ޖަޕާނުގެ ފުކުޝިމާ ނިއުކްލިއަރ ޕަވަރ ސްޓޭޝަން ސަރަހައްދުން ރޭޑިޔޯ އެކްޓިވް މާއްދާ ތަކާއި އެކުވެފައިވާ ފެން ބެހެއްޓިފައިވާ ޓޭންކުތައް.
ޖަޕާނުގެ ފުކުޝިމާ ނިއުކްލިއަރ ޕަވަރ ސްޓޭޝަން ސަރަހައްދުން ރޭޑިޔޯ އެކްޓިވް މާއްދާ ތަކާއި އެކުވެފައިވާ ފެން ބެހެއްޓިފައިވާ ޓޭންކުތައް.
ޖަޕާނުގެ ފުކުޝިމާ ނިއުކްލިއަރ ޕަވަރ ސްޓޭޝަން ސަރަހައްދުން ތަޣައްޔަރު ވެފައިވާ އެއްމިލިއަން ޓަނަށް ވުރެއް ގިނަ ފެން، ކަނޑަށް އެޅުމަށް ނިންމައިފިއެވެ.

ތަޣައްޔަރު ވެފައިވާ ފެން ކަނޑަށް އަޅަން ޖަޕާނުގެ ސަރުކާރުން ނިންމުމާއިއެކު، ތިމާވެއްޓާބެހޭ ގްރޫޕްތަކުންވަނީ މިކަން ކުށްވެރިކޮށްފައެވެ. އަދި މިކަމާ ބެހޭގޮތުން މަސްވެރިންނާއި ޖަޕާނުގެ އަވަށްޓެރި ގައުމުތަކުން ކަންބޮޑުވުން ފާޅުކުރާނެކަމަށް ލަފާކޮށްފައިވެއެވެ. ނަމަވެސް ޖަޕާނުން ހާމަކޮށްފައިވާގޮތުގައި ކުރިއަށް އޮތް ދެއަހަރުތެރޭގައި ތަޣައްޔަރު ވެފައިވާ ފެން، ކަނޑަށް އެޅުމުގެ މަސައްކަތް ފަށާނެއެވެ. އަދި މިމަސައްކަތް ނިންމުމަށް ދިހަ ވަރަކަށް އަހަރު ހޭދަވާނެ ކަމަށް ޖަޕާނުގެ ސަރުކާރުން ހާމަކޮށްފައިވެއެވެ. މިފެން ކަނޑަށް އެޅުމުގެ ކުރިން، ފެނުގައި ހިމެނޭ ނުރައްކާތެރި މާއްދާތައް ނައްތާލެވޭނެ ކަމަށް ޖަޕާނުގެ ސަރުކާރުން ހާމަކޮށްފައިވެއެވެ.

މައުލޫމާތު ލިބޭގޮތުގައި ފުކުޝިމާ ނިއުކްލިއަރ ޕަވަރ ސްޓޭޝަން ސަރަހައްދުން ކަނޑަށް އެޅުމަށް ހަމަޖެހިފައިވާ ތަޣައްޔަރު ވެފައިވާ އެއްމިލިއަން ޓަނަށް ވުރެ ގިނަ ފެނުން، 500 އޮލިމްޕިކް ސައިޒުގެ ފަތާފެންގަނޑު ފުރާލެވޭނެއެވެ.

ޖަޕާނު ސަރުކާރުގެ މިނިންމުން ކުށްވެރިކޮށް މިކަމުގައި އަވަށްޓެރިގައުމުތަކުގެ އެހީތެރިކަން ހޯދުމަށް މަސައްކަތްކުރަމުންދާކަމަށް ޖަޕާނުގެ ގްރީން ޕީސް ޖަމިއްޔާއިން ބުނެފައިވެއެވެ. އަދި މިއީ އަލިފުދާލުގެ ކަނޑުތަކާއި ބެހޭ ގާނޫނާއި ހިލާފު އަމަލެއް ކަމަށްެވެސް ފާހަގަކޮށްފައިވެއެވެ.

މިކަން ކުށްވެރިކޮށް އަލިފް ދާލުގެ ހާއްސަ ރެޕަޓުއަރުންގެ ޓީމަކުން ވަނީ ކަނޑަށް ތަޣަޔަރުވެެފައިވާ ފެން އެޅުމަކީ އެއްވެސް ހައްލެއް ނޫންކަމަށް ވިދާޅުވެފައިވެއެވެ.

2011 ވަނަ އަހަރު ޖަޕާނުގެ ފުކުޝިމާ ސަރަހައްދަށް، އައި ބިންހެލުމަކާއިއެކު އެރި ސުނާމީގައި، ފުކުޝިމާގެ ނިއުކްލިއަރ ޕަވަރ ސްޓޭޝަން ގޮވުމުގެ ހާދިސާއަކީ، 1986 ވަނަ އަހަރު ޔުކްރެއިނުގައި ހިނގާދިޔަ ޗެރޮނޮބީލް ނިއުކްލިއަރ ޕަވަރ ޕްލާންޓް ގޮވުމުގެ ހާދިސާއަށްފަހު މިހާތަނަށް ހިނގާފައިވާ އެފަދަ އެންމެ ބޮޑު ހާދިސާއަށެވެ. ޖަޕާނުގައި 2011 ވަނަ އަހަރު ހިނގާ ދިޔަ އެހާދިސާގައި ފުކުޝިމާގެ ނިއުކްލިއަރ ޕަވަރ ސްޓޭޝަން ސަރަހައްދު ގޮވުމަށްފަހު ރޭޑިއޭޝަންގެ އަސަރުކޮށްގެން ސިއްހީ ހާލަތު ގޯސްވެގެން މިފަހަކުންވެސް ރިޕޯޓުކޮށްފައިވާކަން ސިއްހީ ވުޒާރާތަކުން ފާހަގަކޮށްފައިވެއެވެ.

މިހާދިސާ އާއިއެކު އެސަރަހައްދުގެ ބިމު އަޑީގެ ފެން ތަޣައްޔަރުވުން ހުއްޓުވުމަށް ތައްޔާރުކުރެވުނު ގަނޑުކުރި ފާރު ރަނގަޅަށް މަސައްކަތް ނުކުރާކަމަށް 2016 ވަނަ އަހަރު ޓޯކިޔޯގެ އިލެކްޓްރިކް ޕަވަރ ކޮމްޕެނީ، ޓެޕްކޯ އިން ވަނީ ހާމަކޮށްފައެވެ. މިއާއެކު ރޭޑިޔޯ އެކްޓިވް މާއްދާތަކުން ބިމު އަޑީގައިވާ ފެން ފަށަލަ ތަޣައްޔަރުވުން ހުއްޓުވިފައި ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ. މިގޮތުން 2019 ވަނަ އަހަރާއި ހަމައަށް އައިއިރު ބިމު އަޑިން ދަތުރު ކުރާ ފެން ނިއުކްލިއަރ ޕަވަރ ޕްލާންޓަށް އެޅި، 1.17 މިލިއަން ކިއުބިކް މީޓަރުގެ ފެން ތަޣަޔައްރު ވެފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން