ފެންބޮޑުވުމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަނީ--
ފެންބޮޑުވުމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަނީ--
ފެންބޮޑުވުމާ ގުޅިގެން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން މާލޭގެ އެކި ހިސާބުތަކުގައި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

މޫސުން ގޯސްވެ މާލެއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން، މަގުތަކުގައި ފެންބޮޑުވެ ގެދޮރަށާއި މުދަލަށް ގެއްލުންވަމުންދާތީ ހުރިހާ ރައްޔިތުންވެސް މިކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން މިރޭ ވަނީ އިލްތިމާކޮށްފައެވެ. އަދި ހާލަތާ ގުޅިގެން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފުލުހުން މާލޭގެ އެކި ސަރަޙައްދުތަކުގައި ހަރަކާތްތެރިވަމުންދާއިރު ފެންވަނުން ހުއްޓުވަން ވެލި ބަސްތާތައް ޖެހުން ފަދަ ކަންކަމުގައި ފުލުހުން އުޅޭތައް ފެނެއެވެ.

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ލަފާކޮށްފައިވާގޮތުން ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަަކަށް ބޯކޮށް ވާރޭ ވެހޭނެއެވެ.

މޫސުން ގޯސްވުމާ ގުޅިގެން ލިބިދާނެ ގެއްލުންތައް ކުޑަކުރަން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ(އެންޑީއެމްއޭ)އިން މިއަދު ވަނީ ސަމާލުވާން ޖެހޭ ކަންކަމުގެ ލިސްޓެއް ވެސް ނެރެފައެވެ.

އެގޮތުން ފެން ނުވަންނާނެހެން ގޭގޭގެ ދޮރުމަތީ ވެލިބަސްތާތައް ޖަހައި އަދި ފެންބޮޑުވެ ގެއްލުން ލިބޭ ހިސާބުގައި ހުންނަ ކާބޯތަކެއްޗާއި ހިފާ ގެންގުޅޭ ތަކެތި ފެން ނުޖެހޭ އުސް ތަންތަނަށް ނުވަތަ ފެން ނުފޯރާ ފަދަ ތަންތަނަށް ބަދަލުކުރަން ވަނީ އިލްތިމާސްކޮށްފައެވެ.

އޭގެ އިތުރުން ބޭނުން ނުކުރާނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލައިފައި ބެހެއްޓުމަށް ވެސް އިލްތިމާސްކުރިއެވެ.



ކިޔުންތެރިންގެ ހިޔާލު