އަހުމަދު ޝާހް   18 ޑިސެމްބަރު 2020 - 13:49
އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
މީ ނުދައްކާ ވާހަކައެވެ. ނުވަތަ ދައްކަން ބޭނުންނުވާ މީހާގެ ވާހަކައެވެ. އަދި ސިޔާސީ މީހުން ދައްކަން އެންމެ ޖެހިލުންވާ މީހާގެ ވާހަކައެވެ. ސަބަބުތަކެއް ނެތީމައެއް ނޫނެވެ. އެމީހެއްގެ ވާހަކަ ޕޮޒިޓިވްކޮށް ކަމުގައިވިޔަސް އަދި ނެގެޓިވްކޮށް ކަމުގައި ވިޔަސް ދައްކައިފިނަމަ ޤައުމުގައި އެވާހަކައެއް އެންމެ ފަސޭހައިން ވައި ހިއްޕާލެވޭނެ މީހާގެ ވާހަކައެވެ. އޭނާގެ ނަން ބޭނުންކޮށްގެން ސިޔާސީ މައިދާނަށް އަލަށް ނިކުންނަ "ކިރުބޯ ޅަކުއްޖާ" ވެސް ބަހެއް ބުނެފިނަމަ "ބޮޑެތި މީޑިއާ" ތަކުގެ ފަލަ ސުރުޚީން ޖާގަ ލިބޭ މީހާގެ ވާހަކައެވެ. ގިނަފަހަރަށް ސިޔާސީ މީހުން އެމީހާގެ ވާހަކަ ޕޮޒިޓިވްކޮށް ރައްޔިތުންގެ ކަންފަތްތަކަށް އިވުނަކަ ނުދޭނެއެވެ. އެއީ އެމީހެއްގެ ސަބަބުން މިކިޔާ "ހިތުން ސިޔާސީ" މީހުންގެ ވިދުން ފަނޑުކޮށްލާތީއެވެ. އެމީހާގެ މަންޒަރު ހުތުރުކުރަން ވާހަކަ ދައްކާ ސަބަބަކީ އެއީއެވެ. އާދޭހެވެ. މިހެންގޮސް ކިތަންމެ ވަރަކަށްވެސް ހާސަރު ދިގު ކުރެވިދާނެއެވެ. އެހެންކަމުން ކުރުކޮށްލީއެވެ. މި ދައްކަނީ ދެވަނަ މީހެއްގެ ވާހަކައެއް ނޫނެވެ. ރައީސް ނަޝީދުގެ ވާހަކައެވެ.

ދިވެހި ޖުމްހޫރިއްޔާގެ 04 ވަނަ ރައީސް، އަދި ދެވަނަ ޖުމްހޫރިއްޔާގެ 03 ވަނަ ރައީސް، ރައީސް މުޙައްމަދު ނަޝީދަކީ އެތައް ގޮތަކުން ފާހަގަ ކޮށްލެވޭ ކުޅަދާނަ ފަހުލަވާނެކެވެ. އެމަނިކުފާނަކީ ރާއްޖޭގެ ސިޔާސީ މަސްރަޙުގައި އެހެން ބޭފުޅުން ކުޅުއްވަން ޖެހިލުންވެ ވަޑައިގެންނެވި އެތައް ކުޅިއެއް ޖެހިލުމެއްނެތި ކުޅުއްވާ ޖެހިލުންކުޑަ ލީޑަރެކެވެ. ޖުމްހޫރީ މައިދާން މެދުން 04 މީހުންނާއެކު ކުރެއްވި މުޒާހަރާއާއި، ނައިފަރުން އެމަނިކުފާނުގެ ހަށިކޮޅަށް ޖެހި ޗަކަ އާއި، ރައީސް މައުމޫންގެ ވެރިކަމުގައި ޖަލުގައި ދެވުނު އަނިޔާއާއި، އިންތިޚާބުވާ މަޤާމުތަކުން އެއްގޮތް ނެތިއްޔާ އަނެއްގޮތަކުން ބޭރުކޮށްލުމުންވެސް، ޢަޒުމާއެކު ކުރިއަށް ގޮސް ކުޅިފަސް ހޯއްދަވާ "ސްމާޓް" ލީޑަރެކެވެ. ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރެއްވުމުގައި ރައީސް ނަޝީދުގެ ޢަމަލު ފުޅުތައް ދިރާސާކޮށްލުމުން އެކަމަށް ހެކި ދެއެވެ. ދެން އަސްލު މަޢުޟޫޢު އަށް ޖެހިލާނަމެވެ.

ރައީސް ނަޝީދުގެ ސިޔާސީ ވާދަވެރިންނަކީ ސަރުކާރުގެ އެތެރޭގައާއި ބޭރުގައިވެސް ތިބި ބައެކެވެ. ގިނަ ފަހަރަށް ގިނިކަންޏާ ކުޅުއްވަނީ އެމަނިކުފާން އެކަންޏެވެ. އެހެން ލީޑަރުން އެމަނިކުފާނާއި އެއް އޮޑިއަކަށް އަރަނީ އެނޫން ގޮތެއް ނެތި އަމިއްލަ ގަޔަށް ހޫނު ފެން އެޅުމުންނެވެ. އެހެން ނަމަވެސް ކައިރީގައި ތިބެވެސް އެފަރާތްތަކުން ބަލަނީ ރައީސް ނަޝީދު ކޮށްޕާ އޮޑިން ބޭރުކުރެވޭތޯއެވެ. އެ ބީދައިން މިހާރު އެންމެ ޢާއްމުކޮށް ދައްކާ ވާހަކައަކީ އެމަނިކުފާނު ގެ ލީޑަރޝިޕްގެ ދަށުގައި އޮތް އެމްޑީޕީގެ 40 އިންސައްތަ ޙިއްސާވާ މި ސަރުކާރު ބަލިކަށި ކުރުމަށް ރައީސް ނަޝީދު މަސައްކަތް ކުރަށްވާ ވާހަކައެވެ. ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ފިއްތުންތައް ކުރިމަތިކޮށް ވެރިކަން ނިމުމަކަށް ގެނައުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވާ ވާހަކަ އެވެ. ހުސް ވާހަކައެވެ. ފްލޯކެވެ.

ކުރިންވެސް ދެންނެވި ފަދައިން ރައީސް ނަޝީދުގެ ސިޔާސީ ވާދަވެރިން ތިބީ އެތެރެއާއި ބޭރުގައެވެ. ނޫކުލައިން ރީނދޫ ކުލައަށް ބަދަލުވެ ގިރިޓީ ކޮށްލައިގެން އުޅޭ ބަޔަކާއި، ސަރުކާރު ކޯލިޝަންގެ 60 އިންސައްތަ އަކީވެސް އެމަނިކުފާނުގެ ސިޔާސީ ހަތުރުންނެވެ. އެހެންކަމުން އެފަރާތްތަކުގެ މަޤްސަދަކަށް ވެފައިއޮތީ އެމަނިކުފާނުގެ އޮފް ކަނޑުވާލުމެވެ. ފުރަތަމަ ބުނެ އުޅުނީ "ގަންޖާބޯ" މީހެއް ކަމަށެވެ. ރައްޔިތުން އެކަން ޤަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ. ދެން ބުނަންފެށީ "ލާދީނީ" މީހެއް ކަމަށެވެ. އެ ކާޑު ވެސް ރައްޔިތުންގެ ކުރިމަތީ ވިއްކޭ ގޮތެއް ނުވިއެވެ. ދެން މިހާރު ކުޅޭ ކުޅިއަކީ ބޯވަހެދި ކުލަ ބަދަލުކޮށް ސަރުކާރުގެ ތެރެއިން 60 އިންސައްތަ މެޖޯރިޓީ އާއި، ޕާލިމެންޓަރީ ގްރޫޕްގެ ވިޕުންގެ ގޮތުގައާއި، ޕާޓީގެ އިސް މަޤާމުތަކުގައި ތިބެ އެމަނިކުފާނު ބަލިކޮށްލުމަށް ކުރެވޭ މަސައްކަތެވެ.

ރައީސް ނަޝީދު އަބަދުވެސް ވިދާޅުވާ ވާހަކަފުޅެއް އޮވެއެވެ. ދާންވާނީ ކުރިއަށެވެ. ފަހަތް ބަލާނެކަމެއް ނެތެވެ. އަދި ކުރިއަށް ދާންވާނީވެސް ފިސާރި ބާރަށެވެ. އެމަނިކުފާނުގެ އެ ސްޕީޑްގައި، އެކުގައި ތިބޭ ފަހަތު ފަޔަށް ބުރަ މީހުންނަށް ނުހިނގޭނަމަ އެމަނިކުފާނު އެވާހަކަ ދައްކަވާނެއެވެ. ރައްޔިތުން ސަރުކާރެއް ޙަވާލުކޮށް ޒިންމާ އާއި މަތިކުރުމުން ސަރުކާރަކަށް ދެއްކޭނެ ޙުއްޖަތެއް ނޯންނާނެއެވެ. އަވަސް ތަރައްޤީ ހަލުވި ކަމާއެކު އަންނަކަމުގެ އިޙްސާސް ރައްޔިތުންނަށް ވާން ޖެހޭނެއެވެ. ރައީސް ނަޝީދު ކަންބޮޑުވެ ވަޑައިގަންނަވަނީ އެ އިޙްސާސް ރައްޔިތުންނަށް ނުވެ ރައްޔިތުން އުދާސް ވެފައި ވާތީއެވެ. ރައްޔިތުން ޝަކުވާ ބަންޑެލި ހިފައިގެން މީސް މީޑިއާގައި އުޅެން ޖެހިފައިވާތީއެވެ. އެ މައްސަލަތައް ޙައްލު ކުރުމުގައި ސަރުކާރަށް އެދެވޭ ނަތީޖާއެއް ނުނެރެވޭތީއެވެ. ކޯލިޝަންގެ 60 އިންސައްތަ ޕާޓްނަރަށް ބައްލަވަން ހައްދަވައިގެން ރައްޔިތުންގެ 60 އިންސައްތަ ތާޢީދު ސަރުކާރަށް ގެއްލޭތީއެވެ. އެހެންކަމުން އެމަނިކުފާނު އެވާހަކަ ދައްކާނެއެވެ. އެއީ ރައްޔިތުންގެ މީހާއެވެ. ރައްޔިތުން އެކަން ޤަބޫލުކުރެއެވެ.

ދެން ބުނާނެއެވެ. މަޖިލީސް އޮތީ އެމްޑީޕީގެ އަތުގައި ނޫންހެއްޔެވެ. އާދޭހެވެ. މަޖިލީސް އެބައޮތެވެ. ސުޕަރ މެޖޯރިޓީވެސް އެބައޮތެވެ. ނަމަވެސް ސަރުކާރުގެ ސްޕީޑް ލަސްވުމުން ވަޒީރުން މަޖިލީހަށް ޙާޟިރުކޮށްފިނަމަ އެކަން ވަނީ ރައީސް ނަޝީދު ސަރުކާރަށް ޖެއްސުން ކުރާ ކަމަށެވެ. ވަޒީރުން ނުރަނގަޅަށް ކުރަށްވާ ކަންކަން ފާހަގަ ކުރުމުންވެސް ގޯސް ވަނީ އެމަނިކުފާނެވެ. ނަމަވެސް އާޚިރުގައި އެއިން ކޮންމެ ކަމެއް ސާފުވެ ނިމޭއިރު މަޖިލީހުން ދައްކާ ވާހަކަ އޮންނަނީ ދިމާވެފައެވެ. ވެންޓިލޭޓަރުތަކަށް ވީގޮތް ހަނދާން ނެތޭހާ ދުވަހެއް އަދި ނުވެއެވެ. ގޯތި ނުދީގެން މާލޭ ރައްޔިތުން ރަތަށް އަރައިފިއެވެ. ސަރުކާރަށް ކުރެވުނު ކަމެއް ނެތެވެ. މަލީހެއް ޙިމާޔަތްކުރަން ސަރުކާރުން ކުރާ މަސައްކަތުން ރައްޔިތުންގެ ސިކުނޑީގެ ސްޕީޑްވެސް ފަސްވާން ފަށައިފިއެވެ. އިންޓަރނެޓްގެ ސްޕީޑް އަވަސްވާ ގޮތެއް ނުވިއެވެ. ޒަހާއެއްގެ ޙިމާޔަތުގައި ސަރުކާރު އޮށްވައި މަސްވެރިން ރުޅިއައިސް އެތިވަރުތައް ގޮވައި ނިންމައިފިއެވެ. އައްޑޫ ފްލައިން ސްކޫލްވެސް ދެވަޒީރެއްގެ ކޯލިޝަން ބޯޅައަކަށްވެ ރައްޔިތުން ތިބީ ތުންފިއްތައިގެންނެވެ. މިހެން ގޮސް ކިތަންމެ ކަމެކެވެ.

ރައީސް ނަޝީދު ގެ ހިތްހަމަނުޖެހުމަކީ އެއީއެވެ. އެމަނިކުފާނު ސަރުކާރާ ދެކޮޅެއް ނޫނެވެ. މަޖިލީހުގެ ތެރެއިން ވަޒީރުން ޒިންމާދާރުކުރުވަން އެމަނިކުފާނު ކުރަށްވާ މަސައްކަތުގެ ގޯސް ތަސައްވަރެއް ރައްޔިތުންނަށް ދައްކަނީ އެހެން ބަޔަކު މުޅިން އެހެން މަޤްސަދެއްގައެވެ. އެމަނިކުފާންގެ އޮފްކަން ކަނޑުވާލުމަށެވެ. ކުރަށްވާ މަސައްކަތާއި މިވާގޮތް ވިސްނަން ރައްޔިތުންނަށް ފުރުސަތު ލިބުނަ ނުދިނުމަށެވެ. ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީ ވަކިން ނިކުތީވެސް ސަބަބުތަކެއް އޮތީމައެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހަށް ރައީސް ނަޝީދު އެ ހުށައެޅުން ހުށައެޅުއްވުމުން އެކަމާ ދެކޮޅަށްވެސް ސަރުކާރުގެ އެ ކޯލިޝަން ނިކުތެވެ. ވާދަ ކުރަން ނުކެރޭތީއެވެ. އެދުވަހު ރައީސް ނަޝީދު ގޮތް ދޫކުރެއްވިނަމަ މަޖިލީހުންވެސް ގިނަވެގެން އެމްޑީޕީއަށް ލިބޭނީ 30 ގޮނޑިއެވެ. ރައްޔިތުން، ރައްޔިތުންގެ މަޖިލީސް ދިނީ އެމްޑީޕީއަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހަނދާނުގައި ބަހައްޓަންވީ ކަމަކީ އެއީއެވެ.

އެންމެންވެސް ބުނެއެވެ. ރައީސް ނަޝީދަކީ ތަފާތު ބޭފުޅެކެވެ. އެ މަނިކުފާން ޖައްސަވާ ހިސާބު އެހެން ބޭފުޅުންނަށް ޖައްސަވަން އެނގޭ ކަމަކަށް ނުވެއެވެ. ހަމަގައިމުވެސް އެމަނިކުފާނު ނުކުރަށްވާނެ ކަމެއް އޮންނާނެކަން ރައްޔިތުން ޤަބޫލުކުރެއެވެ. އެއީ ވައްކަން ކުރުމެވެ. ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވާނަމަ ވަޒީރަކަސް އަމީރަކަސް ރައީސް ނަޝީދު އެވާހަކަ ދައްކަވާނެއެވެ. އެއީ ސަރުކާރާ ދެކޮޅުވެގެންނެއް ނޫނެވެ. އެއީ ސަރުކާރާ އެއްކޮޅުވީމައެވެ. ސަރުކާރަކީ ރައްޔިތުންނެވެ. އެ ރައްޔިތުންނަށް ގެއްލުމެއް ލިބޭކަށް ރައީސް ނަޝީދު ބޭނުންފުޅެއް ނުވެއެވެ. އެހެންވީމާ ސުޕަރމެޖޯރިޓީގައިވެސް ޖީބު ފުރުމުގެ ވިސްނުން ހުންނަނަމަ، މާލޭ ރައްޔިތުންނަށް ގޯތި ނުދެވޭނަމަ، ފްލައިން ސްކޫލް ދަރިވަރުންގެ އުދާސްތަކަށް ލުޔެއް ނުލިބޭނަމަ، މަސްވެރިން ބިކަކުރާނަމަ، އިންޓަނެޓްގެ އަގު އާސްމާނުގައި ހުންނަނަމަ، ބްރޯ ހެދި އެހެންމީހުންނަށް ނޭނގޭހާ "ސްމާޓް" ކަޓުތައް ޖައްސާނަމަ އެވާހަކަ ދައްކަވާނީ ރައީސް ނަޝީދެެވެ.

ފްލެޓް ނޭޅެންޏާ ފްލެޓް ދޮންބެ ރުޅި އަންނާނެއެވެ. ފްލެޓް އަޅައިދޭން ޕްރަޕޯސަލް ހިފައިގެން އައީމާ ކަޓް ނުލިބޭތީ ނޫނެކޭ ބުނެ އެކަމަށް ހުރަސްއަޅާ ވަޒީރު އިސްތިއުފާ ދެއްވަން ވިދާޅުވާނެއެވެ. ރިޝްވަތު ނަގައި ވައްކަން ކުރާ މީހުންނާ ވަރަށް ގަޔާ ނުވާނެއެވެ. އެމީހުންނާ ދެކޮޅަށް ފާޅުގާ “އެމީހާ” ނުކުންނަވާނެއެވެ.

ރައީސް ނަޝީދުގެ ފާޑުކިއުންތަކުން ރެކިގަތުމަށް ސަރުކާރަށް ކުރެވެން އޮތީ އެންމެ ކަމެކެވެ. ސަރުކާރުންވެސް ސްޕީޑް ބާރު ކުރަންވީއެވެ. ރައްޔިތުން އެދޭ ތަރައްޤީ ބާރު ސްޕީޑްގައި ރައްޔިތުންނަށް ގެނެސްދޭންވީއެވެ. ނަތީޖާ ނުނެރެވޭ "ބޯތައް" ބޭރުކޮށް ރައްޔިތުން ހެއްވާލަންވީއެވެ. އޭރުން ރައީސް ނަޝީދުވެސް ސަރުކާރަށް ކިޔާނެ ފާޑެއް ނުއޮންނާނެއެވެ.


ކިޔުންތެރިންގެ ހިޔާލު


30

ހައްގުބަސް

25-Jan-2021

އިސްލާމް ދީނުގެ އަދުއްވެއް. އިސްލާމް ދީނުގެ ދުޝްމަނެއް. ސީދާ ލާދީނީ ކަންކަން ފަތުރަން އުޅޭ މަކަރުވެރިއެއް. ޖާހިލުންގެ ބަހަށް މީހުން ހެއްލޭލެއް އަވަސްވެފައި ގިނަ ވާނެ. ނޫންނަމަ ދުނިޔޭގައި ކާފަރުންނަށްވުރެ ގިނަ ވާނީ މުސްލިމުން. މި ނުބައި މީހާގެ މަކަރުވެރިކަމުގައި އަހަރެއް ވެސް ޖެހުނިން. އެކަމަކު މާތްﷲ ތެދު މަގު ދެއްކެވި ކަމަށްޓަކައި ހަމްދުކުރަން. މި ނުބައި މީހާއަކީ މުޅި ގައުމަށް ޖެހިފައިވާ ބޮޑުވެގެންވާ މުސީބާތެއް.


12

ޢަހޫ

29-Dec-2020

ވަރައް ފުރިހަމަ ލިޔުމެއް.


16

ޢަލީ

23-Dec-2020

ސުމެއްގެ ވާހަކައެއް


-7

މިސީ

21-Dec-2020

އިޒުރޭލު މީހަކު ބުދެއް ފެންނައިރަށް ކާފަރު ވަނީ ލޮލް


11

ޢިޒުރޭލް

20-Dec-2020

ތެދުވާހަކައެއް ރާއޖޭގެ ރަށް ތަކުގަ ބުދުބަހައްޓާ އަހަރެމެންގެ ދީނީ އަގީދާ ބަލިކޮއްލަން ކެރުނު ލީޑަރަކީ ތިބުނާ ކެނެރީގޭ ލަދީނީ އަންނި އަދި ސަރުކާކު ވައްޓާލަން މަސައްކަތް ކުރާނަމަ މަސައްކަތް ކުރަނީވެސް އޭނަ


8

ޙުސައިން

19-Dec-2020

މިވަރުގެ ސިޔާސީ ލީޑަރެއް ނުދެެކެން. މަނިކުފާނު ވީ ދީނީ ވާހަކަދެއްކުން ހުއްޓާލަން. ގިނަފަހަރު ރަނގަޅު އެއްޗެއް ބުނިއެއް ކަމަކު އޭތި އިދިކޮޅަށް ޖަހައިގެން ނޫސްތަކުގަ ލުޔެ ފަތު އަޑުކިޔާފަ މަނިކުފާނު ލާދީނީއޭ ކިޔާ ފަތުރަނީ. އ ޖާގަ ނުދިނުމަށް އެއްވެސް ވަރަކަށް ދީނީ ކަންކަމާ ނުބެހުން އެދެން. އަދިވެސް އެންމެ މަގުބޫލު ސިޔާސީ ޝަޚްސިައްޔަތު


15

ހަމަ އެމީހާ

19-Dec-2020

ތިޔަދައްކަނީ މޮޔަސޮރުގެ ވާހަކަ ބަލަ ޖަލަލީ އެތަނަލާނެމީހެއް ނެތިގެން ތައް ގަންޏާބޯ ކިޔުނީ ކަޅުސައި ބޯތީ ތައް ލާދީނީ ކިޔުނީ މިސްކިތުގަހުއްޓާތައް ކީވެތައް އެހުރިހާ ކަމެއް ވެސް ހަމަ އެމީހާ ޢަށް އެކިޔަނީ އެހެން މީހެއް ނެތީތައް؟ ކޮބާ މިހާރު އާއަހަރު ފާހަގަ ކުރަން ކޮއްވިޑް ޓެސްޓް ހަދައި ގެން ނެގެއްޓިވް ރިޕޯޓް ހިފައިގެން ރިސޯޓްގަ އެއީ ހަމަ އެކަމަށް ދެން ކީކޭ ބުނާނީ


6

ސިއްތި

19-Dec-2020

ތެދުވާހަކަ ވ ގިނަ . އެކަމަކު ދީނަށް އެކުރާ ފުރައްސާރައިގެ ވާހަކަ ނެތީމަ ވ. ކަޑަ.


15

ފޫހި

19-Dec-2020

ތެދެކެވެ. އެންމެ ގޮތްކުޑަ އަހަރެމެންގެ ދީނީ އަގީދާއާ ކުޅެންކެރުނު ހަމައެކަނި ސިޔާސީ މީހާއެވެ.


-10

ޝާން

19-Dec-2020

މި އޮޑިއެއް ނުފެތޭނެ. ފަސާދަ އުފައްދަން އުޅޭ މީހުންގެ ކިބއިން މި ގައުމާ ގައުމުގެ ވެރިން ސަލާމަތް ކުރައްވާށި. ހެޔޮ ވިސްނުން ދެއްވާ ތަހުޒީބީ ރައްޔިތުން ތަކެއް ކަމުގައި އެންމެހާ ރައްޔިތުން ލައްވާށި


10

ާއާތީ

19-Dec-2020

އަސްލުވެސް ދީނީވާހަކަދައްކަންވާނީ ދީންރަނގަޅަށް އެނގޭ މީިހުން ރައީސް ނަޝީދު އަކީ އަހަރަމެން ނިކަމެތި ރައްޔަތުންގެ ރައީސް ވީމާ އަހަރަމެންވެސް ރައީސް ކިބައިން އެދިލައްވަނީ ދީނަށް ދެރަލިބޭ މާނަދޭހަވާ ވާހަކަތައް ނުދެއްކުވުމަށް ތީ ހަމައަހަރަމެން އެންމެ ގާތް އެންމެ ގިނަ ރައްޔިތުންގެ ލޯބިވާ ލޮވެތި ރައީސް


11

ކަތީބު

19-Dec-2020

ނަޝީދަކީ ދުނިޔެއާ ހެދި ހޭބަލިވާ މީހެއް....


-1

ފާތުން

18-Dec-2020

ތިލިއުން ވ ފައްކާާ އެކަމަކު ރައީސް ނަޝީދު މައްސަލައަކީ ދީނާނުގުޅޭ ބޭކާރުވާހަކަ ތައް ދައްކާތީ ! ރައީސް ނަޝީދު ދައްކަވަންވީ ސިޔާސީ ވާހަކަ،


24

އައްޑޫ ދުރުމި

18-Dec-2020

ރަސް ނޫހަކީ ކީއްކުރަން ކޮންބަޔަކު ކޮން މަގުސަދެއްގައި ހިންގާ ނޫހެއްކަން ވަރަށް ސާފު. ނަޝީދަކީ މިގައުމުގެ ހަލާކު. ގައުމަށް ދިމާވެފައިވާ މުސީބާތެއް. ވެރިކަމުގެ އެދުމުގައި އިނގިރޭސިންގެ ހީލަތްތެރި ތަމްރީނުތަކެއްގެ ތެރެއިން މަކަރުވެރި އެޖެންޑާއެއްގެ ދަށުން ދިވެހިން އޭނާގެ އަވާގައި ޖައްސާފައިވާ އަދި އެކަން ދަނަހައްޓަން މަސައްކަތް ކުރާމީހެއް. ވައްކަން އެކި މީހުންކުރަނީ އެކިގޮތަށް. އޭނާގެ ވެރިކަމުގައި ވަރަށް ސިއްރިޔާތުގައި އޭނާއަށް ބައިއެޅޭގޮތަށް ރޭވިފައިވާ އެތައްކަމެއް އަދިވެސް ދިރިދެމި އެބަހުރި. ދިވެހިންގެ ތެރެއިން ގިނަބަޔަކަށް ނަޝީދަކީ އަދި ނަޝީދުގެ އާއިލާއަކީ ކޮންބައެއްޖަން އެނގި އެމީހުންގެ މަކަރާއި ހީލަތުގެ ދަލުން ސަލާމަތް ވުމަށް މަސައްކަރް ކުރަމުން އެމަގުގައި ކުރިޔަށް އެބަދޭ. މިހާރުގެ އޭނާގެ ދަލުގައި ޖެހި މެހިފައިވާ މަދު މީހުންނަކީ އަމިއްލަ ސިކުނޑިން ވިސްނަން ނޭނގޭ އަދި ސިކުނޑި އަޅުވެތިވެފައިވާ ޖާހިލުންތަކެއް. އެމީހުންނަކީ އެމީހުބގެ އަމިއްލަ ނަފްސުވެސް ނުފެންނަ ނޭނގޭ ޙާލަތުގައި ތިބި ބައެއް. ބުއްދިވެރިން ދަނީ ނަޝީދާ ދުރުވަމުން އޭނާގެ ކިބައިން މިންޖުވަމުން.


6

މާމިގިލީ

18-Dec-2020

100% ތާއީދު, މި ލުޔުމުގައި މިހުރީ 100% ރަގަޅުވާހަކަ...


14

ވަޙީދު

18-Dec-2020

ތިޔަވަރުގެ ބޮޑުތެދުވާހަކައެއް ތިޔަހާ ފުރިހަމަކޮށް ލިޔެޢާއްމު ކުރެއްވި ކަމަށްޓަކައި ފަށްފަށުން ޝުކުރު ކުރަމެވެ.


0

މާރީ

18-Dec-2020

ވެރިކަން ޙަވާލުކުރާ އިރަށް ދުވެ ރައްކާވާނެ


7

ޏައިންޓީ

18-Dec-2020

ޜައީސް ނަޝީދު އޮފު ކޮށްދޭން ލިޔާ ލިޔުމެއް. ތެދެއް. ރ ނަޝީދަކީ ތަފާފު މީހެއް. ޢެކަމަކު ސަރުކާރެއް ހިނގަން ކަމަމު ނުދޭ. ޜައްޔިތުންނާއެކު މަގުމައްޗަށް ނިކުންނަށް ބަރާބަރު. އެއީ ހަމަ ލާދީނީ މީހެއް. ޙަމަޖާބޯއެއް. ދިވެހި ގައުމަށް ނުފޮރުއްޕާނެއް. ޅިޔުންތެރިޔާ ވ ނައްޓާނެ މިކޮމެންޓަށް.


1

ހަސަނާ

18-Dec-2020

މިރިޕޯޓް ލާދީނީ މީހަކަށް ލިޔުނީ ހަމަތިބުނިހެން ވައިގަ ހިއްޕާލުމަށް ކަން އެއްމެނަށް އިނގޭ. މިހާރު އެކަން ބަދަލުވެއްޖެ. ރައްޔިތުންނަށް އިނގޭ އެއީ ކާކުކަން. ވަޔަކު ނުހިފާނެ. 3ލައްކަ ރުފިޔާ މަހަކު ދައުލަތުން ގެއަށް ކަހާލައިގެން އެހުންނަނީ ތިކުދިންނަށް މަންޒަރު އޮޅުވާލައިގެން ތިކަހަލަ ލިޔެފަހުރި ޗިޕުޖަހައިގެން. ހޭއަރާބަލަ


2

ޒަމާން

18-Dec-2020

ކެނެރީގޭ ނަސީދަކީ މިގައުގެ ހަލާކު. ޒުވާނުންގެ މުސްތަގުބަލް ބަނަކޮށް ވިޔާނުދާ ކަންތައްތައް ކުރުމާ ދޮގުހެދުމަށް ހިއްވަރުދޭ މީހެއް.


-8

ފަތުހުﷲ

18-Dec-2020

ފަހުގެ ތާރީހުގައި ފެނުނުނު ގައުމުދެކެ ލޯބިވާ ފަރާތްތަކުގެ ވިންދު އަވަސް ކޮށްލަދޭ ފުރިހަމަ ލިއުމެކެވެ.



ޓްރެންޑިން