މުހައްމަދު ނިމާލް
މުހައްމަދު ނިމާލް
"ރަށްވެހި ފަތިސް"ގެ ނަމުގައި ސަރުކާރު ހިންގާ މައިޕާޓީ، އެމްޑީޕީން ކެމްޕޭން ކުރަމުންދާއިރު އެ ފަތިހަށް އަލިވިލޭނީ އުފާވެރި ދުވަހަކަށްކަން ގަބޫލު ކުރާނީ ކިހިނެއްތޯ ވިދާޅުވެ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި މާލެ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ މުހައްމަދު ނިމާލް ސުވާލު ކުރައްވައިފިއެވެ.

އިދިކޮޅު ޕީޕީއެމްގެ ޓިކެޓްގައި މާލެ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާ މުހަންމަދު ނިމާލް ކުރެއްވި ޓުވީޓެއްގައި ސަރުކާރުން ތަރައްގީއޭ ކިޔައިގެން ހިންގަނީ ކޮރަޕްޝަން ކަމަށް ސިފަކުރަށްވައި ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ނިމާލު ވިދާޅުވީ ރައީސް ޞާލިހް ރާއްޖެއަށް އަންނާނެ ކަމަށް ވިދާޅުވި "އިޤުތިޞާދީ ބޫމް" އާއިއެކު ފެނުނީ ކޮރަޕްޝަންގެ "ބެލޫން ބްލާސްޓްވި" މަންޒަރު ކަމަށެވެ.

ނިމާލް ވިދާޅުވީ ޒީރޯ ޓޮލަރެންސުން ނޭވާ ހޮޅި ބެދި ގޭސް ސިލިންޑަރު ދަގަނޑު ދަބަރަށް ވެއްޖެ ކަމަށެވެ. ނިމާލް އެ އިޝާރާތް ކުރެއްވީ ކޮވިޑް-19 އާއި ގުޅިގެން އޮކްސިޖަން އެއްތަނުން އަނެއްތަނަށް އުފުލުމަށް ގޭސް ސިލިންޑަރު އެތެރެ ކުރުމުގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ހިޔާނާތަށް ކަމަށް ބެލެވެއެވެ. ކޮވިޑް-19 ފެސިލިޓީތަކަށް 4،128 އޮކްސިޖަން ސިލިންޑަރު ގަތުމުގައި 16 މިލިއަން ރުފިޔާގެ ހިޔާނާތެއް ހިންގަވާފައިވާ މައްސަލަ އެއް ދާދިފަހުން ވަނީ ފެންމަތިވެފައެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ ބަލަން ފަށާފައެވެ.

ނިމާލް ވިދާޅުވީ ސަރުކާރުން ހިންގަމުން ގެންދާ ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ގައުމު ބޮއްސުންލައިފި ކަމަށެވެ.

"ގައުމު ބޮއްސުންލައިފި. ބިރުވެރިކަން، ނާމާންކަން ނޫންކަމެއް ދިވެހިންނަކަށް ނެތް." ގައުމުގެ ހާލަތު އޮތްގޮތް ސިފަކުރައްވަމުން ނިމާލް ވިދާޅުވިއެވެ.

ގައުމުގެ ހާލަތު މިގޮތައް އޮތްއިރު "ތިޔަ ފަތިހަކަށް އަލިވިލޭނީ އުފާވެރި ދުވަހަކަށްކަން ގަބޫލު ކުރާނީ ކިހިނެއްތޯ؟" ނިމާލް ސުވާލު ކުރެއްވިއެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ނިމާލް މާލެ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވާއިރު އޭނާ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 24 ގަޑިއިރުގެ ކަރަންޓް ޔަގީން ކޮށްދިނުމަށް ހިންގި މަޝްރޫއު ރާވައި، އެމަޝްރޫއުގެ އަމަލީ މަސައްކަތް ކުރެެއްވި މޭސްތިރިޔާއެވެ. އޭރު ނިމާލަކީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރެވެ. އެހެންކަމުން ޕީޕީއެމް އާއި ޕީއެންސީގެ ސަޕޯޓަރުންނާއި ނިމާލްގެ ސަޕޯޓަރުން ވެސް ނިމާލް ސިފަކުރައްވަނީ "24 އަވާސް މޭން"ގެ ގޮތުގައެވެ.

ނިމާލު ވިދާޅުވަނީ މާލެ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް އޭނާ ހޮއްވަވައި ދެއްވައިފިނަމަ އޭނާގެ އެ ތަޖުރިބާގެ އަލީގައި ނަމޫނާ ދައްކަވައި ނަތީޖާ ނެރެދެއްވާނެ ކަމަށެވެ. ނިމާލަކީ ރައީސް ޔާމިންގެ ވެރިކަމުގައި އެމަނިކުފާނު އެންމެ އިތުބާރު ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި އަދި ނަތީޖާ ނެރެދޭނެ ކަމުގެ ފުރިހަމަ ޔަގީންކަމާއެކު މަސައްކަތް ހަވާލު ކުރެއްވި ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން