އެމެރިކާގެ ހޮސްޕިޓަލެއްގައި ކޯވިޑް-19 ގެ ހާލުބޮޑު ބަލި މީހުންނަށް ފަރުވާދެނީ
އެމެރިކާގެ ހޮސްޕިޓަލެއްގައި ކޯވިޑް-19 ގެ ހާލުބޮޑު ބަލި މީހުންނަށް ފަރުވާދެނީ
ކޯވިޑް-19 ގެ ރޯގާ ބަލިމަޑުކަމުގައި ދުނިޔެއިން ގެއްލުނު ފުރާނައިގެ އަދަދު 200 ހާސް ނުވަތަ ދެލައްކައަށް ވުރެ މައްޗަށް އަރައިފިއެވެ.

ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީގެ ތަފާސް ހިސާބުތަކާއި ހަވާލާދީ ބީބީސީން ރޭ ބުނެފައިވަނީ ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު 2.8 މިލިއަނުން މައްޗަށް ގޮސްފައިވާ ކަމަށެވެ.

ބަލީގައި މަރުވި މީހުންގެ އަދަދު ދެލައްކައަށް އަރައިގެން މިދިޔައީ މިހާރު އެންމެ ހަލުއިކަމާއެކު ބަލި ފެތުރެމުންދާ ގައުމު ތަކުގެ ތެރޭގައި ހިމެނޭ އެމެރިކާގައި ބަލީގައި މަރުވި މީހުންގެ އަދަދު 50 ހާހުން މައްޗަށް ދިއުމުންނެވެ.

ކޯވިޑް-19 ފުރަތަމަ ފެތުރެންފެށި ޗައިނާއިން ބަލީގައި މީހަކު މަރުވިކަން އެޤައުމުގެ ސަރުކާރު މީޑިއާއިން ރިޕޯޓް ކޮސްފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހުއެވެ. އޭގެ ފަހުން ދުނިޔޭގައި މި ބަލި ފެތުރޭކަން 210 ޤައުމުން އަދި ޓެރިޓޮރީން ރިޕޯޓްކޮށްފައިވެއެވެ.

ބަލިފެތުރެމުންދާ ގައުމު ތަކުގެ ތެރެއިން ބަލީގައި މަރުވި މީހުންގެ އަދަދު 20 ހާހުން މައްޗަށް އެރި ކަމަށް ފަސް ގައުމަކުން ރިޕޯޓްކޮށްފައި ވެއެވެ. އެގޮތުން މިބަލީގައި އެންމެ ގިނަ މީހުން މަރުވިކަމަށް ރިޕޯޓް ކޮށްފައިވަނީ އެމެރިކާއާއި އިޓަލީ ވިލާތާއި ސްޕައިން ވިލާތުންނެވެ. އިނގިރޭސި ވިލާތުގައި މަރުވި މީހުންގެ އަދަދު 20 ހާހުން މައްޗަށް ދިޔަކަން އެގައުމުގެ ސިއްހީ އިދާރާއިން ހާމަކުރީ ހޮނިހިރު ދުވަހުއެވެ. އިނގިރޭސި ވިލާތުން ކޯވިޑް-19 ގައި މަރުވާ އަދަދު ކަމަށް ރިޕޯޓްކޮށްފައި ވަނީ ހަމައެކަނި އެގައުމުގެ ހޮސްޕިޓާ ތަކުގައި މަރުވާ އަދަދެވެ. ގޭގޭގައާއި ނާރސިންގ ހޯމް ތަކުގައި މަރުވާ މީހުންގެ އަދަދު މި ހިސާބުގެ ތެރެއަކު ނުހިމަނައެވެ.

މިހާތަނަށް 22614 މީހުން ބަލީގައި މަރުވި ކަމަށް ރިޕޯޓްކޮށްފައިވާ ފަރަންސޭސި ވިލާތުގައި ބަލީގައި މަރުވާ މީހުންގެ ހިސާބު ބަލަހައްޓަނީ ގޭގައި މަރުވާ މީހުންނާއި ނާސިންގ ހޯމް ތަކުގައި މަރުވާ މީހުންވެސް ހިމަނައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން