖެހޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެހެން ނަމަވެސް ރައްޔިތުން ވޯޓްދީ މަޖިލިސް މެމްބަރުން އިންތިޚާބުކޮށް ސުޕަ މެޖޯރިޓީދީ މަސްއޫލިއްޔަތު ހަވާލުކުރުމުން ސަރުކާރު ޒިންމާދާރު ކޮށް ކަންކަން އިސްލާހުކޮށް މަސައްކަތް ކުރާތަން ނުފެންނަ ކަމަށާއި، ރައްޔިތުންގެ ބަސް ވޯޓުން އިއްވީ އެހެންވެގެން ކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ ރައީސް ސޯލިހާއި ސަރުކާރުގެ ސިޔާސަތުތަށް ތަންފީޒުކުރަން ޒިންމާތަށް ހަވާލުކުރެއްވި ބޭފުޅުން ތިއްބެވީ "ފެއިލް" ވެފައި ކަމަށެވެ.

މާލޭގެ ރައްޔިތުން އެގާރަ އަހަރަށްފަހު ތިލަފަތުން ރުކަށް ވޯޓްދިނީ ބަދަލެއް ބޭނުންވާތީ ކަމަށާއި، އެ ވޯޓަކީ ވަރަށް ގިނަ ވާހަކަތަކެއް ރައްޔިތުން ބުނެދިން ވޯޓެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ. މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް އޮވެ މިދިޔަ އެގާރަ އަހަރުތެރޭގައި އެއްވެސް ކަމެއް ކޮށް ނުދެވުނު ކަމަށާއި، ރައްޔިތުން ބަސް ބުނީ އެހެންވެގެން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ޔަގީންކަން އެބައޮތް ޑރ. މުއިއްޒާއެކު މާލޭ ސިޓީކައުންސިލްގެ މަސައްކަތުން ހަރުދަނާވެގެންދާނެ ރައްޔިތުންގެ ކަންބޮޑުވުންތަށް އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ، މާލޭ ސިޓީ ހުޅުމާލެ ވިލިމާލެ ހިމެނޭގޮތަށް މާލޭގެ ރައްޔިތުންގެ އުއްމީދުތަކުގައި މިފަހަރު ކުލަޖެހިގެންދާނެ." ޝިޔާމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން