އިމިގްރޭޝަން ކޮންޓްރޯލަރ ސީޕީ (ރިޓަޔާޑް) އަޙްމަދު ފަސީޙް
އިމިގްރޭޝަން ކޮންޓްރޯލަރ ސީޕީ (ރިޓަޔާޑް) އަޙްމަދު ފަސީޙް
ދިވެހި ޕާސްޕޯޓު ހަދައި ނިމިފައިވާނަމަ، ލަސްނުކޮށް ޕާސްޕޯޓާ ހަވާލުވުމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އެދިއްޖެ އެވެ.

އިމިގްރޭޝަނުން މިއަދު މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޕާސްޕޯޓް ހަދައި ނިމި، ހަވާލުކުރުމަށް ތައްޔާރުކުރެވިފައި ހުރި ނަމަވެސް ގިނަ އަދަދެއްގެ ފަރާތްތަކުން ޕާސްޕޯޓާ ހަވާލުވާން ނާންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ އިދާރާއިން އިތުރަށް ބުނެފައިވަނީ، ޕްރިންޓްކޮށްފައިވާ ޕާސްޕޯޓްތައް އިމިގްރޭޝަނުގައި ބެހެއްޓޭނީ ގިނަވެގެން 6 މަސްދުވަހުގެ މުއްދަތަކަށް ކަމަށެވެ.

އަދި އެ މުއްދަތު ހަމަވުމަށްފަހު، ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން އެ ޕާސްޕޯޓްތައް ނައްތާލެވޭނެ ކަމުގެ އިންޒާރުވެސް އެ އިދާރާއިން ވަނީ ދީފައެވެ.

ޕާސްޕޯޓު ނައްތާލަން ޖެހިއްޖެނަމަ އަލުން ޕާސްޕޯޓު ހެއްދުމަށް ދަތިތަކާ ކުރިމަތިވެދާނެތީ، ޕާސްޕޯޓް ހަދައި ނިމުމުން އެ އިދާރާއިން ޕާސްޕޯޓާ ހަވާލުވުމަށް އެންގުމާއެކު، ލަސްނުކޮށް އެކަމަށް އިޖާބަދިނުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިމިގްރޭޝަނުން ވަނީ އާންމު ރައްޔިތުންގެ ކިބައިން އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު