ސްރީލަންކާގައި ކޮވިޑު ބަލީގައި މަރުވާ މީހުން ވަޅުލުން މަނާކޮށްފައިވާ ގަވާއިދު އުވާލައިފިކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީއިން މިއަދު އިއުލާންކޮށްފިއެވެ.

ސްރީލަންކާގައި ކޮވިޑު ބަލީގައި މަރުވާ މީހުން ވަޅުލުން މަނާކޮށް، ކޮވިޑް ޖެހިގެން މަރުވާ ކޮންމެ މީހެއްގެ ހަށިގަނޑު މިދިޔަ އަހަރުން ފެށިގެން ދަނީ އަންދަމުންނެވެެ. މިއީ މިބަލީގައި މަރުވާ މީހުން ވަޅުލުމުން ބިމުއަޑީގެ ފެން ތަޣައްޔަރުވެ ވައިރަހުގެ އަސަރު ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރަށް ހެދި ގަވާޢިދެއް ކަމަށް އެގައުމުން ވަނީ ބުނެފައެވެ. މިއާއެކު މިދިޔަ އަހަރު މާރޗް މަހުން ފެށިގެން ކޮވިޑު ބަލީގައި މަރުވާ މީހުން ވަޅުލުން މަނާކޮށް އާގަވާއިދެއް ހަދައި ސްރީލަންކާގައި އެއަށް އަމަލު ކުރަން ވަނީ ފަށާފައެވެ.

ނަމަވެސް މިގަވާއިދާ ދެކޮޅަށް ތެދުވި ސްރީލަންކާގެ މުސްލިމުންނާއި، ބައިނަލްއަގުވާމީ އެކި ޖަމާއަތްތަކާއި ޖަމިއްޔާތަކާއި، އެހެން ގައުމުތަކުގެ ފިއްތުން ތަކާއެކު ސްރީލަންކާގައި ކޮވިޑު ބަލީގައި މަރުވާ މީހުން ވަޅުލުން މަނާކޮށްފައިވާ ގަވާއިދު މިއަދު މިވަނީ އުވާލައިފައެވެ.

މިގަވާއިދާ ދެކޮޅަށް ތެދުވެ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ކޮވިޑު ބަލީގައި މަރުވާ މީހުން ވަޅުލެވޭނެ ކަމަށް ބުނެފައެވެ. މީގެއިތުރުން، ކޮވިޑު ބަލީގައި މަރުވާ މީހުން ވަޅުލުމުގެ އިންތިޒާމު ހަމަޖައްސަން ޖެހޭނެ ގޮތުގެ ގަވާއިދުތަކެއްވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އެކުލަވާލައިފައެވެ. މިކަމަށް ސްރީލަންކާގެ ޑޮކްޓަރުންނާއި ސިއްހީ މާހިރުން އެއްބަސްވިނަމަވެސް، ސްރީލަންކާގެ ސަރުކާރުން ދިނީ ބީރުކަންފަތެކެވެ.

މިކަމާއި ގުޅިގެން ސްރީލަންކާގައި ކޮވިޑު ބަލީގައި މަރުވާ މީހުން ވަޅުލުން މަނާކޮށްފައިވާ ގަވާއިދަކީ ސީދާ މުސްލިމުންނާއި ދެކޮޅަށް ހެދިފައިވާ ގަވާއިދެއްކަމަށް ގިނަބަޔަކު ވަނީ ތުހުމަތުކޮށްފައެވެ. އަދި މިގަވާއިދު އުވާލުމަށް ގޮވާލާ ސްރީލަންކާގައި ސުލްހަވެރި މުޒާހަރާތަކެއްވެސް ވެސް ކޮށްފައިވެއެވެ.

މިގަވާއިދާ ބެހޭގޮތުން އދގެ ހިއުމަން ރައިޓްސް ކައުންސިލުގެ މިދިޔަ ބުދަދުވަހުގެ ބައްދަލުވުމުގައިވެސް މަޝްވަރާތައް ކުރެވިފައިވެއެވެ. މިކަމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އޮފިސް އޮފް ހައިކޮމިޝަނާ އޮފް ހިއުމަން ރައިޓްސް ގެ ޗެއަރޕާސަން، މިޝެލް ބެޝެލެޓް ވަނީ ސްރީލަންކާގައި ހަދާފައިވާ އެފަދަ ހަރުކަށި ގަވާއިދުތައް ކުއްވެރި ކުރައްވާފައެވެ. އަދި މިގަވާއިދާއެކު މަރުވާ މީހުން ވަޅުލަމުންދާ މުސްލިމުންނާއި ކްރިސްޓިއަނުންނަށް ހިތާމަވެރިކަމާއި ކަންބޮޑުވުން އިހުސާސް ކުރަން ޖެހިފައިވާކަމަށް މިޝެލް ވަނީ ފާހަގަ ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން