ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމުގެ ދަށުން ގެދޮރު އިމާރާތްރުމަށް ލޯނު ލިބުނު ނަމަވެސް، ބޭނުންވާ ފައިސާގެ އަދަދު ފުރިހަމައަށް ނުލިބޭކަމަށް ބުނެ ރައްޔިތަކު ފާޅުކުރި ކަންބޮޑުވުމަކާ ގުޅިގެން، އުސޫލުގެ ތެރެއިން ލޯނު ޓޮޕްއަޕްކުރެވޭނެ އިންތިޒާމުތައް ބައްލަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

"ރައްޔިތުންގެ އަޑު" ޕްރޮގްރާމުގެ 12 ވަނަ އެޕިސޯޑުގައި ވާހަކަދެއްކި އާންމު ރައްޔިތަކު ރައީސް މުޢިއްޒުގެ އަރިހުގައި ދެންނެވިގޮތުގައި ރާއްޖެތެރޭގައި ގެދޮރު އެޅުމަށް މި ސްކީމުން 1 މިލިއަން ރުފިޔާ ކަނޑައަޅާފައި އޮތް ނަމަވެސް، އެޕްލައި ކުރުމުން ލިބިފައިވަނީ 650،000 ރުފިޔާއެވެ. މިކަމުގެ ސަބަބުން ގެ އިމާރާތްކޮށް ނިންމުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާކަމަށް އޭނާ ކަންބޮޑުވުން ފާޅުކުރިއެވެ.

މި މައްސަލައާ ގުޅިގެން ރައީސް މުޢިއްްޒު ވިދާޅުވީ، އެމަނިކުފާނުގެ ވިސްނުންފުޅު ހުރިގޮތަކީ ރަށްރަށުގައި ގެ އެޅުމަށް އެއް މިލިއަން ރުފިޔާ ދޫކުރުން ކަމަށާއި، 6 ލައްކަ ރުފިޔާއިން ގެއެއް ނުނިންމޭނެކަން އެމަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި މިކަން ހިނގާފައިވާގޮތް މިނިސްޓްރީ މެދުވެރިކޮށް ބައްލަވައި، އުސޫލުގެ ތެރެއިން ލޯނު ޓޮޕްއަޕްކޮށްދެވޭނެ ގޮތެއްވޭތޯ ބައްލަވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމުގައި މައިގަނޑު 3 ސްކީމެއް ހިމެނެއެވެ.މި ސްކީމްތަކުގެ ތެރޭގައި ހިމެނެނީ "ރަށްވެހި ފައިނޭންސިންގ ސްކީމް"، "ސަހަރު ފައިނޭންސިންގ ސްކީމް" އަދި "ފަހިމާލެ ފައިނޭންސިންގ ސްކީމް" އެވެ. އެގޮތުން، ރާއްޖޭގެ އަތޮޅުތަކުން ހުށަހަޅާ ފަރާތްތަކަށް ރަށްވެހި ފައިނޭންސިންގ ސްކީމްގެ ދަށުން 1 މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ލިބޭއިރު، އަރބަން ސެންޓަރުތަކުން ސަހަރު ފައިނޭންސިންގ ސްކީމަށް އެދި ހުށަހަޅާ ފަރާތްތަކަށް 3 މިލިއަން ރުފިޔާ ލިބޭނެއެވެ. އަދި މާލެ ސަރަޙައްދަށް ހުޅުވާލާފައިވާ ފަހިމާލެ ފައިނޭންސިންގ ސްކީމްގެ ދަށުން، ގޭގެ ބެހެނިވެރިން އެކުވެގެން ހުށަހެޅުމުން 6 މިލިއަން ރުފިޔާއިން ފެށިގެން 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިސާ ލިބިގެންދާނެއެވެ.

މީގެ އިތުރުން ހިޔާވަހި ސްކީމާއި ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް އިންސާފުވެރިކަމާއެކު ހައްލު ހޯދައިދެއްވާނެކަމަށް ވެސް ރައީސް ވިދާޅުވިއެެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް