މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
އާންމުކުރި އާ އުސޫލެއްގެ ދަށުން، ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލިބެންޖެހޭ ނަމަވެސް ނުލިބި ހުރި ފައިސާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހޭ ޓެކުހާއި އެހެނިހެން ފައިސާއާ އަޅައިކަނޑައިދިނުމުގެ އިންތިޒާމު ހަމަޖައްސައިފިއެވެ.

މީރާއިން ބުނި ގޮތުގައި މި އުސޫލުގެ މައިގަނޑު މަގުސަދަކީ ސަރުކާރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލުއިދިނުމަށް ނިންމާފައިވާ ނިންމުމާ އެއްގޮތަށް، ދައުލަތުން އެ ވިޔަފާރިތަކަށް ލިބެންޖެހޭ ފައިސާ މީރާއަށް ދައްކަންޖެހޭ އަދަދުތަކާ ފަސޭހަކަމާއެކު ހަމަޖައްސައިދިނުމެވެ.

މި ލުއިތައް ދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައެވެ.

މި ހިދުމަތަށް އެދޭ ވިޔަފާރިތަކުން ފައިސާ އަޅައިކަނޑައިދިނުމަށް ހުށަހަޅަންޖެހެނީ މީރާގެ އޮންލައިން ޕޯޓަލް "މީރާކަނެކްޓް" މެދުވެރިކޮށެވެ. މީގެ އިތުރުން މީރާގެ 904 ނަންބަރު ފޯމު ނުވަތަ އެޖަސްޓްމަންޓާއި ރީފަންޑަށް އެދޭ ފޯމު ފުރުމަށްފަހު އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅޭނެ ކަމަށް އެ އޮތޯރިޓީން މައުލޫމާތުދެއެވެ.

ހިދުމަތަށް އެދޭއިރު ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ސަރުކާރު ކުންފުންޏަކުން ލިބެންޖެހޭ ފައިސާގެ ފުރިހަމަ ތަފުސީލު ހުށަހަޅަންޖެހޭނެއެވެ. ދައުލަތުގެ އިދާރާއަކުން ލިބެންޖެހޭ ފައިސާއެއް ނަމަ އެކަން މީރާއިން ކަށަވަރުކުރާނީ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ކަމަށްވާއިރު، ސަރުކާރު ކުންފުންޏަކުން ލިބެންޖެހޭ ފައިސާއެއް ނަމަ އެކަން ކަށަވަރުކުރާނީ ސީދާ އެ ކުންފުންޏަކުންނެވެ.

ފައިސާ އަޅައިކަނޑައިދިނުމުގައި މީރާއިން އަމަލުކުރާނީ ވަކި ހާއްސަ ތަރުތީބަކުންނެވެ. އެގޮތުން އެންމެ ފުރަތަމަ އަޅައިކަނޑައިދޭނީ މީރާއަށް ނުދައްކައި އޮތް އަސްލު ފައިސާ ނުވަތަ ޕްރިންސިޕަލް އަދަދުންނެވެ. އޭގެ ފަހުން ޖޫރިމަނާއަށާއި އިންޓަރެސްޓަށް ފައިސާ ހަމަޖައްސައިދޭއިރު، ދައްކަންޖެހޭ ޕްރިންސިޕަލް އަދަދެއް ނެތް ނަމަ، ސުންގަޑި ހަމަނުވާ މުއްދަތުތަކަށް ދައްކަންޖެހޭ ފައިސާއާވެސް އަޅައިކަނޑައިދެވޭނެއެވެ.

ނަމަވެސް، މި އުސޫލުގެ ދަށުން އެއްވެސް ފައިސާއެއް އަޅައިކަނޑައިދެވުނު ކަމަށް ބަލާނީ ކަމާބެހޭ ދައުލަތުގެ އިދާރާއަކުން ނުވަތަ ސަރުކާރު ކުންފުންޏަކުން އެ ފައިސާއެއް މީރާއަށް ޖަމާކުރުމުން ކަމަށާއި، ވިޔަފާރިތަކުން ފައިސާ ދެއްކި ތާރީހުގެ ގޮތުގައި މީރާގެ ރެކޯޑުތަކުގައި ހިމަނާނީ އެ ފައިސާއެއް މީރާއަށް ރަސްމީކޮށް ލިބޭ ތާރީހު ކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް