-ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)-

ދުނިޔޭގައި އެ ބަޔެއްގެ ބަހަށް ނިސްބަތްކޮށް މުޅި ޤައުމަށް ނަންކިޔަނީ އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އެންމެ ދެ ޤައުމެކެވެ. އެއީ ދިވެހިރާއްޖެއާއި "ބަންގާޅުކަރަ" (ބަނގްލާދޭޝް) އެވެ. އަޅުގަނަޑު ދެކޭ ގޮތުގައި މިއީ ފަޚުރެކެވެ. ދިވެހިރާއްޖެއަށް ނިސްބަތްވާ މީހުންނަކީ ދިވެހީންނެވެ. ބަނގްލާދޭޝްއަށް ނިސްބަތްވާ ރައްޔިތުންނަކީ ބަނގުލާދޭޝީންނެވެ. ބަންގާޅީންނެވެ.

ދިވެހިބަހުން ބަނގްލާދޭޝްއަށް "ބަންގާޅުކަރަ"އޭ ކިޔައެވެ. ދިވެހި ބަސްފޮތުގައި ނެތްނަމަވެހެވެ. އަދި ބަންގާޅޭ ވެސް ކިޔައެވެ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އިންޑިއާއާއި ބަންގްލާދޭޝް ދެ ޤައުމަކަށް ބައިކޮށްލިއިރު، ބަންގްލާދޭޝްއަށް ބޮޑުބައެއް ލިބުނު ރަށަކީ ބެންގާލް (ނުވަތަ ބެންގޯލް) އެވެ. ބެންގޯލްއަށް ދިވެހިން ކިޔައި އުޅެނީ "ބަންގާޅު"ކަމަށް ވެއެވެ.

ފަހުން ބަނގްލާދޭޝް އުފެދުނު އިރު ނަންކިޔައިފައި އެ އޮތީ އެ ރަށަށް ނިންބަތްކޮށެވެ. އިންޑިއާއަށް އެ ރަށުން ތަންކޮޅެއް ބަހައިގެން ލިބުނަސް ބަންގާޅުގެ ބޮޑުބައި ވަނީ ބަންގްލާދޭޝްއަށެވެ. އެ ޤައުމަށް އެ ނަން ކީ އެއް ސަބަބަކީ ވެސް އެއީ އެވެ. ބަންގްލާދޭޝްގެ މާނައަކަށް އިނގިރޭސިބަހުން ލިޔެފައި ހުންނަނީ ވެސް "ބެންގާލީ ނޭޝަން" (Bengali Nation) އެވެ. ދިވެހިބަހުން ކިޔާ ނަމަ "ބަންގާޅުކަރަ"އެވެ. ބާރުގަދަ އިންޑިއާ، ފަހުން އެ ރަށް މިލްކުކުރާން ދައުވާކޮށް އަތުލައިފާނެ ކަމުގެ ބިރަށްޓަކައި، މުޅި ޤައުމުގެ ނަން އެ ރަށަކަށް ނިސްބަތްވާ ރަށެއް އެހެން ގައުމަކަށް އަތުލައިގަންނާން ފަސޭހަ ނުވާނެތީ މުޅިޤައުމަށް "ބަނގްލާދޭޝް" ކީ ކަމަށް ގަބޫލުކުރާ ބަޔަކު ވެސް އުޅެއެވެ.

ކޮންމެ އަކަސް ބަންގާޅުކަރައަކީ (ނުވަތަ ބަންގްލާދޭޝް އަކީ) ބެންގާލް ނުވަތަ ބެންގޯލް ނުވަތަ ބަންގާޅު އަޞްލަކަށް ބަލައިގެ އެ ސަރަޙައްދުގައި ދިރިއުޅުނު މީހުންނަށް 26 މާރިޗް 1971 ގައި އުފެއްދި ޤައުމެކެވެ. އޭގެ ކުރީން ބެންގާލް ނުވަތަ ބެންގޯލް (Bengal) އަކީ އިންޑިއާގެ ރަށެކެވެ. ބޮޑު ސަރަހައްދެކެވެ. އެ ސަރަހައްދުގެ މީހުން ވާހަކަދައްކަނީ ބެންގާލީ (ބަންގާޅު) ބަހުންނެވެ.

މި ޤައުމު އުފެދުމުގެ ކުރީން ވެސް އެ ސަރަޙައްދުގެ މީހުންނަށް ދިވެހިބަހުން ކިޔަނީ ބަންގާޅީންނެވެ. ފަހުން ބަންގްލަދޭޝް އުފެދުނީ އެ ރަށަށް ނިސްބަތްކޮށެވެ. އެ ސަރަހައްދުގެ މީހުން ވާހަކަދައްކައި އުޅުނު ބަންގާޅީ ބަހަށް ނިސްބަތްކޮށެވެ. އެހެންވީމާ ބަންގާޅަށް ނިސްބަތަވާ މީހުންނަކީ ބަންގާޅީންނެވެ. "ބަންގާޅީ" މި ލަފުޒު އުފެދުނީ ބަނގްލާދޭޝް ވުޖޫދަށް އައުމުގެ ކުރީންނެވެ. އެހެންކަމުން ދިވެހި ބަސްފޮތުގައި "ބަންގާޅީ" މި ލަފުޒުގެ މާނައެއް ކަމަށް "ބަންގްލާދޭޝަށް ނިސްބަތްވާ މީހާ"އޭ ނޯވެދާނެއެވެ. ނަމަވެސް އެއީ "ބަންގާޅަށް ނިސްބަތްވާ މީހާ"އޭ އޮންނާނެއެވެ. ބަންގާޅަށް ނިސްބަތްކޮށް ނުވަތަ ބަންގާޅު ބަހަށް ނިސްބަތްކޮށް އުފެއްދި ޤައުމުގައި ދިރިއުޅެނީ އެ މީހުންނެވެ. އެހެންވީމާ އެއީ ބަންގާޅީންނެވެ. ތާރީޚީ ހަގީގަތަކީ މިއީއެވެ.

ތާރީޚީ އަނެއް ހަގީގަތަކީ ދިވެހީން ވެސް، ދިވެހި ކާބަފައިން ވެސް "ބަންގާޅީ" މި ލަފުޒު ބޭނުންކޮށް އުޅުނީ ޝަރަފުވެރި ނަމެއްގެ ގޮތުގައިކަމެކެވެ. އެހެނީ ރެހެންދި ޚަދީޖާގެ ކާފާފުޅު (ޢުމަރުވީރު ރަސްގެފާނުގެ ބައްޕާފުޅު: ޞަލާހުއްދީން ޞާލިޙަކީ ވެސް ބަންގާޅީއެކެވެ. ބަންގާޅުގެ މަޝްހޫރު ވިޔަފާރިވެރިއެކެވެ. އޭނާގެ ނަންފުޅުގެ ފަހަތުގައި "ބަންގާޅީ" (ބަންޖާލީ) ބޭނުންފުޅުކުރައްވައިފައި ވަނީ ފަޚުރެއްގެ ގޮތުގައެވެ. އެއީ މަލާމާތަކަށް ތާރީޚުގައި ލިޔެފައި އޮންނަ ނަމެއް ނޫނެވެ.

އަދި އެހެން ހަގީގަތެއް ވެސް އެބަ އޮތެވެ. ދިވެހި ކާބަފައިން އިހު ޒަމާނުގައި ބަންގާޅު ދަތުރުކުރުމަކީ ޝަރަފެއްކަމަށް ދުށްޓެވެ. އެ ދަތުރުތަކާ ގުޅުވައިގެން ހަރުބަސްތައް ވެސް އުފެދިފައި އެބަހުއްޓެވެ. މަށަށް އެ ރަށަށް ދެވުނީ "ކާޅުގުއި ބަންގާޅަށް ދާ ގޮތަށެވެ." ބުނެއެވެ. ބަންގާޅަށް ދަތުރުކުރާ އޮޑިފަހަރަށް ކާޅު ގުއި ރީފައި ހުންނަ ނަމަ، އެ އޮޑި ދާ ތާކަށް އެ ގުއި ވެސް ދާނެތާއެވެ. އެ ރަށަށް ގޮސްގެން އޭނާއަށް ވީކަމެއް، ފެނުނު ތަނެއް، ނެތް ނަމަ އެއީ ހަމަ ކާޅުގުއި ވެސް ބަންގާޅަށް ދިޔަ ގޮތަށް ދެވުނީ ކަމަށް ކިޔައެވެ. ބަންގާޅު ދުންފަތަކީ، ބަންގާޅު މުންޑަކީ ދިވެހީންގެ ގާތުގައި ޤަދަރުވެރި އަގުހުރި ތަކެއްޗެވެ. ބަންގާޅަކީ ދިވެހީން ޝަރަފުވެރިކަމާއެކު ދަތުރުކުޅަ ރަށެކެވެ. އެހެންވީއިރު މިހާ ޤަދަރުބޮޑު ރަށަކަށް ނިސްބަތްވާ ރައްޔިތުން ޝަރަފުވެރި ނުވާންވީ ކީއްވެ ކަމެއް އަޅުގަނޑަކަށް ނުވިސްނެއެވެ. ވީމާ ބަންގާޅު މީހުންނަށް ބަންގާޅީންނޭ ކިޔަނީ ޝަރަފުވެރި ނަމެއްގެ ގޮތުގައެވެ.

ހަމަ މި ގޮތަށް ދިވެހި ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ދިވެހިބަހުން ކިޔަނީ ދިވެހީންނެވެ. ދިވެއްސެކޭ ބުނުމަކީ ދިވެއްސަކަށް ކުޑައިމީސްކޮށް ހިތުންކަމަށް ނުވާ ފަދައިން ބަންގާޅީއެކޭ ބުނުމުން އެއީ އިހާނެތިކަމެއް ކަމަށް ގަބޫލުކުރާން ފަސޭހައެއް ނޫނެވެ. އެއީ ތާރީޚީ ޝަރަފެކެވެ.

ލަންކާ މީހަކަށް ކިޔާނީ ސިންގަޅައެކޭއެވެ. އިނގިރޭސިވިލާތު މީހުންނަށް ކިޔާނީ އިނގިރޭސިއެކޭއެވެ. ޢަރަބިކަރައިގެ މީހަކަށް ނުވަތަ ޢަރަބިބަހުން ވާހަކަދައްކާ މީހަކަށް ކިޔާނީ ޢަރަތްބެކޭއެވެ. މި ނަންނަމަކީ އެ ނަމެއް ނިސްބަތްވާ މީހުންގެ ޝަރަފެވެ. ބަދުނާމެއް ނޫނެވެ.

އަޅުގަނޑު މިހެން ދަންނަވާއިރު ވެސް އެކި ޤައުމުގެ މީހުންނާ މެދު ދުނިޔޭގެ ހުރިހާ ޤައުމެއްގެ މީހުން ވެސް ދެކޭ ގޮތުގައި ތަފާތުތަކެއް ހުރެއެވެ. އިންޑިއާ މީހެކޭ ބުނީމާ ޤަދަރުކުޑަކުރާ މީހުން ވެސް ދުނިޔޭގައި އުޅެއެވެ. ޚުދު އަޅުގަނޑު މިކަން ތަޖުރިބާކުރީމެވެ. ބޭރު ޤައުމެއްގައި އަޅުގަނޑަކީ އިންޑިއާ މީހެއްކަމަށް ހީކޮށް އަޅުގަނޑުގެ ރައްޓެއްސެއްގެ ބައްޕަ އަޅުގަނޑާ ވާހަކަދައްކާން ދެކޮޅުހެދިއެވެ. ނަމަވެސް ފަހުން އަޅުގަނޑަކީ ދިވެހި މުސްލިމެއްކަން އެނގުނު ހިސާބުން ވަރަށް ޤަދަރުކުރިއެވެ. އަދި މުސްލިމެކޭ ބުނީމާ އެއީ ޓެރަރިސްޓެއްކަމަށް ދެކޭ ބަޔަކު ވެސް ދުނިޔޭގައި އެބަ އުޅެއެވެ. ދެން މުސްލިމުން މުސްލިމުންނަށް ނުވާނެ ގޮތެއް އޮންނާނެތޯއެވެ. އެހެންވީމާ އެއީ ބަހުގެ މައްސަލައެއް ނޫނެވެ. ނަމުގެ މައްސަލައެއް ވެސް ނޫނެވެ. އެއީ އެހެންކަމެކެވެ. އެއީ ނަސްލީ އިމްތިޔާޒެވެ. ތަފާތުކުރުމެވެ. މިއީ ދެރަކަމެކެވެ.

ހުރިހައި އިންސާނުންނަކީ ވެސް އިޙުތިރާމް ލިބިގެންވާ ބަޔެކެވެ. މީހެއްގެ ނަސްލަކަށް ކުލަޔަކަށް މިންތިއަކަށް ބަލައިގެން ތަފާތުކުރެވިގެން ނުވާނެއެވެ. އެއީ ނަމުގެ މައްސަލައެއް ނޫނެވެ. އެ ނަމަކަށް ނިސްބަތްވާ ބަޔަކާ މެދު ދެކޭ ގޮތުގެ މައްސަލައެކެވެ. ހިސްދުސްތާނު މީހުންނަކީ ހިންދީންނެވެ. ބަންގާޅުކަރައިގެ މީހުންނަކީ ބަންގާޅީންނެވެ. އޮޅުދޫކަރައިގެ މީހުންނަކީ ސިންގަޅައިންނެވެ. ދިވެހިރާއްޖޭގެ މީހުންނަކީ ދިވެހީންނެވެ. މިއިން އެއްވެސް ނަމަކީ އެ ނަމަކުން އެ ބަޔަކާ މުޚާޠަބުކުރުމުން އެއްވެސް އައިބުކަމެއް ނެތް ޝަރަފުވެރި ނަންތަކެކެވެ. އެކަމަކު މި ނަންތައް ބޭނުންކުރާންވާނީ ޝަރަފުވެރިކަމާއެކީގައެވެ. އިޙުތިރާމުގެ ނަޒަރަކުންނެވެ. މީހުން ދެރަކުރުމަށްޓަކައި މިފަދަ ނަމެއް ބޭނުންކޮށްގެން ނުވާނެއެވެ. މިއީ ޝަރަފުވެރި ނަމެއްކަން ބަންގާޅީންނަށް ވެސް ވިސްނައިދެވިދާނެއެވެ. ދިވެއްސެކޭ ބުނީމާ ދިވެހީން ދެރަ ނުވާ ފަދައިން ބަންގާޅު ރައްޔިތުން ވެސް އެ މީހުންގެ ޤައުމީ ނިސްބަތާމެދު ފަޚުރުވެރިވާން ދަސްކޮށްދޭން ޖެހޭނެއެވެ. ބެންގާލީ އަށް ދިވެހިބަހުން ކިޔަނީ ބަންގާޅީކަން ވިސްނައިދޭންވީއެވެ. އެއީ އެ މީހުން ގެންގުޅޭ ސާހިބުންގެ މަސްއޫލިއްޔަތެއްކަމަށް ދެކެމެވެ. ހުރިހާ ދިވެހީން ޒިންމާއެކެވެ.


ކިޔުންތެރިންގެ ހިޔާލު


33

އެޑްމުންޑޯ

26-Apr-2020

މިއަދުގެ ޖީލަށް ވަރަށް މުހިއްމު މައުލޫމާތެއް މިލިބުނީ , އަސްލުވެސް އަހަރަމެންގެ ކާބަފައިން ބަންގާޅީން މިނަން ބޭނުކުރީ ޝަރަފްވެރިކަާއި އެކު , ނަމަވެސް މިއަދުގެ ޒުވާނުން އެނަން ބޭނުންކުރަނީ މީހާ ދެރަކޮއްލަން


18

ޢަލީ

25-Apr-2020

ތާރީހުގައި އެހެން އޮތެއްކަމަކު މިހާރު އެކަން ބަދަލު ވެއްޖެ. ދެން ތާރީހުންވެސް ބަދަލުވިކަން އަންނަން އޮތް ޖީލައް އަންގަދޭންޖެހޭ


29

އިބްރާހީމް އާދަމް

23-Apr-2020

މި ޤައުމު އުފެދުމުގެ ކުރީން ވެސް އެ ސަރަޙައްދުގެ މީހުންނަށް ދިވެހިބަހުން ކިޔަނީ ބަންގާޅީންނެވެ. ފަހުން ބަންގްލަދޭޝް އުފެދުނީ އެ ރަށަށް ނިސްބަތްކޮށެވެ. އެ ސަރަހައްދުގެ މީހުން ވާހަކަދައްކައި އުޅުނު ބަންގާޅީ ބަހަށް ނިސްބަތްކޮށެވެ. އެހެންވީމާ ބަންގާޅަށް ނިސްބަތަވާ މީހުންނަކީ ބަންގާޅީންނެވެ. "ބަންގާޅީ" މި ލަފުޒު އުފެދުނީ ބަނގްލާދޭޝް ވުޖޫދަށް އައުމުގެ ކުރީންނެވެ. އެހެންކަމުން ދިވެހި ބަސްފޮތުގައި "ބަންގާޅީ" މި ލަފުޒުގެ މާނައެއް ކަމަށް "ބަންގްލާދޭޝަށް ނިސްބަތްވާ މީހާ"އޭ ނޯވެދާނެއެވެ. ނަމަވެސް އެއީ "ބަންގާޅަށް ނިސްބަތްވާ މީހާ"އޭ އޮންނާނެއެވެ. ބަންގާޅަށް ނިސްބަތްކޮށް ނުވަތަ ބަންގާޅު ބަހަށް ނިސްބަތްކޮށް އުފެއްދި ޤައުމުގައި ދިރިއުޅެނީ އެ މީހުންނެވެ. އެހެންވީމާ އެއީ ބަންގާޅީންނެވެ. ތާރީޚީ ހަގީގަތަކީ މިއީއެވެ.


15

އިބްރާހީމް އާދަމް

23-Apr-2020

ދިވެއްސެކޭ ބުނީމާ ދިވެހީން ދެރަ ނުވާ ފަދައިން ބަންގާޅު ރައްޔިތުން ވެސް އެ މީހުންގެ ޤައުމީ ނިސްބަތާމެދު ފަޚުރުވެރިވާން ދަސްކޮށްދޭން ޖެހޭނެއެވެ. ބެންގާލީ އަށް ދިވެހިބަހުން ކިޔަނީ ބަންގާޅީކަން ވިސްނައިދޭންވީއެވެ. އެއީ އެ މީހުން ގެންގުޅޭ ސާހިބުންގެ މަސްއޫލިއްޔަތެއްކަމަށް ދެކެމެވެ. ހުރިހާ ދިވެހީން ޒިންމާއެކެވެ.


22

މިތުރު

23-Apr-2020

ކޮބާ ހީވޭކަމެއްހެން. ޢެހެންވީމާ ބަންގްލަދޭޝްގެ ބޭބޭފުޅުން ފަހްރުވެރިވާވެ އެބޭފުޅުންނަށް ބަންގާޅީން ކިޔުނީމަ


4

އަޝްރަފް

23-Apr-2020

ދެން ހިންދޫއިން, ތަމަޅައިން ކިޔަނީ ކޮންގޮތަކަށްބާ?ޓްރެންޑިން