މޯލްޑިވްސް ހެލްތް އެންޑް ފެމެލީ އެކްސްޕޯ 2026
މޯލްޑިވްސް ހެލްތް އެންޑް ފެމެލީ އެކްސްޕޯ 2026
މޯލްޑިވްސް ހެލްތް އެންޑް ފެމެލީ އެކްސްޕޯ 2026 އާންމުންގެ ބޮޑު ތަރުހީބަކާއެކު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އާއިލާތަކުގެ ދުޅަހެޔޮކަމާއި އާންމު ސިއްހަތާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ މި އެކްސްޕޯ ބޭއްވިގެންދިޔައީ މި ހިނގާ ނޮވެމްބަރު މަހުގެ 5 އިން 7 ވަނަ ދުވަހުގެ ނިޔަލަށެވެ.

މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ ރައީސުލްޖުމްހޫރިއްޔާ އިފުތިތާޙުކޮށްދެއްވި އިރު، މިއީ ގިނަ އަދަދެއްގެ އާންމު ރައްޔިތުން ޒިޔާރަތްކޮށް، ސިއްހީ ދާއިރާއާ ގުޅުންހުރި މުހިންމު މައުލޫމާތުތަކެއް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދެވުނު ހަރަކާތެކެވެ.

މި އެކްސްޕޯގައި މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުގެ އިތުރުން، އަތޮޅުތަކުގެ ރީޖަނަލް ހޮސްޕިޓަލްތަކާއި މަދަނީ ޖަމިއްޔާތައް ހިމެނޭހެން 60 އަށް ވުރެ ގިނަ ސްޓޯލް ބައިވެރިވެފައިވެއެވެ.

މިއެކްސްޕޯގެ ތެރެއިން ސިއްހީ ކުއްލި ހާލަތްތަކުގައި ގުޅަންޖެހޭ އެހީގެ ނަންބަރުތަކުގެ މައުލޫމާތު ފަސޭހައިން ލިބިގެންދިޔުމުގެ އިތުރުން، ސިއްހީ އަދި އިޖުތިމާއީ ހިދުމަތްދޭ އެކި އިދާރާތަކުން ލިބެންހުރި ހިދުމަތްތަކާއި، އެ ހިދުމަތްތައް ހޯދާނެ ގޮތްތަކުގެ އިރުޝާދު ޒިޔާރަތްކުރި ފަރާތްތަކަށް ވަނީ އޮޅުންފިލުވައިދީފައެވެ.

ހުރިހާ އުމުރުފުރާއަކަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ މި ހަރަކާތުގައި މައުލޫމާތު ދިނުމުގެ ސެޝަންތަކުގެ އިތުރުން ކުޑަކުދިންނަށް ތަފާތު ތަޖުރިބާތައް ކޮށްލުމުގެ ފުރުސަތު ވެސް ވަނީ ފަހިކޮށްދީފައެވެ. އެގޮތުން އެމްބިއުލާންސް ބަލައިލުމާއި މައިކްރޮސްކޯޕް ބޭނުންކުރުން ފަދަ ޢަމަލީ ތަޖުރިބާތަކުގެ އިތުރުން، ދުޅަހެޔޮކޮށް ހުރުމަށް ރަނގަޅު ކާނާ ކެއުމާއި ފެން ބުއިމުގެ މުހިންމުކަން ކުޑަކުދިންނަށް ވަނީ ދަސްކޮށްދީފައެވެ.

މި އެކްސްޕޯއަށް އާންމުންގެ ފަރާތުން ލިބުނު ފުރިހަމަ ތަރުހީބަށް ބަލައި، ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވަނީ އަންނަ އަހަރު މިއަށްވުރެ ފުޅާ ދާއިރާއެއްގައި އަދި އިތުރު ސްޓޯލްތަކާއެކު މި އެކްސްޕޯ ބޭއްވުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް