ޑީޕޯޓް ކޮށްލުން އެއީ ބޭރު މަސައްކަތު މީހަކަށް ކުޑަ އަދަބެއްތޯއޭ ވިދާޅުވެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު ބްރިގޭޑިއާ ރިޓަޔަރޑް އިބްރާހިމް މުހައްމަދު ދީދީ، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަހުމަދު ހައިލަމާއި ސުވާލެއް ކުރިމަތި ކުރައްވައިފިއެވެ.

ޑީޑީ މިހެން ވިދާޅުވެފައިވަނީ ހުޅުމާލޭ މިސްކިތެއްގައި ދިވެއްސަކަށް ހަމަލާދިން އިންޑިއާ މީހާ ފުރުވާލީ މަސްލަހަތަށްޓަކައި ކަމަށް ޕީޖީ އޮފީހުން ބުނުމުން، ‏ކުށެއް ކުރުމުގައި މީހަކަށް ޙަމަލާ ދީފައިވާނަމަ، ޢާންމު މަޞްލަޙަތަށް އެންމެ ފައިދާހުރި ގޮތަކީ ދައުވާކުރުން ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާއިރު، ޤާނޫނާ ޚިލާފަށް މަޞްލަޙަތު ބޮޑުގޮތް ކަނޑައެޅުމުގެ ބާރު ‎ޕީޖީ އަށް ލިބިގެނެއް ނުވާކަމަށް ހައިލަމް ވިދާޅުވުމާއި ގުޅިގެންނެވެ.

ހުޅުމާލޭ އަޒީޒާ މިސްކިތުގައި ނަމާދުކުރަން ހުރި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިން އިންޑިއާ މީހާގެ ބަންދަށް އިތުރު ފަސް ދުވަސް ޖަހާފައިވަނިކޮށް އޭނާ ރާއްޖެއިން ފުރުވާލާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

"ތި ރިފަރ ކުރެއްވީ ދިވެހި ރައްޔިތުންގެ ވާހަކަ ނޫންތޯ؟ ދިވެހިން ޑީޕޯޓް ނުކުރެވޭނެ އެއް ނޫންތޯ؟ޑީޕޯޓް ކޮށްލުން އެއީ ބޭރު މަސައްކަތު މީހަކަށް ކުޑަ އަދަބެއް ތޯ؟ އިމިގްރޭޝަންގެ ގާނޫނުންވެސް ބޭރު މީހުން ކުށް ކުރީމަ ޑީޕޯޓް ކުރުމުގެ ބާރު އިމިގްރޭޝަނަށް ވެސް އޮވޭ ނޫންތޯ؟" ހައިލަމްގެ ވާހަކައަށް ރައްދު ދެއްވަމުން ޑީޑީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ހައިލަމް ވަނީ ޖިނާއީ މައްސަލަތަކުގައި ދިވެހިންނާއި ބިދޭސީން ފަރަގު ކުރަންޖެހޭ އަސާސަކީ ކޮބައިތޯ ސުވާލު އުފައްދަވާފައެވެ. އަދި ދައުވާ ކުރުމުގައި ޕީޖީގެ މަގާމުގައި ތިއްބަވާ ބޭފުޅުން މަގާމުގެ ނުފޫޒް ބޭނުންކުރަން ފެށުމުން، ދައުވާ ކުރުމަށް ނުވަތަ ނުކުރުމަށް ނިންމުމުގައި ރިއާޔަތް ކުރަންޖެހޭނެ ކަންކަން ގާނޫނުގައި ސަރީހަ ބަހުން ލިޔެފައިވާ ކަމަށް ހައިލަމް ވިދާޅުވެފައި ވެއެވެ.



މިކަމަށް ރައްދު ދެއްވަމުން ޑީޑީ ވަނީ ދައުވާ ކުރުމާއި ނުކުރުމަކީ ޕީޖީގެ މުތުލަގު އިޚްތިޔާރެއް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިކަމަށް ރައްދު ދެއްވަމުން ހައިލަމް ވިދާޅުވެފައިވަނީ އެއްވެސް މަގާމެއް ގައި ހުންނަ ފަރާތަކީ އެއްވެސް ކަމެއް ކުރުމުގެ މުތުލަގު ބާރު އޮންނަ ފަރާތެއް ނޫން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު