ކޮވިޑް ބަލިން ރައްކާތެރިވުމަށް ޗައިނާއިން ތައްޔާރުކޮށްފައިވާ ސިނޮވަކް ވެކްސިނުގެ ރައްކާތެރި މިންވަރު ދަށްކަމަށް ޗައިނާއިން ބުނެފިއެވެ.

މިކަމާ ބެހޭގޮތުން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޗައިނީޒް ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ޑިރެކްޓަރ ގާއޯ ފޫ ވިދާޅުވީ ޗައިނާއިން ތައްޔާރުކޮށްފައިވާ ކޮވިޑް ވެކްސިނުން ބަލިން ރައްކާތެރިވާ މިންވަރު އިތުރު ކުރުމަށް އެހެން ވެކްސިން ތަކާއި މަސްހުނި ކުރުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށެވެ. މީގެއިތުރުން ވެކްސިނުގެ ޑޯޒު ދެވޭ މިންވަރު އިތުރު ކުރުމަށްވެސް ވިސްނަމުން ގެންދާކަމަށްވެސް ގާއޯ ވަނީ ފާހަގަކޮށްފައެވެ.

ނަމަވެސް ފަހުން ގާއޯ ފޫ ވަނީ އޭނާ ވިދާޅުވި ބަސް ބަދަލުކޮށް، ދުނިޔޭގެ ކޮންމެ ވެކްސިނަކީވެސް ބައެއްފަހަރު ރައްކާތެރިކަން އިތުރުކޮށްދީ އަނެއްބައެއްފަހަރު ރައްކާތެރިކަން ދައްކޮށްދޭ އެއްްޗެއްކަމަށް ވިދާޅުވެފައެވެ. އަދި ކޮންމެ ވެކްސިނެއްގެވެސް ރައްކާތެރިކަން އިތުރުކުރުމަށް ސައިންސްވެރިން މަސައްކަތްކުރާނެ ކަމަށް ވިދާޅުވެފައިވެއެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން ޗައިނާއިން ތައްޔާރުކޮށްފައިވާ ކޮވިޑް ވެކްސިން ރައްކާތެރިވާ މިންވަރު ދަށްކަމަށް ރިޕޯޓުކޮށްފައިވަނީ މުޅިން އޮޅުވާލައިގެންކަމަށް ވަނީ ވިދާޅުވެފައެވެ.

މިއާއެކު ޗައިނީޒް ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ޑިރެކްޓަރ ގާއޯ ފޫ ޕްރެސް ކޮންފަރެންސްގައި ފުރަތަމަ ދެއްކެވި ވާހަކަފުޅާއި، ފަހުން ރިޕޯޓުކޮށްފައިވާ ވާހަކަތައް އާންމުކުރުން ޗައިނާގެ މީޑިޔާތަކުން ވަނީ ހުއްޓާލައިފައެވެ.

ޗައިނާއިން ތައްޔާރުކޮށްފައިވާ ސިނޮވަކް ވެކްސިނުގެ މާގިނަ ޑާޓާއެއް އާންމުކޮށްފައިނުވާއިރު، ބޭރުގެ އެހެން ގައުމުތަކުން ހެދުނު ތަހުލީލުތަކުން ދައްކާގޮތުގައި މިވެކްސިނަކީ 50.4 އިންސައްތަ ރައްކާތެރި ވެކްސިނެކެވެ. މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ހުއްދަ ލިބުމަށް ބޭނުންވާނޭ އެންމެ ދަށް ނަތީޖާއެވެ. ނަމަވެސް މިވެކްސިން ބޭނުންކުރުމަށް، އިންޑޮނޭޝިޔާ، ތުރުކީ، އަދި ބްރެޒިލަށް ގެންގޮސްފައިވާކަމަށް ވެއެވެ.

ކޮވިޑުން ރައްކާތެރިވުމަށް ޗައިނާއިން ތައްޔާރުކޮށްފައިވާ ވެކްސިން ތަކުގެ ތެރެއިން އެމަރޖެންސީގައި ބޭނުންކުރުމަށް މިހާތަނަށް ހުއްދަލިބިފައިވަނީ ފަސް ވެކްސިނަކަށެވެ. އަދި މީގެ ތެރެއިން ދެވެކްސިނަކީ ޗައިނާގެ ސިނޮފާމް ކުންފުނިން ތައްޔާރުކޮށްފައިވާ ވެކްސިނެވެ. ބާކީ ތިން ވެކްސިނަކީ ޗައިނާގެ ތިން ކުންފުންޏަކުން ތައްޔާރުކޮށްފައިވާ ވެކްސިނެވެ. މީގެ ތެރޭގައި ސިނޮވަކް ކުންފުނި، ކަންސިނޯބައޯ ކުންފުނި، އަދި އަންހުއި ޒިފެއި ނަމަކަށް ކިޔުނު ފާމަސޫޓިކަލް ކުންފުންޏަކުން ތައްޔާރުކޮށްފައިވާ ވެކްސިން ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން