އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް                   ފޮޓޯ: ރަސްއޮންލައިން
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ފޮޓޯ: ރަސްއޮންލައިން
މާކެޓް ރޭޓަށްވުރެ ބޮޑު އަގުގައި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް(އޭއީއެޗް)އަށް ތަކެތި ގަތް މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އިން ބުނީ ދައުވާކުރަން ފޮނުވީ ލެބޯޓަރީ ކޮންޒިއުމެބަލް އައިޓަމެއްކަމަށްވާ މައިކްރޯޕިޕެޓް ޓިޕްތަކެއް މާކެޓުގައި ލިބެންހުރި އަގަށްވުރެ ބޮޑު އަގުގައި ހޯދި މައްސަލައިގައި ކަމަށެވެ.

މި މައްސަލައިގައި ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވީ އޭއީއެޗްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓް ހިންގުމާ ޙަވާލުވެހުރި ފަރާތާއި، އެ ތަކެތި ހޯދުމަށް ނިންމި ބިޑު ކޮމިޓީގެ ޖަލްސާގައި ބައިވެރިވި 3 މެންބަރެއްގެ މައްޗަށެވެ.

މި މައްސަލައިގައި ދައުވާކުރަން ފޮނުވީ:

- މުހައްމަދު ސާއިން އަހުމަދު (ފިޔަނޫމާގެ/ ސ. ހިތަދޫ), ޕްރޮކިއުމަންޓް އޮފިސަރ, ޕްރޮކިއުމަންޓް ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެހުރި (ބީލަމުގެ އިވެލުއޭޝަން އެޕްރޫވްކުރި ފަރާތް)

- އަޒީމް ލަތީފް (އެވެރެސްޓު, ސ. ހިތަދޫ), ސީނިއާ ހެލްތުކެއާ އެޑްމިނިސްޓްރޭޝަން އޮފިސަރު (ކުންފުނިން ހުށަހެޅި އަގުގައި އެ އައިޓަމް ސަޕްލައިކުރުމަށް ނިންމި ބިޑު ކޮމިޓީގެ ޗެއަރޕާސަން)

- އަބްދުﷲ ވަހީދު (ތައުރުއްގެ, ސ. ހިތަދޫ), ސީނިއާ ކަސްޓަމާ ރިލޭޝަންސް އޮފިސަރު (ބިޑު ކޮމިޓީގެ މެންބަރު)

- ޑރ. ފާތިމަތު އަމާނީ ނަސީރު (ހަންހާރުގެ, ސ. ހިތަދޫ), ޕީޑިއެޓްރީޝަން (ބިޑު ކޮމިޓީގެ މެންބަރު)

މި މައްސަލައަކީ އޭއީއެޗުއާއި އެ ހޮސްޕިޓަލުގެ ދަށުން ހިންގާ ހެލްތު ސެންޓަރުތަކަށް ހަތަރު މަސްދުވަހަށް ބޭނުންވާ ލެބޯޓަރީ ކޮންޒިއުމެބަލްސް ހޯދުމަށް އެ ހޮސްޕިޓަލުން މިދިޔަ އަހަރު އަހަރު ކުރި އިއުލާނަކާ ގުޅިގެން ފެންމަތިވެފައިވާ މައްސަލައެކެވެ. އެ އިއުލާނުގައި ހިމެނޭ ތަކެތީގެ ތެރެއިން 40,000 (ސާޅީސް ހާސް) މައިކްރޯޕިޕެޓް ޓިޕް ހޯދުމަށް އިއުލާނުކުރުމުން ބީލަން ހުށަހެޅީ އެންމެ ފަރާތަކުންނެވެ. އަދި އެ ފަރާތުން ހުށަހެޅި އަގަކީ އެކަށީގެންވާ އަގެއްތޯ ބެލުމެއްނެތި، މާލިއްޔަތު ގަވައިދާ ހިލާފަށް އެ ތަކެތި ހޯދާފައިވާކަން ތަހުގީގަށް ފާހަގަކުރެވުނު ކަމަށް އޭސީސީން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު