ޞާދިރު ޢަލީދީދީ   22 އޮކްޓޯބަރު 2026 - 7:51
ގެއްލުނު އެކުވެރިން
ގެއްލުނު އެކުވެރިން
މާލޭގެ ކާރޫބާރޫ ބޮޑު މަގުތަކުގެ ތެރެއަށް އޮއްސެމުންދިޔަ ހަވީރުގެ ފަނޑު އަލިކަމުގެ ތެރޭގައި، އިންސާނުން ދަތުރުކުރަމުން ދިޔައީ އެބައިމީހުންގެ އަމިއްލަ މަންޒިލްތަކަށެވެ. އެކި މީހުންގެ މޫނުމަތިން ފެންނަނީ އެކި ކަހަލަ ޝުޢޫރުތަކެވެ. ބައެއް މީހުންގެ ލޮލުން ދިރިއުޅުމުގެ ވަރުބަލިކަން ފެންނައިރު، އަނެއް ބަޔަކު އަވަސްވެގަނެގެން އުޅުނީ ދުވަހުގެ ނިމުމާއެކު އަމިއްލަ ޢާއިލާގެ ހިމޭން އުނގަށް ރުޖޫޢަވާށެވެ. ނަމަވެސް އަހަރެންގެ ދިރިއުޅުމުގައި އެފަދަ އެއްވެސް މަންޒިލެއް، ހިތްހަމަޖެހުމެއް ވާކަމުގެ އިޙްސާސެއް ނުކުރެވެއެވެ. ބޭންކުގެ ފިނި މާޙައުލުގެ ތެރޭގައި، ނަންބަރު ތަރުތީބުވާ ގޮތަށް އިންތިޒާރުކޮށްގެން ހުރިއިރު، ހިތުގެ ކަނެއްގައި ދައުރުވަމުން ދިޔައީ ފޫހިކަމާއި، ޙަޔާތުގެ ހުސްކަމެވެ. ތިން އަހަރު ދުވަހުގެ ދިގު މާޒީގައި، އަހަރެންގެ ރޫޙާއި ނަފްސު ވަނީ ކެނޑިނޭޅި އުފެދެމުންދިޔަ ސުވާލުތަކެއްގެ ތެރޭގައި ތަޅުލެވިފައެވެ.

ހަނދާނުގެ ފަތްފުށްތަކަކީ ބައެއް ފަހަރު ފަސޭހައިން ލައްޕައިލެވޭ އެއްޗެއް ނޫނެވެ. ދިރިއުޅުމުގައި އެންމެ ގާތްކޮށް، ހިތުގެ އަޑިން އިތުބާރުކުރި އެކުވެރިން، އެއްވެސް އިޝާރާތެއް ނެތި، ދުންފިނީގެ ތެރެއަށް ގެއްލިގެން ދިޔަ ދުވަހުން ފެށިގެން، އަހަރެންގެ ހިތުގައި އުފެދުނު ރިހުމަށް އެއްވެސް ލުޔެއް ނުލިބެއެވެ. އެކުވެރިކަމަކީ ހަމައެކަނި އުފާވެރި ވަގުތުތަކުގެ ހިއްސާއެއް ނޫންކަމާއި، އެއީ ވޭނާއި ހިތާމައިގެ ވަގުތުގައިވެސް ހިޔާވަހިކަންދޭ ހިޔަލެއް ކަމުގައި އަހަރެން ދެކުނީމެވެ. ނަމަވެސް އެ ހުރިހާ ތަޞައްވުރެއް ކުއްލިއަކަށް ފުނޑުފުނޑުވެ، ބަޔާންކުރަން ނޭނގޭ ހިމޭންކަމެއް އަހަރެން ވަށައިލިއެވެ. ސިކުނޑީގެ ކަނެއްގައި އަބަދުވެސް ގުގުމަމުން ދިޔައީ އެންމެ ސުވާލެކެވެ؛ އެމީހުން އަހަރެން ދޫކޮށްލާފައި ދިޔައީ ކީއްވެގެން ހެއްޔެވެ؟ އަހަރެމެންނަށް ކުރެވުނީ ކޮން ކުށެއް ހެއްޔެވެ؟

ބޭންކް ކައުންޓަރު ކައިރީގައި، ލިޔުންތަކެއް އަތަށް ލައިގެން ހުރި އަންހެނަކީ ހަނާއެވެ. އޭނާގެ އިސްކޮޅާއި، ބުރުގާ އަޅާފައި ހުރި ވައްޓަފާޅި އަދި އެ ހަށިގަނޑުގެ ހަރަކާތްތަކަކީ އަހަރެންގެ ހަނދާނުން ދުވަހަކުވެސް ފޮހެވިގެންދާނެ ސިފަތަކެއް ނޫނެވެ. ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި، ކޮންމެވެސް ދުވަހަކުން އަލުން އޭނާއާ ބައްދަލުވެއްޖެނަމަ ބުނާނެ ވާހަކަތަކާއި، އަހާނެ ސުވާލުތައް އަހަރެން ހިތުގެ އަޑީގައި އެތައް ފަހަރަކު ރާވައި، ތަރުތީބުކުރީމެވެ. ބައެއް ފަހަރު އަޑުގެ ކޮޅަށް ހަޅޭއްލަވައި، ރުޅިވެރިކަމާއެކު އޭނާގެ ކިބައިން ޖަވާބު ހޯދުމަށް ހިތް އެދެއެވެ. އަނެއްބައި ފަހަރު، އެކުވެރިކަމުގެ ޖަޒުބާތުގައި ޖެހި، އޭނާގެ ގައިގައި ބައްދައިގަނެ ރޮއިގަންނަމުން، އަހަރެމެންގެ މެދުގައި އޮތް ގުޅުން ކަނޑައިލީ ކޮން ސަބަބަކާ ހުރެތޯ ސުވާލުކުރަން ހިތަށްއަރައެވެ.

ނަމަވެސް، މާލޭގެ ބޭންކެއްގެ ހަލަބޮލި މާޙައުލުގެ ތެރޭގައި އޭނާ އަހަރެންނާ ދިމާއަށް އެނބުރިލި ވަގުތު، އަހަރެންގެ ކަރުބުޑުން ބޭރުވީ ހަމައެކަނި އޭނާގެ ނަމެވެ. ހިތުގައި އޮތް ރުޅިވެރިކަމާއި ޝަކުވާތައް ވިރިގެންދިޔައީ ބަޔާންކުރަން ދަތި ޙައިރާންކަމެއްގެ ތެރެއަށެވެ.

"ހަނާ؟"

އަހަރެންގެ އަޑު އިވުމާއެކު، އޭނާގެ ތުންފަތްމަތީގައި ފަނޑުކޮށް ދުވެލި ހިނިތުންވުން އެކީގައި ފިލައިގޮސް، މޫނުމަތީގެ ކުލަވަރު މުޅިން ބަދަލުވެގެން ދިޔައެވެ. އެ ލޮލުން ފެނިގެންދިޔައީ ބިރުވެރިކަމާއި ނުތަނަވަސްކަމުގެ ސާފު ކުލަވަރެކެވެ. އޭނާ ފުރަތަމަވެސް ބަލައިލީ ބޭންކުން ބޭރަށް ނުކުންނަން ހުރި ބޮޑު ބިއްލޫރި ދޮރާ ދިމާއަށެވެ. އެއަށްފަހު، އަހަރެންގެ އަތުގައި އޮތް ފޯނަށެވެ. އޭނާގެ ދެލޮލުން ފާޅުވަމުންދިޔަ ހާސްކަމުން އަހަރެންގެ ހިތުގައި އިތުރު ސުވާލުތަކެއް އުފެދުނެވެ.

"ރަމީޒު... ރަމީޒު މަރިޔަމްއާއެކު އެބަހުރިތަ؟" ހަނާގެ އަޑު ތުރުތުރުއަޅަމުން ދިޔައެވެ.

"ނޫން. އޭނާވީ އޮފީހުގައި،" އަހަރެން ޖަވާބުދިނީމެވެ.

އޭނާއަށް ހަމަނޭވާއެއް ލެވުނީ އެ ހިސާބުންނެވެ. އެހެންނަމަވެސް އެ މޫނުމަތީގައިވި ސިހުން މުޅިން ފިލައިގެން ނުދެއެވެ.

"އަހަރެމެންނަށް މިތަނުން ބޭރަށް ދެވިދާނެތަ؟ މިއީ މި ވާހަކަ ދައްކަން އެންމެ ރަނގަޅު ތަނެއް ނޫން،" އޭނާ މަޑުމައިތިރިކަމާއެކު އެދުނެވެ.

އަހަރެމެން މިސްރާބު ޖެހީ މަގުގެ އަނެއް ފަރާތުގައި ހުރި، މާ ބޮޑު އަޑުގަދަކަމެއް ނެތް ކުޑަ ކެފޭއަކާ ދިމާއަށެވެ. ކެފޭގެ ތެރެއަށް ވަދެވުމާއެކު، ހަނާ އަވަސްވެގަތީ އެންމެ އެތެރޭގައި، އެހެން މީހުންގެ ނަޒަރުތަކާ ދުރުގައި ހުރި މޭޒު ދޮށުގައި އިށީނުމަށެވެ. އޭނާ އިށީނދެގެން ހުރި އިރުވެސް އޭނާގެ ކަޅި އަމާޒުވެފައި އިނީ ކެފޭގެ މައި ދޮރާށްޓާ ދިމާލަށެވެ. ހީވަނީ ކޮންމެ ވަގުތަކުވެސް ނުރައްކަލެއް ކުރިމަތިވެދާނެތީ އެކަމަށް އޭނަ ފާރަވެރިވެ، ސަމާލުވެގެން އިން ހެންނެވެ.

އަހަރެން ގޮސް އޭނާގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނީމެވެ. ހިތުގައި ފުނިޖެހިފައި ހުރި ޝަކުވާތައް ދުލާ ހަމައަށް އައުމަށް މާ ގިނަ ވަގުތެއް ނުނެގިއެވެ. "ހަނާ، ކީއްވެ އަހަރެމެންގެ ދިރިއުޅުމުން ތިޔަހާ ކުއްލި ގޮތަކަށް ގެއްލުނީ؟ އެއްވެސް ޚަބަރެއް ނުވެ، އެއްވެސް އިޝާރާތެއް ނުދީ ތިޔަހެން ދިޔައީ ކީއްވެގެން؟"

އޭނާގެ ކުރިމަތީގައި ހުރި ފިނި ފެންތަށީގައި ދެއަތުން ހިފަހައްޓައިގެން އިންއިރު، އެ ހިމަހިމަ އިނގިލިތައް ތުރުތުރުއަޅަމުން ދިޔައެވެ. އޭނާގެ ނަޒަރު ފެންތަށީގެތެރޭގައި ހުރި ފެނަށް ހުއްޓިފައި ހުއްޓެވެ. "އެއީ... އެއީ މަރިޔަމްމެންގެ ކައިވެނީގެ އަހަރީ ދުވަހުގެ ހަފުލާގައި އަހަރެމެންނަށް ކަމެއް ފެނުނީމަ،" އޭނާގެ އަޑު މަޑުވެފައި ބަރުވިއެވެ.

"ކޮން ކަމެއް؟ ކޯޗެއް ފެނުނީ؟" އަހަރެން ކެތްތެރިކަން ކުޑަވެފައި އެހީމެވެ.

ހަނާ އިސްދަށަށް ޖަހައިލިއެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ބުންޏެވެ. "ރަމީޒު... ރަމީޒު އަހަރެމެން ލައްވައި ދުވަހަކުވެސް މަރިޔަމްގެ ގާތުގައި ނުބުނަން ވަޢުދުކުރުވި ކަމެއް."

އެ ޖުމްލައާއެކު އަހަރެންގެ ހިތް ތެޅިގަތެވެ. އަހަރެންގެ ޚިޔާލުތައް ދަތުރުކުރީ އަހަރެމެންގެ މާޒީގެ އުފާވެރި ދުވަސްތަކަށެވެ. އަހަރެންނާއި އަހަރެންގެ ފިރިމީހާ ރަމީޒަށް، ހަނާއާއި އޭނާގެ ފިރިމީހާ ނަބީލާ ފުރަތަމަ ބައްދަލުވީ ހުޅުމާލޭގެ ކުއްޔަށް އުޅުނު ގޭގެ ގޯތިތެރޭގައި ބޭއްވި ކުޑަ ބާބަކިއުއަކުންނެވެ. އޭރު އަހަރެމެން އެންމެންނަކީވެސް އަލަށް ކައިވެނިކޮށްގެން، އާ ދިރިއުޅުމެއްގެ ފޮނި އުންމީދުތަކުގައި އުޅެމުންދިޔަ ޒުވާނުންނެވެ. ހަނާއާއި އަހަރެންނަކީ އައްޑޫއަށް ނިސްބަތްވާ ދެމީހުންކަން އެނގުނު ހިސާބުން، އަހަރެމެންގެ މެދުގައި އޮތް އެކުވެރިކަން ބަދަހިވާން މާގިނަ ދުވަސްތަކެއް ނުނެގިއެވެ. ނަބީލަކީ ކުޅަދާނަ ފޮޓޯގްރާފަރެކެވެ. ރަމީޒު ވަޒީފާ އަދާކުރަމުން ދިޔައީ އަމިއްލަ ކުންފުންޏެއްގެ އެކައުންޓްސް ޑިޕާޓްމަންޓުގައެވެ.

އަހަރެމެން ފުރަތަމަ ބައްދަލުވިތާ އަހަރު ދުވަސް ފުރުނު އެރޭ ދަންވަރުގެ ވަގުތުތަކާ ހަމައަށް ދިޔައިރު، އަހަރެމެންނަށް ހީވީ އެތައް ޒަމާނެއްގެ ގާތް ރަޙްމަތްތެރިންތަކެއް ހެންނެވެ. އެކުވެރިކަމުގެ ގުޅުން ހިނދުކޮޅެއްގެ ތެރޭގައި ބަދަހިވެ، އެމީހުން ވެގެންދިޔައީ އަހަރެމެންގެ ޢާއިލާގެ މުހިންމު ބަޔަކަށެވެ. ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނުގެ ނާސްތާއާއި، ހަވީރުގެ ހިތްގައިމު ޕިކްނިކްތަކާއި، ގޭތެރޭގައި އެކުގައި ކުޅެ މަޖާކުރުމުގައި ހޭދަވާ ވަގުތުތަކެވެ. ހަނާ ބަލިވެއްޖެނަމަ އަހަރެން ހުންނަނީ އޭނާއަށް ސޫޕް ކައްކައިގެން ގޮހެވެ. އަހަރެންގެ މަންމަ އައްޑޫން މާލެ އައުމުން، މަންމަގެ ހުރިހާ ކަމެއްގައި އެންމެ އިސްކޮށް އުޅޭ އެކަކީ ނަބީލެވެ. މަންމަ ދެކެނީ ނަބީލަކީ އަމިއްލަ ބަނޑުން ވިހޭ ދަރިއެއް ފަދައިންނެވެ. އަހަރެމެންގެ ގުޅުން އެހައިވެސް ބަދަހިއެވެ. އެއް ގެއިން އަނެއް ގެއަށް ދިޔުމުގައި ހުއްދަ ހޯދުމެއް ނޯވެއެވެ. އެކަކު އަނެކަކުގެ ގޭގައި ބޭނުންކުރާނެ ދަތްއުނގުޅާ ބުރުސްވެސް އަބަދު ހުންނަނީ ތައްޔާރަށެވެ.

ނަމަވެސް، އަހަރެމެންގެ ކައިވެނީގެ ފުރަތަމަ އަހަރީ ދުވަހުގެ ކުލަގަދަ ހަފުލާއަށްފަހު، އެ ހުރިހާ ކަމެއް ބަދަލުވިއެވެ. ހަނާއާއި ނަބީލް ކުއްލިއަކަށް ގެއްލުނީއެވެ. ފޯނު ނަންބަރުތައް ބަދަލުކޮށް، ގުޅޭނެ އެއްވެސް މަގެއް ނެތިކޮށްލިއެވެ. ސޯޝަލް މީޑިއާގެ ހުރިހާ އެކައުންޓެއް ފޮހެލިއެވެ. އެމީހުން ދިރިއުޅެމުންދިޔަ އެޕާޓްމަންޓަށް އަހަރެން ދިޔައިރު، ގޭގެ ވެރިމީހާ ބުނީ އެމީހުން ކުއްލި ގޮތަކަށް ގެ ހުސްކޮށްފައި ފުރައިގެން ހިނގައްޖެ ކަމަށެވެ.

އެދުވަސްވަރު އަހަރެން ހޭދަކުރީ ފުން ހިތާމައެއްގައެވެ. ކޮޓަރީގެ އަނދިރީގައި އެކަނި އިނދެ، އެކުވެރިން އަހަރެން ދޫކޮށް ދިޔައީ ކީއްވެގެންތޯ ހިތާހިތުން ސުވާލުކޮށް އެތައް ކަރުނައެއް އޮއްސީމެވެ. ކޮންމެ ފަހަރަކު އަހަރެން ރޯން ފެށުމުން، ރަމީޒު އައިސް އަހަރެންގެ ގައިގައި އޯގާތެރިކަމާއެކު ފިރުމާލަދީ ބައްދައިލަދީ ހަދައެވެ. އަދި ނުހަނު މަޑުމައިތިރި ރާގަކަށް ބުނެއެވެ. "މަރިޔަމް، ދެރަނުވޭ. ދުނިޔޭގައި ބައެއް މީހުންނަކީ އަހަރެމެންގެ ދިރިއުޅުމަށް ވަކި މުއްދަތަކަށް އަންނަ ބައެއް. އެމީހުންގެ ބޭނުން ފުދުމުން އެދަނީ."

"އެކަމަކު އެއްވެސް އެއްޗެކޭ ނުބުނެ، އަލްވަދާޢުވެސް ކިޔައިނުލާ ދާންވީ ކީއްވެ؟ އަހަރެން އެމީހުންނަށް ކީއްކުރީ؟" އަހަރެން ގިސްލަމުން އަހަމެވެ.

"އެމީހުން ދިޔައީއެއް ނޫން. އެމީހުންގެ ވާހަކަ ދައްކައިގެން އިތުރަށް މަރިޔަމްގެ ހިތްދަތިވުން ނޫން ކަމެއް ނުވާނެ،" ރަމީޒު އެ ޖުމްލަ ތަކުރާރުކޮށް ބުނާލެއް ގިނަކަމުން، ފަހުން ފަހުން އައިސް އަހަރެން އެ ވާހަކަ ދެއްކުން މުޅިން ހުއްޓައިލީއެވެ.

މިހާރު މިއޮތް ފިނި ކެފޭގެ ކަނެއްގައި ހަނާ އެ އިނީ އަހަރެންގެ ކުރިމަތީގައެވެ. އޭނާގެ މޫނުމަތިން ފެންނަނީ ވޭތުވެދިޔަ ތިން އަހަރު ދުވަހު، ހިތުގެ އަޑީގައި ބޮޑު ކުށެއްގެ އިޙްސާސް އުފުލަމުން، އަދަބަކަށް އިންތިޒާރުކޮށް ވަރުބަލިވެފައިވާ އިންސާނެއްގެ ސޫރައެވެ.

"އެރޭ... ޕާޓީ ނިމުނު ވަގުތު،" ހަނާ ތުރުތުރުއަޅާ އަޑަކުން ވާހަކަ ދައްކަން ފެށިއެވެ. "މަރިޔަމް ދިޔައީމެއްނޫން މަންމަ ގެއަށް ލައިދޭން."

އާނ، އެކަން އަހަރެންގެ ހަނދާނުގައި ވަރަށް ސާފުކޮށް އެބަހުއްޓެވެ. މަންމަ މާލެ އައިސް ހުރީ މާފަންނުގައި ހުންނަ ބޮޑުދައިތަގެ ގޭގައެވެ. ރަމީޒު އެރޭ މަންމަ ގެންގޮސްދޭން ތަކުރާރުކޮށް އެދުނެވެ. ނަމަވެސް މަންމަ ބޭނުންވީ އަހަރެންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލައި، އަހަރެންގެ އަތުގައި ހިފައިގެން ހިނގާލާފައި ދާށެވެ.

"އަހަރެމެން ދެމީހުން މަޑުކުރީ ޕާޓީ ނިމުމުން ތަން ސާފުކުރަން އެހީތެރިވެދޭން،" ހަނާގެ އަޑު ދިޔައީ މަޑުވަމުންނެވެ. "ހުރިހާ ކަމެއް ނިންމާފައި ތިރިއަށް ފޭބި ފަހުން ނަބީލް ހަނދާންވީ އޭނާގެ މުހިންމު ކެމެރާ ދަބަސް މަތީގައި ބޭއްވުނުކަން."

އަހަރެމެންގެ އެ އަހަރީ ދުވަހުގެ ހަފުލާ ބޭއްވީ އަހަރެމެން ދިރިއުޅޭ 10 ފަންގިފިލާ ހުންނަ އެ އިމާރާތުގެ ޓެރަސްމަތީގައެވެ.

"އަހަރެމެން ދަބަސް ބަލައި މައްޗަށް އެރިއިރު، މުޅި ތަން އޮތީ އަނދިރިކޮށް. އެކަމަކު ޓެރަސް ކައިރީގައި ހުންނަ ކުޑަ ސްޓޯރ ރޫމްގެ ދޮރު ހުރީ ކުޑަކޮށް ހުޅުވިފައި. އޭގެ ތެރެއިން އަލިކަމާއި ވާހަކަދައްކާ އަޑު އިވުނު. ރަމީޒު އިނީ އެތެރޭގައި."

"ކާކާއެކު؟" އަހަރެންގެ އަޑު ތޫނުވެގެން ދިޔައެވެ.

"ފައުޒިއްޔާ."

އެ ނަން އިވުމާއެކު އަހަރެންގެ މުޅި ހަށިގަނޑު ގަނޑުވި ކަހަލައެވެ. ފައުޒިއްޔާއަކީ އަހަރެންގެ އެއްބަނޑުއެއްބަފާ ދައްތައެއް ފަދަ، ދެބެންގެ ދެދަރި ދައްތައެވެ. އަހަރެންގެ ކައިވެނީގެ ކޮންމެ ކަމެއްގައި އެންމެ ގާތުގައި ހުރި މީހާއެވެ. ކައިވެނީގެ ހެދުން ފެށިގެން ގޮސް، އަހަރެންގެ ދިރިއުޅުމުގެ އެންމެ ނާޒުކު ވަގުތުތަކުގައި، އަދި އަހަރެން ބަނޑުބޮޑު ކަމަށް ޝައްކުވި ފުރަތަމަ ދުވަހުވެސް ހިތުގެ އުދާސްތައް ބަންޑުންކޮށްލެވުނު ހަމައެކަނި ފަރާތެވެ.

އަހަރެން ކެތްތެރިކަން ކޮޅުންލައިގެން ގޮސް ހަނާއާ ދިމާއަށް ބަލައިލީމެވެ. "އެމީހުން... އެމީހުން ކީއްކުރަނީ؟ ދެމީހުންގެ މެދުގައި ނަހަމަ ގުޅުމެއް އޮތީތަ؟"

ހަނާ އަވަސްއަވަހަށް ބޯ ހޫރައިލިއެވެ. "ނޫން، މަރިޔަމް. އެއީ އެކަހަލަ ކަމެއް ނޫން. އެއަށްވުރެވެސް ގޯސް ކަމެއް."

އޭނާގެ ދެލޮލުން ފެންނަމުންދިޔަ ހިތާމައާއި ބިރުވެރިކަމުގެ ސަބަބުން އަހަރެންގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ.

"އެމީހުން ދައްކަމުން ދިޔައީ ފައިސާގެ ވާހަކަ. މަރިޔަމްގެ ފައިސާގެ ވާހަކަ."

އެ ވިހަ ލަފުޒުތައް އަހަރެންގެ ކަންފަތުގައި ޖެހުމާއެކު، އަހަރެންގެ ސިކުނޑި މާޒީގެ އެންމެ ހިތްދަތި ދުވަސްތަކަށް ދަތުރުކުރިއެވެ. އަހަރެމެންގެ ކައިވެންޏަށް އެންމެ އަށް މަސްދުވަސް ވީތަނާ، އަހަރެންގެ ލޯބިވާ ބައްޕަ މި ފަނާވަނިވި ދުނިޔެއާ ވަކިވެދިޔައެވެ. ބައްޕައަކީ މުޅި ޢުމުރު ދުވަހު ބޭރު ބޯޓުފަހަރުގެ ނުރައްކާތެރި ކަނޑުތަކުގައި، ދަރިންގެ މުސްތަޤްބަލަށްޓަކައި ދާ އޮހޮރުވައިގެން މަސައްކަތްކުރި މުރާލި އިންސާނެކެވެ. ބައްޕަ ނިޔާވުމުން، އައްޑޫގައި އޮތް އަގުބޮޑު ބިމެއް ވިއްކާލައި، އެއިން ލިބުނު ފައިސާއާއި ބައްޕަގެ އެކައުންޓުގައި ހުރި ފައިސާއާއިއެކު މުޅި ޖުމުލަ ފައިސާއިން މަންމަގެ އަމިއްލަ ޚަރަދުތަކަށް ދެބައިކުޅަ ބައި ބެހެއްޓުމަށްފަހު، ބާކީ ހުރި ހުރިހާ ފައިސާއެއް ޙަވާލުކުރީ އަހަރެންނާއެވެ.

"ދަރިފުޅާ، ބައްޕަގެ އެންމެ ބޮޑު އުންމީދަކީ ދަރިފުޅު އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަ ހިޔާވަހިކަމެއްގައި ރީތި ދިރިއުޅުމެއް ފެށުން،" ފައިސާ އަހަރެންގެ އަތަށް ދެމުން މަންމަ ބުނި ބަސްތައް އަދިވެސް އަހަރެންގެ ކަންފަތުގައި ގުގުމައެވެ.

އެއީ ޖުމްލަ އެއްމިލިއަން ހަލައްކަ އަށްޑިހަ ހާސް (-/1,680,000ރ) ރުފިޔާއެވެ. ރަމީޒު އޭރު އަހަރެންނަށް ވިސްނައިދިނީ، އެ ފައިސާއިން މާލެއިން ނުވަތަ ހުޅުމާލެއިން ކުޑަ އެޕާޓްމަންޓެއް ގަތުމަށެވެ. "މަރިޔަމް، އަހަރެމެން މީހުންގެ ގޭގޭގައި ކުއްޔަށް އުޅޭ ދުވަސްތައް ނިމުމަކަށް ގެންނަންވީ. ބައްޕަގެ އެންމެ ފަހުގެ ހަނދާނަކީ ދާއިމީ ހިޔާވަހިކަމަކަށް ހަދަމާ،" ރަމީޒު ނުހަނު ލޯތްބާއެކު ވާހަކަދެއްކުމުން، ބައްޕަގެ އެ އެދުން ހަޤީޤަތަކަށް ހެދުމުގެ ފޮނި އުންމީދުގައި، ފިރިމީހާއަށް ހިތާއިރޫޙުން އިތުބާރުކޮށް ހުރިހާ ފައިސާއެއް އޭނާގެ ބެލުމުގެ ދަށަށް ދޫކޮށްލީމެވެ.

ނަމަވެސް މަސްތަކެއް ވޭތުވެދިޔަ ފަހުން، ރަމީޒު ގެއަށް އައީ މާޔޫސްވެ، މޫނު ހަދައިގެންނެވެ. އޭނާ ބުނީ އެޕާޓްމަންޓް ވިއްކަން އުޅުނު ކުންފުނިން ލަނޑުދިނީ ކަމަށެވެ. ލިޔެކިޔުންތަކުގައި މައްސަލަތަކެއް ޖެހި، އަދި ކުންފުނީގެ މާލީ މައްސަލަތަކެއްގެ ސަބަބުން އަހަރެމެން ދެއްކި ހުރިހާ ފައިސާއެއް ތަޅުއެޅުނީ ކަމަށެވެ. އޭނާ އަހަރެންގެ އުނގުގައި ބޯ އަޅައިގެން އިނދެ، ކުޑަކުއްޖެއް ފަދައިން ގިސްލައި ރުއެވެ. "މަރިޔަމް، އަހަރެން ހުރިހާ ފައިސާއެއް އަނބުރާ ހޯދާނަން. ކޯޓަށް ގޮސްގެން ނަމަވެސް އަހަރެން އެ ފައިސާ އަނބުރާ ހޯދާނަން. އަހަރެންނަށް އިތުބާރުކުރޭ،" އޭނާ ރޮމުން ވައުދުވިއެވެ. އަހަރެން އަމިއްލަ ހިތާމަތައް އެއްފަރާތްކޮށް، އޭނާއަށް ހިތްވަރު ދިނީމެވެ. މަންމަ ގާތުގައި އެ ހުރިހާ ވާހަކައެއް ދައްކާނެ ހިތްވަރެއް އަހަރެންގެ ނެތެވެ. ބައްޕަ ދާ އޮހޮރުވައިގެން ހޯދި ފައިސާކޮޅު އެއްކޮށް ގެއްލިއްޖެ ކަމަށް ބުނެ މަންމަގެ މޭ ފަޅައިލާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އެހެންކަމުން މަންމައަށް އަހަރެމެން ބުނަމުން އައީ ކަންކަން ލަސްވަނީ ކަމުގެ ދޮގުތަކާއެކު އުންމީދެކެވެ.

ހަނާ ކުރިއަށް ޖެހިލައި، އަހަރެންގެ ގަނޑުވެފައިވާ އަތްތިލައިގައި ހިފަހައްޓައިލިއެވެ. "މަރިޔަމް، އެރޭ އެ ކޮޓަރީގައި ހުރެގެން ރަމީޒު ފައުޒިއްޔާ ގާތު ބުނަމުން ދިޔައީ، މަރިޔަމް އިތުރު ބޭންކް ސްޓޭޓްމަންޓަކަށް އެދުމުގެ ކުރިން ބާކީ ހުރި ފައިސާކޮޅުވެސް އެހެން އެކައުންޓަކަށް ބަދަލުކޮށްލާށޭ."

އަހަރެންގެ ހަށިގަނޑުން ހުރިހާ ވަރެއް ދޫވެގެން ދިޔަ ކަހަލައެވެ. އަހަރެން ހަނާގެ އަތް ފޮޅުވައިލަމުން ފަހަތަށް ޖެހިލީމެވެ. "ނޫން... ނޫން، ހަނާ! ތިޔައީ ދޮގެއް. އެއީ އެޕާޓްމަންޓަށް ދައްކަން ކުންފުންޏަށް ޖަމާކުރި ފައިސާ!"

"މަރިޔަމް، އަޑުއަހާބަލަ—"

"ނޫން! ރަމީޒު އެހެންނެއް ނުހަދާނެ! އޭނާ އަހަރެންދެކެ ލޯބިވޭ!" އަހަރެންގެ އަޑު ތުރުތުރުއަޅަމުން ދިޔައެވެ.

"އެއީ އޭނާ މަރިޔަމް ގަބޫލުކުރުވަން ބޭނުންވި ގޮތް،" ހަނާގެ އަޑުގައިވީ ފުން ހިތާމައެކެވެ.

"ހަނާ ތިޔަ ބުނަނީ ކީކޭ؟" އަހަރެންގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ.

"އެމީހުން ވާހަކަދެއްކީ އެ ފައިސާގެ ޓްރާންސެކްޝަންތައް، ބިމާ ގުޅޭ ޚަރަދުތަކެއްގެ ގޮތުގައި ފޮރުވައިލަން،" ހަނާ ތަފްޞީލުކޮށްދިނެވެ. "ފައުޒިއްޔާ ބުނި ދައްތަ ސުވާލުކޮށްފާނެއޭ. އެކަމަކު ރަމީޒު ވަރަށް ފަސޭހައިން ބުނީ، މަރިޔަމަކީ އަހަރެން ބުނާ ކޮންމެ އެއްޗެއް ލޯމަރައިގެން ހުރެ ގަބޫލުކުރާނެ މީހެކޭ. އޭނާއަށް އެއްވެސް އެއްޗެއް ނޭނގޭނެއޭ."

ފައުޒިއްޔާއަކީ އަހަރެންގެ ބައްޕައަށް ބޮޑުބޭބެ ކިޔާގެ، ބައްޕަގެ އެއްބަނޑު އެއްބަފާ އެންމެ ދޮށީ ދައްތަގެ އެންމެ ބޮޑު ދަރިއެވެ. އޭނާ އަހަންނަށްވުރެ 15 އަހަރު ދޮށިވާނެއެވެ. އޭނާ ކުޑައިރު އުޅުނީ އަހަރެމެންގެ ގޭގައި މަންމަ ގާތުގައެވެ. އޭނާ މަންމަ އަކިޔާނީ ދައްތައެވެ.

އަހަރެންގެ ވަށައިގެންވާ މުޅި މާޙައުލު އެނބުރެން ފެށި ކަހަލައެވެ. ކަންފަތް ބައްވެ، ނޭވާ ހާސްވާން ފެށިއެވެ. "އޭނާ... އޭނާ ސީދާ ބުނީ ކީކޭ؟" އަހަރެން ގިސްލަމުން އަހައިލީމެވެ.

ހަނާގެ ލޮލުން ފެންނަމުންދިޔަ ކަރުނަތައް ކޯތާފަތްމައްޗަށް އޮހިގަތެވެ. "އޭނާ ބުނީ... 'މަރިޔަމް އޭނާގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރަށްވުރެ ބޮޑަށް އޭނާއަށް އިތުބާރުކުރެޔޭ. މަރިޔަމް ދުވަހަކުވެސް އޭނާއަށް ޝައްކެއް ނުކުރާނެޔޭ'."

އެ ވިހަ ބަސްތައް ވިދާލި ވިދުވަރެއް ފަދައިން އަހަރެންގެ ހިތް ފޫއަޅުވައިލިއެވެ. މާޒީގެ އެތައް މަންޒަރެއް އަހަރެންގެ ކުރިމަތީގައި ސިފަވާން ފެށިއެވެ. އެޕާޓްމަންޓުގެ މައްސަލައިގައި ކިރިޔާވެސް ސުވާލެއް ކޮށްލެވޭ ކޮންމެ ފަހަރަކު، އަހަރެން އޭނާގެ ކިބައިން މާފަށް އެދުނު ހަނދާންވިއެވެ. އޭނާ މޫނު ހަދައިލާފައި، "މަރިޔަމް ތިޔަ އުޅެނީ އަހަރެންނަށް އިތުބާރު ނުކުރެވިގެންތަ؟ އަހަރެން މިހާ ދެރަވެފައި ހުއްޓާ އިތުރަށް އަހަރެން ކުށްވެރިކުރަނީތަ؟" އޭ ބުނެލާ ކޮންމެ ފަހަރަކު، އަހަރެން އަމިއްލަ ނަފްސު ކުށްވެރިކޮށް، އޭނާގެ ފައިބުޑަށް ވެއްޓި މާފަށް އެދުނު ގޮތް ހަނދާންވިއެވެ. އަހަރެންގެ މައުސޫމްކަމާއި، އަހަރެން އޭނާދެކެވާ ލޯބީގެ ފަހަތުގައި އޭނާ ކުޅެމުންދިޔައީ ކިހާ ނުރައްކާތެރި ކުޅިވަރެއް ހެއްޔެވެ؟

"ދެން... ދެން ހަނާމެން އޭނާއާ ކުރިމަތިލިންތަ؟ ސުވާލުކުރިންތަ؟" އަހަރެން އަހައިލީމެވެ.

"ނަބީލް ސުވާލުކުރި،" ހަނާ އިސްއޮބައިލިއެވެ.

"ދެން ކީކޭ ރަމީޒު ބުނީ؟"

"ރަމީޒު ފުރަތަމަ އުޅުނީ އޮޅުވާލަން. ބުނީ އަހަރެމެންނަށް ހީވި ގޮތޭ. އެކަމަކު... އެކަމަކު އޭނާއަށް އެނގުނީ ނަބީލްގެ ކެމެރާގައި އެ މަންޒަރުތަކާއި އަޑުތައް ރެކޯޑުވެފައި ހުރިކަން."

އަހަރެން ސިހިފައި ހަނާއަށް ބަލައިލީމެވެ. "ރެކޯޑުވީއޭ؟"

"ނަބީލް އިނީ އެ ކޮޓަރި ކައިރީގައި ހުރި މޭޒުމަތީގައި ކެމެރާ ސްޓޭންޑުގައި ހަރުކޮށްފައި، ޕާޓީއަށް އައި މެހެމާނުން ގެއަށް ދަމުން ތި ދެމަފިރިންނަށް ދެމުންއައި މެސެޖުތައް ރެކޯޑުކުރަން، ހުރީ ރެކޯޑަށް ލާފައި" ހަނާ ސާފުކޮށްދިނެވެ. "ހަފުލާ ނިމިގެން ތިރިއަށް ދިޔައިރު އޭނާއަށް ކެމެރާ ނިއްވާލަން ހަނދާންނެތުނީ. އެހެންވެ، އެ ކޮޓަރީގެ ދޮރުމަތިން އެމީހުން ދެއްކި ހުރިހާ ވާހަކައެއް ވަރަށް ސާފުކޮށް ކެމެރާއަށް އަޑާއި މަންޒަރާއެކު ރެކޯޑުވެފައި ހުރީ."

"ތިމީހުން އަތުގައި... އަދިވެސް އެ ރެކޯޑިންގ އެބައޮތްތަ؟" އަހަރެންގެ އަޑު ތުރުތުރުއަޅަމުން ދިޔައެވެ.

"ނަބީލް އޭގެ ކޮޕީއެއް ވަރަށް ރައްކާތެރިކޮށް ބެހެއްޓި."

"ތިން އަހަރު ވަންދެން؟" އަހަރެންގެ އަޑުގައިވި ވޭން ބޮޑުވަމުން ދިޔައެވެ.

ހަނާ އަނގަމަތީގައި އަތްއަޅައިގެން އިނދެ ގިސްލަން ފެށިއެވެ. "އާނ، މަރިޔަމް... އާނ."

އަހަރެންގެ ހިތުގައި އުފެދުނު ހިތާމަ، ކުއްލިއަކަށް ގަދަފަދަ ރުޅިވެރިކަމަކަށް ބަދަލުވެގެން ދިޔައެވެ. މޭޒުމަތީގައި އަތް އަޅައި، ކުރިއަށް ޖެހިލަމުން އަހަރެން ހަރުކަށިކަމާއެކު ބުނީމެވެ. "ތިމީހުންނަށް އެ ހުރިހާ ކަމެއް އެނގުނުއިރުވެސް... އެ މީހާ އަހަރެންގެ މުޅި ދިރިއުޅުން ފޭރިގަންނަމުން ދިޔައިރުވެސް، އަހަރެން އޭނާގެ ދޮގުތަކުގެ ތެރޭގައި ޣަރަޤުވަމުން ދިޔައިރުވެސް... ހަނާމެން އެނގިތިބެ އަހަރެން އޭނާގެ އަތްދަށަށް ދޫކޮށްލާފައި ފިލީ ކީއްވެ؟ ކޮބާ އެ އެކުވެރިކަން؟ ، ކޮބާ ކުރިން އަބަދު ބުނަމުންއައި އަބަދުވެސް ގާތުގައި ހުންނާނެ ކަމަށް ބުނި ބުނުން؟ ކަމަކު ޖެހިއްޖެނަމަ އެންމެ ކުރިން ގުޅަންވާނެ ކަމަށް އަބަދު ހަނާ ބުނަމުން އައީ، ހަނދާންވޭތަ؟"

"މަރިޔަމް، އަހަރެމެންނަށް މާފުކުރޭ!" ހަނާ އާދޭހާއެކު ރޮމުން ދިޔައެވެ. "އޭނާ ނަބީލަށް ނުހަނު ބޮޑަށް ބިރުދެއްކި. ނަބީލްގެ ކުޑަކޮއްކޮ ވަޒީފާ އަދާކުރާ ކުންފުނީގެ ވެރިންނަކީ ރަމީޒުގެ ގާތް ރައްޓެހިން. އަހަރެމެން މި ވާހަކަ މަރިޔަމް ގާތު ބުނެފިނަމަ، ކޮއްކޮގެ ވަޒީފާ ގެއްލުވާލައި، އަހަރެމެންގެ މުޅި ޢާއިލާ މަގުމަތިކޮށްލާނެ ކަމަށް ބުނެ އޭނާ އިންޒާރުދިން. އަހަރެމެން... އަހަރެމެން ބިރުގަތީ."

"އެހެންވީމާ ތިމީހުން އަމިއްލަ ސަލާމަތް ހޯދަން އަހަރެން ގުރުބާންކޮށްލީ؟ ފިލައިގެން ދިޔައީ؟" އަހަރެންގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. "އަހަރެން ބިރުނުގަންނާނެ ކަމަށްތަ ހަނާމެން ހީކުރީ؟ އަމިއްލަ ފިރިމީހާ އަހަރެންގެ ލޮލުގައި އަނދުން އަޅުވައި، ބައްޕަގެ އެންމެ ފަހު ތަރިކަ ފޭރިގަތްއިރު އަހަރެން އެކަނިމާއެކަނި އެ އަނދިރީގައި ދޫކޮށްލާފައި ދާން ހަނާމެންގެ ހިތަށް ކެއްކުރެވުނީ ކިހިނެއް؟ "

ހަނާއަށް އެއްވެސް ޖަވާބެއް ނުދެވުނެވެ. އޭނާ އިސްދަށަށް ޖަހައިގެން އިނދެ މެދުކެނޑުމެއް ނެތި ރޮމުން ދިޔައެވެ. އޭނާ އަމިއްލަ ކުށަށް ފުރިހަމައަށް އިޢުތިރާފުވެއްޖެއެވެ.

"އަހަރެމެން މަރިޔަމް ގާތު ހުރިހާ ވާހަކައެއް ބުނަންޖެހޭނެކަން އެނގޭ،" ހަނާ މަޑުމަޑުން ބުންޏެވެ. "ވޭތުވެދިޔަ ތިން އަހަރު ދުވަހު ހޭދަވެގެން މިދިޔައީ އަހަރެންނާއި އަދި ނަބީލަކަށްވެސް ހަމަ ނިދި ނުލިބި. ރަގަޅަށް ނިދުނު ހަމަ އެންމެ ރެއެއްވެސް ނުދޭ. ކޮންމެ ދުވަހަކުވެސް މަރިޔަމްގެ މޫނު އަހަރެންގެ ކުރިމައްޗަށް ސިފަވޭ."

އަހަރެން ގޮނޑި ފަހަތަށް ޖައްސައިލަމުން، ފުން ނޭވާއެއް އެތެރެއަށް ދަމައިލީމެވެ. ހިތުގައި އުފެދުނު ޒަލްޒަލާގެ މައްޗަށް ބާރުފޯރުވަމުން އަހަރެން ބުނީމެވެ. "މިހާރުން މިހާރަށް ނަބީލަށް ގުޅާ. އަދި އޭނާ ގާތު މިތަނަށް އަންނަން ބުނޭ

ހަނާ ތުރުތުރުއަޅާ އަތަކުން ފޯނު ނަގައި ނަބީލަށް ގުޅިއެވެ. އޭނާ ނަބީލަށް ގުޅައިގެން ދެއްކި ވާހަކައެއް އަހަރެންގެ ސިކުނޑިއަކަށް ސާފެއް ނުވިއެވެ. އަހަރެން އިނީ ހަށިގަނޑުން ފުރާނަ ވަކިވެފައިވާ ބުދެއް ފަދައިން ގަނޑުވެފައެވެ. ވަށައިގެންވާ ދުނިޔެ ހިނގަމުން ދިޔަ ނަމަވެސް، އަހަރެންގެ ދުނިޔެ ވަނީ އެއްކޮށް ހުއްޓިފައެވެ.

ނަބީލުގެ އިންތިޒާރުގައި ތިބޭތާ ސާޅީސް ހަކަށް މިނިޓް ފަހުން، އޭނާ އައެވެ. އޭނާ ފެނުމުން އަހަރެންގެ ހިތަށް އިތުރު ހިތްދަކަން އިހްސާސް ކުރެވުނެވެ. ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އޭނާ ހުރީ ވަރަށް ބޮޑަށް ހިކި އަނަރޫފަވެފައެވެ. ބޮލުގެ އިސްތަށިގަނޑުން ފެންނަމުންދިޔަ ނުރަތަކުން ދައްކުވައިދެނީ އޭނާ އުފުލަމުންދިޔަ ނަފްސާނީ ބުރައެވެ. އޭނާ އައިސް އަހަރެމެން ތިބި މޭޒު ކައިރީގައި މަޑުޖެހިލިއެވެ. އިސްއުފުލައި އަހަރެންގެ މޫނަށް ބަލައިލަންވެސް އޭނާއަށް ނުކެރުނު ކަހަލައެވެ.

"މަރިޔަމް..." އޭނާގެ އަޑު ބެދިފައި ހުއްޓެވެ.

އަހަރެން އެއްވެސް އިތުރު ވާހަކައެއް ދައްކާކަށް ބޭނުމެއް ނުވިއެވެ. ސީދާ އޭނާގެ ލޮލަށް ބަލަހައްޓައިގެން އިނދެ އަހައިލީމެވެ. "އަދިވެސް އެ ވީޑިއޯ އެބައޮތްތަ؟"

ނަބީލް އިސްދަށަށް ޖަހައިލަމުން މަޑުމަޑުން ބޯ ޖަހައިލިއެވެ. "އާނ."

"އަހަރެން ބޭނުން މިހާރު އެ ބަލަން."

ނަބީލް އެއްފަހަރު ހަނާގެ މޫނަށް އަދި އަނެއްފަހަރު އަހަރެންގެ މޫނަށް ބަލައިލިއެވެ. އެއަށްފަހު، ޖީބުން ފޯނު ނަގައި، މޭޒުމަތީގައި ބޭއްވިއެވެ. "މިއީ އަހަރެން އަބަދުވެސް ރައްކާކޮށްފައި އޮންނަ ކޮޕީއެއް. އަސްލު މެމޮރީ ކާޑު އޮތީ ވަރަށް ރައްކާތެރި ތަނެއްގައި ފޮރުވާފައި."

އޭނާ ފޯނުގެ ސްކްރީނަށް ފިތައިލުމާއެކު ވީޑިއޯ ހިނގައިގަތެވެ. ފުރަތަމަ ފެނުނީ އަހަރެމެންގެ އެޕާޓްމަންޓް ބިލްޑިންގުގެ ޓެރަހެވެ. އަހަރީ ދުވަހުގެ ހަފުލާ ނިމި، މޭޒުތަކުގެ މަތީގައި ހުރި ހުސް ތަށިތަކާއި ކަރުދާސް ކުނިތަކެވެ. މަޑުމަޑު ވައިރޯޅީގެ އަޑާއެކު، ދެން ކުއްލިއަކަށް އިވެން ފެށީ އަހަރެން އެންމެ ދަންނަ، އެންމެ ލޯބިވި އަޑެވެ. ރަމީޒުގެ އަޑެވެ.

"އޭނާ މިހާރަކު އެކަމާ ޝައްކެއް ނުކުރާނެ. އަހަރެން ބުނެފިން ވަކީލަކާ ވާހަކަދައްކައިގެން ކޯޓު މަރުޙަލާ ކުރިއަށް ގެންދަނީއޭ،" ރަމީޒުގެ އަޑުގައި އެއްވެސް ޖެހިލުންވުމެއް ނެތެވެ.

ދެން އިވުނީ ފައުޒިއްޔާގެ އަޑެވެ. "އެކަމަކު ރަމީޒު... އަބަދަކު އެހެންނެއް ނުބުނެވޭނެއެއްނު؟ މަރިޔަމް ބޭނުންވާނެ ލިޔުންތައް ދެކެން."

"އަބަދު އެހެން ބުނާކަށް ނުޖެހޭނެ،" ރަމީޒު ހީނލި އަޑު އިވުނެވެ.

އިރުކޮޅަކަށް ވީޑިއޯއިން ހަމަހިމޭންކަން ވެރިވިއެވެ. ދެން ރަމީޒު ބުނެލި ޖުމްލައަކީ އަހަރެންގެ މުޅި ހަޔާތް ފުނޑުފުނޑުކޮށްލި ޖުމްލައެވެ.

"އޭނާ ބަނޑުބޮޑުވީމަ، ވިސްނާނެ އެހެން ކަންތައްތައް ހުންނާނެ. ދަރިއަކު ލިބުނީމާ އަންހެނުން އެހެން ހުރިހާ ކަމެއް މަތިން ހަނދާން ނައްތައިލާނެ."

އަހަންނަށް ބޭއިޚުތިޔާރުގައި ދެލޯ މަރައިލެވުނެވެ. އަދި އަނގަމަތީގައި އަތްއެޅުނެވެ. އެއީ ކޮން ދުވަސްވަރެއްކަން ވަގުތުން އަހަރެންގެ ހަނދާނަށް އައެވެ. އެއީ ކުއްޖަކު ހޯދަން ރަމީޒު އަހަރެންގެ ގާތުގައި އެންމެ ބޮޑަށް އެދުނު ދުވަސްވަރެވެ. އެއީ ދަރިއަކު ހޯދަން ރަމީޒު ކެނޑިނޭޅި އަހަރެންނަށް ބާރުއަޅަމުން ދިޔަ ދުވަސްވަރެވެ. ފައިސާގެ މައްސަލަ ހައްލުވެ، ދިރިއުޅުން ހަމައަކަށް އެޅެންދެން މަޑުކުރަން އަހަރެން ބުނާ ކޮންމެ ފަހަރަކު، "މަރިޔަމް ތިޔަ އިސްކުރަނީ ފައިސާ، ކައިވެންޏާއި ޢާއިލާއަށްވުރެ ފައިސާ މުހިންމީތަ؟" އޭ ބުނެ އަހަރެން ކުށްވެރިކުރި ދުވަސްވަރެވެ. އޭނާ އެކަން ކުރީ އަހަރެންގެ ލޯބީގެ ބޭނުން ހިފައި، އަހަރެންގެ ސިކުނޑި އެހެން ދިމާއަކަށް އަނބުރައިލުމަށެވެ! ޝައިޠާނަކަށްވެސް މިފަދަ ރޭވުމެއް ރާވަން އެނގޭނެ ހެއްޔެވެ؟

އެވަގުތު ކޮޅަށް ހުރި ނަބީލް މަޑުމަޑުން ގޮނޑީގައި އިށީނެވެ. "މަރިޔަމް... އަދިވެސް އެބަހުރި."

އަހަރެން ކަރުނަތައް ފޮހެލަމުން، ހިތްވަރުކޮށްފައި ބުނީމެވެ. "ޖައްސާ. ހުރިހާ އެއްޗެއް ދައްކާ."

އެ ރެކޯޑިންގްއިން ހުރިހާ ޙަޤީޤަތެއް ބޭޒާރުވިއެވެ. އެޕާޓްމަންޓެއް ގަތުމަށް އެއްވެސް އިރެއްގައި އެއްވެސް މަސައްކަތެއް ކޮށްފައެއް ނެތެވެ. އަހަރެންގެ ބައްޕަގެ ދަލާއި ލެއިން ހޯދި އެއްމިލިއަން ހަލައްކަ އަށްޑިހަ ހާސް ރުފިޔާގެ ތެރެއިން ބޮޑުބައެއް ރަމީޒު ޚަރަދުކުރީ، އޭނާއާއި ފައުޒިއްޔާ ގުޅިގެން ފެށި އަމިއްލަ ވިޔަފާރިއަކަށެވެ. އަދި ބާކީ ހުރި ފައިސާއިން އޭނާ ވަނީ ކައިވެނީގެ ކުރިން ނަގާފައި ހުރި އެތައް ޒާތީ ދަރަނިތަކެއް ޚަލާޞްކޮށްފައެވެ.

ވީޑިއޯގެ އެންމެ ފަހު ބައިގައި ފެނުނީ ނަބީލް އެ ކޮޓަރިއަށް ވަދެ، އެމީހުންނާ ކުރިމަތިލި މަންޒަރެވެ.

"ތިޔަ ފުހެލާ މިހާރުން މިހާރަށް!" ރަމީޒުގެ އަޑު ރުޅިވެރިކަމުން ގުގުމައިގަތެވެ.

"މަރިޔަމް ގާތު އަހަރެން މި ވާހަކަ ބުނާނަން. ކަލޭ ތިޔަ ކުރަނީ ޚިޔާނާތެއް!" ނަބީލް ބުންޏެވެ.

"މިއީ އަހަރެންނާއި އަހަރެންގެ އަނބިމީހާއާ ދެމެދު އޮތް ކަމެއް. ކަލޭ ބެހޭކަމެއް ނޫން!" ރަމީޒު ހަޅޭއްލަވައިގަތެވެ.

"ކަލޭ ތިޔަ ބޭނުންކުރަނީ އޭނާގެ ބައްޕަގެ ފައިސާ!"

ދެން އިވުނީ ގަދަފަދަ އަޑުގަދަވުމެކެވެ. ރަމީޒު ކެމެރާއަށް އަތްލައި ދަމައިގަތް އަޑާއި، ކެމެރާ ވެއްޓި މަންޒަރު ކަނުވެގެން ދިޔަ އަޑެވެ.

ނަބީލް ފޯނު ނިއްވައިލިއެވެ. "އޭނާ ކެމެރާ ޖަހައިގަނެ މެމޮރީ ފުހެލަން އުޅުނީ. އަހަރެން އޭރު ބުނިން އެއްވެސް އެއްޗެއް ރެކޯޑެއް ނުވެޔޭ. އެކަމަކު އޭނާ އަހަރެމެންނަށް ދޫނުކުރާނެކަން އެނގޭތީ، އެރޭ މާލެއިން ފުރައިގެން ދިޔައީ."

"އެކަމަކު އަހަރެންނަށް ނުފޮނުވީ ކީއްވެ؟ އެންމެ މެސެޖަކުންވެސް އަހަރެން ސަލާމަތް ކުރެވެން އޮތްއިރު..." އަހަރެން އަހައިލީމެވެ.

ނަބީލްގެ ދެލޮލުން ކަރުނަ ފައިބަން ފެށިއެވެ. "އަހަރެންނަކީ ފިނޑިއެއް، މަރިޔަމް. އަމިއްލަ ސަލާމަތަށް ވިސްނައި، މަރިޔަމް އަނދަވަޅަކަށް ވައްޓައިލެވުނީ. އަހަރެން ދުވަހަކުވެސް އަމިއްލަ ނަފްސަށް މާފެއް ނުކުރާނަން."

އަހަރެން ގޮނޑިން ތެދުވީމެވެ. އެމީހުންނަށް ދައްކާނެ އިތުރު ވާހަކައެއް ނެތެވެ. ވޭނާއި ހިތާމައިގެ ތެރެއިން އަހަރެންގެ ހިތުގައި އުފެދުނީ އާދަޔާޚިލާފު ހިތްވަރެކެވެ. މިއަދު އަހަރެންނަކީ ރޮއި އާދޭސްކުރާނެ އަންހެނެއް ނޫނެވެ.

އެރޭ އަހަރެން ދިޔައީ ބޮޑުދައިތަގެ ގެއަށެވެ. އަހަރެންގެ ފޯނު ރިންގުވާން ފެށީ ރޭގަނޑު އަށެއް ޖަހަން އުޅެނިކޮށެވެ. ގުޅަނީ ރަމީޒެވެ.

"ކޮބާ ތިޔައީ؟ އަދިވެސް ގެއަކަށް ނާންނަންތަ؟" ރަމީޒުގެ އާދައިގެ ހަރުކަށި އަޑު އިވުނެވެ.

"އަހަރެން މިހުރީ ބޮޑުދައިތަ ގޭގައި."

"ނުވެސް ބުނެއެއްނު ދިޔައީ. ކީއްވެ؟ ގެއަށް އަންނާކަށް ނުވޭތަ؟"

އަހަރެން ފުން ނޭވާއެއް އެތެރެއަށް ދަމައިލީމެވެ. "ރަމީޒު... ދުވަހަކުވެސް އެޕާޓްމަންޓަކައި ދޭތެރޭ ވިސްނިންތަ؟"

ފޯނުގެ އަނެއްކޮޅުން މަރުފަދަ ހިމޭންކަމެއް ވެރިވިއެވެ. އިރުކޮޅަކަށްފަހު، އޭނާ މަޖާވެލާފައި ހީނގަތެވެ. "ތީ ކޮން ކަހަލަ މޮޔަ ސުވާލެއް؟ ކީއްވެ ކުއްލިއަކަށް ތިޔަ ވާހަކަ ތިޔަ ދައްކަނީ؟"

"އަހަރެން މި އެހީ... ރަމީޒު އެޕާޓްމެންޓެއް ގަންނަން އުޅުނިންހޭ؟"

އޭނާގެ ރާގު ވަގުތުން ހަރުކަށިވިއެވެ. "ކަލޭ ގާތު ކާކު ކީކޭ ކިޔައިގެން ތިއުޅެނީ؟ ކާކު އަހަރެމެންގެ ދެމެދަށް ވަދެގެން ތިޔަ އުޅެނީ؟"

އޭނާ އެވަގުތުވެސް އެފެށީ އެވާހަކަ ދެއްކީ ކާކުތޯ ބަލާށެވެ. އަހަރެން ހިތާމަކުރަނީ ކީއްވެގެންތޯ، އަހަރެން ރޮނީ ކީއްވެގެންތޯ އޭނާ އެއްފަހަރުވެސް ނާހައެވެ. އޭނާގެ ހަމައެކަނި ފިކުރަކަށްވީ، އޭނާގެ މަކަރުވެރި ދޮގުތައް ބޭޒާރުކޮށްލީ ކާކުތޯ ހޯދުމެވެ. އަމިއްލަ ކުށުގެ ބިރުވެރިކަން އޭނާ ވަށައިލީއެވެ.

"އަހަރެންނަށް މިއަދު ހަނާއާ ބައްދަލުވެއްޖެ،" އަހަރެންގެ އަޑުގައިވީ މަޑުމައިތިރި ނަމަވެސް ސާބިތު ގޮތެކަމެވެވެ.

ފޯނުގެ އަނެއްކޮޅުން ރަމީޒުގެ ނޭވާ އަވަސްވެގެން ދިޔަ އަޑު އަހަރެންގެ ކަންފަތުގައި ވަރަށް ސާފުކޮށް ޖެހުނެވެ. އިރުކޮޅެއްގެ ބިރުވެރި ހިމޭންކަމަކަށްފަހު އޭނާގެ އެ އޮޅުވައިލުމާއި މަކަރުވެރިކަމުން ފުރިގެންވާ އަޑުން ވާހަކަ ދައްކަން ފެށިއެވެ.

"މަރިޔަމް... ލޯބިވާ މަރިޔަމް، އަހަރެން ދައްކާ ވާހަކަ ކަނުލައި އަޑުއަހާބަލަ. އެމީހުންނަކީ އަހަރެމެންގެ ދިރިއުޅުން ފުނޑުފުނޑުކޮށްލަން އުޅޭ ބައެއް. އެމީހުން އަބަދުވެސް އަހަރެމެންގެ އުފަލަށް ހަސަދަވެރިވޭ."

"އެމީހުން އަހަރެމެންނަށް ހަސަދަވެރިވާންވީ ކޮން ސަބަބަކާ ހުރެ؟" އަހަރެން ސުވާލުކުރީމެވެ.

"އެމީހުން އުޅުނީ އަހަރެންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ފޭރިގަންނަން. އަހަރެން އެކަމާ ދެކޮޅު ހެދީމާ އެމީހުން ފިލައިގެން ދިޔައީ."

"އެހެންތަ؟ އެހެންވީއިރު ވޭތުވެދިޔަ ތިން އަހަރު ދުވަސް ވަންދެން ތިޔަ ބޮޑު ސިއްރު އަހަރެންގެ ކިބައިން ފޮރުވައިގެން ހުރީ ކީއްވެގެން؟"

"އެއީ... އެއީ އަހަރެން މަރިޔަމް ހިމާޔަތްކުރަން ބޭނުންވީތީ. މަރިޔަމްގެ މައުސޫމް ހިތަށް އިތުރު ހިތާމައެއް ލިބެން ބޭނުން ނުވާތީ!" އޭނާ އަޑަށް ލޯތްބާއި ކުލުނު ވެރިކުރަން މަސައްކަތްކުރިއެވެ.

އަހަރެން ދެލޯ މަރައިލީމެވެ. ހިތަށް ވެރިވި ފޫހިކަމާއި މޭނުބައިކުރުމުގެ ސަބަބުން މުޅި ހަށިގަނޑު ތުރުތުރުއަޅަމުން ދިޔައެވެ.

"ކޯޗަކުން ހިމާޔަތްކުރަން؟ ކަލޭގެ އަމިއްލަ ނުބައި ކުށްތަކުންތަ؟ ނޫނީ ކަލޭގެ މުޑުދާރު ޚިޔާނާތުންތަ؟"

އެއާއެކު އޭނާގެ ކެތްތެރިކަމުގެ އިމުން ބޭރުވެ، މަކަރުވެރި މޫނުމަތީގެ އަސްލު ސިފަ ފާޅުވިއެވެ.

"މަރިޔަމް! މާ މާތް މީހަކަށް ވެގެން ވާހަކަ ނުދައްކާ މިހާރުން މިހާރަށް ގެއަށް އާދޭ! އަހަރެމެން މޫނަށް މޫނު ބަލައިގެން މިކަން ނިންމާނީ!"

"އަހަރެން ދެން ދުވަހަކުވެސް އެ އަނދިރި ގެއަކަށް ފިޔަވަޅެއް ނާޅާނަން. މިރޭ އަދި މުޅި އުމުރަށްވެސް އަހަރެން ހުންނާނީ މިތަނުގައި."

"ކަލެއަކީ އަހަރެން ކައިވެނިކޮށްގެން އިން އަނބިމީހާ! އަހަރެން ބުނާ ގޮތެއް ހަދައިގެން ކިޔަމަންތެރިވެގެން އުޅެންޖެހޭނީ!" އޭނާ ހަޅޭއްލަވައިގަތެވެ.

"އާނ، އަހަރެން އަދިވެސް އެކަން ހަނދާން އެބަހުއްޓެވެ. އެކަމަކު ކަލޭ އެ މާތް ގުޅުމުގެ މަތިން ހަނދާން ނައްތައިލީ، ދަހިވެތިކަމުގައި އަހަރެންގެ ނިޔާވި ބައްޕަގެ ދަލާއި ލެއިން ހޯދި ފައިސާ ފޭރިގަތް ދުވަހު،" މިހެން ބުނެ އަހަރެން ފޯނު ކަނޑައިލީމެވެ. އަދި ދެވަނަ ވިސްނުމަކަށް ނުގޮސް އޭނާގެ ނަންބަރު ވަގުތުން ބްލޮކްކޮށްލީމެވެ.

ބޮޑުދައިތަ މަޑުމައިތިރިކަމާއެކު ކޮޓަރިއަށް ވަދެ، އަހަރެންގެ ކައިރީގައި އިށީނދެ ހޫނު ސައިތައްޓެއް ދިއްކޮށްލިއެވެ. އޭނާ އަހަރެން ގާތު ކެތްކުރުމަކަށް، ނުވަތަ އެ އަނިޔާވެރިޔާއަށް މަޢާފުކުރުމަކަށް ނޭދެއެވެ. ހަމައެކަނި އަހަރެންގެ ބުރަކަށީގައި އޯގާތެރިކަމާއެކު ފިރުމައިލިއެވެ. އަހަރެން ތުރުތުރުއަޅަމުންދިޔަ އިނގިލިތަކުން އައްޑޫގައި އިން މަންމައަށް ގުޅައިލީމެވެ. ފޯނު ނެގުމާއެކު، ކަރުބުޑުގައި ތާށިވެފައި ހުރި ހުރިހާ އުދާހެއް ގިސްލުމުގެ ސިފައިގައި ބޭރުވެގެން ދިޔައެވެ.

"ދަރިފުޅާ... މަރިޔަމް؟ ކިހިނެއްވީ؟" މަންމަގެ އަޑުގައިވި ސިހުމާއި ކަންބޮޑުވުމުން އަހަރެންގެ ހިތް ކުދިކުދިވިއެވެ.

"މަންމާ... އެ ފައިސާ..." އަރުބެދިގެން އަހަރެންނަށް ވާހަކައެއް ނުދެއްކުނެވެ.

"އެނގޭ ދަރިފުޅާ، އެ ފައިސާ ގެއްލުނު ވާހަކަ ކުރިންވެސް ބުނީމެއްނު؟ މަންމަގެ ހިތުގައި އެކަމާ އެއްވެސް ޝަކުވާއެއް ނެތޭ،" މަންމަ މަސައްކަތްކުރީ އަހަރެންގެ ހިތް ހަމައަކަށް އަޅުވާށެވެ.

"ނޫން މަންމާ... އެ ފައިސާއެއް ނުގެއްލޭ. އަހަރެމެންނަށް ހީވި ގޮތަކަށް ނޫން އެކަން ވީކީ..."

ދެން އަހަރެން ފޮރުވުމެއް ނެތި ހުރިހާ ޙަޤީޤަތެއް މަންމައަށް ބަންޑުންކޮށްލީމެވެ. ރަމީޒާއި ފައުޒިއްޔާގެ ކެހިވެރި ރޭވުންތަކާއި، ނަބީލްގެ ކެމެރާގައި ރައްކާކުރެވިފައިވި ހިތްދަތި ވީޑިއޯގެ ވާހަކައެވެ. ރޮމުން، ގިސްލަމުން ހުރިހާ ވާހަކައެއް ކިޔައިދީ ނިމުނުއިރު، އަނެއްކޮޅުން އިވެނީ މަންމަގެ ފުން ހިމޭންކަމެވެ. އެ ހިމޭންކަމުގެ އަޑީގައި ފޮރުވިފައިވި މަންމަގެ ހިތާމައާއި ރުޅިވެރިކަން އަހަރެންގެ ރޫޙަށްވެސް އިޙްސާސްކުރެވުނެވެ. އެތައް އިރަކަށްފަހު، ކަރުނުން ފުރިގެންވި އަޑަކުން މަންމަ ކޮށްލީ އެންމެ ސުވާލެކެވެ.

"ދަރިފުޅު ތިހުރީ ރައްކާތެރި ތަނެއްގައިތަ؟"

"އާނ، މަންމާ. ބޮޑުދައިތަ ގޭގައި."

"ދަރިފުޅު އެހެން އެއްވެސް ތަނަކަށް ފިޔަވަޅެއް ނާޅާތި. ތިގޭގައި މަޑުކުރޭ. މަންމަ މާދާމާ ހެނދުނުގެ ފުރަތަމަ ފްލައިޓުން މާލެ އެބަދަން."

"މަންމާ... އަހަރެންނަށް މަޢާފުކުރޭ،" އަހަރެންގެ ހިތް ފަޅައިގެންދާ ފަދަ އަޑަކުން ބުނީމެވެ. "ބައްޕަ މުޅި އުމުރުގައި އެހާ ބުރަކޮށް ހޯދި ފައިސާކޮޅު، އަހަރެންގެ މޮޔަކަމުން—"

"ދަރިފުޅާ، ދެން ތިޔަ ވާހަކަ ނުދައްކާ ހުއްޓާލާ!" މަންމަގެ އަޑު ތުރުތުރުއެޅިއެވެ. "ބައްޕަ ދުނިޔޭގައި ހުރިއިރުވެސް ބޭނުންވީ ހަމައެކަނި ދަރިފުޅުގެ ރައްކާތެރިކަމާއި އުފާވެރިކަން. ބައްޕަ ދުނިޔޭގައި ހުރިނަމަވެސް ބުނާނީ ތިޔަހެން. ދަރިފުޅުގެ ފުރާނަ ސަލާމަތުން ތިޔަހުރީ. އެއީ އެންމެ އަގުބޮޑު ނިޢުމަތަކީ. މާތް ﷲ ގެ އިރާދަފުޅާއެކު ދެން ހުރިހާ ކަމެއްވެސް ރަނގަޅުވާނެ."

ޖެހިގެން އައި ދުވަސްތައް ވެގެންދިޔައީ އަހަރެންގެ ހަޔާތުގެ އެންމެ އަނދިރި، ނަމަވެސް އަހަރެންގެ އެތެރޭގެ ހިތްވަރު އެންމެ ބޮޑަށް އިމްތިޙާނުކުރި ދުވަސްތަކަށެވެ. އަހަރެން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދީމެވެ. ނަބީލް އޭނާގެ އަތުގައި އޮތް އަސްލު މެމޮރީ ކާޑު ވަކީލާ ޙަވާލުކުރިއެވެ. މިފަހަރު އޭނާ ފިލާކަށް ނޫޅުނެވެ؛ ކޯޓުގެ ހުރުމަތުގެ ކުރިމަތީގައި ހެކިބަސް އަދާކުރަންވެސް އޭނާ ހުރީ ސާބިތުކަމާއެކުގައެވެ.

އަހަރެން ބޭންކުތަކަށް ގޮސް ވޭތުވެދިޔަ އަހަރުތަކުގެ ހުރިހާ އެކައުންޓް ސްޓޭޓްމަންޓްތަކެއް ނެގީމެވެ. އެ ކަރުދާސްތައް ބަލަމުން ދިޔަވަރަކަށް އަހަރެން އަމިއްލަ ނަފްސު ދެކެ ނުހަނު ލަދުގަތެވެ. ރަމީޒު ދިއްކޮށްލި ކޮންމެ ލިޔުމެއްގައި، އޭގައި އޮތް އެއްޗެއް ވިސްނައިލުމެއްވެސް ނެތި، އަހަރެން ލޯމަރައިގެން އިނދެ ސޮއިކޮށްފައި ހުރި މިންވަރު ފެނިފައެވެ. އަހަރެން އޭނާއަށް ކުރި ކަނު އިތުބާރުގެ ނާޖާއިޒު ފައިދާ، އޭނާ ނެގީ އެއްވެސް ރަޙުމެއް، ކުލުނެއް ނެތިއެވެ.

ހަފުތާއެއްހާ ދުވަސް ފަހުން، ފައުޒިއްޔާ ބޮޑުދައިތަގެ ގެއަށް އައީ މޭވާ ކޮތަޅެއް ހިފައިގެން، ހެޔޮއެދޭ މީހެއްގެ ސިފައިގައެވެ. ނަމަވެސް، އަހަރެން ހިލަގަނޑެއް ފަދަ ހިމޭންކަމަކަށްފަހު، އޭނާގެ މޫނުމައްޗަށް ޙަޤީޤަތް ބަންޑުންކޮށްލީމެވެ. ބައްޕަގެ ޙައްޤު ފޭރިގަތުމަށްފަހު ދެއްކި މަޞްނޫޢީ އޯގާތެރިކަން އަހަރެން ފުރޮޅައިލީ ނަފްރަތުންނެވެ. އޭނާ ދެއްކި ދޮގު ބަހަނާތަކާއި އެޅި ކަންޒޫރު ކަރުނަތަކުން އަހަރެންގެ ހިތަކަށް އަސަރެއް ނުކުރިއެވެ. އަހަރެންގެ އަމުރަށް، ބޮޑުދައިތަ ދޮރު ހުޅުވައިލުމާއެކު، އޭނާ ލަދުން އިސްޖަހައިގެން ނުކުމެގެން ދިޔައީ އަހަރެންގެ ހިތުގައި އޭނާއަށް އޮތް އެންމެ ފަހު ޤަދަރުވެސް ވަޅުލަމުންނެވެ.

އާއިލީ ކޯޓުގެ ޞުލްޙައިގެ މޭޒުދޮށުން ރަމީޒާ އަލުން ބައްދަލުވިއެވެ. ކުރިން އޭނާގެ ކިބައިން ފެނުނު ބޮޑާކަމުގެ ބަދަލުގައި މިއަދު ފެންނަނީ އިސްޖެހިފައިވާ ނިކަމެތިކަމެކެވެ. "ކުށެއް ކުރެވިއްޖެ" ކަމަށް ބުނެ އޭނާ މަޢާފަށް އެދުނު ނަމަވެސް، އެއީ ނޭނގި ކުރެވުނު ކަމެއް ނޫން ކަމާއި، އެއީ ދުރާލާ ރޭވި ބޮޑު ޖަރީމާއެއްކަން އަހަރެން ހަނދާންކޮށްދިނީމެވެ. އަހަރެން ބަނޑުބޮޑުވެ، ކަންކަމުގައި މަސްއޫލުވެ އެކަން ހަނދާން ނެތޭނެ ދުވަހަކަށް އޭނާ އިންތިޒާރުކުރިކަން އަހަރެން ފަޅާއަރުވައިލުމުން، ރަމީޒުގެ ދޫ ބަންދުވެ، ބިރުވެރިކަން މޫނުމައްޗަށް ވެރިވިއެވެ. އެންމެ ފަހުން އަހަރެންގެ ކައިވެނި ރޫޅި، ވިޔަފާރީގެ ހިއްސާތައް ވިއްކައިގެން ބައްޕަގެ ފައިސާގެ ބޮޑުބައެއް އަނބުރާ ހޯދުމުގެ ޤާނޫނީ މަރުޙަލާ ފެށުނެވެ. ތިމާގެ މީހުންގެ މަލާމާތާއި ފާޑުކިޔުންތައް އަމާޒުވި ނަމަވެސް، އަހަރެންގެ ހިމާޔަތަކަށްވީ އަހަރެންގެ ފަހަތުގައި ސާބިތުވެ ހުރި ލޯބިވާ މަންމައެވެ.

ހަފުތާތަކެއް ފަހުން ހަނާ ފޮނުވި މެސެޖާއެކު، އަހަރެމެން ހުޅުމާލޭގެ އަތިރިމަތިން ބައްދަލުވީމެވެ. ކުރީގެ ގާތް އެކުވެރިކަން އަލުން އިޔާދަނުވި ނަމަވެސް، މާޒީގެ ހިތިކަން ފަހަތަށް ދޫކޮށްލުމަށްފަހު، ހިތުގެ ރުޅިވެރިކަމުން މިނިވަންވުމަށްޓަކައި އަހަރެން މަޢާފުކުރީމެވެ.

އަހަރެއްހާ ދުވަސް ފަހުން، މާލޭގެ ހަލަބޮލިކަމުން ދުރަށް، އަހަރެން މަންމައާއެކު އުފަން ރަށް އައްޑޫއަށް ދިރިއުޅުން ބަދަލުކުރީމެވެ. އެއްދުވަހަކު ބައްޕަގެ ދުވަސްވީ އަތުކުރީ ގަޑި ފެނި، ބައްޕަގެ އުންމީދުތައް އަހަރެންގެ ސަބަބުން ފަނާވެއްޖެ ކަމުގެ އިޙްސާސާއެކު އަހަރެންނަށް ރޮވުނެވެ. ނަމަވެސް މަންމަ ވަރަށް ވިސްނައިދިނެވެ. ބައްޕަގެ އެންމެ ބޮޑު ތަރިކައަކީ ފައިސާ ނޫން ކަމަށާއި، ކެހިވެރި ދަންތުރައިން ސަލާމަތްވެ އަހަރެން ދުޅަހެޔޮކަމާއެކު ހުރުމަކީ ބައްޕަގެ އުންމީދުތައް ދިރިހުރުން ކަމަށް ބުނެ އަހަރެންގެ ހިތަށް ފިނިކަން ގެނެސްދިނެވެ.

މަޣްރިބު ނަމާދުގެ ބަންގީގެ ރޫޙާނީ އަޑާއެކު، މަންމަގެ އަތުގައި ހިފައިގެން އަހަރެން ހިނގައިގަތީ އާ ފެށުމަކުން ދިރިއުޅުން އަލުން ބިނާކުރުމުގެ ފުރިހަމަ ޢަޒުމުގައެވެ. ބީވެދިޔަ މާޒީގެ ބަދަލުގައި، އަހަރެންގެ އަމިއްލަ ނަފްސާއި، އަބުރާއި، އިއްޒަތް އަހަރެން އަލުން ހޯދައިފީމެވެ.



ކިޔުންތެރިންގެ ހިޔާލު