އެމެރިކާގެ ވައިޓްހައުސްގެ 33 ވަނަ ޕްރެސް ސެކްރެޓަރީ, ކޭލީ މެކެނޭނީ.
އެމެރިކާގެ ވައިޓްހައުސްގެ 33 ވަނަ ޕްރެސް ސެކްރެޓަރީ, ކޭލީ މެކެނޭނީ.
ފާޑު ކިޔުން އަމާޒުވި ވައިޓްހައުސްގެ ކުރީގެ ޕްރެސް ސެކްރެޓަރީ، ކޭލީ މެކެނޭނީ، ނޫސްވެރިއެއްގެގޮތުގައި ފޮކްސް ނިއުސް އާއި ގުޅިއްޖެއެވެ.

އެމެރިކާގެ ކުރީގެ ރައީސް، ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި، ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ ކަންކުރެއްވި ކޭލީ މެކެނޭނީއަށް ގިނަ ބަޔަކު ފާޑު ކިޔާފައިވަނީ ހަގީގަތް ހާމަނުކުރުމުގެ ތުހުމަތުގަވެ.

ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ މަގާމުން ވަކިވުމަށްފަހު ކޭލީ މެކެނޭނީ، އެމެރިކާގެ މީޑިޔާ ޗެނަލް އަކާއި ގުޅެން އުޅޭކަމުގެ ވާހަކަ މިދިޔަ ޖެނުއަރީމަހުއްސުރެ ދަނީ ދެކެވެމުންނެވެ. އަދި މިކަން ޔަގީންކޮށްދީފައިވަނީ ފޮކްސް ނިއުސްއިން މިދިޔަ އަންގާރަ ދުވަހު ބޭއްވި ލައިވް ޝޯއެއްގެ ތެރެއިންނެވެ. މިޝޯގެ ތެރެއިން، ޝޯގެ ޕްރެޒެންޓަރު ވަނީ ޝޯގައި ބައިވެރިވި ކޭލީ މެކެނޭނީ އެޗެނަލް އާއި ގުޅެން އުޅޭ ހަބަރު އިއުލާންކޮށް ކޭލީ އަށް މަރުހަބާ ކިޔާފައެވެ.

ކޭލީ މެކެނޭނީ އަކީ އެމެރިކާގެ ވައިޓްހައުސްގެ 33 ވަނަ ޕްރެސް ސެކްރެޓަރީއެވެ. އަދި މިމަގާމުގައި އޭނާ ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އެއްވެސް ދޮގަކާއި ނުލާ ހަގީގަތް ހާމަކުރާނެ ކަމަށް ވައުދު ވެފައިވެއެވެ. ނަމަވެސް ދޮގުހަބަރު ފަތުރާ ކަމަށް ބުނެ އެތައް ފަހަރެއްގެ މަތިން އެކި މީޑިޔާތަކުން ވަނީ ކޭލީ މެކެނޭނީ އަށް ތުހުމަތުކޮށްފައެވެ. ހާއްސަގޮތެއްގައި 2020 ވަނަ އަހަރު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިހާބާއި ގުޅުވައިގެން ކޭލީ މެކެނޭނީ ދައްކާފައިވާ ވާހަކަތައް މިފަހަކުންވެސް ވަނީ ބޭރުގެ އެތައް މީޑިޔާ އަކުން ދޮގުކޮށްފައެވެ.

ކޭލީ މެކެނޭނީ، އެމެރިކާގެ ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީގެ މަގާމުން ވަކިވެފައިވަނީ، އެމެެރިކާގެ މިހާރުގެ ރައީސް، ޖޯ ބައިޑެން، ރައީސްކަމަށް ހުވާކުރެއްވުމާއެކުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން