ކުރީގެ ނައިބުރައީސް ޢަބްދުﷲ ޖިހާދު
ކުރީގެ ނައިބުރައީސް ޢަބްދުﷲ ޖިހާދު
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ބޭސްފަރުވާއަށް ސްރީލަންކާއަށް ވަޑައިގެންނެވުމުގެ ހުއްދަ ނުދޭން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ޖިހާދުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ދަޢުވާއެވެ. އެ މައްސަލަ ކުރިއަށް ދަނިކޮށް ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ވަޑައިގެންނެވުމަށް ޖިހާދުގެ ފަރާތުން ހުށައެޅުމުން މިއަދު ބޭއްވި އަޑުއެހުމުގައި ޖިހާދުގެ ފަރާތުން ވަކީލް ވިދާޅުވީ ޖިހާދު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަތުމަށް އެދިވަޑައިގެންފައިވަނީ ފޮރިން މިނިސްޓްރީގެ ހާއްސަ އުސޫލުގެ ދަށުން ކަމަށެވެ.

ޖިހާދުގެ ވަކީލް ކުރީގެ ޕީޖީ މުހުތާޒު މުހުސިން މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި ވިދާޅުވީ، ފޮރިން މިނިސްޓްރީގެ ހާއްސަ އުސޫލުގެ ދަށުން އެއްދުވަހުގެ މުއްދަތަށް ކަރަންޓީނު ވެވޭ ގޮތަށް ސްރީލަންކާއަށް ދަތުރުކުރެވޭކަމަށާއި، ޖިހާދު ބޭސްފަރުވާއަށް ވަޑައިގަންނަވަނީ އެ އުސޫލުގެ ދަށުން ކަމަށެވެ.

ނަމަވެސް މައްސަލަ ބައްލަވާ ގާޒީ ވަނީ ޖިހާދުގެ ފަރާތުން ސަޕޯޓިންގ ޑޮކިއުމެންޓްސް ހުށައަޅާފައި ނުވާތީ ރާއްޖެއިން ބޭރަށް ފުރައިގެން ދިޔުމުގެ ހުއްދަ ނުދެއްވަން ނިންމަވާފައެވެ. ގާޒީ ވިދާޅުވީ، ޑޮކިއުމެންޓުތަކަށް ބަލާއިރު، ޖިހާދަކީ ބޭސްފަރުވާ ކުރަންޖެހޭ ބޭފުޅެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި، ނަމަވެސް ފުރަން ބޭނުންވާ ކަމުގެ ސިޓީއެއް، ނުވަތަ ރިޒަވޭޝަނެއް ފަދަ ސަޕޯޓިންގ ޑޮކިއުމެންޓެއް ޖިހާދުގެ ފަރާތުން ހުށަހަޅުއްވާފައި ނުވާތީ އެހުއްދަ ނުދިނުމަށް ނިންމެވީ ކަމަށެވެ. އަދި ސަޕޯޓިން ޑޮކިއުމެންސްއާއެކު އަލުން ހުށައަޅުއްވައިފިނަމަ ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ ދެއްވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

ކ. ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން، އޭރުގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓެރެޜަރީގެ މަގާމުގައި ހުންނެވި ޢަބްދުالله ޖިހާދުގެ މައްޗަށް ދައުވާ ކުރަނީ ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނުގެ ދަށުން ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގައެވެ.

ޕީޖީން ބުނެފައިވާ ގޮތުން ޖިހާދުގެ މި ޢަމަލުގެ ސަބަބުން ރައްޔިތުންނަށާއި ދައުލަތަށް ލިބެންއޮތް ފައިދާއިން، ހަމައެކަނި ބިމު ކުލީގެ ގޮތުގައިވެސް 750,713,604 އެމެރިކާ ޑޮލަރު އުނިވެފައި ވާކަމަށެވެ. މިމައްސަލަ މީގެ ކުރިން 2013 ވަނަ އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅި ނަމަވެސް އޭރު އެ ކޮމިޝަނުން ނިންމީ މި މުއާމަލާތުގައި ކޮރަޕްޝަން އެކުލެވިގެން ނުވާ ކަމަށެވެ. އެގޮތަށް އޭސީސީން ނިންމީ 2016 ވަނަ އަހަރު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން