ޝައިޚް ޢަލީ ޒައިދު
ޝައިޚް ޢަލީ ޒައިދު
ރައީސް ޔާމީންގެ ސަރުކާރުން މާލޭގައި ޢިމާރާތްކުރަން ފަށާފައިވާ ސަލްމާން މިސްކިތް މިއަހަރުގެ ރޯދައަށް ހުޅުވިގެން ނުދިޔުމަކީ ދެރަކަމެއް ކަމަށް ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

މާލޭގެ މަލަމަތި ބަދަލުކޮށްލަދޭ ރީތި ބިނާއެއްކަމަށްވާ ކިންގ ސަލްމާން މިސްކިތަކީ 2018 ވަނަ އަހަރުގެ ޖެނުއަރީމަހު އިމާރާތްކުރަން ފެށި މިސްކިތެކެވެ. މިސްކިތް ހުޅުވުމާއި ގުޅޭގޮތުން ރައީސް ޞާލިހު ވިދާޅުވީ ކުރިއަށް އޮތް ރޯދަމަހު މިސްކިތް ބޭނުންކުރަން ފެށޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ މީޑިއާއަކަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވިދާޅުވީ މި ރޯދަމަހުވެސް ސަލްމާން މިސްކިތް ހުޅުވޭނެކަމަށް ލަފާ ނުކުރެއްވޭކަމަށެވެ.

އެކަމާ ގުޅިގެން ޝައިޚް ޢަލީ ޒައިދު ވިދާޅުވީ، ސަލްމާން މިސްކިތް ރޯދައަށް ހުޅުވުމަކީ ވަރަށް ބޮޑު އިންތިޒާރެއް ކަމަށެވެ. އަދި ސަރުކާރުން ސަލްމާން މިސްކިތް ހުޅުވުމަށް އެތައް ތާރީޚުތަކެއް ދެއްވައިފި ކަމަށާއި، ނަމަވެސް ރޯދައަށް މިސްކިތް ނުހުޅުވުމަކީ ދެރަކަމެއް ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވިއެވެ.

"ސަލްމާން މިސްކިތް ރޯދައަށް ހުޅުވިގެން ނުދިޔުމަކީ ދެރަކަމެއް! ކުރިން ސަރުކާރުން ވިދާޅުވީ ޖެނުއަރީގެ ނިޔަލަށް ނިމޭނެޔޭ! ދެން ވިދާޅުވީ ރޯދަމަހަށޭ! ދެން މިހާރު ރޯދައަށްވެސް ނުހުޅުވޭނަމަ މިއީ ވަރަށް ދެރަކަމެއް!" ޝައިޚް ޢަލީ ޒައިދު ވިދާޅުވިއެވެ.



މީގެ އިތުރުން ޝައިޚް ޢަލީ ޒައިދު ވިދާޅުވީ، ދަޢުލަތުގެ އިސް މަޤާމްތަކަކީ ޝަރަފެއް ނޫން ކަމަށާއި، އަދި އެއީ ޢިއްޒަތެއްވެސް ނޫން ކަމަށެވެ. އަދި ރައްޔިތުން އެމީހުންގެ ވެރިންގެ ގޮތުގައި ބަޔަކު ކަނޑައަޅައި އެމީހުންނާއި މަތިކުރަނީ ބޮޑު މަސްއޫލިއްޔަތަކާއި ޒިންމާއެއް ކަމަށް ޒައިދު ވިދާޅުވިއެވެ.

ޒައިދު ވިދާޅުވީ، ކޮންމެ މަޤާމަކީ ވެސް އަމާނާތެއްކަން ޤަބޫލު ނުކުރެވޭނަމަ، އެމީހެއްގެ ފުށުން ހެވެއް ނުފެންނާނެ ކަމަށެވެ.

6 ފަންގިފިލާއަށް ބިނާ ކުރާ ސަލްމާން މިސްކިތުގެ މައި އިމާރާތުގެ އުސްމިނުގައި 33.5 މީޓަރު ހުންނައިރު، މިސްކިތުގެ ވަށައިގެން ބިނާކުރާ 5 މުންނާރުގެ އުސްމިނުގައި 44 މީޓަރު ހުންނާނެއެވެ. އަދި ނަމާދުކުރުމަށް ޚާއްސަކޮށްފައިވާ ސަރަޙައްދުތަކާއި، މިސްކިތުގެ ގޯތިތެރެ ހިމެނޭހެން، 9000 މީހުންނަށް އެއްފަހަރާ ބޮޑު ޖަމާޢަތުގައި ނަމާދުކުރެވޭނެއެވެ. ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލުކޮށްގެން އަޅާފައިވާ ސަލްމާން މިސްކިތަކީ ގާތްގަނޑަކަށް 370 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އިމާރާތްކޮށްފައިވާ ބިނާއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން