ޕްރޮޓީން ފްޑްސް
ޕްރޮޓީން ފްޑްސް
މިހާރަކަށް އައިސް އާންމުވަމުންދާ ޕްރޮޓީން ގިނަ ކާނާ ބޭނުންކުރުމުގެ އާދައަކީ އެންމެ ފައިދާހުރި ގޮތް ނޫން ކަމަށާއި، ޕްރޮޓީން މަދުކުރުމަކީ ދުޅަހެޔޮކަން އިތުރުވެ އުމުރު ދިގުވުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ޔުނިވަރސިޓީ އޮފް ވިސްކޮންސިން-މެޑިސަންގެ ދިރާސާވެރިން، 350 އަށް ވުރެ ގިނަ ދިރާސާގެ މައްޗަށް ބިނާކޮށް 'ސެލް ޕްރެސް ބްލޫ' މަޖައްލާގައި މި ރިޕޯޓު ވަނީ ޝާއިއުކޮށްފައެވެ. މި ރިޕޯޓުގައިވާ ގޮތުން ކާނާގެ ޖުމްލަ ކެލޮރީ އެއް މިންވަރެއްގައި ހުރި ނަމަވެސް، ޕްރޮޓީން މަދުކުރުމުން ދިރުންތަކުގެ އުމުރު ދިގުވާކަން ވަނީ ސާބިތުވެފައެވެ.

އިންސާނުންގެ މެދުގައި ކުރެވުނު ތަހުލީލުތަކުން ދައްކާ ގޮތުގައި، ޕްރޮޓީން މަދުން ބޭނުންކުރުމަކީ ހަށިގަނޑުގެ ބަރުދަން ލުއިވެ، ސަރުބީ މަދުވެ، އަދި ލޭގެ ހަކުރު ކޮންޓްރޯލްވުމަށް މަގުފަހިވާ ކަމެކެވެ.

މި ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ބަދަލުތަކުގައި މެތިއޮނިން، އައިސޮލިއުސިން އަދި ވެލިން ކިޔާ އެމިނޯ އެސިޑްތަކުގެ ދައުރު ވަރަށް ބޮޑެވެ. އަދި ޕްރޮޓީން މަދުވުމުން އުފެދޭ 'އެފް.ޖީ.އެފް21' ހޯމޯނަކީ މި ފައިދާތައް ލިބިދޭ މައިގަނޑު ސަބަބު ކަމަށް ވެސް ބެލެވެއެވެ.

ދިރާސާގެ އިސް މުސައްނިފު ލަމިންގް ވިދާޅުވީ، ކަސްރަތު ކުރާ މީހުންނަށް މަސްތައް ވަރުގަދަކުރަން ޕްރޮޓީން މުހިންމުވި ނަމަވެސް، ހަރަކާތްތެރިކަން ކުޑަ އާދައިގެ ދިރިއުޅުމެއް އުޅޭ ގިނަ މީހުންނަށް މިހާރު ޕްރޮޓީން ބޭނުންކުރެވެނީ އެކަށީގެންވާ ވަރަށް ވުރެ ގިނައިންނެވެ.

އެހެންނަމަވެސް، މިއީ އަދި ޖަނަވާރުން ބޭނުންކޮށްގެން ހޯދާފައިވާ ނަތީޖާތަކަކަށް ވާތީ، އިންސާނުންގެ އުމުރު ދިގުކުރުމަށް ހަމައެކަނި ޕްރޮޓީން މަދުކުރުމުން ފުދޭނެކަން ކަށަވަރުކުރުމަށް އިތުރު ދިރާސާތައް ބޭނުންވެއެވެ.

ޚާއްޞަކޮށް، އުމުރުން ދުވަސްވީ މީހުންނާއި، މާބަނޑު އަންހެނުން އަދި އެތުލީޓުންނަށް ޕްރޮޓީންގެ ބޭނުންތެރިކަން ވަރަށް ބޮޑެވެ.

އެހެންކަމުން، އެންމެންނަށް އެއް އުސޫލެއް ގެންގުޅުމުގެ ބަދަލުގައި، ކޮންމެ މީހެއްގެ ވެސް އުމުރާއި، ޞިއްޙީ ހާލަތާއި، އަދި ހަރަކާތްތެރިކަމަށް ބަލައިގެން ޕްރޮޓީން ބޭނުންކުރުމަށް މާހިރުން ލަފާދެއްވައެވެ.



ކިޔުންތެރިންގެ ހިޔާލު