ފުލުހުން އަތުލައިގެންފައިވާ މަސްތުވާތަކެތި (ފޮޓޯ: ޕޮލިސް މީޑިއާ)
ފުލުހުން އަތުލައިގެންފައިވާ މަސްތުވާތަކެތި (ފޮޓޯ: ޕޮލިސް މީޑިއާ)
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރޭގފައި ހިމެނިގެން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މާލޭގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މި ހިނގާ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި، މާލޭ މަގުމަތިން 35 އަހަރުގެ ދިވެހި ފިރިހެނަކު ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބޮޑު ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.

މީގެ އިތުުރުން، ހުޅުމާލޭ ފްލެޓެއްގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ވެސް މި ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށާއި، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި 36 އަހަރުގެ ފިރިހެނަކާއި، 28 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި ދެމީހުންނަކީވެސް ދިވެހިން ކަމަށާއި، ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކޮށް، އެމީހުން ދިރިއުޅޭ ފްލެޓް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި 30 ދަޅު ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ތިން ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން، ފުލުހުން ބުނީ ގއ. ކޮލަމާފުށީގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ރަށުގައި މި ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ކޮލަމާފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި 37 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 39 ރަބަރު ޕެކެޓާއި ރަބަރުކޮޅެއް ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމުން 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން