މާލެއަށް ހޫނުގަދަ ދުވަހެއް-
މާލެއަށް ހޫނުގަދަ ދުވަހެއް-
މޫސުމީ ބަދަލެއް ކަމަށްވާ 'އެލްނީނޯ' ގެ ބާރު އަންނަ ޑިސެމްބަރު މަހު އެންމެ މައްޗަށް ދާނެ ކަމަށް ލަފާކުރެވޭތީ، 2027 ވަނަ އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހު ރާއްޖޭގެ ހޫނުމިން އާދަޔާ ޚިލާފަށް މައްޗަށް ދާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ހާމަކޮށްފިއެވެ.

ދަޢުލަތުގެ މީޑިއާގައި ރޭ ވާހަކަދައްކަވަމުން މެޓް އޮފީހުގެ މީޓިއޮރޮލޮޖިސްޓް ޙުސައިން ވަޙީދު ވިދާޅުވީ، އެލްނީނޯ އޭގެ އެންމެ މަތީ ދަރަޖައަށް ދާނީ ހުޅަނގު މޫސުމާއި އިރުވައި މޫސުން ބަދަލުވާ ދުވަސްވަރު ކަމަށްވާ ޑިސެމްބަރު މަހުގައި ކަމަށެވެ. އަދި އާންމުކޮށް ޖެނުއަރީ މަހު ފެށޭ އިރުވައި މޫސުމާއެކު، އާދަޔާ ޚިލާފަށް ވިއްސާރަ މަދުވެ، ހޫނުގަދަ ދުވަސްތަކެއް ކުރިމަތިވާނެ ކަމަށް އޭނާ ލަފާކުރެއްވިއެވެ.

"އެލްނީނޯގެ ޕީކަށް ދާނީ ޑިސެމްބަރު ހިސާބުގައި. ޑިސެމްބަރަކީ ދެ މޫސުން ބަދަލުވާ ދުވަސްވަރު. ޖެނުއަރީގައި އިރުވައި މޫސުން ފެށޭނެ،" ޙުސައިން ވަޙީދު ވިދާޅުވިއެވެ. "ޑިސެމްބަރުގައި ވާރޭވެހުނު ކަމުގައި ވިޔަސް، ޖެނުއަރީން ފެށިގެން ވާރޭވެހުން މަދުވާން ފަށާނެ. އަދި އޭޕްރީލް މަހާ ގާތްވާ ވަރަކަށް ވާރޭ ވެހޭ ދުވަސްތަކަށް ވުރެ ހޫނުގަދަ ދުވަސްތައް އިތުރުވެ، ހޫނުކަން ވަރަށް ބޮޑަށް އިހުސާސް ކުރެވޭނެ." ޙުސައިން ވަޙީދު ވިދާޅުވެފައިވެއެވެ.

އެލްނީނޯއަކީ ޕެސިފިކް ކަނޑުގެ މެދުތެރެއާއި އިރުމަތީ އިކުއެޓޯރިއަލް ސަރަޙައްދުގެ ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނުމިން އާދަޔާ ޚިލާފަށް މައްޗަށް ދިއުމުގެ ސަބަބުން ދުނިޔޭގެ ވައިގެ ދައުރާނާއަށާއި މޫސުމަށް ބަދަލު ގެނުވާ ގުދުރަތީ ޙާލަތެކެވެ. އާންމުގޮތެއްގައި ކޮންމެ ދެ އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތެއްގައި އުފެދޭ މި ޙާލަތުގެ ސަބަބުން ދުނިޔޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއި، ހަނަފަސްވުމާއި، ފެންބޮޑުވުމުގެ އިތުރުން ކަނޑުގެ ފިނިހޫނުމިނަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ.

ޙުސައިން ވަޙީދު ވިދާޅުވީ އިރުވައި މޫސުމަކީ އަބަދުވެސް ރާއްޖެއަށް ހޫނު މޫސުމެއް ނަމަވެސް، އެލްނީނޯގެ ސަބަބުން ކުރިއަށް އޮތް މޫސުމުގައި ހޫނުމިން އިތުރަށް ގަދަވެގެންދާނެ ކަމަށެވެ. އަދި މިހާރުވެސް އެލްނީނޯގެ އަސަރު ރާއްޖެއަށް ފޯރަން ފަށާފައިވާ ކަމަށާއި، ވައިގެ ތެތްކަމާއެކު ހޫނު އިހުސާސްކުރެވޭ މިންވަރު (ހީޓް އިންޑެކްސް) ވޭތުވެދިޔަ ހަފުތާތަކުގައި ބައެއް ދުވަސްދުވަހު 40 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޚާއްސަކޮށް ވާރޭ ނުވެހި ގިނަ ދުވަސް ވުމުން ހޫނުކަން އިހުސާސްވާ މިންވަރު އިތުރަށް ބޮޑުވެގެންދެއެވެ.

މިކަމާ ގުޅިގެން ރައްޔިތުންނަށް ދުރާލައި މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި މެޓް އޮފީހުން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން އަންނަ ޖެނުއަރީ މަހުން ފެށިގެން ހޫނުމިން ހުންނާނެ މިންވަރު ލަފާކޮށް، ޚާއްސަ ހީޓް ފޯކާސްޓްތަކާއި އެލާޓްތައް ނެރެން ފެށުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

މެޓް އޮފީހުން ބުނީ ބޯކޮށް ވާރޭވެހޭ ވަގުތުތަކުގައި މޫސުމީ އިންޒާރު ނެރޭ ބީދައިން، ހޫނުމިން އާދަޔާ ޚިލާފަށް މައްޗަށްދާ ދުވަސްވަރު އެލާޓް ނެރުމަކީ ރައްޔިތުންނާއި ކަމާބެހޭ އިދާރާތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލިބޭނެ ވަރަށް ބޮޑު ބާރެއް ކަމަށެވެ.

އެހެންކަމުން، 2027 ވަނަ އަހަރާ ކުރިމަތިލާއިރު، އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހު އާދަޔާ ޚިލާފަށް ހޫނުގަދަވެ، ވިއްސާރަ އަލިވާނެ ކަމަށް ބެލެވޭތީ، އެކަމަށް ދުރާލައި ސަމާލުވެ ތައްޔާރުވެ ތިބުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް