އިޓަލީގެ މިލާންގައި ކުރިއަށް ދާ މުޒާހަރާތަކުގެ ތެރެއިން
އިޓަލީގެ މިލާންގައި ކުރިއަށް ދާ މުޒާހަރާތަކުގެ ތެރެއިން
ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލި، ތެލާއި ހަކަތައިގެ އަގުތައް މައްޗަށް ދިއުމުގެ އިތުރުން ސަރުކާރުތަކުން ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކުގެ ފެންވަރު ދަށަށްދާތީ، ޔޫރަޕުގެ ގިނަ ޤައުމުތަކެއްގެ ރައްޔިތުން ނުރުހުން ފާޅުކޮށް ވަރުގަދަ އިހުތިޖާޖުތަކެއް ފަށައިފިއެވެ. މިގޮތުން ފްރާންސް، ބެލްޖިއަމް އަދި އިޓަލީ ފަދަ ޤައުމުތަކުގެ މަގުތަކަށް އެތައް ލައްކަ ބަޔަކު ނުކުމެ އަޑުއުފުލަމުންދާއިރު، ބައެއް ސަރަޙައްދުތަކުގައި މި އެއްވުންތައް ވަނީ ނުރައްކާތެރި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ.

އެންމެ ވަރުގަދަ މުޒާހަރާތަކެއް ކުރިއަށްދަނީ ފްރާންސްގައެވެ. ވެރިރަށް ޕެރިހާއި އެ ޤައުމުގެ ބޮޑެތި އެހެން ސިޓީތަކުގައި ކުރިއަށްދާ މުޒާހަރާތަކުގައި ބައިވެރިވި މީހުންގެ ޢަދަދު 550,000 އަށް އަރާފައިވާ ކަމަށް ރަސްމީ އިދާރާތަކުން ހާމަކުރި ނަމަވެސް، މަސައްކަތްތެރިންގެ ޙައްޤުތަކަށް ވަކާލާތުކުރާ ލޭބަރ ޔޫނިއަންތަކުން ބުނާ ގޮތުގައި އެއްވުންތަކުގައި ބައިވެރިވި މީހުންގެ ޢަދަދު 800,000 އަށް ވުރެ މައްޗެވެ. މުޒާހަރާގެ ބައިވެރިން މައިގަނޑު ގޮތެއްގައި ޑިމާންޑް ކުރަމުންދަނީ ކާބޯތަކެއްޗާއި ދިރިއުޅުމުގެ ޒަރޫރީ ޚަރަދުތައް ކުޑަކުރުމަށާއި، ތަޢުލީމީ އަދި ޞިއްޙީ ނިޒާމު ހަރުދަނާކޮށް، އިންފްލޭޝަނާ އެއްވަރަށް މުސާރަތައް ބޮޑުކޮށްދިނުމަށެވެ.

ސުލްޙަވެރިކަމާއެކު ފެށުނު މި އިހުތިޖާޖުތައް ފަހުން ވަނީ ހަމަނުޖެހުންތަކަކަށް ބަދަލުވެ، ފުރާނައަށް ނުރައްކާވާ ހިސާބަށް ގޮސްފައެވެ. އެގޮތުން ފްރާންސްގެ ނޯންޓްސް ސިޓީގައި ހިނގި ކުރިމަތިލުމެއްގެ ތެރޭގައި 22 އަހަރުގެ ފުލުހަކު އުޅަނދަކުން ޖެހި މަރުވެފައިވާއިރު، ޕެރިސް ކައިރީގައި މުޒާހަރާގެ ބައިވެރިއަކު މަރުވި މައްސަލަވެސް ކަމާބެހޭ ފަރާތްތަކުން އަންނަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤު ކުރަމުންނެވެ. އާންމު އަދި ދައުލަތުގެ މުދަލަށް ގެއްލުންދީ، ހަމަނުޖެހުން އުފެއްދި 2,400 އަށްވުރެ ގިނަ މީހުން މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ. ފްރާންސްގެ ރައީސް އިމެނުއަލް މެކްރޮން ވަނީ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގާ ފަރާތްތަކާމެދު އެއްވެސް އިސްތިސްނާއެއް ނެތި ޤާނޫނީ އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

ފްރާންސްގައި ފެށުނު މި ރާޅު އަވައްޓެރި ޤައުމުތަކަށް ފެތުރި، ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސް އާއި އިޓަލީގެ ރޯމް އަދި މިލާން ފަދަ ޞިނާޢީ ބޮޑެތި ސިޓީތަކުގައިވެސް ވަނީ މުޒާހަރާތައް ފުޅާވެފައެވެ. ބްރަސަލްސްގައި ސަލާމަތީ ބާރުތަކުން ކަރުނަގޭހާއި ފެންޖަހައިގެން މުޒާހަރާތައް ކޮންޓްރޯލްކުރަން މަސައްކަތްކުރުމުން، މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ވަނީ ހިނގާފައެވެ. މީގެ އިތުރުން ޔޫރަޕްގެ މައި ދަތުރުފަތުރުގެ ނިޒާމުތައް ހުއްޓުމަކަށް އައިސް، ރޭލު ދަތުރުތަކާއި ވައިގެ ދަތުރުފަތުރަށްވެސް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ.

ޔޫރަޕުގެ އިއްތިޙާދާއި ވަކިވަކި ޤައުމުތަކުގެ ސަރުކާރުތަކުން އިޤްތިޞާދީ ލުއިތަކެއް ދިނުމަށް ކުއްލި މަޝްވަރާތައް ފަށާފައިވީ ނަމަވެސް، މަގުމައްޗަށް ނުކުމެތިބި ޢާންމު ރައްޔިތުންނާއި ލޭބަރ ޔޫނިއަންތަކުން ބުނަމުންދަނީ އެކަށީގެންވާ، ދެމެހެއްޓެނިވި ހައްލެއް ނުފެންނަނީސް މަގުމަތީގެ ހަރަކާތްތައް ހުއްޓައިނުލާނެ ކަމަށެވެ. މިއާއެކު، ކުރިއަށް އޮތް ފިނި މޫސުމާ ދިމާކޮށް ހަކަތައިގެ ތަދުމަޑުކަން އިތުރަށް ގޯސްވެ، ޔޫރަޕުގެ ސިޔާސީ އަދި އިޖުތިމާޢީ މަސްރަޙު އިތުރަށް ނުތަނަވަސްވެދާނެ ކަމުގެ އިންޒާރު މާހިރުން އަންނަނީ ދެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު