އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އައު އިމާރާތުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އައު އިމާރާތުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 6 ބުރީގެ އައު އިމާރާތް ފަރުމާކުރުމާއި އިމާރާތްކުރުމުގެ މަޝްރޫއުގެ ދަށުން، ރާނާ ފާރަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ ހިއްސާކުރަމުން އެމްޓީސީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އިމާރާތް އެޅުމުގެ މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށްދަނީ ރާނާ ފާރަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ކަމަށެވެ. މި މަސައްކަތަކީ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ޒަމާނީ އައު އޮފީސް އިމާރާތް ނިންމުމަށްޓަކައި ކުރެވެމުންދާ މުހިންމު މަރުހަލާއެކެވެ.

މި މަޝްރޫއު އެމްޓީސީސީއާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. މި އެއްބަސްވުމުގެ ދަށުން 730 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމަން ޖެހޭ ގޮތަށް ހަމަޖެހިފައިވީ ނަމަވެސް، މި އިމާރާތުގެ ބިންގާ އަޅައި އަމަލީ މަސައްކަތް ފެށިފައިވަނީ 2024 ވަނަ އަހަރުގެ މާރޗް މަހުގެ ތެރޭގައެވެ.

ދައުލަތުގެ ބަޖެޓުން ޖުމުލަ 138.67 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި ބޮޑު މަޝްރޫއުގެ ދަށުން ބިނާކުރާ އިމާރާތަކީ 17,426.40 އަކަފޫޓުގެ ބިމެއްގައި، ޖުމުލަ 77,718.10 އަކަފޫޓުގެ ޖާގަ ހިމެނޭ ގޮތަށް ތަރައްގީކުރާ ޒަމާނީ އިމާރާތެކެވެ. އަދި މި އިމާރާތުގެ އުސްމިނުގައި 23.1 މީޓަރު ހުންނާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

ހަ ބުރިއަށް ތަރައްގީކުރާ މި އޮފީސް އިމާރާތަކީ އޮޑިޓް އޮފީހުގެ މުވައްޒަފުން މަސައްކަތް ކުރުމަށް އެކަށީގެންވާ ފަސޭހަ އަދި ޒަމާނީ މާހައުލަކާއެކު ފަރުމާކުރެވިފައިވާ އިމާރާތެކެވެ. މިގޮތުން، މުވައްޒަފުންގެ ދަރިން ބަލަހައްޓައިދޭނެ ޚާއްސަ ޑޭކެއަރ ސެންޓަރަކާއި، ވެހިކަލް ޕާކުކުރާނެ ތަނަވަސް ޖާގައާއި، ދިރާސާތަކާއި މައުލޫމާތު ހޯދުމަށް އެކަށޭނަ ލައިބްރަރީއެއް މި އިމާރާތުގައި ހިމެނޭނެއެވެ. މީގެ އިތުރުން މުވައްޒަފުންގެ ތަމްރީނުތަކާއި އެކި ކަހަލަ ރަސްމީ ހަފުލާތައް ބޭއްވޭ ފަދަ ޖާގަ ތަނަވަސް ޒަމާނީ ކޮންފަރެންސް ހޯލެއްވެސް މި އިމާރާތުގައި ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް