މަޖިލީޙުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގައި --- މަޖިލިސް ފޮޓޯ
މަޖިލީޙުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގައި --- މަޖިލިސް ފޮޓޯ
މޫސުމަށް އަންނަ ބަދަލުތަކަށް ބަލައިގެން ތިމާވެއްޓާ ރައްޓެހި، ކާރިސާތަކުން ރައްކާތެރި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ބައިނަލްއަގުވާމީ ދުނިޔެއަށް ކިޔައި ދީގެން، ރާއްޖޭން މުޅި ދުނިޔެއަށް ނަމޫނާ ދެއްކިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވިދާޅުވެއްޖެ އެވެ.

"ޗާޓަ އޮފް ދަ ކޯލިޝަން ފޮ ޑިޒާސްޓާ ރެޒިލިއަންޓް އިންފްރާސްޓްރަކްޗާ (ސީޑީއާރުއައި) ގައި ރާއްޖެއިން ބައިވެރިވުމާމެދު، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން، ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއިން މި މުއާހަދާގައި ހަމައެކަނި ބައިވެރިވާންވީ ނޫން ކަމަށާއި، ރާއްޖެއިން އިސްވެ މި މުއާހަދާ ބަދަލު ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

މި ޗާޓަރުގެ މަގުސަދަކީ، އުމްރާނީ ވަސީލަތްތަކަށް ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ފަދަ ގޮތަކަށް އެ ވަސީލަތްތައް ތަރައްގީ ކުރުމާއި، މިހާރުވެސް ގާއިމްވެފައި ހުރި އެފަދަ ވަސީލަތްތައް އެފަދައިން ބަދަލުކުރުމަށް ބާރުއެޅުމެވެ.

މިއަދު އެ މުއާހަދާއާ ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ވަކި ގޮތަކަށް ހިންގަންޖެހޭއިރު، މަޖިލީހުގެ ކްލައިމެޓް ޗޭންޖް ކޮމިޓީން އެކަމާގުޅޭ އެކި ރިޕޯޓުތައް ހަދާފައިވާ ކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކަށް ރިއާއަތްކޮށްގެން، ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ފަދަ ގޮތަކަށް މަޝްރޫއުތައް ހިންގޭނެ ގޮތްތައް މުޅި ދުނިޔެއަށް ރާއްޖެއިން ކިޔައިދެވޭނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ކޮބައިތޯ ކްލައިމެޓް ރެޒިލިއެންޓް ނުވަތަ މޫސުމަށް ބަދަލު އައިސްގެން، އުމްރާނީ ވަސީލަތަށް ގެއްލުން ނުވާ ގޮތަށް ކަންކަން ކުރެވޭނީ ކިހިނަކުންތޯ. އަޅުގަނޑުމެން މި ހަދާ ބާވަތުގެ ބަނދަރުތައް ހެދީމަ ވާނީ ކިހިނެއްތޯ؟ އަދި އަޅުގަނޑުމެން ހިއްކައިގެން މި ހިންގާ އެހެން ބާވަތް ބާވަތުގެ މަސައްކަތްތައް ކުރީމަ ކިހިނެއްތޯ ވާނީ. އަދި މިހާރު އަޅުގަނޑުމެންގެ ގުދުރަތީ ވަސީލަތްތަކަށް ކޮން ގޮތްތަކެއްތޯ މިއީ މިއީ ރާއްޖޭގެ ފަރާތުން ދުނިޔެއަށް މިސާލު ދެއްކޭނެ ކަންކަން" އެމަނިކުފާނު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން