ފުލުހުން އަތުލައިގަނެފައިވާ މަސްތުވާތަކެތި (ފޮޓޯ: ޕޮލިސް މީޑިއާ)
ފުލުހުން އަތުލައިގަނެފައިވާ މަސްތުވާތަކެތި (ފޮޓޯ: ޕޮލިސް މީޑިއާ)
ނިމިގެންދިޔަ 2020 ވަނަ އަހަރު ފާހަގަ ކުރެވިފައިވަނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އައި މަސައްކަތް އިތުރަށް ފުޅާކޮށް މަސްތުވާތަކެތީގެ ބޮޑެތި ނެޓްވޯކްތަކެއް ފަޅާއަރުވާލި އަހަރެއްގެ ގޮތުގައެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް އެއްގަމާ ކަނޑުމަގުން ފުލުހުން ހިންގާފައިވާ ބޮޑެތި އޮޕަރޭޝަންތަކުގެ ތެރޭގައި ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު، ނިމިދިޔަ އަހަރު ފާހަގަ ކުރެވުނީ ފުލުހުންގެ ބެލުމުގެ ދަށުގައިހުރި ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ނައްތާލި އަހަރެއްގެ ވެސް ގޮތުގައެވެ. އެގޮތުން 500 ކިލޯ އަށް ވުރެ ގިނަ މަސްތުވާ ތަކެތި ފުލުހުން ވަނީ ނައްތާލާފައެވެ.

2020 ވަނަ އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަހު ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޙަމީދު ހާމަކުރެއްވި އެއްމެ ބޮޑު ޚަބަރަކީ މަސްތުވާތަކެތި އަތުލައިގަތުމަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 72 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަތް ޚަބަރެވެ. އެގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑްރަގް އިންޓެލިޖެންސް ޑިޕާޓްމަންޓާއި ޑްރަގް އެންފޯސް ޑިޕާޓްމަންޓާއި މެރިން ޕޮލިސް އިން ހިންގި އޮޕަރޭޝަނެއްގައި މ.ބޮއިލިންގފިޝް، އަޙްމަދު ވިސާމް އިސްވެހުރެ، އިތުރު ބަޔަކާ ބައިވެރިވެގެން "އިރު އަލިމަސް" ކިޔާ ދޯންޏެއްގައި ރާއްޖެ އެތެރެކުރުމަށް މަސައްކަތްކުރި 60 ކިލޯއަށް ވުރެ ގިނަ ހެރޮއިން ވަނީ އަތުލައިގެންފައެވެ. މިމައްސަލައިގައި 11 ދިވެއްސަކު ހައްޔަރު ކޮށްފައިވެއެވެ.

މިމައްސަލާގައި ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތި ބަލައިދިޔަ ކަމަށް ތުހުމަތުކުރެވޭ އަލިމަސް ނަމަކަށްކިޔާ ދޯނި ބަލައި ފާސްކޮށް، މިއޮޕަރޭޝަނުގައި މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ ގިނައަދަދެއްގެ ފައިސާވެސް ފުލުހުންވަނީ އަތުލައިގެންފައެވެ. މި 11 މީހުންގެ ތެރެއިން 7 މީހުންނަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި "އިރު އަލިމަސް" ދޯނީގައި ދަތުރު ކުރި މީހުން ކަމަށާއި، އަނެއް 4 މީހުން ހައްޔަރުރީ މާލެއިންކަމަސް ފުލުހުންވަނީ ބުނެފައެވެ. މި މީހުންގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނަރަލް ވަނީ ކްރިމިނަލް ކޯޓަށް ހުށައަޅުއްވާފައެވެ.



މިއަހަރުގެ އޮކްޓޯބަރ 3 ވަނަ ދުވަހު ޕޮލިސް ކޮމިޝަނަރ ހާމަކުރެއްވީ، އައްޑޫ ސިޓީގައި ފުލުހުން ކުރިއަށްގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގައި 98.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ.

ސ.ހިތަދޫ / ފިނިފަރު، ޢަބްދުﷲ އިބްރާހީމް (33 އަހަރު) އިސްވެ ހުރެ ދިވެހިންގެ އިތުރު ބަޔަކާއި ބޭރުބަޔަކު ގުޅިގެން ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރަންއުޅޭ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓާއި ޑްރަގް އިންޓެލިޖެންސް އާއި މެރިން ޕޮލިސް އާއި ސައުތު ޕޮލިސް ޑިވިޜަންގައި ގާއިމްވެތިބޭ ސްޕެޝަލް އޮޕަރޭޝަންގެ ފުލުހުން އަދި ސައުތު ޕޮލިސް ޑިވިޜަން ގުޅިގެން އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުގައި ހިންގި ޚާއްސަ އޮޕަރޭޝަންގައި ވަގުތީ ބަރުދަނުގައި 98.6 ކިލޯގެ މަސްތުވާތަކެތި އަތުލައި ގަނެފައިވެއެވެ.

މި އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި އެމް.ޑީ.އެމް.އޭ އާއި، އެމްފިޓަމިން އާއި ހެރޮއިން ހިމެނޭކަމަށް ފުލުހުން ވިދާޅުވިއެވެ. މި އޮޕަރޭޝަންގައި ފުލުހުން ޖުމްލަ 16 މީހުން ހައްޔަރު ކުރިއެވެ.





މީގެ އިތުރުން އޮކްޓޯބަރ މަހުގެ 8 ވަނަ ދުވަހު، އެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން 2020 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށް ނައްތާނުލެވިހުރި 300 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފުލުހުން ވަނީ ނައްތާލާފައެވެ. އެގޮތުން ނައްތާލި މަސްތުވާތަކެތީގެ ބަރުދަނަކީ 324.05 ކިލޯގްރާމް ކަމަށްް ފުލުހުން ވަނީ ބުނެފައެވެ. މީގެތެރޭގައި ހިިމެނެނީ 108.81 ކިލޯގްރާމްގެ ހެރޮއިންއާއި 158.8 ކިލޯގްރާމްގެ ކެނަބިސް އާއި 39.04 ކިލޯގްރާމްގެ މެޓަމްފެޓަމިން ރެސިމޭޓް އާއި 14.9 ކިލޯގްރާމްގެ ކޮކެއިން އާއި 1.7 ކިލޯގްރާމްގެ އެމް.ޑީ.އެމް.އޭއެވެ.

2020 ވަނަ އަހަރުގެ އޮކްޓޯބަރ 12 ވަނަ ދުވަހު ފުލުހުން ވަނީ، ހުޅުމާލޭ ކައިރީގައި އޮތް ދޯންޏަކުން 130 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހޯދައިފައެވެ. އެކަމާގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޔުނިޓާއި މެރިން ޕޮލިސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހޯދާފައިވާ މަސްތުވާތަކެތީގެ ތެރޭގައި ހެރޮއިންއާއި މެތަފެޓަމިން ހިމެނޭ ކަމަށެވެ.

މިތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށްހުރި ފަރާތްތަކަކީ ޕީއެންސީގެ ކައުންސިލް މެމްބަރު ގއ. ވިލިނގިލި/ލައިޓްހައުސް، ޝަހީބް އިބްރާހިމް އާއި ހއ. ހޯރަފުށި/ ވައިލެޓްވިލާ، އަހްމަދު މޫސާ އެވެ.

މި ދެމީހުންގެ ތެރެއިން ގއ. ވިލިނގިލި/ލައިޓްހައުސް، ޝަހީބް އިބްރާހިމް (42އ) އަކީ 2019 ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ގުޅުން އޮތް ފަރާތެކެވެ. އަދި މަސްތުވާތަކެތި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހިފެހެއްޓި އިރާން ބޯޓުން ހައްޔަރުކުރި 7 މީހުންނާއި ޖާމިނު ވެފައިވަނީ ޝަހީބް އިބްރާހިމްއެވެ. އަދި އެމައްސަލާގައި ޝަހީބް އިބްރާހިމްއާއި ޖާމިނުކޮށް، އީރާން 7 މީހުން ކްރިމިނަލް ކޯޓުން ވަނީ ބަންދުން ދޫކޮށްލާފައެވެ.

މި މައްސަލާގައި ޝަރީޢަތް ނިމެންދެން ޝަހީބު އިބްރާހިމް ވަނީ ބަންދުކޮށްފައެވެ.



2020 ވަނަ އަހަރުގެ ޑްރަގްގެ ބޮޑު އެންމެ ފަހު އޮޕަރޭޝަންގައި ޑިސެމްބަރ މަހުގެ 8 ވަނަ ދުވަހު ދިވެހިރާއްޖެ އަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު 10 މީހަކު ހައްޔަރު ކުރިއެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތާއި ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި މެރިން ޕޮލިސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި އަތުލައިގަތް މަސްތުވާތަކެތި އެތެރެކުރުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވެފައިވަނީ، ސ. ހުޅުދޫ / ދޭލިޔާގެ، އިރުފާން ތަޤިއްޔުއާއި ރ. އިނގުރައިދޫ / އެލެސްކާ، މުޙައްމަދު ވިޝާމް އެވެ.

ފުލުހުން ބުނެފައިވަނީ، ހަފްތާއެއްހާ ދުވަސްކުރިން ފަށައިގެން ފުލުހުން ހިންގަމުންދިޔަ މިއޮޕަރޭޝަނުގައި ފުލުހުން ރާއްޖޭގެ ކަނޑުގެ އެކި ސަރަޙައްދުތަކުގައި ހަރަކާތްތެރިވަމުން ގޮސްފައިވާ ކަމަށެވެ. އަދި އެެގޮތުން ހަރަކާތްތެރިވަމުންދަނިކޮށް، "މަސްޖަރީ" ނަމަކަށްކިޔާ ކަންނެލި ދޯންޏެއްގައި ރާއްޖެއިން ބޭރުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ލޯންޗެއްގައި ގޮސް ދޯނިން މަސްތުވާތަކެތި ނަގައިގެން ޑިސެމްބަރު 8 ވަނަ ދުވަހުގެ މާލެއަށް އެތެރެކޮށްފައިވާކަމުގެ މައުލޫމާތު ލިބުމުން މާލެއަށް އެތެރެކުރި މަސްތުވާތަކެތި ކާރެއްގެ ޑިކީއަށް އަރުވާފައިވަނިކޮށް ފުލުހުން ވަނީ ހޯދާފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.



އަހަރު ނިމެމުން ދަނިކޮށް ފުލުހުން ވަނީ، އެކި އޮޕަރޭޝަންތަކުގައި އަތުލައިގަނެވޭ މަސްތުވާތަކެތި ވީއެންމެ އަވަހަކަށް ނައްތާލުމަކީ ފުލުހުންގެ އަމާޒެއްކަމަށް ވިދާޅުވެ، އެއަމާޒަށް ވާޞިލްވުމުގެ ގޮތުން ކުރަމުންއަންނަ މަސައްކަތުގައި 203 ކިލޯގެ މަސްތުވާތަކެތި ޑިސެމްބަރ 29 ވަނަ ދުވަހު ނައްތާލާފައެވެ. މިތަކެތީގެ މަގުމަތީގެ އަގު 203،123،830.00 ރުފިޔާއަށް އަރައެވެ.



ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތް އަހަރެއްގެ ގޮތުގައި 2020 ވަނަ އަހަރު ފާހަގަ ކުރެވިފައިވާއިރު، ފުލުހުން އަތުލައިގަތް މަސްތުވާތަކެތީގެ ބޮޑެތި ނެޓްވޯކްތަކުގެ ތަޙްގީގު މަރުޙަލާ ނިންމައި މައްސަލަތައް މިހާރު ވަނީ ޕީޖީއަށް ފޮނުވާފައެވެ. އަދި މީގެ ތެރެއިން ގިނަ މައްސަލަތައް މިހާރު ވަނީ ކޯޓުތަކުގެ މަރުޙަލާގައެވެ. ފުލުހުންވަނީ ޑްރަގް ޓްރެފިކްކުރާކަމަށް ތުހުމަތުކުރެވޭ، ބޮޑު 7 ނެޓްވޯކާ ގުޅުންހުރި އޮޕަރޭޝަންތަކެއް 2020 ވަނަ އަހަރުގެ ތެރޭގައި ކުރިއަށް ގެންގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން