ބަންގްލަދޭޝްގެ 251 ޑޮކްޓަރެއް ކޯވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފައި
ބަންގްލަދޭޝްގެ 251 ޑޮކްޓަރެއް ކޯވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފައި
ސިއްހީ ޚިދުމަތުގައި މަސައްކަތްކުރަމުންގެންދިޔަ 251 ބަންގްލަދޭޝް ޑޮކްޓަރުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް ބަންގްލަދޭޝް ޑޮކްޓަރސް ފައުންޑޭޝަން (ބީޑީއެފް) އިން ބުނެފިއެވެ.

އަލްޖަޒީރާ ނޫހުން ރިޕޯޓުކޮށްފައިވާގޮތުގައި ބީޑީއެފްއިން ބުނެފައިވަނީ އެންމެ މަދުވެގެން 251 ޑޮކްޓަރުން ވައިރަހަށް ޕޮޒިޓިވްވެފައިވާކަމަށާއި، އޭގެތެރެއިން 200 ޑޮކްޓަރުންނަކީ ވެރިރަށް ޑާކާއިން ޕޮޒިޓިވްވި މީހުންކަމަށެވެ. މިހާގިނަ ޑޮކްޓަރުން ޕޮޒިޓިވްވާން މެދުވެރިވި އެއް ސަބަބަކީ ޕަރސަނަލް ޕްރޮޓެކްޓިވް އެކުއިޕްމަންޓް (ޕީޕީއީ) ލިބުމުގައި ދިމާވި ދަތިތަކެއްގެ ސަބަބުން އެކަށީގެންވާ ރައްކާތެރިކަމެއް ނެތި ބަލިމީހުންނަށް ފަރުވާ ދޭން ޖެހުމުންކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ގެ ބަލިމަޑުކަމުގައި ބޭނުންވާ މިންވަރަށް ޕީޕީއީ ނުލިބުމުގެ މައްސަލަ ގިނަ ގައުމުތަކަކުން ފާހަގަކޮށްފައި ވެއެވެ. ބަންގްލަދޭޝްގެ ބީއާރްއޭސީ ޔުނިވަރސިޓީގެ ދިރާސާއަކުން ދައްކާގޮތުގައި، ކޯވިޑް-19 ގެ ބަލި މީހުންނަށް ފަރުވާދިނުމުގައި ހަރަކާތްތެރިވާ 25 އިންސައްތަ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން، 60 އިންސައްތަ ސިއްހީ ޚިދުމަތްތެރިންނަށް އެކަށީގެންވާ އަދަދަކަށް ޕީޕީއީ ނުލިބެއެވެ.

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޕީޕީއީގެ ޑިމާންޑު ބޮޑުވުމާއެކު، ރެޑީ-މޭޑް ގާރމަންޓް އުފައްދާ ކާރުޚާނާތަކުން ޕީޕީއީ އުފެއްދުމުގެ މަސައްކަތްވަނީ ފަށާފައެވެ. ޗައިނާއަށްފަހު ބަންގްލަދޭޝްއަކީ ދުނިޔޭގައި އެންމެ ގިނައިން އަންނައުނު އުފައްދާ ބޭރުކުރާ ގައުމެވެ. އެހެންނަމަވެސް ބިޒްނަސް ސްޓޭންޑަޑުން ބުނެފައިވާ ގޮތުގައި މިކާރުހާނާތަކުން ތައްޔާރުކުރެވެނީ ކެމިކަލް ރެސިސްޓެންޓް ޕީޕީއީކަމަށާއި، ޑަސްޓް ފްރީ މެޑިކަލް ގްރޭޑްގެ ޕީޕީއީ ތައްޔާރުނުކުރެވޭކަމަށެވެ.

ބީޑީއެފްގެ ޗީފް އެޑްމިނިސްޓްރޭޓަރ ނިރުޕަމް ދާސްއާއި ހަވާލާދީ އަލްޖަޒީރާއިން ބުނެފައިވަނީ ވައިރަހަށް ޕޮޒިޓިވްވުމާއެކު ޑޮކްޓަރުންނާއި އެ ޑޮކްޓަރުން މަސައްކަތްކުރި ވޯޑުތައް ކަރަންޓިނު ހާލަތަށް ގެނެވޭ ކަމަށާއި، ބަންގްލަދޭޝްގެ 11 ހޮސްޕިޓަލެއްގެ އައިސީޔޫތަކާއި ޖެނެރަލް ވޯޑުތައް މިހާތަނަށް ބަންދުކޮށްފައިވާކަމަށެވެ. ދާސް ވިދާޅުވީ ބަންގްލަދޭޝްއަކީ އެހާ ވަރުގަދަ ސިއްހީ ނިޒާމެއް އޮންނަ ގައުމެއް ނޫންކަމަށާއި، ހުރިހާ ޑޮކްޓަރުން ކަރަންޓީނުކުރަން ޖެހިއްޖެނަަމަ ވައިރަހާ ދެކޮޅަށް ހަނގުރާމަކުރެވޭނެ ގޮތެއް ނޯންނާނެކަމަށެވެ.

ވޯލްޑް ބޭންކުގެ ޑިވެލޮޕްމެންޓަލް އިންޑިކޭޓަރސް އިން އެނގޭގޮތުގައި ބަންގްލަދޭޝްގެ ކޮންމެ 500 މީހަކަށް އެގައުމުގައި ހުންނަނީ އެންމެ ޑޮކްޓަރެކެވެ. މިއީ މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް އެންމެ ދަށް އަދަދުތަކުގެ ތެރެއިން އަދަދެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން