ހޯރަފުށީގައި އަލަށް ބެހެއްޓި 1 މެގަވޮޓްގެ ޖެނެރޭޓަރު، ފޮޓޯ: ސްޓެލްކޯ
ހޯރަފުށީގައި އަލަށް ބެހެއްޓި 1 މެގަވޮޓްގެ ޖެނެރޭޓަރު، ފޮޓޯ: ސްޓެލްކޯ
ހއ. ހޯރަފުށީގައި ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، އެ ރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން އަލަށް ބެހެއްޓި 1 މެގަވޮޓްގެ އައު ޖެނެރޭޓަރު ސެޓް ކޮމިޝަންކޮށް، ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.

ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވިދާޅުވީ، ހއ. ހޯރަފުށީގައި އަލަށް ބެހެއްޓި 1 މެގަވޮޓްގެ ޖެނެރޭޓަރު ސެޓް މިހާރު ކޮމިޝަންކޮށް، އެ ރަށުގެ ޕަވާ ނެޓްވޯކާ ގުޅާލައި ރަސްމީކޮށް ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.

މި އައު ޖެނެރޭޓަރާއެކު ހޯރަފުށީގެ ކަރަންޓު އުފެއްދުމުގެ ޖުމްލަ ޤާބިލުކަން ނުވަތަ އިންސްޓޯލްޑް ކެޕޭސިޓީ ވަނީ 3.3 މެގަވޮޓަށް އިތުރުވެގެން ގޮސްފައެވެ. މިއީ އެ ރަށުގެ ކަރަންޓުގެ ޑިމާންޑާ އެއްވަރަށް މެދުކެނޑުމެއްނެތި، އިތުބާރާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ.

ސްޓެލްކޯއިން އިތުރަށް ހާމަކުރި ގޮތުގައި، މި އައު އިންޖީނުގެ ސަބަބުން ހޯރަފުށްޓަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުވެގެންދާނެއެވެ. އަދި ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިތުރު ބާރެއް ލިބި، ރައްޔިތުންގެ ދިރިއުޅުމަށާއި ވިޔަފާރިތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމުންދާ އަސާސީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އަތޮޅުތަކުގެ ރަށްރަށުގެ އިންޖީނުގެތަކުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަޝްރޫޢުތައް މިހާރުވެސް ދަނީ ބާރަށް ކުރިއަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް