ޞާދިރު ޢަލީދީދީ   31 އޮކްޓޯބަރު 2026 - 5:49
ހުޅުމާލޭ ސެންޓްރަލް ޕާކަށް އިރުއޮއްސެވަގުތު ކައިރިވަމުން ދިޔަ ވަގުތު، މުޅި ސަރަޙައްދު އޮތީ ރަންދޯދިތަކުން ދިއްލިފައެވެ. އާއިލާއާއެކު އެތަނަށް އެއްވެ ތިބި ގިނަ އަދަދެއްގެ ކުދިންތައް ކުޅެ އެތަންމިތަނަށްދުވެ މަޖާ ނަގަމުން ދިޔައިރު އެކުދިންގެ ހުނުމުގެ އަޑާއި، އެތަނުގެ ވަށާއިގެން ގުޅިފައިވާ ކާރުބާރު ބޮޑު މަގުތަކުން އިވޭ ކާރާއި ސައިކަލާއި ބައިސްކަލުގެ ރަނގަބީލު އަޑުން މުޅި ތަނުގައި ވަނީ ހަލަބޮލި އަދި އުފާވެރި މާހައުލެކެވެ. ނަމަވެސް، ޕާކާ ޖެހިގެން ހުރި މިސްކިތުގައި ޒަހުވާން އިނީ އަޞްރު ނަމާދަށްފަހު ދުޢާއަށް ދެ އުފުލައިގެންނެވެ. ދުޢާކުރުން މަސް ދެއަށް އުފުލައިގެން ހުންނަތާ މިހާރު ގަޑިއެއް ހާއިރު ވެދާނެއެވެ. ބަލި އެނދުގައި އޮތް މަންމައަށް އަވަސް ޝިފާއެއް ދެއްވުމަށާއި، އޭނަގެ މި ހިތްދަތި އެކަނިވެރި ދިރިއުޅުން ރަނގަޅުވާނެ ގޮތެއް މިންވަރުކޮށްދެއްވުން އެދި ކޮންމެ ނަމާދަކަށްފަހު އޭނާ ދުޢާކުރެއެވެ. ލޮލުން ފޭބި ކަރުނަތަކާއެކު އޭނާ ދުޢާ ނިންމައިލީ، ކޮންމެވެސް ދުވަހަކުން މި ހާލަތު ބަދަލުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަމާއެކު މާތް ﷲ އަށް ވަކީލުކުރަމުންނެވެ.

މިސްކިތުން ނުކުމެގެން ގޮސް، އަބަދުވެސް އިންނަ މަގުމަތީ ބެންޗުގައި އޭނާ އިށީނދެލިއެވެ. ކޮންމެ ހަފުތާ ބަންދެއްގެ ހަވީރު ޒަހުވާން ސެންޓްރަލް ޕާކު ކައިރީގައި ހޭދަކުރަނީ ކޮންމެވެސް މަސައްކަތެއް ލިބޭތޯއެވެ. އެއީ ޕާކަށް އަންނަ މީހުންގެ ބައިސްކަލާއި ސައިކަލުގެ ހަން ފަޅައިގެން ދިއުމާއި، ބްރޭކު ހަލާކުވުން އަދި ވައި މަދުވުން ފަދަ ކުދިކުދި ކަންކަން ކޮށްދީގެން ކޮންމެވެސް ލާރިއެއް ހޯދުމުގެ ބޭނުމުގައެވެ. އެހެންނަމަވެސް، އިރުއޮއްސެން ކައިރިވި އިރުވެސް އެއްވެސް މަސައްކަތެއް ނުލިބުމުން، ކޮނޑުގައި އަޅުވާފައި އޮތް ބަރު ދަބަހުގެ ފަށުގައި އޭނާއަށް ބާރަށް ހިފަހައްޓައިލެވުނީ ހިތާމައާއި މާޔޫސްކަމާ އެކުގައެވެ.

އެވަގުތު އޭނާގެ ކުރިމައްޗަށް ހުއްޓި، އޭނާއަށް ބަލަހައްޓައިގެން ތިބީ އޭނާ އެންމެ ހެޔޮއެދޭ އެކުވެރިޔާ ރާއިފާއި، ރާއިފްގެ ބައްޕަ ރަފީގެވެ. އެ ދެބަފައިން ފެނުމާއެކު ޒަހުވާންގެ ހިތް ބާރަށް ތެޅިގަތެވެ. އިއްޔެ ހަވީރު ހިނގައިދިޔަ ހިތްދަތި ކަންތައްތައް އެ ތިމީހުންގެވެސް ލޯމައްޗަށް ސިފަވާން ފެށީ އެވަގުތުއެވެ.

އިއްޔެ އިރުއޮއްސުނު ވަގުތު، ރާއިފް އޭނާގެ ގެއަށް ޒަހުވާން ގެންދިޔައީ ބަނޑުހައިވެފައިވާ އެކުވެރިޔާއަށް ކާންދިނުމުގެ މާތް ނިޔަތުގައެވެ. ގޭގެ ދޮރުމައްޗަށް ހުއްޓި ރާއިފް ގޮވައިލިއެވެ.

ރާއިފް: "މަންމާ، ބައްޕާ، އަޅުގަނޑު މިއައީ ގެއަށް."

މަންމަ ރަޒާނާ އާއި ބައްޕަ ރަފީގު އެކުގައި އައިސް ގޭގެ ބޮޑުދޮރު ހުޅުވައިދިނެވެ.

ރާއިފް: "މިއީ ޒަހުވާން. ކާން ތައްޔާރުތަ؟"

މިހެން ބުނަމުން ރާއިފް އެތެރެއަށް ވަންނަން ހިނގައިގަތް ނަމަވެސް، ޒަހުވާން މަޑުކޮށްލައިގެން ހުރީ ބޭރުގައެވެ. އެވަގުތު ޒަހުވާންގެ ބާވެފައިވާ ހެދުމަށާއި ނިކަމެތި ސިފައަށް ބަލައިލަމުން ރަޒާނާ ނުރުހުމާއެކު ވަހަކަ ދައްކަމުން ރާއިފްއައެކު އެތެރެއަށްވަނެވެ.

ރަޒާނާ: "ތައްޔާރު، އެކަމަކު އެކަހަލަ މީހަކު ގެއަށް ތިޔަ ގެނައީ ކީއްވެ؟ އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ދަރިފުޅަށް އެނގޭތަ؟"

ރާއިފް: "މަންމާ، އޭނާއަކީ އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާ. އަޅުގަނޑުގެ ބައިސްކަލުގެ ޗޭނު ކަނޑައިގެން ދިޔަ ދުވަހު އެ މަރާމާތުކޮށްދިނީ އޭނާ. މިވަގުތު އޭނާ ހުންނާނެ ތަނެއް ނެތް. މަދުވެގެން ހޫނު ކެއުމެއް އޭނާއަށް ދިނުމަކީ ކުރެވިދާނެ ކަމެއް ނޫންތަ؟"

އެވަގުތު ރަފީގު ބޭރަށް ނުކުމެ، ދޮރުމަތީގައި ހުރި ޒަހުވާނާ ކުރިމަތިލިއެވެ. އަދި ޖީބުން ފައްސަތޭކަ ރުފިޔާގެ ނޫޓެއް ނަގައި ދިއްކޮށްލަމުން ބުންޏެވެ.

ރަފީގު: "މަގޭ ދަރިފުޅަށް އެހީތެރިވެދިނީތީ ޝުކުރިއްޔާ. މި ހިފައިގެން ގޮސް ކާނެ އެއްޗެއް ހޯދާ. އަދި ބުނަން، މިއީ މަގުމަތީގައި އުޅޭ މީހުން ބައިތިއްބާ މަރުކަޒެއް ނޫން. އަދި މިގޭގައި މީހުން ބައިތިއްބޭކަށްވެސް ނެތް." ރުޅިގަދަވެފައި ހުރި ރަފީގު އެހެންބުނުމަށްފަހު ގެއަށް ވަން ވަގުތަކީ ރާއިފް ބޭރަށް ނުކުތްވަގުތެވެ.

ރާއީފް: "ޒަހްވާން މަޑުކޮށްބަލަ"

ޒަހުވާން: "އޯކޭ ރާއިފް. އަހަރެން މިހާރު ހަނދާންވެއްޖެ ދާންޖެހޭ އެހެން ތަނެއް އޮތްކަން. އަހަރެން ދަނީ. ކެއުން ރަނގަޅަށް ކުރިއަށް ގެންދާތި."ހިތްކުދިކުދިވެފައި ހުރި ޒަހުވާން އިސްއޮބާލަމުން ރާއިފަށް ބުންޏެވެ.

ޒަހުވާން ހިނގައިގަތުމުން ރާއިފް އައި ރުޅިއާއި ހިތާމައިން ފުރިގެންވާ ހާލު ގޭތެރެއަށް ވަނެވެ.

ރާއިފް: "ބައްޕާ، ތިޔަ ކުރަނީ ކީއް؟ އަޅުގަނޑު އޭނާ ދަންނަތާ ތިން މަސް ވެއްޖެ. އޭނާއަކީ ގޯސް މީހެއް ނޫން."

ރަފީގު: "ދަރިފުޅަށް ތިޔަ ކަންކަން ވިސްނޭވަރަށްވުރެ އަދި މާ ޅަ. ތިޔަކަހަލަ މީހުންނާއެކު ދަރިފުޅު އުޅެގެން ނުވާނެ." ރަފީގު ވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ނުދީ ރާއިފް އޭނާގެ ލަންޗް ބޮކްސް ނަގައި ކާއެއްޗެހި އެޅުމަށްފަހު އެ ފަހިގެން ދުވެފައި ނުކުމެ ޒަހުވާނާ އަރާހަމަކުރިއެވެ.

ރާއިފް: "ޒަހުވާން، އަހަންނަން މައާފްކުރޭ. ބައްޕަމެން އެގޮތަށް ކަންތައް ކުރާނެ ކަމަކަށް އަހަރެން ދުވަހަކުވެސް ހިއެއް ނުކުރަން. އަން މީގައި ހިފާ."

ޒަހުވާން: "އޯކޭ ރާއިފް، އަސްލު އެންމެ ފުރަތަމަ އަހަރެން ތިގެއަށް އައިސްގެންވެސް ނުވާނެ. އަހަރެންގެ ސަބަބުން މައިންބަފައިންނާ ޒުވާބު ނުކުރޭ."

ރާއިފް އެތެރެއަށް ވަނުމުން، އިރުކޮޅެއް ފަހުން ރަފީގު އަނެއްކާވެސް ބޭރަށް ނުކުމެ، އެގެ ކައިރީހުރި ކުޑަ ޕާކުގެ ބެންޗުގައި އިސްޖަހައިގެން އިން ޒަހުވާން ހޯދިއެވެ. އަދި ހަރުކަށިކަމާއެކު އިންޒާރު ދިނެވެ.

ރަފީގު: "އޭތް ކުޑަކުއްޖާ! މިއަދުން ފެށިގެން މަގޭ ދަރިފުޅާ ދުރުގައި އުޅޭ. އޭނާ އެއުޅެނީ ކޮލެޖަށް ވަންނަން ފޯމު ހުށަހަޅަން. ތިޔަ ދެމީހުންނަކީ މުޅިން ތަފާތު ދެ ދުނިޔެއަކަށް ނިސްބަތްވާ ބައެއް. ކަލޭގެ ދިރިއުޅުން ކަލެއަށް އަމިއްލައަށް އިސްލާހު ނުކުރެވޭނެކަން ދަރިފުޅަށް ވިސްނައިނުދޭތި."

ޒަހުވާން: "ސާހިބާ! އޭނާ އަޅުގަނޑުގެ ކަންކަން ރަނގަޅު ކޮށްދޭނެ ކަމަކަށް އަޅުގަނޑު ދުވަހަކުވެސް އުންމީދެއް ނުކުރަން."

ރަފީގު: "އެހެންވީމާ އޭނާގެ ކައިރިއަށް ނާންނާތި!"

ޒަހުވާން: "އަޅުގަނޑަށް ވިސްނިއްޖެ، ސާހިބާ." އޭރު ރަފީގު އެނބުރި ހިނގައްޖެއެވެ.

އެވަގުތު ދުރުން ރާއިފް ދުވަމުން އަންނަތަން ޒަހުވާން އަށް ފެނުނެވެ. އޭނާ އަވަސް އަވަހަށް އެތަނުން ދިޔުމަށް ހިނގައިގަތެވެ.

ރާއިފް: "ޒަހުވާން، މަޑުކޮށްބަލަ! ތިޔަ ދަނީ ކޮންތާކަށް؟ މި ހަފްތާ ބަންދުގައި ބްރޭކް ކޭބަލް ބަދަލުކުރާނެ ގޮތް ދަސްކޮށްދޭނެ ކަމަށް ވައުދުވީމެއްނު."

އެކުވެރިޔާގެ ހިތް ކުދިކުދިކޮށްލަން ޖެހުނު ނަމަވެސް، އޭނާގެ އާއިލާގެ ރައްކަލަށްޓަކައި ޒަހުވާން އަޑަށް ހަރުކަށިކަން ގެނެސް ބުންޏެވެ.

ޒަހުވާން: "އަހަރެން އެކަނި ދޫކޮށްލާ ރާއިފް. އަހަރެމެންނަކީ އެއް ދުނިޔެއަކަށް ނިސްބަތްވާ ބައެއް ނޫން. އަހަރެން ކަލެއާ ގާތްކަން ބޭއްވީ ކަލޭގެ އަތުން ފައިސާ ހޯދަންވެގެން!"

އެހެން ބުނެފައި، ފަސްއެނބުރި ބެލުމެއްނެތި ޒަހުވާން ބާރަށް ހިނގައިގަތެވެ.

އެ ރޭ ކާ މޭޒު ދޮށުގައި ރަފީގާއި ރަޒާނާ ތިބީ ރާއިފްގެ އިންތިޒާރުގައެވެ. ރާއިފް އައިސް އިށީނުމުން ރަފީގު ދުޢާ ފެށިއެވެ.

ރަފީގު: "ޔާ ﷲ، އަޅަމެންނަށް މި ދެއްވި ނިއުމަތަށް ޝުކުރުވެރިވަމެވެ. އަޅަމެންގެ ހިތްތަކުގައި އޯގާތެރިކަން ލައްވާފާނދޭވެ..."

ރާއިފް: "ބައްޕާ، ދުޢާކުރުން މަޑުޖައްސާލަބަލަ! ޒަހުވާން ކުއްލިއަކަށް މިއަދު އަޅުގަނޑާ ބައްދަލުކުރަން ބޭނުން ނޫން ކަމަށް ބުނީ ކީއްވެގެން ކަމެއް އަޅުގަނޑަކަށް ނުވިސްނޭ. އޭނާ ބުނީ އޭނާ އަޅުގަނޑުގެ ބޭނުން ހިފީ ހަމައެކަނި ފައިސާއަށްޓަކައި ކަމަށް. އަދި މިހާރު އޭނާ އެހުންނަނީ އަޅުގަނޑަށް ފިލައިގެން... ބައްޕާ؟ ރޭގައި ބައްޕަ އޭނާއާ ބައްދަލުކުރަން ދިޔައިން ދެއްތޯ؟"

ރަފީގު: "އާނ، ބައްޕަ ދިޔައިން. އަދި ދަރިފުޅާ ދުރުގައި އުޅުމަށް އޭނާއަށް އިންޒާރު ދިނިން. އެކަހަލަ މީހަކާ އެކު އުޅެގެން ދަރިފުޅަށް ލިބޭނީ ކޮން ފައިދާއެއް؟"

ރާއިފްގެ ލޮލުން ކަރުނަ ފައިބައިގަތެވެ.

ރާއިފް: "ބައްޕާ، މަންމާ، އާދޭސްކޮށްފައި ބުނަން، އަޅުގަނޑަށް އިތުބާރު ކުރޭ. މަގުމަތީގައި އުޅޭ ކޮންމެ މީހަކީ ގޯސް މީހެއް ނޫން. އޭނާގެ އުމުރަކީ އެންމެ ވިހި އަހަރު. އޭނާގެ އަތުގައި ހުރި ހުރިހާ އެއްޗެއް ހޭދަކުރީ ބަލި އެނދުގައި އޮތް މަންމައަށް ފަރުވާ ކުރުމަށް. އޭނާ ހާލުގައި ޖެހުނީ އެހެންވެގެން. އޭނާ ކިތައްމެ ދުވަހަކު އަހަރެންގެ ބައިސްކަލް މަރާމަތުކޮށްދިން. އެއިން އެންމެ ފަހަރަކުވެސް ލާރިއަކަށް ނޭދޭ. ލާރިދޭން އުޅުމުންވެސް އޭނާ ބުނަމުންއައީ އަހަރެން އެނާއަށް ލާރި ދޭން ނުޖެހޭނެ ކަމަށް! ނިކަން ވިސްނާލަބަލަ ބައްޕާ! ބައްޕަ ތިޔަ ދުޢާކުރަނީ ހިތްތަކުގައި އޯގާތެރިކަން ލެއްވުމަށް، އެކަމަކު ބައްޕައަށް ފެނުނީ ހަމައެކަނި އޭނާގެ ނިކަމެތިކަމާއި ގެދޮރެއް ނެތްކަން. އޭނާގެ އެ ހިތްހެޔޮކަމާއި އެ ރިވެތި އަޚްލާގެއް ބައްޕައަކަށް ނުފެނުނު!"

ރަޒާނާ: "އަހަރެމެން މި މަސައްކަތް ކުރަނީ ދަރިފުޅު ރައްކާތެރިކުރަން. މީހަކު ދަރިފުޅުގެ ނާޖާއިޒު ފައިދާއެއް ނަގައިފާނެތީ އަހަރެމެން ބިރުގަންނަނީ."

ރާއިފް: "އަޅުގަނޑު ރައްކާތެރިކުރަނީތޯ؟ އެހެންވިއްޔާ ބައްޕަމެންނަށް މި ދުނިޔެ ފެންނަ ހަނި ގޮތަށް އަޅުގަނޑު ބަލަން މަޖުބޫރު ނުކުރޭ! އޭނާ މި ގެއަށް ވައްދާކަށް އަޅުގަނޑު ދުވަހަކުވެސް ގަދައެއް ނާޅަން. އަޅުގަނޑު އެދުނީ ހަމައެކަނި އިންސާނިއްޔަތުކަމަށް. އޭނާގެ އަމިއްލަ އަބުރުވެރިކަން ދެމެހެއްޓުމަށްޓަކައި، އަމިއްލަ އެކުވެރިޔާއަށް ދެރަދޭންޖެހޭ ފަދަ ހާލަތަކަށް އޭނާ ވައްޓާލަން ބައްޕަމެންނަށް މަޖުބޫރުވީ ކީއްވެގެންތޯ؟"

ރާއިފް ކާ މޭޒު ދޮށުން ތެދުވެގެން ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލިއެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނު، ރަޒާނާ އާއި ރަފީގު ތިބީ ކާ މޭޒު ދޮށުގައި އިސްޖަހައިގެންނެވެ. ރޭގައި ރާއިފް ބުނި ވާހަކަތަކުން އެ ދެމަފިރިންގެ ނިދި ވަނީ ގެއްލިފައެވެ.

ރަޒާނާ: "އަހަރެމެންނަށް ހަގީގަތުގައިވެސް ދަރިފުޅު ރައްކާތެރި ކުރެވެނީތަ؟ ނުވަތަ އަހަރެމެންގެ ދަރިފުޅަށް މި ދަސްކޮށްދެވެނީ މީހުންގެ ނިކަމެތިކަމަށް ބަލައި ފުރައްސާރަކުރަންތަ؟"

ރަފީގު: "ފަހަރުގައި އަހަރެން މިއުޅުނީ މާ އަމިއްލަ އެދުން ބޮޑުކޮށް ކަމަށް ވެދާނެ. ފަހަރުގައި އަހަރެން މި ހުރީ އޭނާގެ ހެޔޮ ވިސްނުމަށް ހުރަސްއަޅައިގެން ކަމަށް ވެދާނެ."

ހިތާމައާއި ލަދުވެތިކަމުން ފުރިފައިވާ ހާލު، ރަފީގު ގޮސް ދަރިފުޅުގެ ކޮޓަރީގެ ދޮރުގައި ޓަކިޖަހައިލިއެވެ. ރާއިފް ދޮރު ހުޅުވިއިރު، ރަފީގުގެ ދެލޯ ވަނީ ކަރުނުން ފުރިފައެވެ.

ރަފީގު: "ދަރިފުޅާ، ރޭގައި ބައްޕައަށް ކަންތައް ކުރެވުނީ ވަރަށް ބޮޑަށް ބޭއިންސާފުން. ބައްޕައަށް މައާފްކުރޭ. ހިނގާ ދެމީހުން އެކުގައި ގޮސް ޒަހުވާން ހޯދަން ދަމާ."

ރާއިފްގެ މޫނުމަތިން އުފާވެރިކަމުގެ ކުލަވަރު ފެނިގެންދިޔައެވެ.

ރާއިފް: "ލައްބަ . ޝުކުރިއްޔާ ބައްޕާ!"

އެ ހަނދާންތަކުގެ ތެރެއިން ޒަހުވާނަށް ހޭވެރިކަންވީއިރުވެސް ރަފީގުގެ ދެބަފައިންނަށް ތިބެވުނީ އިއްޔެގެވީ ކަންތަކާއި ދެރަހީވެ ކަރަނައި ދެލޯފުރިފައެވެ. ޒަހްވާން ކުއްލިއަކަށް އަވަސްއަރުވަލާފައި ދާން އޭނަގެ ކޮނޑުގައި ދަބަސް އެޅުވި ވަގުތު ރަފީގުގެ ދެބަފައިންނަށް ސިހިގެންދިޔައެވެ. ވަގުތުން ރަފީގު ވަރަށް އޯގާތެރިކަމާއެކު އާދޭހުގެ ރާގަކަށް ޒަހުވާނަށް ގޮވާލިއެވެ.

"ޒަހްވާން ދަރިފުޅު، މަޑުކޮށްބަލަ،" ރަފީގު އިސްދަށަށް ޖަހައިލަމުން ބުންޏެވެ. "ރޭގައި ބައްޕަގެ އަމިއްލަ ތަޢައްޞުބުގެ ސަބަބުން، އަމިއްލަ ދަރިފުޅު ރައްކާތެރިކުރުމުގެ ނަމުގައި، ޒަހުވާނަށް މަޖުބޫރުކުރީ އޭނާއަށް ދެރަދޭން. އެކަމަށްޓަކައި ބައްޕަ ވަރަށް ބޮޑަށް މައާފަށް އެދެން. ޒަހުވާން ވަގުތުން ބައްޕައަށް މައާފް ކުރާނެ ކަމަކަށް އުންމީދެއް ނުކުރަން. އެކަމަކު މިރޭ އަހަރެމެންނާއެކީ ކެއުމަށް އަހަރެމެންނާއެކު ގެއަށް އައިސްދިނުމަށް ޒަހުވާން އަށް ދައުވަތު ދޭން ބޭނުން. އެއީ ހަމްދަރުދީވާތީއެއް ނޫން، ރާއިފްގެ ހެޔޮއެދޭ، އިޚްލާޞްތެރި އެކުވެރިޔާއަށް ވާތީ."

"ޝުކުރިއްޔާ، ތިޔަ ދެބަފައިންނަށް މާތް ﷲ ބަރަކާތް ލައްވާށިއެވެ!" ޒަހުވާން އިސްދަށަށް ޖަހައިގެން ހުރެ، ރަފީގާއި ރާއިފުގެ ދައުވަތު ގަބޫލުކުރިއެވެ. އަދި އެދެބަފައިންނަށް ހެޔޮ ދުޢާކުރަމުން މަޑުމައިތިރިކަމާއެކު ބުންޏެވެ. "އެކަމަކު އަޅުގަނޑު ދެން ދާންޖެހޭނީ މަންމަ ގާތަށް. ރޭގަނޑު ވުމުގެ ކުރިން މަންމައަށް ބޭސް ދޭން އަހަރެން މަންމަ ގާތަށް ދާންޖެހޭ."

"ޒަހުވާން،" ރަފީގު ފިޔަވަޅެއް ކުރިއަށް އަޅައިލަމުން، ކުރިއަށްވުރެ މަޑުމައިތިރި ރާގެއްގައި ބުންޏެވެ. "އަހަރެމެންނަށް ކާރުގައި ޒަހުވާން ގެންގޮސްދެވިދާނެ. އަހަރެން ބޭނުން ޒަހުވާންގެ މަންމަގެ ހާލު ބަލައިލަންވެސް."

ޒަހުވާން ދެލޯ ބޮޑުކޮށްލަމުން ރާއިފްގެ މޫނަށް ބަލައިލިއެވެ. އޭނާ ހުރީ އެ ދައުވަތު ގަބޫލުކުރަންވީތޯ ނުވަތަ ނޫންތޯ ނިންމަން ނޭނގިފައެވެ. އޭނާ ބިރުގަތީ އަމިއްލަ ނިކަމެތި ހާލަތު އެމީހުންނަށް ހާމަވެގެންދާނެތީއެވެ. ޒަހުވާންގެ މަންމަ އާފިޔާ ބޮޑު ބައްޔަކަށް ފަރުވާ ހޯދަމުންދާތާ އެތައް މަހެއް ވެއްޖެއެވެ. ރަށުގައި ދިރިއުޅެން ހުރި ހަމައެކަނި ތަންކޮޅު ވިއްކައިލައިގެން، މުސްކުޅި މާމަ މަރިޔަމްއާއެކު މާލެ އައީ އެންމެ ދެ ދަބަހާއި ކުޑަ ފައިސާކޮޅެއް ހިފައިގެންނެވެ. އެ ފައިސާ ހުސްވެ، ކުއްޔާއި ބޭހަށް ސަލާންޖަހަން ޖެހުނުއިރުވެސް، ޒަހުވާން މަންމަ ގާތުގައި ބުނަމުން ދިޔައީ އޭނާ އުޅެނީ ރައްޓެއްސެއްގެ ގޭގައި ރަނގަޅު ކެއުމާއި ނިދުމުގައި ކަމަށެވެ. އެކަމަކު ހަގީގަތަކީ އޭނާ ހޭދަކުރީ ޕާކުތަކުގެ ބެންޗުތަކުގައާއި މިސްކިތްތަކުގައެވެ.

"އެންމެ ރަނގަޅު،" ފުން ނޭވާއެއް ދޫކޮށްލުމަށްފަހު، ޒަހުވާން އެއްބަސްވިއެވެ. ކާރަށް އަރައިގެން އެމީހުން މިސްރާބުޖެހީ، މާލޭއަށެވެ. ސިނަމާލެ ބްރިޖު މަތިން ކާރު ދުއްވާފައި ދިޔައިރު، ޒަހުވާން އިނީ ކާރުގެ ކުޑަދޮރުން ބޭރުގައިވާ އަނދިރި ކަނޑަށް ބަލަހައްޓައިގެންނެވެ.

"ޒަހްވާން މަންމައަށް އެނގޭތަ؟ ޒަހުވާން މި ދުވަސްތަކުގައި ނިދީ ބޭރުގައިކަން؟" ރާއިފް ވަރަށް މަޑުމަޑުން އަހާލިއެވެ.

"ނޫން،" ޒަހުވާންގެ އަޑު ތުރުތުރުއެޅިއެވެ. "މަންމަ އޮންނަނީ ބަލި އެނދުގައި، ކެންސަރުގެ ވޭނުގައި. އަހަރެން ނިދާނެ ތަނެއް ނެތިގެން މަގުމަތީގައި އުޅޭކަން އެނގިއްޖެއްޔާ މަންމަގެ ފުރާނަވެސް ގޮސްދާނެ. މަންމަ ހީކުރަނީ އަހަރެން ރައްޓެއްސެއްގެ ގޭގައި ވަރަށް ހަމަޖެހިލައިގެން އުޅޭ ކަމަށް."

އެ ޖަވާބު އިވިފައި، ކުރީ ސީޓުގައި ކާރު ދުއްވަން އިން ރަފީގުގެ ހިތަށް ވަޅިއެއް ހެރުނު ފަދައެވެ. އޭނާ ކާރުގެ ސުކާނުގައި ހިފަހައްޓައިގެން ހުރިއިރު، ދެލޯ ވަނީ ކަރުނުން ފުރިފައެވެ. އިއްޔެ އޭނާ މި ކުއްޖާއަށް ބެލީ ވައްކަންކުރާ، އިތުބާރު ނުކުރެވޭ މީހެއްގެ ގޮތުގައެވެ. ނަމަވެސް މިއަދު އޭނާއަށް މި ފެންނަނީ މައިވަންތަކަމުގެ ހައްގުގައި އަމިއްލަ ނަފްސު ގުރުބާންކުރަމުންދާ އަގުހުރި ދަރިއެކެވެ.

މާލެއަށް އާދެވުމުން މަންމަމެންތިބޭ ގެއަށް ދާނެ ގޮތް ޒަހުވާން ދިޔައީ ރަފީގުބެއަށް އަތުގެ އިޝާރާތުން ބުނެދެމުންނެވެ. އޭރުވެސް އޭނަގެ އުނގުމަތީގައި އޭނާގެންގުޅޭ ބަރު ދަބަސް އޮތެވެ. އެންމެފަހުން ހަނި ގޯޅިއެއްގައި ހުރި، ޒަހުވާންގެ މަންމައާއި މާމަ ދިރިއުޅެމުންދާ ކުޑަ ކޮޓަރި ހުރި ގޭގެ ކުރިމައްޗަށް އާދެވިއްޖެއެވެ. ރަފީގުގެ ހިތުގައި އޮތީ އިއްޔެ ކުރެވުނު ކުށުގެ ބަދަލުގައި، އެ ނިކަމެތި އާއިލާއަށް ވެދެވެން އޮތް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ އަޒުމެވެ.

ޒަހުވާން އެމީހުން ގޮވައިގެން އެރީ ހަނި ސިޑިއަކުން މައްޗަށެވެ. އެންމެ ކުޑަ ކޮޓަރިއެއްގެ ދޮރުގައި ޓަކިޖަހާލުމާއެކު، އުމުރުން ދުވަސްވީ އަންހެނަކު ދޮރު ހުޅުވިއެވެ. އެއީ ޒަހުވާންގެ މާމަ މަރިޔަމްއެވެ.

"ދަރިފުޅާ، މިއަދު ކިހިނެއްވީ މާ ލަސްވީ،" މަރިޔަމް ކަންބޮޑުވެފައި އެހިއެވެ. "އޭނާ އެއޮތީ ދަރިފުޅު އަންނާނެ އިރަކަށް ދޮރާ ދިމާލަށް ކަޅިޖަހައިވެސް ނުލާ ބަލަހައްޓައިގެން، އެހެން އޮންނަތާ މިހާރު ކިތަންމެ އިރެއް."

އެ ކުޑަކުޑަ ކޮޓަރީގައި ހުރީ ތަންމައްޗެއް ފަދަ ހަނި އެނދަކާއި، ފާރުގައި ލައްކޮށްފައިވާ ގޮދަޑިއެކެވެ. ކުޑަދޮރު ކައިރީގައި ހިއްކަން އަޅާފައި ހުރި އެއްޗެހިތަކުގެ ތެރެއިން އަންނަނީ ބޭހުގެ ވަހެވެ. އެނދުގައި އޮތް އާފިޔާ، ވަރުދެރަ ގޮތަކަށް މޫނު އަނބުރާލިއެވެ. އޭނާގެ ހިކި އަނަރޫފަވެފައިވާ މޫނުމަތިން ފެނުނީ އިންތިހާ ދަރަޖައިގެ ލޯތްބެވެ.

"މަންމަގެ ދަރިފުޅު، އާދެވިއްޖެ ދޯ" އާފިޔާ ހިނިތުންވެލިއެވެ.

ޒަހުވާން ވަގުތުން ދުވެފައި ގޮސް މަންމަގެ ނިތްކުރީގައި ބޮސްދިނެވެ. އަދި ބާލީސް ރީތިކޮށްލައި، އަޅާފައިވާ ފޮތިގަނޑު ރީތިކޮށްލިއެވެ. އެ ހުރިހާ ހަރަކާތަކުން ފެންނަނީ އެކަމަށް އޭނާ ފަރިތަވެފައިވާ މިންވަރެވެ.

"މަންމާ، މައާފުކުރައްވާ، މިއަދު މިހާ ލަސްވީ ޓްރެފިކް ބާރު ބޮޑުވީމާ. މިއީ ރާއިފް، އަދި މިއީ އޭނާގެ ބައްޕަ ރަފީގުބޭބެ. އަހަރެން މިއަދު އައީ އެމީހުންގެ ކާރުގައި،" ޒަހުވާން ތައާރަފުކޮށްދިނެވެ.

އާފިޔާ އުނދަގުލާއެކު ބޯ ހިއްލާލަމުން ރަފީގަށް ބަލައިލިއެވެ. "ޝުކުރިއްޔާ، އަހަރެންގެ ދަރިފުޅު ތިޔަގޭގައި ބަހައްޓައިގެން، އޭނާއަށް އެހީތެރިވަމުން ތިޔަ ގެންދާ ކަމަށްޓަކައި. އޭނާއަކީ ބަސްއަހާ، މަސައްކަތްތެރި ކުއްޖެއް. އެކަމަކު އޭނާގެ ސަބަބުން ތިޔަ އާއިލާއަށް އެއްވެސް ތަކުލީފެއް ވާނަމަ، އަހަރެން ގާތު ބުނެދެއްވާތި."

އެ ބަސްތައް އަޑުއިވިފައި، ރަފީގުގެ ކަރުބުޑުގައި ގޮށެއް ލެވުނު ފަދައެވެ. އޭނާއަށް ޖަވާބެއް ނުދެވި، އިސްދަށަށް ޖަހާލެވުނެވެ. މި މަންމަ އެ ހީކުރަނީ އޭނާގެ ދަރިފުޅަށް ހިޔާވަހިކަން ދީގެން އުޅެނީ ރަފީގުމެން ކަމަށެވެ. އެކަމަކު ރަފީގު ކަންތައް ކުރި ގޮތް ހަނދާންވެ، އޭނާގެ ޟަމީރު އޭނާއަށް އަދަބު ދެމުން ދިޔައެވެ.

އެރޭ، ޒަހުވާން މަންމައަށް ބޭސްދީ ނިންމުމުން، ރަފީގު ޒަހުވާން ގޮވައިގެން ދިޔައީ އޭނާގެ އަމިއްލަ ގެއަށެވެ. އެގެއަށް ދިޔައިރު، ރަފީގުގެ އަންހެނުން ރަޒާނާ ހުރީ ދޮރުމަތީގައި އިންތިޒާރުގައެވެ. އިއްޔެ ޒަހުވާނާ ދިމާލަށް ހަރުކަށި ބަސްތައް ބުނެވުނު ކަމުގެ ހިތާމައިގައި ރަޒާނާގެ ލޮލުން ފެންނަނީ ހިތާމައިގެ އަސަރެވެ.

"އާދޭ އެތެރެއަށް ދަރިފުޅާ،" ރަޒާނާ މަޑުމައިތިރިކަމާއެކު ބުންޏެވެ. "އިއްޔެ އަހަރެންނަށް ވާހަކަ ދެއްކުނު ގޮތުން މައާފަށް އެދެން."

ކާ މޭޒުމަތީގައި ތައްޔާރުކޮށްފައި އޮތީ ހޫނު ކެއުމެކެވެ. ރަޒާނާ ޒަހުވާންގެ ތަށްޓަށް ބަތާއި ރިހަ އަޅައިދިނެވެ. ޒަހުވާން ކާން ފެށީ ވަރަށް މަޑުމަޑުން، ބިރުން ހުރެގެންނެވެ. އެތައް ދުވަހަކަށްފަހު އޭނާއަށް މިފަދަ ހޫނު ކެއުމެއް މި ލިބުނީއެވެ. ކުއްލިއަކަށް އޭނާ ކެއުން ހުއްޓާލިއެވެ.

"ދައްތާ... އަހަރެންނަށް މިހާރު ކެވިއްޖެ!، މީގެން އެތިކޮޅެއް މަންމައަށާއި މާމައަށް ގެންދިޔަސް އެންމެ ރަނގަޅުތަ؟" ޒަހުވާން ވަރަށް ޖެހިލުންވެފައި ހުރެ އަހާލިއެވެ.

ރަޒާނާއަށް ކެތެއް ނުކުރެވުނެވެ. އޭނާ އަނގަމަތީގައި އަތްއަޅައި، ބަދިގެއާ ދިމާލަށް ދުއްވައިގަތީ ރޮމުންނެވެ. އަމިއްލަ ބަނޑުހައިހޫނުކަމަށްވުރެ ބޮޑަށް، އަދިވެސް އެ ކުއްޖާ ވިސްނަނީ ބަލި އެނދުގައި އޮތް މަންމައާ މެދުގައެވެ. "

"ދަރިފުޅު އިހަށް ރަނގަޅަކައި ނިންމާލާ. ދައްތަ ވަކިން އެބަ ތައްޔާރު ކުރަން މަންމައާއި މާމަ އަށް ގެންދަން" ރަޒާނާ ވަރަށް އަސަރާއެކު ބުންޏެވެ.

ކެއުން ނިމުމުން، ރަފީގު ޒަހުވާންގެ ގާތުގައި އިށީނދެލިއެވެ. "ޒަހުވާން. މިރޭ އަހަރެމެންގެ ގޭގައި މަޑުކުރޭ. މިގޭގައި ހުސް ކޮޓަރިއެއް އެބަހުރި. ޒަހުވާންގެ އާއިލާގެ ކަންކަން ހަމަޖެހެންދެން ޒަހުވާން ހުންނަންވާނީ މިގޭގައި."

"އެކަމަކު ބޭބޭ، އަހަރެންނަކަށް ކުއްޔެއް ނުދެއްކޭނެ، މިހާރުވެސް މަންމަމެން އެތިބޭތަނަށް ކިރިޔާ ކުލި ދެއްކެނީ، ކުލި ދައްކާފައި އެމީނުންނަށް ކައިން ބުމަށް ބޭނުންވާރަށް ނުވެސް ހުރޭ" ޒަހުވާން ވަގުތުން ދެކޮޅު ހެދިއެވެ. "އަހަރެން ބޭނުމެއް ނޫން ރަފީޤުބެމެންނަށް ބުރައަކަށްވާން."

"ޒަހުވާން!" ރާއިފް ކުރިއަށް ޖެހިލިއެވެ. "އަހަރެމެން ބޭނުމީ ޒަހުވާން މިގޭގައި ހުންނަން. ތިއީ މިހާރު އަހަރެންގެ ހަމައެކަނި އެކުވެރިއެއް ނޫން، ތީ އަހަރެންގެ ބޭބެއެއް ފަދަ ކުއްޖެއް."

އެވަގުތު ޒަހުވާންގެ ކެތްތެރިކަން ކޮޅުންލިއެވެ. އޭނާ މޫނުގައި ދެއަތް އަޅައި، ގިސްލާފައި ރޯން ފެށިއެވެ. އެތައް އަހަރެއް ވަންދެން ހިތުތެރޭގައި ފޮރުވައިގެން ހުރި އެކަނިވެރިކަމާއި، ބިރުވެރިކަމާއި، ހިތާމައިގެ ބުރަ، ކަރުނައިގެ ސިފައިގައި ބަންޑުންވެގެން ދިޔައެވެ. ރަފީގު ކުރިއަށް ޖެހިލައި، އެ ނިކަމެތި ކުއްޖާގެ ކޮނޑުގައި ހިފަހައްޓާލުމަށްފަހު މޭގައި ޖައްސައި ބައްދާލިއެވެ. އެއީ ބައްޕައެއްގެ ފަރާތުން ޒަހުވާނަށް އެތައް އަހަރަކަށްފަހު ލިބުނު ފުރަތަމަ ހޫނު ހިމާޔަތެވެ.

އެތިންމީހުންގެ ވާހަކަތައް އަޑުއިވޭ ހިސާބުގައި ހުރި ރަޒާނާ ކާއެއްޗެހި ބަންދުކޮށްގެން އެތަނަށް އައީ އެވަގުތުއެވެ.

ތެދެއް ދަރިފުޅު ޒަހުވާން ތީ މިހާރު އަހަރެމެންގެ ދަރިއެއް، ހަމައަކަށް އެޅެންދެން ޒަހުވާން ހުންނަންވާނީ މިގޭގައި، މިހުރީ ކާއެއްޗެހި ތައްޔާރުވެފައި. ރަފީގް ދާންވީނު އެދެކުދިންނާއެކު" ރަޒާނާއަށް އެހެން ބުނިތަނާ ޒަހްވާނު ބުންޏެވެ.

"ނޫނޭ ދައްތާ! ރަފީޤުބެއަށް ބުރައަކަށް ނަހައްދަވާ. މަންމަމެން އުޅެނީ ވަރަށްކައިރީގައި 10 މިނިޓްތެރޭ ހިނގާފައި ދެވޭނެ އެގެއަށް"

"ދެމީހުން ދޯ ދާނީ" ރާއިފް ބުނެލިއެވެ. ރާއިފް އެހެން ބުނުމާއެކު ޒަހްވާނަށް އެއްޗެއް ނުބުނެވެނީސް ރަޒާނާ ބުންޏެވެ.

"ތެދެއް، ރާއިފް އާއި ދެމީހުން ދޭ"

"ރާއިފް ނަމާދުކޮށްފިންތަ؟ ދައްތާ! މިދީފައި ގެއަށް އަންނަ މަގުމަތީ ކައިރީގައި ހުރި މިސްކިތަށް ގޮސް ނަމާދުކޮށްލައިގެން އަންނާނީ އެންމެ ރަނގަޅުތޯ؟"ޒަހްވާން ވަރަށް އަދަބުވެރިކަމައެކު ރަޒާނާ ކައިރިން އެއްސެވެ.

"ވަރަށް ރަނގަޅު، ދައްތަ ވަކީން އުފާވެއްޖެ ޒަހްވާން ފަދަ ކުއްޖަކު ރާއިފްގެ ދިރިއުޅުމުގައި ދިމާވީމާ، ރާއިފްވެސް ވާނެ އަބަދުވެސް ނަމާދަށް ފަރުވަތެރިވާން" ޒަހުވާން ނަމަދަށް ފަރުވާތެރިވާ މިންވަރު ފެނިފައި ރަޒާނާއަށް ލިބުނު ހިތްހަމަޖެހުން ވަކިން ބޮޑެވެ. "އަލްޙަމްދުލިއްލާހި" އެފަދަ ދަރިޔަކު ރާއިފް ދިރިއުޅުމުގައި ދިމާވިކަމަށްޓަކައި ރަޒާނާ އެވަގުތުވެސް ﷲ އަށް ހަމްދުކުރިއެވެ.

ޖެހިގެން އައި ދުވަސްތަކުގައި، އެ އާއިލާގެ ދިރިއުޅުމުގެ އޮއިވަރު މުޅިން ބަދަލުވެގެން ދިޔައެވެ. ރަފީގުގެ އާއިލާއިން ޒަހުވާނަކީ ހަމައެކަނި ގެއަށް އައި މެހުމާނެއްގެ ގޮތުގައި ނުދެކެއެވެ. އޭގެ ބަދަލުގައި، އޭނާއަކީ އެ އާއިލާގެ އެއްބަޔަކަށް ވެގެންދިޔައެވެ. ރަފީގުގެ ބައްޕަ ހަސަން، ޒަހުވާނަށް މެކޭނިކް މަސައްކަތެއް ހޯދައިދިނެވެ. އެއީ އޭނާގެ ހުނަރު އިތުރަށް ތަރައްގީކޮށް، މަންމަގެ ބޭސްފަރުވާއަށް އަމިއްލަ އާމްދަނީއެއް ހޯދުމަށް މަގުފަހިކޮށްދިނުމަށެވެ. އަދި ރަޒާނާއާއި ރަފީގުގެ މަންމަ ހައްވާ، ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އާފިޔާގެ ހާލު ބަލައި، ކާބޯތަކެތި ގެންގޮސްދީ، ބަލިމީހާގެ އެކަނިވެރިކަން ފިލުވައިދިނުމުގައި ދެމިތިއްބެވެ.

ނަމަވެސް، ޒަހުވާންގެ ހިތުގައި އަދިވެސް އެއް ކަމެއް ފޮރުވިފައި އޮތެވެ. އޭނާ އުއްމީދުކުރި ތައުލީމެވެ. ހަވީރުގެ ވަގުތުގައި އެނދުމަތިކޮށްފައިވާ މަންމަކައިރީ ކައިރީގައި ރާއިފްއާއިއެކު ޒަހުވާން ފޯނުން ޓެކްނިކަލް ކޯހެއްގެ މައުލޫމާތު ބަލަން އިންދާ ރާއިފަށް ފެނުނެވެ.

"ޒަހުވާން، ތިޔަ ކޯހަށް އެޕްލައި ކުރަންވީނުން" ރާއިފް ލަފާދިނެވެ.

"ކިހިނިއް؟ މަންމަ މިހާލަތުގައި އޮތްއިރު، އަހަރެން ކިޔަވަން ވަގުތު ހޭދަކޮށްފިއްޔާ މަންމަ ބަލާނީ ކާކު؟" ޒަހުވާން އިސްދަށަށް ޖަހާލިއެވެ.

އެ ވާހަކަ އަޑުއިވުނީ ހޮސްޕިޓަލުގެ އެނދުގައި އޮތް އާފިޔާއަށެވެ. އާފިޔާ އޭނާގެ ދަރިފުޅު ގާތަށް ގެނެސް، އޭނާގެ އަތުގައި ބާރަށް ހިފާލިއެވެ.

"ދަރިފުޅާ،" އާފިޔާ ކަރުނައިގެ ތެރެއިން ހިނިތުންވެލަމުން ބުންޏެވެ. "މަންމަ ބަލިވުމަކީ ދަރިފުޅުގެ ހުވަފެންތައް ވަޅުލަންޖެހޭ ސަބަބެއް ނޫން. ދަރިފުޅު މަންމަ ބެލި ގޮތާމެދު މަންމަ ފަޚުރުވެރިވަން. އެކަމަކު ދަރިފުޅު ކުރިއަރައިގެން ގޮސް ކާމިޔާބު ހޯދާ މަންޒަރު ދުށުމަކީ މަންމަގެ އެންމެ ބޮޑު އެދުން. ރަފީގުބޭބެމެން އެތިބީ އަހަރެމެންނާއެކު. ދަރިފުޅު ކުރިއަށް ދޭ."

އެ ހިތްވަރާއެކު، ޒަހުވާން ކޯހަށް ކުރިމަތިލިއެވެ. އަދި އޭނާއަށް އެ ކޯހުން ޖާގަ ލިބުނު ދުވަހަކީ އެ ދެ އާއިލާއަށް ވެސް އީދެއް ފަދަ އުފާވެރި ދުވަހަކަށް ވިއެވެ. ރަޒާނާ އުފަލުން ރޮމުން ޒަހުވާންގެ ގައިގައި ބައްދާލިއިރު، ރަފީގުގެ ލޮލުން ފެންނަމުން ދިޔައީ އަމިއްލަ ދަރިއަކު ހޯދި ކާމިޔާބީއަކާމެދު ފަޚުރުވެރިވާ ބައްޕައެއްގެ އިހުސާސެވެ.

އަހަރުތައް ފާއިތުވަމުން ދިޔައީ އެ ގުޅުމުގެ ބަދަހިކަން ދުވަހެއް ދުވަހަކަށް ވަރުގަދަކުރަމުންނެވެ. ޒަހުވާންގެ ކިޔެވުން ނިމި، އޭނާއަކީ މިހާރު ކާމިޔާބު އިންޖިނިއަރެކެވެ. މަންމަ އާފިޔާގެ ބަލި މުޅިން ފަސޭހަނުވި ނަމަވެސް، ޒަހުވާންގެ ހީވާގި މަސައްކަތުން އޭނާ ވަނީ މަންމައާއި މާމައަށްޓަކައި ހިތްފަސޭހަ، ރީތި ގެއެއް ބިނާކޮށްދީފައެވެ. އެހެން ނަމަވެސް، ރަފީގުގެ އާއިލާއާ އޮތް ގުޅުމަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ޒަހުވާނަކީ އެ ގޭގެ ދޮށީ ދަރިފުޅު ފަދަ މީހެކެވެ.

އެއްދުވަހަކު، ރަފީގު ކުއްލިއަކަށް ހިތުގެ އާލާސްކަންފުޅެއްގައި ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުނެވެ. އެ ޚަބަރު ލިބުމާއެކު، ހުރިހާ މަސައްކަތެއް ދޫކޮށްލާފައި އެންމެ ފުރަތަމަ ހޮސްޕިޓަލަށް ދުވެފައި ދިޔައީ ޒަހުވާނެވެ. ރާއިފާއި ރަޒާނާއަށް ހިތްވަރުދީ، ހުރިހާ އިންތިޒާމުތަކެއް ހަމަޖެއްސުމުގައި އިސްވެ އުޅުނީ އޭނާއެވެ.

އެރޭ ދަންވަރު، އައިސީޔޫގެ ހިމޭން މާހައުލުގައި، ރަފީގުގެ އެނދު ކައިރީގައި އިށީނދެގެން އިނީ ޒަހުވާނެވެ. ރަފީގު ވަރުބަލިކަމާއެކު ލޯ ހުޅުވާލިއިރު، ޒަހުވާން އިނީ އޭނާގެ އަތުގައި ބާރަށް ހިފަހައްޓައިގެން، ކަރުނުން ފުރިފައިވާ ދެލޮލުން ބަލަހައްޓައިގެންނެވެ.

"ދަރިފުޅާ... ޒަހުވާން،" ރަފީގު ވަރަށް އުނދަގުލުން ވާހަކަދެއްކިއެވެ. "ގެއަށް ގޮސް އަރާމުކޮށްލާ... މާ ބޮޑަށް ވަރުބަލިވެދާނެ."

"ނޫން ބޭބޭ،" ޒަހުވާން ބޯހޫރުވާލިއެވެ. އޭނާގެ އަޑުގައި ވަނީ ފުން އަސަރެކެވެ. "ހަނދާން އެބަހުރިތަ؟ އަހަރެން މަގުމަތިވެ، ނިދާނެ ތަނެއް ނެތި، ހައިހޫނުކަންމަތީ ޕާކު ބެންޗެއްގައި އިން ދުވަހު އަހަރެންގެ އަތުގައި ހިފީ ތިޔަބޭބެ. އަހަރެމެންގެ ހާލަތަށް މަލާމާތްނުކޮށް، އަމިއްލަ ސުފުރާމަތިން ޖާގައެއް ދެއްވީ ތިޔަބޭބެ. މިއަދު އަހަރެން މިތަން ދޫކޮށްފައި ދާނީ ކިހިނެއް؟ ތިޔައީ އަހަރެންގެ ބައްޕަ ފަދަ މީހެއް." އަދި އަރެންމީ ދަރިފުޅެއް ކަމުގައި ދެކިއްލަވާއިރު އަހަރެންނަށްވެސް ބައްޕައޭ ކިޔުމުގެ ހައްޤު އަދި ބައްޕައަކަށް އަދާކުރަންޖެހޭ ހައްޤު އަދާކުރުމުގެ ފުރުޞަތު އޮންނަންވާނެނުން"

ރަފީގުގެ ލޮލުން ކަރުނަ ފައިބައިގަތެވެ. ކުރީގެ އެ ހަރުކަށި ދުވަސްތަކުގެ ހަނދާން އޭނާގެ ހިތަށް ވެރިވިއެވެ. އެދުވަހު އޭނާ ޒަހުވާނަށް ދިން ފައްސަތޭކަ ރުފިޔާގެ ބަދަލުގައި، ޒަހުވާން މިއަދު އޭނާއަށް މި އަނބުރާ ދެނީ އަގުނުކުރެވޭ ފަދަ އިޚްލާސްތެރި ލޯތްބާއި ކުލުނެވެ.

ދުވަސްތަކެއްގެ ފަރުވާއަށްފަހު ރަފީގު މުޅިން ރަނގަޅުވެގެން ގެއަށް ދޫކޮށްލިއެވެ. އެ އުފާ ފާހަގަކުރުމަށްޓަކައި އެރޭގެ ޚާއްސަ ކެއުން އޮތީ ޒަހުވާންގެ އާ ގޭގައެވެ. ދެ އާއިލާ އެކުގައި އެއް ސުފުރާއެއްގެ ދޮށުގައި އިށީނދެގެން ތިބިއިރު، މުޅި ގޭތެރޭގައި ވަނީ އުފާވެރިކަމުގެ އަޑުތަކެވެ.

ކެއުމުގެ މެދުތެރެއިން ޒަހުވާން ތެދުވެލިއެވެ. އަދި އެންމެންގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ.

"އަހަރެން މިއަދު ވަރަށް މުހިންމު ވާހަކައެއް ބުނަން ބޭނުން،" ޒަހުވާންގެ މޫނުމަތިން ފެންނަނީ ސާބިތުކަމެވެ. "އަހަރެން މިއަދު މި ނިންމީ، 'އާފިޔާ ފައުންޑޭޝަން' ގެ ނަމުގައި ޚާއްސަ ޖަމިއްޔާއެއް ރަޖިސްޓްރީ ކުރަން. މި ޖަމިއްޔާގެ ބޭނުމަކީ، ރަށްރަށުން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަން މާލެ އަންނަ، ނިދާނެ ތަނެއް އަދި ކާނެ އެއްޗެއް ނެތި މަގުމަތިވާ ނިކަމެތި އާއިލާތަކަށް ހިލޭ ހިޔާވަހިކަމާއި ކެއުން ފޯރުކޮށްދިނުން."

އެންމެންގެ މޫނުމައްޗަށް ހައިރާންކަމާއެކު އުފާވެރިކަން ވެރިވިއެވެ. މަންމަ އާފިޔާއާއި މާމަ މަރިޔަމްގެ ލޮލުން ކަރުނަ ފާޅުވިއެވެ.

"އަދި މި ޖަމިއްޔާގެ އެންމެ އިސް މުޝީރަކަށް ހުންނަވާނީ ރަފީގުބޭބެ،" ޒަހުވާން ރަފީގަށް ބަލައިލަމުން ބުންޏެވެ. "އެއީ ހަގީގީ އިންސާނިއްޔަތުކަމަކީ ކޮބައިކަމާއި، އެހެން މީހުންނަށް އޯގާތެރިވާންވީ ގޮތް އަހަރެންނަށް އަމަލުން ދައްކައިދިން މޭސްތިރިއަކީ އެއީ ކަމަށްވާތީ."

ރަފީގު ގޮނޑިން ތެދުވެގެން ގޮސް ޒަހުވާންގެ ގައިގައި ބާރަށް ބައްދާލިއެވެ. "ދަރިފުޅާ... އަހަރެން މިއަދު ފަޚުރުވެރިވަން. މާތް ﷲ އަހަރެންނަށް ދެއްވި އެންމެ ބޮޑު އެއް ނިޢުމަތަކީ ތި ދަރިފުޅު."

އެރޭގެ ކެއުން ނިމި، އެންމެން ސިޓިންގރޫމުގައި ވާހަކައިގައި ތިއްބާ، ޒަހުވާން ބެލްކަންޏަށް ނިކުމެލިއެވެ. ޖެހެމުންދިޔަ ފިނި ރޯޅިތަކާއެކު، އޭނާ ބަލަހައްޓައިގެން ހުރީ ދުރުން ފެންނަން އޮތް ޕާކަށެވެ. އެއީ އެއްޒަމާނެއްގައި އޭނާގެ ހިތާމަތަކާއި ކަރުނަތަކުގެ ހެކިވެރިޔާއެވެ. އެކަމަކު މިހާރު އޭނާގެ ހިތުގައި ވަނީ ޝުކުރުވެރިކަމެވެ.

ރާއިފް މަޑުމަޑުން އައިސް ޒަހުވާންގެ ކޮނޑުގައި އަތް ބާއްވާލިއެވެ. "ކޮން ކަމަކާ ތިޔަ ވިސްނަނީ؟"

"އަހަރެން މި ވިސްނަނީ،" ޒަހުވާން ހިނިތުންވެލަމުން ބުންޏެވެ. "އަހަރެމެންގެ ހަޔާތަށް އަންނަ އެންމެ އަނދިރި ރޭތަކަކީ، އަސްލު އެންމެ އަލިގަދަ ފަތިހެއްގެ ފެށުން ކަމުގައި ވެދާނެތީ. އެދުވަހު އަހަރެން ހައިހޫނުކަމާއެކު އެ ޕާކުގައި އިށީނދެގެން އިނީ ހުރިހާ އުންމީދެއް ކެނޑިފައި. އެކަމަކު މިއަދު އަހަރެން މިހުރީ މުޅިން އައު ދިރިއުޅުމެއްގައި."

ރާއިފް އޭނާގެ އެކުވެރިޔާގެ މޫނަށް ބަލައިލިއެވެ. "އެއީ ތެދެއް ޒަހުވާން. ދިރިއުޅުމުގައި އެއްވެސް އިންސާނަކީ ބޭކާރު މީހެއް ނޫން. ކޮންމެ މީހަކަށްވެސް އެހެން މީހެއްގެ ސުފުރާމަތިން، އަދި ހިތުންވެސް ޖާގައެއް ލިބެން ހައްގުވޭ."

ދެ އެކުވެރިން އެކުގައި އެތެރެއަށް ވަނެވެ. ގޭގެ ތެރެއިން އިވެމުންދިޔައީ އާފިޔާއާއި މަރިޔަމްގެ ހިނިތުންވުމުގެ އަޑާއި، ރަޒާނާއާއި ހައްވާ ދައްކަމުންދިޔަ މަޖާ ވާހަކަތަކުގެ އަޑެވެ. ރަފީގާއި ހަސަން ތިބީ އެ މަންޒަރު ބަލަން، ފުން ހިތްހަމަޖެހުމެއްގެ ތެރޭގައެވެ.

ބޭރުން ފިނި ވައިރޯޅިތައް ޖެހެމުން ދިޔަނަމަވެސް، އެ ގޭތެރޭގައި އޮތީ އިޚްލާސްތެރި ލޯތްބާއި، އޯގާތެރިކަމާއި، އެއްބަނޑުއެއްބަފާކަމުގެ ހޫނު މާހައުލެކެވެ. މީގެ އަހަރުތަކެއް ކުރިން ޕާކެއްގެ ހަރު ބެންޗެއްގެ މަތިން ފެށުނު އެ ހިތްދަތި ދަތުރު، މިއަދު މިވަނީ އެތައް ބަޔަކަށް އުއްމީދާއި ހިޔާވަހިކަން ހޯދައިދޭ ބޮޑު ނިޢުމަތަކަށް ބަދަލުވެފައެވެ. އެންމެ މީހެއްގެ ހިތުގައި އުފެދުނު ރަހުމާއި ކުލުނުގެ ސަބަބުން، ހުޅުވިގެންދިޔަ ސުފުރާމަތީގެ އެ ކުޑަކުޑަ ޖާގަ، މުޅި އުމުރަށް ދެމިގެންދާނެ ވަރުގަދަ އާއިލީ ގުޅުމަކަށް ވެގެންދިޔައެވެ.

ހަފުތާތަކެއް ފަހެވެ. 'އާފިޔާ ފައުންޑޭޝަން' ގެ ޚިދުމަތް ރަސްމީކޮށް ފެށުމަށްޓަކައި ހުޅުމާލެއިން ކުއްޔަށް ހިފި ތިން ބުރީގެ އިމާރާތް އޮތީ ބޭނުންކުރަން ތައްޔާރުވެފައެވެ. އެތަނުގެ ކޮންމެ ކޮޓަރިއެއް ތައްޔާރުކުރެވިފައިވަނީ ހޮސްޕިޓަލަށް ދައްކަން އަންނަ ނިކަމެތި އާއިލާތަކަށް އެންމެ ފުރިހަމަ އަރާމާއި ލުއިފަސޭހަކަން ލިބޭނޭ ފަދަ ގޮތަކަށެވެ. އެއީ ހަމައެކަނި ހިޔާވައްސެއް ނޫނެވެ؛ އެއީ މީހުންގެ ހިތްތަކަށް ތަސައްލީ ގެނެސްދޭނޭ އަމާން ބަނދަރެކެވެ.

އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުނީ ވަރަށް އާދައިގެ، އެހާމެ ހިތްގައިމު ގޮތަކަށެވެ. މާ ގިނަ ޝަރަފުވެރި މެހުމާނުންނެއް ނެތެވެ. ތިބީ ހަމައެކަނި އެ ދެ އާއިލާގެ މެންބަރުންނެވެ. ރަފީގު ހުރީ ފައުންޑޭޝަންގެ މައި ދޮރު ކައިރީގައި، ފާރުގައި ހަރުކޮށްފައިވާ ބޯޑަށް ބަލަހައްޓައިގެންނެވެ. އެ ބޯޑުގައި ލިޔެވިފައިވާ ބަސްތައް ފެނުމުން އޭނާގެ ދެލޯ ކަރުނުން ފުރުނެވެ.

"ހިތްދަތިކަމުގައިވާ ކޮންމެ އިންސާނަކަށް، އަހަރެމެންގެ ހިތުންނާއި ސުފުރާމަތިން ޖާގައެއް."

ޒަހުވާން މަޑުމަޑުން އައިސް ރަފީގުގެ ކައިރީގައި ހުއްޓުނެވެ. އަދި އޭނާގެ އަތުގައި އޮތް ކުޑަ ކަޅު ކުލައިގެ ފޮށްޓެއް ރަފީގުގެ އަތަށް ދިނެވެ.

"މިއީ ކޯއްޗެއް، ދަރިފުޅާ؟" ރަފީގު އަހާލިއެވެ.

"ހުޅުވާލައްވާ، ބޭބޭ،" ޒަހުވާން ބުންޏެވެ.

ރަފީގު ތުރުތުރުއަޅާ އަތަކުން އެ ފޮށި ހުޅުވާލިއެވެ. އޭގެ ތެރޭގައި އޮތީ ބިއްލޫރި ފްރޭމެއްގެ ތެރޭގައި ރައްކާކޮށްފައިވާ އެއްކަލަ ފައްސަތޭކަ ރުފިޔާގެ ނޫޓެވެ. އެއީ އެތައް އަހަރެއް ކުރިން، ޒަހުވާންގެ ހިތް ފުނޑުފުނޑުކޮށްލުމަށްފަހު ރަފީގު ދިން ފައިސާއެވެ. ނަމަވެސް އެ ފްރޭމްގެ ތިރީގައި ކުދި ރަން އަކުރުން ލިޔެފައިވާ ޖުމްލަ ފެނުމުން ރަފީގަށް ގިސްލެވެން ފެށުނެވެ.

'މިއީ ހިތްވަރާއި، ތައުބާއާއި، އަލުން އުފަންވި އާއިލާއެއްގެ ބިންގަލެވެ.'

"ޒަހުވާން..." ރަފީގަށް ބުނެވުނީ އެވަރަށެވެ.

"ބޭބޭ،" ޒަހުވާންގެ އަޑުވެސް ކުރެހިގެން ދިޔައެވެ. "އެރޭ އަހަރެން ހީކުރީ އަހަރެންގެ ދުނިޔެ ނިމުމަކަށް އައީ ކަމަށް. އަހަރެންގެ ބަނޑުހައިހޫނުކަމާއި، މަންމަގެ ބަލިހާލަތާއި، އަދި ބޭބެ ވިދާޅުވި ބަސްތަކުން އަހަރެންގެ ހިތް މުޅިން ހަލާކުވި. އެކަމަކު މިއަދު އަހަރެން ވިސްނާއިރު، އެ ރިހުމަކީ މާތް ﷲ އަހަރެމެން ދެމީހުންގެ ހިތް ގުޅުވައިދެއްވަން މިންވަރުކުރެއްވި ސަބަބު. އެދުވަހު ބޭބެ އެ ފައިސާ ނުދެއްވިނަމަ، އަދި އަހަރެން އެ ފައިސާގައި އަތްނުލައި އަނބުރާ ރައްދުނުކުރިނަމަ، އަހަރެމެންގެ ހަގީގަތް އެކަކު އަނެކަކަށް ދުވަހަކުވެސް ނޭނގުނީސް. މިއީ ބޭބެގެ ހެޔޮކަމުގެ ރަމްޒެއް."

ރަފީގު އެ ފޮށި މޭގައި ޖައްސާ ބާރުކޮށްލިއެވެ. "އަހަރެންގެ އުމުރުން ބާކީ އޮތް ބައިގައި، މި ނޫޓު ހަނދާންކޮށްދޭނީ ކިބުރުވެރިކަމުގެ ހުރި ނުރައްކާތެރިކަމާއި، މައާފުކުރުމުގައިވާ މަތިވެރިކަން. ދަރިފުޅު އަހަރެންނަށް ދަސްކޮށްދިނީ އިންސާނަކަށް ވެވޭނީ ހަމައެކަނި ފައިސާއިން ނޫންކަން."

އެވަގުތު އެތަނަށް އައީ ފުރަތަމަ ފަހަރަށް އެ ހިޔާވަހިކަމުގެ އެހީ ހޯދަން އައި އާއިލާއެކެވެ. އެއީ ދުރު ރަށަކުން، އުމުރުން އެންމެ ފަސް އަހަރުގެ ބަލި ކުއްޖަކު ގޮވައިގެން އައި ޒުވާން ދެމަފިރިންނެވެ. އެމީހުންގެ އަތުގައި އޮތީ ބާވެފައިވާ ދެ ދަބަހެވެ. ފިރިހެންމީހާގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމާއި، ހަދާނެގޮތް ހުސްވެފައިވާ މިންވަރެވެ. އަންހެންމީހާ އިނީ ދަރިފުޅު އުރާލައިގެން، ކަރުނަ ފޮހެލަ ފޮހެލައެވެ.

އެ މަންޒަރު ފެނުމުން ޒަހުވާންގެ ހިތް ހުއްޓުނު ފަދައެވެ. މީގެ އަހަރުތަކެއް ކުރިން އޭނާއާއި އޭނާގެ މަންމަ މާލޭގެ މަގުމައްޗަށް ފޭބި ދުވަސް ސިފަވެގެން ދިޔައެވެ. ހަމަ އެ ބިރުވެރިކަމެވެ. ހަމަ އެ އެކަނިވެރިކަމެވެ.

ޒަހުވާން ވަގުތުން އެމީހުންގެ ގާތަށް ހިނގައިގަތެވެ. އަދި އެ ފިރިހެންމީހާގެ އަތުގައި އޮތް ބަރު ދަބަހުގައި ހިފިއެވެ. "އަޚާއެވެ. މަރުހަބާ. ތިޔައީ މިހާރު ތިޔަބައިމީހުންގެ ވެސް ގެއެވެ."

އެ ޒުވާނާ ހައިރާންވެފައި ބަލައިލިއެވެ. "އަހަރެމެން އަތަކު މާ ގިނަ ފައިސާއެއް ނެތް. މިތަނުގައި ތިބެވޭނީ ކިހާވަރެއް ދައްކައިގެންތޯ؟"

ރަފީގު ކުރިއަށް ޖެހިލައި، އެ ޒުވާނާގެ ކޮނޑުގައި އަތް ބާއްވާލިއެވެ. "މިތަނަށް ދައްކަންޖެހޭ އަގަކީ ހަމައެކަނި ދަރިފުޅުގެ ޝިފާއަށް އެދި ކުރާ ހެޔޮ ދުއާ. މިތަނުގައި ހުރިހާ ކަމެއް ހަމަޖެހިފައި އެވަނީ ހިލޭ."

އެ ޒުވާން މައިންބަފައިންގެ ދެލޮލުން އޮހޮރިގެން ދިޔައީ ޝުކުރުވެރިކަމުގެ ކަރުނައެވެ. އެމީހުން ކުއްލިއަކަށް ތިރިވެ، ޝުކުރު އަދާކުރަން އުޅުމުން، ޒަހުވާން އެމީހުން ހިފަހައްޓައި ކޮޅަށް ތެދުވެވިއެވެ. "ނޫން، އެއްވެސް އިންސާނަކު އަނެއް އިންސާނެއްގެ ކުރިމަތީގައި އިސްދަށަށް ޖަހާކަށް ނުވާނެ. އަހަރެމެންނަކީ އެއް އާއިލާއެއް."

އެރޭގެ ވަގުތެއްގައި، ފައުންޑޭޝަންގެ ބަދިގޭގައި ރަޒާނާއާއި އާފިޔާ ތިބީ އައު އާއިލާއަށްޓަކައި ހޫނު ސޫޕާއި ކާބޯތަކެތި ތައްޔާރުކުރާށެވެ. އާފިޔާގެ ހަށިގަނޑުގައި ކުރީގެ ވަރުބަލިކަން ހުރި ނަމަވެސް، މިއަދު އޭނާގެ މޫނުމަތިން ފެންނަނީ މުޅިން އައު ދިރުމެކެވެ. އޭނާ ރަޒާނާގެ އަތުގައި ހިފާލިއެވެ.

"ރަޒާނާ،" އާފިޔާ މަޑުމައިތިރިކަމާއެކު ބުންޏެވެ. "އަހަރެން ބަލިވެ، މަރުގެ ތުންފަތްމަތީގައި އޮތްއިރު، ކޮންމެ ރެއަކު ﷲ ގެ ހަޟުރަތުގައި ދެންނެވިން އަހަރެންގެ ދަރިފުޅު އެކަނިވެރި ނުކުރައްވާށޭ. މިއަދު އަހަރެންނަށް މި ފެންނަނީ އެ ދުއާގެ އިޖާބަ. ރަޒާނާއަކީ އަހަރެންގެ ދަރިފުޅަށް ދެވަނަ މަންމައެއް. ތިޔަ ދިން ލޯތްބަށް އަހަރެން އަދާކުރާނީ ކޮން ޝުކުރެއް؟"

ރަޒާނާ އާފިޔާގެ ގައިގައި ބައްދާލިއެވެ. "އާފިޔާ، ޝުކުރު ކުރަންވީ އަހަރެމެން. ޒަހުވާން އަހަރެމެންގެ ގެއަށް އައުމުގެ ކުރިން، އަހަރެމެންގެ ގޭގައި ހުރީ ހަމައެކަނި ތަނަވަސްކަން. އެކަމަކު އޭނާ އަހަރެމެންނަށް ގެނެސްދިނީ ހަގީގީ އުފާވެރިކަމާއި، ހިތުގެ މަޑުމައިތިރިކަން. އޭނާ އަހަރެމެންގެ ގޭގެ ދޮރުގައި ޓަކިނުޖެހިނަމަ، އަހަރެމެން އަދިވެސް ތިބޭނީ އަހަރެމެންގެ އަމިއްލަ އެދުމުގެ ކުޑަ ދުނިޔޭގައި ބަންދުވެފައި."

ރޭގަނޑުގެ ހިމޭން ވަގުތުގައި، އިމާރާތުގެ މަތީ ބައިގެ ޓެރަހުގައި ޒަހުވާނާއި ރާއިފް ތިއްބެވެ. ތިރީގައިވާ މަގުތަކުން ދުއްވާ އެއްޗެހީގެ އަލިތައް ފެންނަމުން ދިޔައެވެ.

"ޒަހުވާން،" ރާއިފް ވާހަކަ ދެއްކިއެވެ. "ކަލޭގެ ބައްޕަ މިއަދު ދުނިޔޭގައި ހުރިނަމަ، ކަލެޔާމެދު ކިހާ ފަޚުރުވެރިވާނެ؟"

ޒަހުވާން މައްޗަށް، ތަރިތަކުން ފުރިފައިވާ އުޑަށް ބަލައިލިއެވެ. އޭނާގެ ދެލޯ ތެމުނެވެ. "ބައްޕަ އަބަދުވެސް ބުނާނެ، އިންސާނާގެ އަގު ވަޒަންކުރެވެނީ އޭނާގެ އަތުގައި ހުރި އެއްޗަކުން ނޫނޭ، އޭނާ އަނެކާއަށް ދިން އެއްޗަކުންނޭ. އަހަރެން ހީކުރަނީ މިއަދު ބައްޕަގެ ރޫހު އުފާވާނެ ކަމަށް. އަދި އަހަރެންގެ ހަޔާތަށް ރަފީގުބޭބެ ފަދަ ބަފައެއް މިންވަރުކުރެއްވި ކަމަށްޓަކައި އަހަރެން ކޮންމެ ސިކުންތަކު ﷲ އަށް ޙަމްދުކުރަން."

އެވަގުތު ތިރިން އިވުނީ އެއްކަލަ ކުޑަކުއްޖާގެ މަޑު ހުނުމުގެ އަޑެވެ. އެ އަޑުން މުޅި މާހައުލަށް ގެނެސްދިނީ ބަޔާންކުރަން ދަތި އުފާވެރިކަމެކެވެ. މީގެ އަހަރުތަކެއް ކުރިން ފެށުނު ކަރުނައިގެ ވާހަކަ، މިއަދު މިވަނީ އެތައް ހާސް ބައެއްގެ ތުންފަތްމައް

ތަށް ހިނިތުންވުން ގެނެސްދޭ އުއްމީދުގެ އަލިގަދަ ދަންމަރަކަށް ބަދަލުވެފައެވެ.

އެ ހިނިތުންވުމުގެ އަޑާއެކު، ޒަހުވާންގެ ހިތަށް ވެރިވެގެން ދިޔައީ ބަޔާންކުރަން ދަތި ފުން ހަމަޖެހުމެކެވެ. އޭނާ ރާއިފަށް ބަލައިލަމުން ފުން ނޭވާއެއް އެތެރެއަށް ދަމާލިއެވެ.

"ރާއިފް،" ޒަހުވާން މަޑުމައިތިރިކަމާއެކު ބުންޏެވެ. "އަހަރެން ދުވަހަކުވެސް ހިޔެއް ނުކުރަން އަހަރެންގެ ދިރިއުޅުން މިފަދަ އުފާވެރި މިސްރާބަކަށް ބަދަލުވެދާނެ ކަމަކަށް. އެރޭ، ހުޅުމާލޭގެ ޕާކުގައި އިންއިރު، އަހަރެން ހިތަށްއެރި އަހަރެމެން ފަދަ ނިކަމެތިންނަކީ މި ދުނިޔެއަށް ބޭކާރު ބައެއް ބާއެވެ؟ އަހަރެމެންގެ ވޭނާއި ކެކުޅުން އިހުސާސްވާނެ ހަމަ އެކަކުވެސް ނުހުންނާނީ ބާއެވެ؟ އެކަމަކު، މާތް ﷲ ގެ ރަޙްމަތްފުޅު ތަނަވަސްވެގެންވާ މިންވަރު މިއަދު އަހަރެންނަށް މި ފެންނަނީ. އެކަލާނގެ ތިޔަ އާއިލާ އަހަރެންގެ ހަޔާތަށް ފޮނުއްވީ ހަމައެކަނި އަހަރެން ސަލާމަތްކުރާކަށް ނޫން. އަހަރެން ފަދަ އެތައް ބައެއްގެ ކަރުނަ ފޮހެދިނުމުގެ ވަސީލަތަކަށް އަހަރެން ހެއްދެވުމަށްޓަކައި."

ރާއިފް ޒަހުވާންގެ ކޮނޑުގައި ބާރަށް ހިފަހައްޓާލިއެވެ. އޭނާގެ އަޑުގައި ވަނީ އިޚްލާސްތެރި އެކުވެރިކަމުގެ އަސަރެވެ. "ޒަހުވާން، ތިޔައީ އަހަރެމެންގެ އާއިލާއަށް ލިބުނު ބަރަކާތެއް. ބައްޕަގެ ހިތްހަރުކަން ބަދަލުވެ، މުޅި ގޭތެރެއަށް އޯގާތެރިކަމުގެ ނޫރު ވެރިވީ ކަލޭގެ ސަބަބުން. ކަލޭގެ ކެތްތެރިކަމާއި، މާތް އަޚްލާގަކީ އަހަރެމެން އެންމެންނަށް ލިބުނު ވަރަށް ބޮޑު އިބްރަތެއް."

ދެ ޒުވާނުން ޓެރަހުން ފައިބައިގެން ތިރިއަށް ދިޔައިރު، ސިޓިންގރޫމުގައި އެންމެން ތިބީ އެއްކަލަ އައު އާއިލާއާއެކު ކާ މޭޒުދޮށުގައެވެ. ރަފީގު އިނީ އެ ކުޑަ ފިރިހެން ކުއްޖާ އުނގަށް ލައިގެން، އަމިއްލަ ކާފަ ދަރިއަކަށް ކާންދޭ ފަދަ ލޯތްބާއެކު ސޫޕް ބޯންދޭށެވެ. ރަޒާނާއާއި އާފިޔާ، އެ ކުއްޖާގެ މަންމައަށް ހިތްވަރުދީ، މާދަމާ ހޮސްޕިޓަލަށް ދާނެ ގޮތުގެ އިންތިޒާމުތައް ހަމަޖައްސައިދެމުން ދިޔައެވެ. އެ މަންޒަރު ބަލަން ހުރި ޒަހުވާންގެ މާމަ މަރިޔަމް، ދެއަތް އުފުލައި ﷲ ގެ ހަޟުރަތުގައި ދުއާ ދަންނަވަމުން ދިޔައެވެ.

އެ ސުފުރާމަތިން ފެންނަމުން ދިޔައީ އިންސާނިއްޔަތުކަމުގެ އެންމެ މަތިވެރި ސޫރައެވެ. އެތަނުގައި ފަގީރެއް، މުއްސަންޖެއް، ރަށު މީހެއް ނުވަތަ މާލޭ މީހެއްގެ ތަފާތެއް ނެތެވެ. އެންމެންގެ ހިތްތައް ވަނީ އެކަތިގަނޑަކަށް ވެފައެވެ.

ކެއުން ނިމުމުން، ރަފީގު ޒަހުވާނަށް ގޮވާލިއެވެ. އަދި އޭނާގެ އަތުގައި ހިފާލަމުން ވަރަށް އަސަރާއެކު ބުންޏެވެ. "ދަރިފުޅާ ޒަހުވާން. މިރޭ އަހަރެންގެ ހިތަށް ލިބިފައިވާ ފަސޭހަކަން ބަޔާންކުރާނެ ބަހެއް އަހަރެންގެ ދުލަކު ނެތް. އަހަރެންގެ މުޅި ހަޔާތުގައިވެސް މިފަދަ ހިތްހަމަޖެހުމެއް އިހުސާސެއް ނުކުރެވޭ. އަހަރެމެންގެ ސުފުރާމަތިން ދަރިފުޅަށް ޖާގައެއް ދިން ދުވަހަކީ، އަހަރެމެންގެ ދެދުނިޔޭގެ ނަސީބު ހުޅުވިގެންދިޔަ ދުވަސް. އަހަރެން ދަރިފުޅަށް ދުއާކުރަން... އަބަދުވެސް މި ހެޔޮކަމުގެ މަގުގައި ސާބިތުވެ ހުރުމުގެ ތައުފީގު މާތް ﷲ ދެއްވާށި."

"އާމީން، ބޭބޭ،" ޒަހުވާން ރަފީގުގެ އަތުގައި ބޮސްދިނެވެ.

އެރޭ އެ އިމާރާތުގެ ބޮކިތައް ނިވި، ހިމޭންކަން ވެރިވި ވަގުތު، ޒަހުވާން އޭނާގެ ކޮޓަރީގެ ކުޑަދޮރު ކައިރީގައި ހުއްޓިލިއެވެ. ދުރުން ފެންނަ ހުޅުމާލޭގެ މަގުތަކަކީ އެއްއިރެއްގައި އޭނާގެ ހިތާމައިގެ ކަރުނަތައް ވެއްޓުނު މަގުތަކެވެ. ނަމަވެސް މިހާރު އެ ހުރިހާ ހިތްދަތިކަމެއް ވަނީ ފިލައިގޮސްފައެވެ.

މި ވާހަކައިން ދަސްކޮށްދެނީ، އިންސާނިއްޔަތުކަމަކީ ބަދަލަކަށް ނޭދި ދެވޭ ހެޔޮކަމެއް ކަމެވެ. އަދި އަނެކާއަށްޓަކައި ހިތް ހުޅުވާލައި، އޯގާތެރިކަމުގެ ކުޑަކުޑަ މިންވަރެއް ދިއްކޮށްލުމަކީ، މުޅި ދުނިޔެ ބަދަލުކޮށްލެވިދާނެ ފަދަ ބޮޑު ބާރެއް ކަމެވެ. އެންމެ ސުފުރާއަކުން ހުޅުވައިދިން އެ ކުޑަކުޑަ ޖާގަ، މިއަދު މިވަނީ އެތައް ބައެއްގެ މުޅި ހަޔާތަށް ހިޔާވަހިކަން ދިން، ދުވަހަކުވެސް ފަނޑުނުވާނޭ އޯގާތެރިކަމުގެ ބޮޑު ގަނޑުވަރަކަށް ވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް