ފޮޓޯ: އެންޑީއެމްއޭ
ފޮޓޯ: އެންޑީއެމްއޭ
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހދ. ކުޅުދުއްފުއްޓަށް ބޯކޮށް ވާރޭވެހި، އެ ރަށުގެ 190 އަށްވުރެ ގިނަ ގެތަކަށް ފެން ވަދެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކުޅުދުއްފުއްޓަށް ރޭ 10:30 އިން ފެށިގެން މެދު ނުކެނޑި ދަނީ ބޯކޮށް ވާރޭވެހެމުންނެވެ. ޑިޒާސްޓާ މެނޭޖްމަންޓުން ބުނީ އެ ރަށުން މިހާތަނަށް 190 އަށްވުރެ ގިނަ ގެއިން ފެން ވަދެ ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ ރަށުގައި އެންމެ ބޮޑަށް ފެންބޮޑުވެފައި ވަނީ ކުރީގެ އަތޮޅު ކައުންސިލް އިދާރާ ހިމެނޭ ސަރަހައްދާއި އަފީފުއްދީން ސްކޫލު ހުންނަ ސަރަހައްދާއި ރަސްމީ ބޯޅަދަނޑު ސަރަހައްދުގައެވެ. އަދި ކޮމިއުނިޓީ ސެންޓަރުގައި ފެންބޮޑުވުމުގެ ސަބަބުން އެ ތަން ވަނީ ބަންދު ވެސް ކޮށްފައެވެ. އެނޫން އެހެން ބައެއް ސަރަހައްދުތަކުގެ ގޭބިސީތަކަށް ފެންވަދެ ގެއްލުންތައް ލިބެމުންދާ ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.

ކުޅުދުއްފުށީގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމުގެ މަސައްކަތް އެ ރަށު ކައުންސިލާއި އެމްއެންޑީއެފް، ޕޮލިސް އަދި އާރްޑީސީ ގުޅިގެން މިހާރު އަންނަނީ ކުރަމުންނެވެ. އެގޮތުން، ރަށުގެ އެކި ހިސާބުތަކުން ކޯރުތައް ކަނޑައިގެން މޫދަށް ފެން ބޭރުވާނެ އިންތިޒާމު ހަމަޖެއްސުމުގެ އިތުރުން، ފަސް ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް މެދުނުކެނޑި ދަނީ ކުރިއަށެވެ.

ކައުންސިލުން ވަނީ ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުންތައް 6527211 ނަމްބަރާ ގުޅައި ރިޕޯޓު ކުރުމަށް އެދިފައެވެ. އަދި ލިބިފައިވާ ގެއްލުންތަކުގެ ފޮޓޯ ނެގުމަށްފަހު 7221621 އަށް ވައިބަރ މެދުވެރިކޮށް ހިއްސާ ކުރުމަށްވެސް ކައުންސިލުން ވަނީ އެދިފައެވެ.

އުތުރުގެ ސަރަހައްދުތަކަށް މޫސުން އިތުރަށް ގޯސްވެދާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް ޔެލޯ އެލާޓް ވެސް ނެރެފައެވެ. އެހެންކަމުން މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް