ޅ. ނައިފަރު
ޅ. ނައިފަރު
ކޯވިޑް-19 ފެތުރެމުންދާތީ ޅ. ނައިފަރާއި ކ. ހުރާގައި އަޅާފައިވާ ފިޔަވަޅުތައް އިތުރު ފަސް ދުވަހަށް ދަންމާލައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެޗްޕީއޭއިން ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ އެ ދެ ރަށުގައި އިތުރު ފިޔަވަޅުތައް އެޅުމަށް ނިންމީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުން އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ.

ހުރާ އާއި ނައިފަރުގައި އިތުރު ފިޔަވަޅުތައް އެޅީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށެވެ. އިއްޔެ ނެރުނު އެންގުމުގައި ބުނެފައިވަނީ އެ މުއްދަތު އިތުރު ފަސް ދުވަހަށް އިތުރު ކޮށްފައިވާ ކަމަށެވެ.

އެގޮތުން ޒަރޫރީ ބޭނުންތަކާއި ސިއްހީ ފަރުވާ ހޯދުމަށް ދާ ދިޔުން ފިޔަވައި އެހެނިހެން ބޭނުންތަކަށް މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުން ހުއްޓައިލަން ވަނީ އަންގާފައެވެ. އަދި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެ އުޅުން ހުއްޓައިލުމާއި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުމަށްވެސް ވަނީ އަންގާފައެވެ. އަދި ސްކޫލްތަކަށް ކުދިން ގެންގޮސްގެން ކިޔަވައިދިނުން ހުއްޓާލަން އެންގުމުގައި އަންގާފައިވެ އެވެ.

މީގެ އިތުރުން ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނުން ޑެލިވަރީ ނޫން ހިދުމަތްތައް ހުއްޓާލަން އަންގާފައިވާއިރު ކުޅިވަރާއި ކަސްރަތުގެ ހަރަކާތްތައް ހުއްޓާލަން އަންގާފައިވެ އެވެ. އަދި ސެލޫން، ޖިމް އަދި ބޯކޮށާ ތަންތަން ބަންދުކުރުން ވެސް އަންގާފައިވެ އެވެ.

އެޗްޕީއޭއިން އިއްޔެ އާންމު ކުރި މައުލޫމާތުތަކުގައި ވާގޮތުން ހުރާގައި ކޯވިޑް-19 އަށް ޕޮސިޓިވް 121 މީހުން އެބަތިއްބެވެ. އަދި ނައިފަރުގައި 215 ޕޮސިޓިވް މީހުން އެބަތިއްބެވެ. މިވަގުތު ބަލީގެ ޙާލަތު އެންމެ ގޯސް އަތޮޅަކީ ފާދިއްޕޮޅެވެ. އެ އަތޮޅުގައި ބައްޔަށް ޕޮސިޓިވް 400 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ. ފާދިއްޕޮޅަށް ބަލި ފެތުރިފައިވަނީ އެއަތޮޅުގައި އޮންނަ ފެލިވަރުންކަމަށް އެޗްޕީއޭއިން ލަފާކުރެއެވެ.

މުޅިރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު ވަނީ 25000 އަށް ވުރެ މައްޗަށް އަރާފައެވެ. މި ބަލީގައި ރާއްޖޭގައި މަރުވެފައިވަނީ 67 މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން