މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) އަދި ރައީސް ނަޝީދު
މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) އަދި ރައީސް ނަޝީދު
"މޯލްޑިވްސް ވޯޓާ ފްރޮންޓް އެންޑް މެރީނާ" މަޝްރޫޢުގެ ނަމުގައި ރަސްމާލޭގައި ހިންގަން އުޅޭ މަޝްރޫޢާ ދެކޮޅަށް ކުރިއަށްގެންދާ ހަރަކާތްތަކުގައި އިދިކޮޅު އެމްޑީޕީން ބައިވެރިވާތީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ފާޑުވިދާޅުވުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) އެމަނިކުފާނަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ރައީސް ނަޝީދު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީއަކީ ރާއްޖޭގެ އަސްދަނޑިން ބޭރަށް ވިސްނުން ގެންދިއުމަށާއި، ތަފާތު ސަގާފަތްތަކަށް ޖާގަދޭ މިނިވަން ވިސްނުމެއްގެ މައްޗަށް އުފެއްދި ޕާޓީއެއް ކަމަށެވެ.

އަދި "ޓަކާ ޓަކާ ގޮވައިގެން" އާންމު ރައްޔިތުމީހާއަށް ލިބެން އޮތް ތަނަވަސްކަމާއި އުފާ ހުއްޓުވުމަކީ ހުތުރުވެގެންވާ ހީލަތްތެރި ރޭވުމެއް ކަމަށާއި، އެއީ ރާއްޖެ ނިކަމެތިކަމުގައި ބާއްވަން ޖަހާ މަޅިއެއް ކަމަށް ވިދާޅުވެ ނަޝީދު ވަނީ އެމްޑީޕީގެ ޢަމަލުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ މި ވާހަކަފުޅުތަކަށް ރައްދު ދެއްވައި ކުރީގެ މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވީ، އަމިއްލަ އުފަން ވަޠަނަށް ޚިޔާނާތްތެރިވުމާއި އަމިއްލަ މައިމީހާއަށް ޚިޔާނާތްތެރިވުމާ ދެމެދު ހުރި އެއްގޮތްކަމުން، ޤައުމު ވިއްކާލަން އުޅޭ މީހުން އަޚްލާޤީ ގޮތުން ދަށު ދަރަޖައަކަށް ވެއްޓިފައިވާކަން ހާމަކޮށްދޭ ކަމަށެވެ. އެގޮތުން، މި ދެ ކަމަކީވެސް ހިމާޔަތާއި، ވަކިވަކިވަންތަކަން (އައިޑެންޓިޓީ) އަދި އެއްވެސް ޝަރުޠަކާ ނުލައި ލިބޭ އަޅާލުމުގެ މައްޗަށް ބިނާވެފައިވާ އަސާސީ ގުޅުންތަކަކާ ޚިލާފުވުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ސިޔާސީ ފަލްސަފާއާއި އަޚްލާޤިއްޔާތުގައި "ވަޠަން" އަދި "މައިމީހާ" މި ދެ ލަފްޒު ގިނައިން ގުޅުވާލެވެނީ، މި ދެ ފަރާތަކީވެސް އިންސާނާގެ އަޞްލު ފެށުމާއި، ބަލާބޮޑުކުރުމާއި، އަދި އަދާކުރަންޖެހޭ ވާޖިބުތަކުގެ އެންމެ މަތީ މަރުހަލާ ރަމްޒުކޮށްދޭ ދެ ފަރާތް ކަމަށްވާތީ ކަމަށް ވިދާޅުވެ، އިބްރާހީމް ރަޝީދު ވަނީ ރައީސް ނަޝީދުގެ ވިސްނުންފުޅަށް ނުސީދާކޮށް ވަރުގަދަ ބަހުގެ ހަމަލާއެއް ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު