މޯލްޑިވްސް ސްޓޭޓް ޝިޕިންގ ގެ އެމްވީ ބޮންތި 2 (ފޮޓޯ: އެމްއެސްއެސް)
މޯލްޑިވްސް ސްޓޭޓް ޝިޕިންގ ގެ އެމްވީ ބޮންތި 2 (ފޮޓޯ: އެމްއެސްއެސް)
އިންޑިއާ އާއި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކާ ދެމެދު ކާގޯ ފެރީގެ ޚިދުމަތް ފަށައިފި އެވެ.

ޤައުމީ ޝިޕިންގ ކުންފުނި، އެމްއެސްއެސް އިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ، އިންޑިއާގެ ޓުޓިކޮރިން އާއި ރާއްޖޭގެ އައްޑޫ އާއި ތިނަދޫ އާ ދެމެދު ކާގޯ ފެރީގެ ޚިދުމަތް ފެށުމަށް ކުރާ ފުރަތަމަ ދަތުރުގައި ފުރަތަމަ ބޯޓު އިންޑިއާއަށް ފުރާފައިވާ ކަމަށެވެ. މި ދަތުރުގައި ބޭނުން ކުރަނީ އެމްވީ ބޮންތި 2 ކަމަށާއި، ކާގޯ ގެންނަން ބޭނުންވާ ފަރާތްތަކުން ބުކިންގ ހެދުމަށް ހުޅުވާލާފައިވާ ކަމަށް ވެސް އެކުންފުނިން ބުނެފައި ވެއެވެ.



މިކަމާ ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނެފައިވަނީ މިއީ އިންޑިއާއާއި ރާއްޖޭގެ ދެކުނު ގުޅުވާލުން ކަމަށާއި، ކުޅުދުއްފުށި ކާގޯ ފެރީގެ ޚިދުމަތް ފެށިތާ 2 މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ދެކުނުން މި ދަތުރުތައް ފެށުމަކީ އެމްއެސްއެސް އިން ނެގި ރަނގަޅު އިސް ނެގުމެއް ކަމަށެވެ.



މީގެ އިތުރުން އައްޑޫ ހިތަދޫ ޕޯޓް ލިމިޓެޑުން ކޮށްފައިވާ ޓްވީޓެއްގައި ވަނީ، އިންޑިއާ އާއި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކާ ދެމެދު ކާގޯ ފެރީގެ ޚިދުމަތް ފެށުމަކީ ދެކުނުގެ ރައްޔިތުންނަށް އަތްފޯރާ އަގުގައި މުދާ ލިބިގެންދާނެ ކަމެއް ކަމަށެވެ. އަދި މިއީ ހިތަދޫ ޕޯޓް ލިމިޓެޑަށާއި، ދެކުނުގެ ވިޔަފާރިތަކަށް ލިބިގެންދާނެ ކުރިއެރުމެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.



އިންޑިއާ އާއި ހދ. ކުޅުދުއްފުށްޓާއި ދެމެދު ފެށި ކޮޗިން ކާގޯ ފެރީގެ ޚިދުމަތުގެ ފުރަތަމަ ކާގޯ ފެރީ ކުޅުދުއްފުއްޓަށް ބަނދަރުކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރ 26 ވަނަ ދުވަހުއެވެ. އެގޮތުން ކުރި ފުރަތަމަ ދަތުރުގައި ކުޅުދުއްފުއްޓަށް 500 ޓަނުގެ ސިމެންތިއާއި، އަދި އެހެނިހެން ބާވަތްތަކުގެ މުދާ ހިމެނޭ 2 ކޮންޓެއިނަރު ގެނެސްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން