ކޯވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އޮތް ހަމައެކަނި އުއްމީދަކީ ކޮވިޑަށް އުފެއްދި ވެކްސިނެވެ. މި ވެކްސިން އުފެއްދީ ކުރިއަރާފައިވާ ދުނިޔޭގެ މުއްސަނދި ގައުމުތަކުންނެވެ. މިދެންނެވި ފަދަ މުއްސަނދި ގައުމުތަކުގެ ސަރުކާރު ތަކުން މިލިއަނުން ޚަރަދު ކޮށްގެންނެވެ. ނަމަވެސް އޭގެ މާނައަކީ މި ވެކްސިން އުފައްދައިގެން އެގައުމު ތަކުގެ ރައްޔިތުންގެ ފުރާނަ އެކަނި ސަލާމަތް ކުރުމެއް ނޫނެވެ. މިއީ ބައިނަލްއަޤްވާމީ ޖަމިއްޔާ ތަކުން ގަބޫލުކުރާ ގޮތެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢު ކުރިން ގަބޫލުކުރި ގޮތެވެ.

މިފަދަ ކަންކަމުގައި ދުނިޔޭގެ އެންމެންނަށް ހަމަހަމަ ކަމާއެކު އިންސާފުން ވަކި އުސޫލުތަކަކުން ކަންކުރުމަށް ދުނިޔޭގެ ގައުމުތައް ގުޅިގެން ވަނީ ޖަމާޢަތެއްވެސް އުފައްދާފައެވެ. ޔުނައިޓެޑް ނޭޝަންސް ނުވަތަ އެކުވެރި ދައުލަތްތަކުގެ ނަމުގައި އުފައްދާފައިވާ އެ ބޮޑު ޖަމާއަތް އުފެއްދުމުގެ އެއް ބޭނުމަކީ އެޖަމާއަތުގައި ބައިވެރިވެފައިވާ އެންމެން ވަކި ގާނޫނު ތަކަކާއި ގަރާރުތަކަކާއި މުއާހަދާ ތަކަކާއި ސިޔާސަތު ތަކަކާއި އުސޫލުތަކަކަށް އެއްބަސްވެ ސޮއިކޮށް އޭގައިވާ ގޮތުގެ މަތިން އެންމެން އަމަލުކޮށް ދުނިޔޭގައި ދިރިއުޅޭ އިންސާނީ ދަރިފަސްކޮޅުގެ މެދުގައި ހަމަހަމަކަން ގާއިމުކޮށް އިންސާނީ ދަރިފަސްކޮޅު ހިމާޔަތްކޮށްދިނުމެވެ. ޖަންގަލީގެ އުސޫލުން ބޮޑުއެތި ނުވަތަ ބާރުގަދަ އެތި ގޮސް ކުދި ޖަނަވާރުތައް ކާލާ ބޮޑު އެތި ބަނޑުފުރާލާ އުސޫލުން އިންސާނީ ދަރިފަސްކޮޅުގެ މެދުގައި ކަންކަން އޮތަ ނުދިނުމަކީ މި ޖަމާއަތުގެ އެންމެ އިސް ގާނޫނު އަސާސީން ކަށަވަރު ކޮށްދޭ އެއް އަސާސެވެ.

އެޖަމާއަތުގެ މެންބަރަކަށް ވެވެނީ މިދެންނެވި ފަދަ އެޖަމާއަތް ގަބޫލުކުރާ ގާނޫނުތައް ބަލައިގަނެ ގަބޫލުކޮށް އެ ގާނޫނު ތަކާއި އެއްގޮތަށް އަމަލު ކުރުމަށް ގައުމުތަކުގެ ސަރުކާރު ތަކުން އެއްބަސްވެ ސޮއިކޮށްގެންނެވެ. އެޖަމާއަތް އުފެދުނު ފަހުން މިހާތަނަށް ވެސް ގިނަ ކަންކަމުގައި ގައުމުތަކުން އަމަލު ކޮށްފައިވަނީ އެޖަމާއަތުގެ މިދެންނެވި އަސާސް ތަކާއި އެއްގޮތަށެވެ. ޚާއްޞަކޮށް ދުނިޔޭގެ ދަރިފަސްކޮޅަށް، ކާނާއާއި ބޯފެނާއި ސިއްހީ ދުޅަހެއުކަމާއި އިންސާފާއި ހަމަހަމަކަމާއި އިންސާނީ ހައްޤުތަކާއި ސުލްހަ ގާއިމުކޮށްދިނުމުގައި އެޖަމާއަތުން މިހާތަނަށް ވެސް ވަނީ މުހިންމު މަސައްކަތް ތަކެއްކޮށް ކާމިޔާބު ތަކެއް ވެސް ހޯދާފައެވެ.

ދުނިޔޭގައި މިއަދު ފެތުރެމުންދާ ކޯވިޑް-19ގެ ނުރައްކާތެރި ބަލިމަޑުކަމުގައި ވެސް އދ.ގެ މިދެންނެވި ސިޔާސަތު ތަކުގެ ތެރެއިން މަސައްކަތްތަކެއް ކުރަމުންދާއިރު އެންމެ ފާހަގަކޮށްލެވުނު އެއްކަމަކީ ބަލިން ދިފާޢުވުމަށް ދުނިޔޭގެ އެކި ގައުމުތަކުގައި އުފައްދާ ބަލީގެ ވެކްސިން ހަމަހަމަ ކަމާއެކު ދުނިޔޭގެ ގައުމުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނަމުން ގެންދިޔައީ ކޮވިޑް ވެކްސިން ދުނިޔޭގެ ފަގީރު ގައުމުތަކާއި މެދުފަންތީގެ ގައުމުތަކަށް ވެސް ހަމަހަމަ އުސޫލަކުން ލިބެން ޖެހޭނެ ކަމަށެވެ. އަދި އެކަމަށްޓަކައި އެޖަމާއަތުން ވަނީ ޚާއްޞަ ޕްރޮގްރާމެއް އެކުލަވާލައި ދުނިޔޭގެ މުއްސަނދި ގައުމުތަކުން ވެސް އެޕްރޮގްރާމްގެ ތެރޭގައި ބައިވެރިކޮށްގެން ހަމަހަމަ ކަމާއެކު ވެކްސިން ފޯރުކޮށްދިނުމަށް ސިޔާސަތެއް ކަނޑައަޅާފައެވެ.

ނަމަވެސް އާޚިރުގައި ކަންހިނގާ މިދަނީ އެޖަމާއަތުން އެކުލަވާލި ސިޔާސަތު ތަކާއި އެއްގޮތަކަށް ނޫނެވެ. ކޮވިޑަށް ވެކްސިނެއް އުފެއްދުނު އިރު މުޅި ދުނިޔެ އޮތީ ބަލިމަޑުކަމުގެ ސިކާރައަކަށް ވެފައެވެ. ބަލި ޖެހުމުގައި އަދި ފެތުރުމުގައި ވެސް މުއްސަންޖެއް ކުޑައެއް ބޮޑެއް ތަފާތެއް ނެތެވެ. ބަލީގެ އަސަރު ނުކުރާ ގައުމެއް ނެތެވެ. ކޮވިޑްގެ ބަލިމަޑުކަން ފެތުރި އެބަލީގައި އެތައް ބަޔަކު މަރުވަމުން ދިއުމުގެ ކަންބޮޑުވުމާއި އެއްވަރަށް ނުވަތަ އެއަށްވުރެ ބޮޑަށް ގައުމުތައް ތަހައްމަލު ކުރަން ޖެހިފައިވާ އަނެއް ކަމަކީ އިގުތިސާދީ ބަލި މަޑުކަމެވެ. ފަގީރު ގައުމުތަކާއި މެދުފަންތީގެ ގިނަ ގައުމުތަކަށް މި ދެންނެވި ބަލިމަޑުކަމުގެ އަސަރު ކުރަމުންދާ މިންވަރު މާބޮޑެވެ. އެހެންކަމުން މިދެންނެވި ގައުމުތަކުގައި ކޮވިޑްގެ ބަލިމަޑުކަމުގެ ހާލަތުން އަރައިގަނެވޭއިރު އެހެން ބަލިމަޑުކަމެއް މިވަނީ ފެތުރިފައެވެ.

ކޯވިޑް ވެކްސިން ހަމަހަމަކަމާއެކު ގައުމުތަކަށް ފޯރުކޮށްދިނުމަށް އދ ގެ ސިއްހަތާ ބެހޭ ޖަމިއްޔާ ޑަބްލިޔޫ އެޗް އޯއިން އެކުލަވާލި ކޯވެކްސް ޕްރޮގްރާމުގައި ދުނިޔޭގެ ގިނަ ގައުމުތަކަކުން ބައިވެރިވެފައިވާއިރު ފަގީރު ގައުމުތަކާއި މެދު އާމްދަނީގެ ގައުމުތައް މި ޕްރޮގްރާމްގައި ބައިވެރިވީ ވަރަށް ފޮނި އުއްމީދު ތަކަކާއި އެކުގައެވެ. ދުނިޔޭގެ ބޮޑެތި، މުއްސަނދި ގައުމުތަކުން މިހަމަހަމަކަން ދަމަހައްޓައި އެގައުުތަކަށްވެސް ހަމަހަމަ ކަމާއެކު ވެކްސިންލިބޭނެ ކަމުގެ ފޮނި އުއްމީދުގައެވެ. ނަމަވެސް މިއަދު މިފެންނަނީ އެމަންޒަރެއް ނޫނެވެ. ކޯވިޑް ވެކްސިން މައްސަލައިގައި އދ ގެ ނިންމުންތަކާއި އެއްބަސްވުންތައް ނުހިގާ ތަނެވެ. ދުނިޔޭގެ ބޮޑެތި މުއްސަނދި ގައުމުތަކުން އދ އަށް ބޯނުލަނަބާ މަންޒަރެވެ. މީގެ ސަބަބުން މިއަދު މުޅި ދުނިޔެއަށް ހާމަވެގެން މިދިޔައީ ދުނިޔެއަށް ކުރިމަތިވާ މިފަދަ ހާލަތެއްގައި އަދިވެސް އިންސާނީ ހައްގުތަކާއި ހަމަހަމަކަމާއި ވަސީލަތްތަކާއި އިންސާފު ވެސް ލިބޭނީ ނުވަތަ ލިބުމުގައި އިސްކަން ދެވޭނީ ހަމަ ޖަންގަލީގެ އުސޫލުގެ ދަށުން ކަމެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ގައުމު ތަކުންނާއި މުއްސަނދި ގައުމުތަކުން ހޭދަކޮށްގެން ވެކްސިން އުފައްދައިގެން ވެކްސިން ޖަހާ ނިންމަނީއެވެ. އދ.ގެ ވެކްސިން ޕްރޮގްރާމްގައި ބައިވެރިވެގެން ތިބި ގައުމުތަކުގެ ރައްޔިތުންނަށް ވެކްސިން ލިބޭނެ ދުވަހެއް ވެސް ނޭނގެއެވެ. އދ އިން ހެދި ވެކްސިން ކިޔޫ ފަޅާލާފައި މުއްސަނދި ގައުމުތަކުން ވަދެ ކުންފުނި ތަކަށް ބޮޑު އަގު ދީފައި ވެކްސިން ގަނެގެން އެގައުމު ތަކުގެ ރައްޔިތުންނަށް ވެކްސިން ދީ ނިންމަނީއެވެ. އދ މިކަމުގައި ފެއިލްވެފައިވާކަމަށް އެއްބަސްވެ މުއްސަނދި ގައުމުތަކަށް އެކަން އެގޮތަށް ނުކުރުމަށް ގޮވާލުން ނޫން ކަމެއް އެޖަމާއަތަކަށް މިފަހަރަކު ނުކުރެވުނެވެ.

ދުނިޔެއަށް ދިމާވާ ކަންކަމުގައި ބަސްކިޔައި ގޮތް ކިޔައިހެދުމުގެ ބާރާއި ކަންކަމަށް ނޫނެކޭ ބުނުމުގެ ބާރު ލިބިފައިވާ ގައުމުތައް ހިމެނޭ އދގެ ގުނަވަންތައް ވެސް މިފެންނަނީ މިކަމުގައި ބަހެއް ކިޔަން ނުކުޅެދިފައިވާ ތަނެވެ. ގައުމުތަކުގެ ރައްޔިތުންގެ ފައިސާއިން ޗަންދާ ދެއްކީމާ އެފައިސާއިން މުސާރަ ނަގައިގެން ފާޑުފާޑުގެ ނަންނަމުގައި ބޮޑެތި ވަޒީފާތަކުގައި ޒިންމާތައް ނަގައިގެން ތިބެ، އިންސާނީ ހައްގުތަކާއި ހަމަހަމަ ކަމާއި މިނިވަން ކަމަށް ދައުވާކޮށް އެކަންކަމަށް ވަކާލާތުކޮށް ގޮވާލާ މަންދޫބުން ވެސް ތިބީ ހަމަ ހަނެވެ. އެއްވެސް ބަހެއް ބުނާކަން މިފަހަރަކު ނުކެރުނެވެ.

ކޯވިޑް ވެކްސިން ހަމަހަމަ ކަމާއެކު ގައުމުތަކަށް ފޯރުކޮށްދިނުމުގައި އދ ފެއިލްވެފައިވާ ކަމަށް އެއްބަސްވެ ވަޑައިގެން، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އިސް ވެރިޔާ އެންމެ ފަހުން ވިދާޅުވީ ވެކްސިން ކިޔޫ ފަޅާލާފައި ވަދެ ދުނިޔޭގެ 42 ގައުމަކުން ފެކްސިން ޖަހަމުން ގެންދާއިރު އޭގެ ތެރޭގައި ދުނިޔޭގެ މުއްސަނދި 36 ގައުމު ހިމެނޭ ކަމަށެވެ. ވެކްސިން ކިޔޫ ފަޅާލާފައި ވަދެ ވެކްސިން ޖަހަމުން ގެންދާ 42 ގައުމުގެ ތެރޭގައި މެދު އާމްދަނީގެ 6 ގައުމެއް ވެސް ހިމެނެއެވެ. ކޯވެކްސް ޕްރޮގްރާމްގެ އުސޫލުތައް މުގުރާލާފައި، ވެކްސިން ކިޔޫ ފަޅާލާފައި ވަދެ މުއްސަނދި ގައުމުތަކުން ވެކްސިން ޖަހަމުން ގެންދިއުމަކީ ވަރަށް ކަންބޮޑުވުން އޮތް ކަމެއްކަމަށް ބުނެލުން ފިޔަވައި މިއަދު އދ.އަށް ނުވަތަ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނެތެވެ.

"މިކަމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދުނިޔޭގެ މުއްސަނދި ގައުމުތަކުން ކޮވިޑްގެ ވެކްސިން ތަކުގެ ބޮޑު އަދަދެއް ގަނެ ކޮންޓްރޯލް ކުރަމުންދާ މައްސަލަ. މިހާރު މިފެންނަނީ މެދުފަންތީގެ ގައުމުތަކުންވެސް އެބަޔަކާއި ގުޅުންހުރި ގައުމުތަކުންނާއި ދޭދޭ ގުޅުންތަކުގެ ތެރެއިން ވެކްސިން ހޯދަން މަސައްކަތް ކުރަމުންދާތަން. މީގެ ސަބަބުން ވެކްސިންގެ ޑިމާންޑް ބޮޑުވެ ވެކްސިންގެ އަގު އެތައް ގުނައަކަށް އުފުލިގެންދާނެ. މީގެ އާޚިރު ނަތީޖާއަކަށްވާނީ ހަވާސާވެފައިވާ ގައުމުތަކާއި އެންމެ ފަގީރު ގައުމުތަކުގެ ހައިރިސްކް މީހުންނަށް ވެކްސިން ނުލިބުން." ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދުނަން ގެބްރިޔާސަސް ވިދާޅުވެފައި ވެއެވެ.

ޑީލްތައް ހަދައިގެން ވެކްސިން ނުވިއްކުމަށް ކުންފުނިތަކަށް ސިއްހަތު ޖަމިއްޔާއިން ގޮވާލި ނަމަވެސް އަދި މުއްސަނދި ގައުމުތަކުން ބޮޑު އަގުގައި ވެކްސިންގެ ބޮޑު އަދަދެއް ނަގައިގެން އެގައުމުތަކުގެ އެންމެންނަށް ވެކްސިން ނުދޭން ސިއްހަތު ޖަމިއްޔާއިން ކިތަންމެ ވަރަކަށް ގޯވާލި ނަމަވެސް މިއަދު އެއްވެސް ގައުމަކުން އެއަޑު އަހާތަނެއް ނުފެނެއެވެ. ކޯވެކްސް ޕްރޮގްރާމްގެ ތެރެއިން ނޫނީ ވެކްސިން ސަޕްލައި ނުކުރުމަށް ގޮވާލި ނަމަވެސް މިއަދު އެކަމެއް އެގޮތަކަށް ނުހިނގައެވެ. އަޑެއް ނާހައެވެ. ހައިރިސްކް އާބާދީއަށް ހަމަހަމަކަމާއެކު ވެކްސިން ދީފައި ނޫނީ އާބާދީގެ އެހެން މީހުންނަށް ވެކްސިން ނުދިނުމަށް ކުރިން ގައުމުތަކުން އެއްބަސްވެފައި އޮތް ނަމަވެސް އެކަން މިހާރަކު ހަނދާނެއް ނެތެވެ. އަދިވެސް މުއްސަނދި ގައުމުތަކުން ވެކްސިންގެ ބޮޑެތި ޝިޕްމަންޓްތައް އެތެރެކޮށްގެން އެގައުމުތަކުގެ ހުރިހާ ރައްޔިތުންނަށް ވެކްސިން ޖަހާ ނިންމަނީއެވެ. އދ އޮތީ މިކަމުގައި ވަރަށް ބޮޑަށް ފެއިލްވެފައެވެ. އެޖަމާއަތުގެ ހުރިހާ ގުނަވަން ތަކަށް ވެސް އެވަނީ ކޮވިޑްގެ ބަލިމަޑުކަން ޖެހި ވެންޓިލޭޓަރުގައެވެ. އދ.ގެ އެކި ފާސްތައް އަޅުވައިގެން ހަމަހަމަ ކަމާއި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރި އެންމެންވެސް ތިބީ ބަލި ޖެހި ކޯމާއެއްގައެވެ.

އދ ގެ އުސޫލުތަކާއި އިންސާފަށް ބަލައިގެން ވެކްސިން ހޯދަން ކިޔޫގައި ތިބި ގައުމުތަކަށް މިހާރު އޮތީ ގައުމުގެ ހަރުމުދާ ވިއްކައިގެން ވެސް އަދި ކިތަންމެ ބޮޑު ޑީލެއް ހަދައިގެން ވެސް ވެކްސިން ހޯދައިގެން ރައްޔިތުން ސަލާމަތްކުރުމެވެ. ނޫނީ ވާނެ އެއްޗެއްވާން ދޫކޮށްލުމެވެ. ކޮވިޑް ވެކްސިނަށް އދ ގެ ތެރެއިން ކުޑަވެސް އުއްމީދެއް ނެތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން