އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެބޭފުޅާ ސިފަކުރެއްވީ "ހޮޅި"ގެ ގޮތުގައެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް އެބޭފުޅާ ދަށްކޮށްލުމަށް ވިދާޅުވީ އެއީ "ވަށަފަރު" މީހެއްކަމަށެވެ. ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އެބޭފުޅާއަށް ދެއްވީ "މާލެ ފުނޑާލި މީހާ"ގެ ލަގަބެވެ. އާދެ މިދަންނަވާ ބޭފުޅަކީ، ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ފަސޭހަކަމާއެކު ބަލިކޮށްލެއްވުމަށްފަހު ރާއްޖޭގެ އެންމެ ބޮޑު ސިޓީގެ މޭޔަރުކަމުގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި ޑރ. މުހައްމަދު މުއިއްޒުގެ ވާހަކައެވެ.

ހަގީގަތުގައި ވެސް ޑރ. މުޢިއްޒާއި ދިމާއަށް އެވެރިން ގޮވަމުން އެއައި އެތިވަރު ތަކަކީ ތާކުންތާކު ޖެހޭ، އެތިވަރުތަކެއް ނޫންކަން މިއަދު ރައްޔިތުން އެބުނެދިނީއެވެ. ހޮޅި މުޢިއްޒުއޭ ގޮވަން ވާނީ މާލޭ މަގުތަކުގައި އޭރު ހުރި ހުރިހާ ހޮޅިއެއް ނެގުނީމާ ތާއެވެ. ވަށުފަރު މީހަކަށް މާލޭ މީހުންގެ އިހުސާސު ތަކެއް ނޭނގެއޭ އެވެރިން ގޮވިއިރު މިއަދު ވެރިކަމުގައި ހުންނެވީ ކޮންރަށެއްގެ މީހެއްތޯ މުޢިއްޒަށްވެސް ސުވާލު ކުރެއްވޭނެތާއެވެ. މާލެ ފުނޑާލި މީހާގެ ލަގަބު މުޢިއްޒަށް ދެއްވިއިރު މުޅި ގައުމުގައި ހުޅުޖެހީ ކޮންބައެއްތޯ މުޢިއްޒަށް ވެސް ވިދާޅުވެވިދާނެތާއެވެ؟ އެކަމަކު މުޢިއްޒު އެ ވާދަވެރި ކެމްޕޭން ނިންމަވާލައްވައި މާލޭގެ "ރަންގޮނޑި" ކާމިޔާބު ކުރެއްވީ މިއިން އެއްވެސް ބަސްފުޅެއް ވިދާޅު ނުވެއެވެ. އެހުރިހާ އެތިވަރެއް ގޮވިއިރު އެއަށް ރަށްދު ދެއްވުމުގެ ގޮތުން ޗުއްޕުވެސް ވިދާޅެއް ނުވެއެވެ.



ވާދަވެރި އިންތިހާބަކަށްފަހު ބޮޑު ތަފާތުކަން އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރުގެ މައްޗަށް ކުރި ހޯއްދަވައިގެން މާލޭ ސިޓީގެ މޭޔަރުކަމުގެ މަގާމަށް ޑރ. މުއިއްޒު ހޮވިވަޑައިގެންފައިވާއިރު، އެމަނިކުފާނު ކުރިއަށްގެންދިޔަ ކެމްޕެއިނަކީ ހުރިހާ ގޮތަކުންވެސް ތަފާތު ކެމްޕެއިނެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ކެމްޕެއިންތަކުގެ ތެރޭގައި ބައެއް ފަހަރު ރާއްޖެއިން ފެންނަ ނާތަހުޒީބީ މަންޒަރުތަކާއި އަޑުތައް މުއިއްޒުގެ ކެމްޕެއިނަކުން ފެނިފައި ނުވަތަ އިވިފައެއް ނުވެއެވެ. އޭގެބަދަލުގައި ފެނުނީ ތަހުޒީބު މުޖްތަމަޢުތަކުން ފެންނަފަދަ "ސަޅި" ކެމްޕެއިނެކެވެ. ޑޯޓުޑޯއާއި ޓޯކްޝޯވތަކާއި، މުއިއްޒު ޓީވީ، މުއިއްޒު ވެބްސައިޓާއި އަދި ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ހިންގި ތަފާތު އެކި ހަރަކާތްތަކެވެ.



ކެމްޕެއިން ތެރެއިން ގިނަ ބަޔަކު އެންމެ ބޮޑަށް ފާހަގަކުރީ މުއިއްޒުގެ ރިވެތި އަހުލާގެވެ. އެމަނިކުފާނާއި ދިމާލަށް "އޭތި މީތި" ކިޔަމުންދިޔައިރުވެސް، ރައްދުގައި ނުވަތަ ޖަދަލުކުރެއްމުގެ ގޮތުންވެސް ބަސްފުޅެއް ވިދާޅެއްނުވެއެވެ. އެމްޑީޕީގެ ޖަލްސާތަކާއި މަޖިލީހުގެ ޖަލްސާގައި މައިގަނޑު ގޮތެއްގައި އޮންނަނީ "މުއިއްޒުއަށް ބެވުން" ކަމަށްވިޔަސް، އެމަނިކުފާނު އެއިން ކަމަކަށް ސަމާލުކަމެއް ނުދެއްވައެވެ. ނޫނީ އެމަނިކުފާނާ ވާދަކުރައްވާ އެހެން ކެނޑިޑޭޓުންނަށް އަމާޒުކޮށް ފާޑުވެސް ވިދާޅެއްނުވެއެވެ. އަނަސްއޭ ވެސް ނަމެއް ނުގަނެއެވެ. ސޯޝަލް މީޑިއާގައި އުޅޭ އެމްޑީޕީގެ "ހާޑްކޯ" ސަޕޯޓަރުންތައް ޑރ. މުއިއްޒަށް ދުނިޔެ ލެއްވި ހުރިހާ އެއްޗެއް ގޮވަމުންދިޔައިރުވެސް އެމަނިކުފާނު އެކަންކަމާއި ކުރިމަތިލީ ހިކުމަތްތެރިކަމާއި މަޑުމައިތިރިކަމާއެކު، އިލްމީ ޖަވާބުތަކުންނެވެ.



ގިނަ ބަޔަކު ދެކޭގޮތުގައި ރާއްޖެ ކަހަލަ "ޑާރޓީ ޕޮލިޓިކްސް"އެއް އޮންނަ ގައުމެއްގައި ހަޑިމުޑުދާރު އަމަލެއް ނުހިންގަވާ ބިޔަބޮޑު މާލޭގެ މޭޔަރުގެ ގޮނޑި މުއިއްޒު ކާމިޔާބުކުރެއްވުމަކީ ވަރަށް އުނދަގުލުން ހޯދޭނެ ކާމިޔާބީއެކެވެ. ނަމަވެސް އެކާމިޔާބީ މުއިއްޒު ހޯއްދެވީ އެމަނިކުފާނާއި ދިމާލަށް ކީ ބަދުބަސްތަކަކީ ވާދަވެރިން ބަލިކޮށްލުމަށް ބޭނުންކުރެއްވި އެންމެ ވަރުގަދަ ހަތިޔާރަށް ހައްދަވައިގެނެވެ. ދައުވާކުރުމާއި ހައްޔަރުކުރުމުގެ ބިރުދައްކަމުންދިޔައިރުވެސް ޑރ މުއިއްޒު އެ ހުރަސްތައް ގިރާކުރެއްވީ ވިސްނުންތެރިކަމާއި ކެތްތެރިކަމާއެކުއެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި މިއީ ސިޔާސީ ބޭފުޅުން މިސާލު ނަގަންޖެހޭފަދަ ފުރިހަމަ ކެމްޕެއިނެކެވެ.



ކާމިޔާބު، ނަމޫނާ ކެމްޕެއިނަކަށްފަހު މުއިއްޒު މިވަނީ މާލޭ ސިޓީގެ މޭޔަރުގެ މަގާމަށް އިންތިހާބުވެވަޑައިގެންފައެވެ. ނަމަވެސް އެމަނިކުފާނަށް ދެން އޮތީ ކެމްޕެއިނަށްވުރެ އުނދަގޫ މަސައްކަތެކެވެ. މާލޭ މޭޔަރުގެ ޒިންމާއާއި މަސްއޫލިއްޔަތެވެ. ސިޔާސީ މަސްރަހު އޮތްގޮތުން އެއީ ފަސޭހަކަމަކަށް ނުވެދާނެއެވެ. ނަމަވެސް މީގެކުރިންވެސް އެފަދަ ޒިންމާތަކާއި މަސްއޫލިއްޔަތުތައް، ދަތިތަކާއި އުނދަގުލުގެ ތެރެއިންވެސް ޑރ.މުއިއްޒު ކާމިޔާބުކަމާއެކު އަދާކުރައްވާފައިވާކަން "މުއިއްޒުވެފައި" މިއޮތް ބިޔަ މާލެ ސަރަހައްދަށް ބަލާލުމުން އެއޮތީ ފެންނާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން