ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު މުޙައްމަދު
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު މުޙައްމަދު
ފެނަކަ ކުންފުނީގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކަށް އެކުންފުނިން އިންކާރު ކޮށްފިއެވެ.

ފެނަކައިން މިއަދު ނެރެފައިވާ ބަޔާނެއްގައި ވަނީ އެ ކުންފުނިން ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކުގައި، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޢަމަލުކުރާކަމަށް ދޭހަވާގޮތަށް ބައެއް ފަރާތްތަކުން ކެނޑިނޭޅި ފަތުރަމުންދާ އަސާސެއް ނެތް ވާހަކަތަކަކީ، ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން ކުންފުންޏަށް ހޯދައިދެމުންދާ ކުރިއެރުންތަކާއި ފަޚުރުވެރި ރީތިނަމާއި ކާމިޔާބީތަކާމެދު ޙަސަދަވެރި ނިޔަތެއް އޮވެގެން، ކުންފުނީގެ ނަން ކިލުނބުކޮށް، މެނޭޖްމަންޓާއި މުވައްޒަފުންގެ އަގު ވައްޓާލުމަށް، އެއްވެސް ޒިންމާދާރުކަމެއްނެތި، ރޭވުމެއްގެ ތެރެއިން ކުރެވެމުންދާ، ސިލްސިލާ ފިނޑި ޢަމަލުތަކުގެތެރެއިން ކަމެއް ކަމަށެވެ.

އަދި 18 ޑިސެމްބަރ 2018 ގައި ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން ކުންފުންޏާ ޙަވާލްވުމަށްފަހު، ކުންފުނިން ރައްޔިތުންނަށް ޚިދުމަތްދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުންދަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި، ނަޒާހާތްތެރިކަން ކަށަވަރުކުރެވެނިވި ގޮތެއްގައިކަން ފެނަކައިން ވަނީ ދިވެހި ލޮބުވެތި ރައްޔިތުންނަށް ޔަޤީންކޮށްއަރުވާފައެވެ.

އަދި އެނޫން މަގަކުން ކަންކަން ނުހިނގާނެކަން ކަށަވަރުކުރުމަށް ހަރުދަނާ ގިނަ ފިޔަވަޅުތަކެއް އަޅައި، އެފަދަކަންކަމަށް ފާރަވެރިވެ، ޖަވާބުދާރީ ކުރެވޭނެ އެކަށީގެންވާ ނިޒާމުތަކެއް ކުންފުނީގައި ޤާއިމްކޮށް ޢަމަލުކުރަމުންދާކަމުގައި ވެސް ފެނަކައިން ވަނީ ބުނެފައެވެ. މީގެ އިތުރުން، ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ޤަވާޢިދެއް ނުވަތަ ޢުސޫލެއްވިޔަސް މިއަދުގެ މެނޭޖްމަންޓުން ހަދާފައި ނުވާއިރު، ފާއިތުވެދިޔަ ކިލަނބު މާޒީގައި އެކުލަވާލެވިފައިވާ އެފަދަ ޤަވާޢިދުތަކާއި އުސޫލުތައްވެސް ބަދަލުކޮށް، ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން ހަރުދަނާކަމާއެކު ޚިދުމަތް ފޯރުކޮށްދެމުންދާކަން އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

ހަމަ މިއާއެކު، މިކުންފުނީގެ ކުރީގެ މެނޭޖްމަންޓުތަކުން ހިންގާފައިވާ ޢަމަލުތަކެއްގެ ސަބަބުން އަދުގެ މެނޭޖްމަންޓަށާއި މިއަދު ކުންފުންޏަށް ކިލަނބު ނަން ގެނައުމަށް ބަޔަކު މަސައްކަތް ކުރަމުންދާކަމީ މިކުންފުނީގެ އަދުގެ މެނޭޖްމަންޓުން ނުހަނު ހިތާމަކުރާ ކަމެއް ކަމަށާއި، ރައްޔިތުންގެ އާންމު ދިރިއުޅުމާ ސީދާ ގުޅިފައިވާ މިފަދަ ކުންފުންޏަކާ ގުޅޭގޮތުން އެކިފަރާތްތަކުން އުފައްދައި ހުށަހަޅާ އަސާސެއްނެތް އެންމެހާ ކަންކަން ހަރުދަނާކަމާއެކު ތަފްޞީލީ ގޮތެއްގައި ބަލަންޖެހޭ އެންމެހައި ބެލުންތައް ބަލައި ދިރާސާ ކުރައްވައިގެން، ކަމުގެ ހަޤީގަތް ރައްޔިތުންނަށް ނޯޅޭފަދަ ގޮތަކަށް މަޢުލޫމާތު ޢާންމު ކުރެއްވުމަށް، އެ ކުންފުނިން ވަނީ ދައުލަތުގެ ކަމާބެހޭ އެންމެހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން