މަނީ ލޯންޑްރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ހުކުމް އިއްވެވި ފަނޑިޔާރު، އަލީ ރަޝީދުގެ އާއިލާގެ ހުރިހާ މެމްބަރުންނަށް ހިޔާ ފްލެޓް ލިބުމުން ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫނު ފާޑުވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީއެއްގެ ގޮތުގައި ކުރިން ހުންނެވި އަލީ ރަޝީދަކީ މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރެކެވެ.

"އަދުލު އިންސާފުގެ އަސާސަކީ ހަމަހަމަކަން. "އިންސާފުގެ ދަތުރު" ގެ ވާހަކައިން ރައްޔިތުން ބެއްލެވީ އެ މިންގަނޑަށް. ފެންނަނީ ޒާތީ ހަސަދަ ފިލުވުމަށް، އެތަކެއް ރައްޔިތެއްގެ ހައްގު ގުރުބާން ކުރިތަން. ބާރާއި ނުފޫޒުން އަނދުން އެޅުވިތަން. ދެއްކީ ހުސް ވާހަކަކަން. އެއްވެސް އިޚްލާޞްތެރިކަމެއް ނެތްކަން." ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ރައީސް ޔާމިންގެ ވެރިކަމުގައި ހިންގި ހިޔާ މަޝްރޫޢުގެ 7000 ފްލެޓުން ފްލެޓް ލިބުނު މީހުންގެ ލިސްޓު އާންމު ކުރިއިރު، ގއ. ވިލިނގިއްޔަށް އުފަން ގާޒީ އަލީ ރަޝީދުގެ އާއިލާގައި ހިމެނިވަަޑައިގަންނަވާ ދެ މެމްބަރުން ވެސް ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކަމަށް ވެއެވެ.

ފްލެޓް ކޮމިޓީން ބުނެފައިވަނީ ހިޔާ މަޝްރޫޢުގެ ދަށުން ޢިމާރާތްކުރި 7000 ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ޢާއްމުކުރީ، އެ މީހުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅަށް ބެލުމަށްފަހު ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ހިންގި ހިޔާ މަޝްރޫޢުގެ ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް ނެރުނު އިރު ކުރީން ފްލެޓް ލިބުނު ކަމަށް ލިއުންދީފައިވާ އެތައް ބައެއްގެ ޕޮއިންޓް މަދުވެގެން ނޫނީ ޝަރުތު ހަމަ ނުވާތީ ފްލެޓް ނުލިބޭނެ ކަމަށް އެންގުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ



ކިޔުންތެރިންގެ ހިޔާލު