ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ރާއްޖޭގައި އިންވެސްޓުކުރަން ބޭނުންވާ ފަރާތްތަކުން ސައްހަ މައުލޫމާތު ހޯއްދެވުމަށް އިންވެސްޓަރުންގެ ކިބައިން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެދިވަޑައިގެންފިއެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދުﷲ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި އިންވެސްޓުކުރަން ބޭނުންވާ އިންވެސްޓަރުންނަށް ހުރި ފުރުސަތުތަކުގެ މައުލޫމާތު، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓް ކުރެވެން ހުރި ފުރުސަތު ތަކުގެ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓުންނާއި، މިނިސްޓްރީއަށް މެއިލްކޮށްގެންވެސް ލިބޭނެ ކަމަށެވެ. އަދި ޓޫރިޒަމް ދާއިރާގެ އިންވެސްޓްމެންޓުތަކާއި ގުޅޭ ދޮގު މައުލޫމާތުތަކުގެ މައްޗަށް ބަރޯސާނުވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

ރާއްޖެއާބެހޭ ސައްހަ މައުލޫމާތު ހޯއްދެވުމަށް ޑރ. މައުސޫމް ގޮވާލައްވާފައިމިވަނީ ރާއްޖޭގައި ބައިނަލްއަގްވާމީ އެއާޕޯޓެއް ތަރައްގީކޮށް ހިންގުމަށް އިންޑިއާގެ އޮލިއަލިއާ ކިޔާ ކުންފުންޏަކަށް 50 އަހަރަށް ދޭން ނިންމާފައިވާ ކަމަށް އެ ކުންފުނީގެ ވެބްސައިޓުގައި ބުނެފައިވަނިކޮށެވެ.

އެ ވެބްސައިޓްގައި ބުނެފައިވަނީ އެއާޕޯޓް ތަރައްގީކުރަން ހަމަޖެހިފައިވަނީ ށ. ފުށިފަރު ގެ އިތުރުން ފުށިފަރު ފަޅުތެރޭގައި ހިއްކާފައިވާ ތަނެއްގައި ކަމަށެވެ.

ފުށިފަރު ފަޅުތެރޭގައި ތަރައްގީކުރާ އެއާޕޯޓަށް ކިޔާނެ ނަމަކީ ''އޮލިއަލިޔާ އިންޓަނޭޝަނަލް އެެއާޕޯޓް'' ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ. އެއާޕޯޓުގެ މޮޑިއުލް ހަދަނީ ޓޫރިޒަމް މިނިސްޓްރީން ކަމަށްވެސް އޮލިއަލިޔާ އިން ވަނީ ހާމަކޮށްފައެވެ.

މީޑިޔާއަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވަނީ އެ ވާހަކަތައް ދޮގުކުރައްވާފައެވެ. އަދި އެފަދަ އެއްބަސްވުމެއް މިހާތަނަށް ހަދާފައި ނުވަތަ ޝޯޓް ލިސްޓުވެސް ކޮށްފައިނުވާނެ ކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ.

ރާއްޖެ އިސްތިހާރުުކުރުމުގެ ގިނަ މަސައްކަތްތަކެއްކޮށް، ރާއްޖެއަކީ "ސޭފް ޑެސްޓިނޭޝަން" އެއްގެގޮތުގައި ބޭއްވުމަށް ހަރުދަނާ އުސޫލުތަކެއް އެކުލަވާލާ ތަންފީޒުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފަައެވެ.

ކިޔުންތެރިންގެ ހިޔާލު