އެފްއޭއެމް ޓާފް ގްރައުންޑް 1 ގެ ޓާފް ބަދަލުކުރުމުގެ މަސައްކަތް, ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
އެފްއޭއެމް ޓާފް ގްރައުންޑް 1 ގެ ޓާފް ބަދަލުކުރުމުގެ މަސައްކަތް, ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
މާލޭގެ ފުޓްބޯޅަ ކުޅުމަށް އެންމެ ގިނައިން ބޭނުންކުރާ އެއް ދަނޑުކަމަށްވާ އެފް.އޭ.އެމް ޓާފް ގްރައުންޑް 1 ގެ ޓާފް ބަދަލުކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ ދައުލަތުގެ ކުންފުންޏެއް ކަމަށްވާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) އާއެވެ.

މި މަސައްކަތުގެ ދަށުން ދަނޑުގެ ބާވެފައިވާ ޓާފް ނަގާ، އާ ޓާފް އެޅުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ. އާރް.ޑީ.ސީއާ ހަވާލުކޮށްފައިވާ މި މަސައްކަތް 20 ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރެވެ އެވެ. މި މަސައްކަތަށް ބޭނުންވާ ޓާފާއި އެހެނިހެން ތަކެތި ފޯރުކޮށްދީފައިވަނީ ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުންނެވެ.

އެފް.އޭ.އެމް ޓާފް ގްރައުންޑް 1 ގެ ޓާފް އެންމެ ފަހުން ބަދަލުކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ. އެއަށްފަހު ގިނަ އަހަރުތަކެއް ވަންދެން ޓާފް ބަދަލުނުކޮށް ބެހެއްޓިފައިވުމުގެ ސަބަބުން، ޓާފްގެ ހާލަތު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. މިކަމުގެ ސަބަބުން ދަނޑު ބޭނުންކުރާ ކުޅުންތެރިންނާއި ޓީމުތަކަށް ކުޅުމުގައި އެކިފަދަ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާއިރު، އަނިޔާވުމުގެ ފުރުސަތު ވެސް ބޮޑުވެފައިވާ ކަމަށް ގިނަ ކުޅުންތެރިން ވަނީ ބުނެފައެވެ.

މި ޓާފް ބަދަލުކުރުމުގެ ސަބަބުން މާލޭގެ ފުޓްބޯޅަ ކުޅުންތެރިންނަށް ފެންވަރު ރަނގަޅު މާހައުލެއްގައި ތަމްރީނުތަކާއި މެޗުތައް ކުޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު