ލޯބިވާ ދަރިންނޭ، އަހަރެމެން މައިން "ދަރިފުޅާ، ހާލު ކިހިނެއް؟" އޭ އަހާލާއިރު، އެ ސުވާލުގެ ފަހަތުގައިވާ ލޯތްބާއި އަޅާލުން އިހުސާސްކުރަން ހަނދާންކުރާށެވެ. ތިޔަ ދަރިންގެ ފޯނުގެ ސްކްރީން ދިއްލިގެންދާ ހިނދެވެ. "ދެވިއްޖެތަ؟"، "ކައިފިންތަ؟"، "ނަމާދު ކޮށްފިންތަ؟"، "ދަރިފުޅު ހާލު ކިހިނެއް؟" މިފަދަ މެސެޖުތައް ފެނުމުން ފަހަރެއްގައި ތިޔަ ދަރިންގެ ފަރާތުން ފުން ނޭވާއެއް ބޭރުވެ، "އަނެއްކާވެސް ހެއްޔެވެ؟" މިފަދަ ހިޔާލެއް ސިކުނޑިއަށް ވަދެދާނެއެވެ.

ގިނަ ފަހަރު ތިޔަ ދަރިން ހުންނާނީ ރައްޓެހިންނާއެކު ކަމަށް ވެދާނެއެވެ. ނުވަތަ ފިލާވަޅު ދަސްކުރަން، ނޫނީ ގޭމެއް ކުޅެން ނުވަތަ އަމިއްލަ މިނިވަންކަމުގައި ވަގުތު ހޭދަކުރަނީ ކަމަށް ވެދާނެއެވެ. ދާ ތަނެއްގެ މަޢުލޫމާތު ކުރިންވެސް މަންމައަށް ދީފައި ހުންނާނެއެވެ. ދެން އަނެއްކާވެސް މިފަދަ ސުވާލުތަކަކީ ކީއްވެ ހެއްޔެވެ؟ ފޯނު ބޭއްވުމުގެ ކުރިން، ކުޑަހިނދުކޮޅަކަށް ވިސްނާލާށެވެ. ތިޔަ ދަރިންނަށް އެއީ ހަމައެކަނި މެސެޖަކަށް ވެދާނެއެވެ. އެކަމަކު އަހަރެމެން މައިންނަށް އެއީ ހިތްހަމަޖެހުން ލިބިގަތުމަށްޓަކައި ކުރާ އިންތިޒާރެކެވެ. ބައެއް ފަހަރު "ދަރިފުޅު ހާލު ކިހިނެއް؟" މި ސުވާލުގެ ފަހަތުގައި ވަރަށް ފުން މާނައެއް އެކުލެވިގެންވެއެވެ: "މަންމަ ތިޔަ ދަރިންދެކެ ލޯބިވޭ. ތިޔަ ދަރިން މަންމަގެ ލޯމަތިން ދުރުގައި ހުރި އިރު، ތިޔަ ދަރިން ހުރީ ސަލާމަތުންކަން މަންމަ ބަލަން ބޭނުންވޭ."

ތިޔަ ދަރިންގެ ހަނދާނުގައި ނެތް ތުއްތުއިރުގެ ދުވަސްތައް އަހަރެމެން މައިން ހަނދާން އެބަހުއްޓެވެ.

ތިޔަ ދަރިން ފުރާވަރަށް އެރި ދުވަސްތަކާއި، މިނިވަންކަމާއި އަމިއްލަ ދިރިއުޅުމަށް ބޭނުންވި ގޮތް ތިޔަ ދަރިން ހަނދާން ހުރެދާނެއެވެ. ނަމަވެސް، އަހަރެމެން މައިން ހަނދާން ހުންނަނީ ތިޔަ ދަރިންގެ މާ ކުރީގެ ދުވަސްތަކެވެ. މަންމަގެ އިނގިލީގައި ހިފަހައްޓައިގެން ތިބި ތިޔަ ދަރިންގެ ކުޑަކުޑަ އަތްތަކެވެ. ތިޔަ ދަރިން ހުން އައިސްގެން މަންމަ ނިދިނަގާލި ރޭތަކެވެ. ތަދުވާތަނެއް ބުނެދޭން ނޭނގިގެން ތިޔަ ދަރިން ރުއި ވަގުތުތަކެވެ. ތިޔަ ދަރިންނަށް ނޭވާލެވެނީ ހަމައަށްތޯއާއި، ފިނިވޭތޯއާއި، ނުވަތަ ބަނޑުހައިވޭތޯ ބަލަން މަންމަ ހޭލާ ހުރި ހަނދާންތަކެވެ.

މަންމަ ތިޔަ ދަރިންގެ ގާތުގައި އިށީނދެގެން އިން ރޭތައް ތިޔަ ދަރިން ހަނދާން ނެތިދާނެއެވެ. އެ ހަނދާންތައް ހަރުލާވަރަށްވުރެ ތިޔަ ދަރިން އޭރު މާ ތުއްތެވެ. އެކަމަކު އަހަރެމެން މައިންނަށް އެކަންކަން ހަނދާނެއް ނުނެތެއެވެ.

އަހަރުތަކެއް ވަންދެން ތިޔަ ދަރިންގެ ކަންކަން ބެލެހެއްޓުމުގެ ސަބަބުން، ތިޔަ ދަރިންނަށް އަންނަ އެންމެ ކުދިކުދި ބަދަލުތައްވެސް އަހަރެމެން މައިން ދެނެގަނެއެވެ. މަޑުމައިތިރި އަޑެއް، ފުރިހަމަނުކޮށް ހުރި ކެއުމެއް، ވަރުބަލިކަން ފެންނަ މޫނެއް ނުވަތަ އާދަޔާ ހިލާފު ހިމޭންކަމެކެވެ.

ތިޔަ ދަރިން ބޮޑުވަމުންދާއިރު މަންމަގެ އަޅާލުން ބަދަލުވާން ޖެހެއެވެ. ނަމަވެސް، އެ އަޅާލުމުގެ ފަހަތުގައިވާ ލޯތްބަކީ ތިޔަ ދަރިންނަށް އަށާރަ އަހަރުވުމުން ފިލައިގެންދާނެ އެއްޗެއް ނޫނެވެ.

މަގު ހުރަސްކުރަން، ފެރީއަށް އަރަން، ޔުނިވަރސިޓީއަށް ދާން ނުވަތަ ވަޒީފާއެއް އަދާކުރަން ތިޔަ ދަރިންނަށް އެނގޭނެކަން މަންމައަށް އެނގިދާނެއެވެ. އެހެންނަމަވެސް، ތިޔަ ދަރިންގެ ކުޅެދުންތެރިކަމަށް އިތުބާރުކުރުމާއެކުވެސް، ތިޔަ ދަރިން ސަލާމަތުން ދެވުނުތޯ ބަލަން ބޭނުންވުމަކީ އަހަރެމެން މައިންގެ އިންސާނީ ތަބީއަތެވެ. މަންމަގެ ސުވާލުގެ މާނައަކީ އަބަދު "ތިޔަ ދަރިންނަށް އިތުބާރު ނުކުރަނީ" އެއް ނޫނެވެ. އޭގެ މާނައަކީ "ތިޔަ ދަރިންނަކީ މަންމައަށް ވަރަށް މުހިންމު ބައެއް" ކަމެވެ.

އެ ކުރު މެސެޖުގެ ފަހަތުގައި މުޅި ދިރިއުޅުމެއްވެއެވެ. ތިޔަ ދަރިންގެ މަންމައަށް ވުމުގެ ކުރިން، މަންމައަކީވެސް ޒުވާނެކެވެ. މަންމަގެވެސް އެކުވެރިންނާއި، އުންމީދުތަކާއި، ކަންބޮޑުވުންތަކާއި ރޭވުންތަކެއް ހުއްޓެވެ. މަންމައަކަށް ވުމުން ދިރިއުޅުމަށް އާ ޒިންމާތަކެއް އިތުރުވެ، ތިޔަ ދަރިންނަށް ނުފެންނަ އެތައް ގުރުބާނީތަކެއް އަހަރެމެން މައިން ވީމެވެ.

ނިދިނަގާލި ރޭތަކަށްފަހުވެސް، ތިޔަ ދަރިންގެ މުސްތަޤުބަލް އުޖާލާ ކުރުމަށްޓަކައި، މަންމަ ވަޒީފާއަށް ދިޔައީއެވެ. ބައްޕައަށް ލިބޭ އާމްދަނީއިން ގޭގެ ޚަރަދުތަކުގައި ދިމާވާ ދަތިތައް ފިލުވައި، ތިޔަ ދަރިންނަށް ބޭނުންވާ ޒަރޫރީ ކަންކަން ހަމަޖެއްސުމަށްޓަކައެވެ. އަދި ފަހަށް ފައިސާ ރައްކާ ކުރުމުގެ މަގު ފަހިކުރުމަށެވެ. އެގޮތުން ވަޒީފާގައި ނުހަނު ބުރަކޮށް އުޅެމުންވެސް، މަންމަ ވަޒީފާއަށްފަހު ގެއަށްއައިސް، އެ ހުންނަ ވަރުބަލިކަމާއެކުވެސް ގޭތެރޭގެ އެންމެހައި ކަންތައްތަކާއި ތިޔަ ދަރިންގެ ކަންކަން ކުރަމުންދަނީ ނުހަނު ފޮނި އުއްމީދުތަކާއެކުއެވެ. އަދި ކޮބާ އެކަނިމާއެކަނި ތިޔަ ދަރިންގެ ކަންކަން ބަލަހައްޓަމުންގެންދާ އެކަނިވެރި މައިން؛ ގިނަ ފަހަރު ގޭގެ ކުޑަ ބަޖެޓުން ތިޔަ ދަރިންގެ ކިޔެވުމުގެ ކަންކަން ހަމަޖައްސައިދިނީއެވެ. އަމިއްލަ ހިތާމަތައް ހިފަހައްޓައިގެން ހުރެ، ތިޔަ ދަރިންގެ މައްސަލަތައް އަޑުއެހީއެވެ.

ކޮންމެ މަންމައެއްގެ ވާހަކަ އެއްގޮތް ނުވާނެއެވެ. ބައެއް މަންމައިން ލޯބި ފާޅުކުރެއެވެ. އަނެއްބައި މަންމައިންނަށް އިހުސާސްތައް ބަހުން ބަޔާންކުރަން އުނދަގޫވެއެވެ. ބައެއް މަންމައިންނަކީ ކެތްތެރި ބައެކެވެ. އަނެއްބައި މަންމައިން މާ ބޮޑަށް ކަންބޮޑުވެއެވެ.

ސައިންސުގެ ދިރާސާތަކުން ދައްކާގޮތުގައި މާބަނޑުވުމަކީ ސިކުނޑީގެ އޮނިގަނޑަށް ދާއިމީ ބަދަލުތަކެއް ގެންނަ ކަމެކެވެ. އެހެންނަމަވެސް، އަހަރެމެން މައިންގެ ކަންބޮޑުވުން ބިނާވެފައިވަނީ ހަމައެކަނި ސައިންސުގެ މައްޗަކަށް ނޫނެވެ. އެއީ ލޯތްބާއި، ތަޖުރިބާއާއި، ޒިންމާދާރުކަމާއި އަދި ތިޔަ ދަރިން ބަލާބޮޑުކުރުމުގައި އުފެދުނު ގާތް ގުޅުމެވެ.

އަހަރުތަކެއް ވަންދެން ތިޔަ ދަރިން ހިމާޔަތްކޮށްދިން މީހަކު، ތިޔަ ދަރިން ދުރުގައި ހުންނައިރު އަޅާލަންވީ ގޮތް ދަސްކުރަން ވަގުތު ބޭނުންވާނެއެވެ.

ފުރާވަރުގެ ކުދިން މިނިވަންކަން ބޭނުންވެއެވެ – އަދި އަހަރެމެން މައިންވެސް އެކަން ދަސްކުރަން ޖެހެއެވެ.

ތިޔަ ދަރިންނަކީ ފުރާވަރުގެ ކުދިންނަށްވާނަމަ، ތިޔަ ދަރިންގެ އިހުސާސްތައްވެސް މުހިންމެވެ. ތަކުރާރުކޮށް ފޯނު އައުމުން އުނދަގޫވެދާނެއެވެ. ރައްޓެހިންގެ ކުރިމަތީގައި ފޯނު ރިންގުވުމުން ލަދުގަނެދާނެއެވެ. އެހެން ކުދިންނަށް މާ ބޮޑަށް މިނިވަންކަން ލިބޭހެން ހީވެދާނެއެވެ.

މިނިވަންކަން ބޭނުންވުމަކީ ތިޔަ ދަރިން މަންމަގެ ގަދަރުކުޑަކުރާ ކުދިންނަކަށް ވުމެއް ނޫނެވެ. ބޮޑުވުމަކީ އަމިއްލައަށް ގޮތް ނިންމުމާއި، ޒިންމާ ނެގުމާއި އަދި އަމިއްލަ ނަފްސު ދެނެގަތުމެވެ. އަޅާލާ މަންމައަކު މި ކަންކަމަށް ފުރުސަތު ދޭންވާނެއެވެ.

ނަމަވެސް، ތިޔަ ދަރިންގެ ޖަވާބުތަކުން އެ ބަދަލު އިތުބާރާއެކު ގެނެވިދާނެއެވެ. މި ދެގޮތުގެ ތަފާތަށް ބަލާލަމާ ހިނގާށެވެ:

"އަހަންނަށް އުނދަގޫ ނުކޮށްބަލަ! އަހަރެން މިއީ ކުޑަކުއްޖެއް ނޫން!"

މިހެން ބުނުމުގެ ބަދަލުގައި:

"މަންމާ، އަހަރެން މިހުރީ ސަލާމަތުން. މަންމަ ކަންބޮޑުވާނެކަން އެނގޭ. ދެވުނީމާ މެސެޖުކުރާނަން، އަދި ރޭވުމަށް ބަދަލެއް އަތުވެއްޖެއްޔާ ބުނާނަން."

މި ދެ ބުނުމަކީވެސް އަމިއްލަ މިނިވަންކަމަށް އެދި ބުނާ ބަސްތަކެކެވެ. އެކަމަކު ދެވަނަ ގޮތުން މަންމަގެ ހިތަށް ތަސައްލީއެއް ލިބެއެވެ. މިނިވަން މީހަކަށް ވުމާއި އޯގާތެރި މީހަކަށް ވުމަކީ އެކުއެކީގައި ކުރެވިދާނެ ކަންކަމެވެ.

ތިޔަ ދަރިންގެ ރޭވުންތައް މަންމައަށް ސާފުކޮށް ބުނެދޭށެވެ. ގެއަށް އަންނަން ބުނާ ގަޑިއަށް ސަމާލުކަން ދޭށެވެ. ކްލާހުގައި ނުވަތަ ވަޒީފާގައި އުޅޭ ވަގުތު ފޯނަށް ޖަވާބު ނުދެވޭނެކަން ކުރިން ބުނެދޭށެވެ. ތިޔަ ދަރިންގެ އަމަލުތަކުން ޒިންމާދާރުކަން ފެންނަނަމަ، މަންމަގެ ހިތްހަމަޖެހުން އިތުރުވާނެއެވެ.

އަދި މާ ބޮޑަށް މަންމަ ފޯނުކުރާހެން ހީވާނަމަ، ދެމީހުންވެސް ހަމަޖެހިލައިގެން ތިބެ ވާހަކަދައްކާށެވެ: "އަހަރެމެން އެއްބަސްވަމާ، ދެވުނީމާ މެސެޖެއް ކޮށްލާފައި ފަހުން ގުޅާލަން؟ ކްލާސް ގަޑީގައި ތަކުރާރުކޮށް ޖަވާބުދޭން އުނދަގޫވާތީ."

އިހުތިރާމާއެކު ކަނޑައެޅޭ އިންތަކުގެ ސަބަބުން ދެފަރާތަށްވެސް ލުއި ލިބޭނެއެވެ.

ވާހަކަދައްކާ ގޮތަށް ސަމާލުވުމަށް އިސްލާމްދީން އުނގަންނައިދެއެވެ.

ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ އަމުރުކުރައްވާފައިވަނީ މައިންބަފައިންނަށް އޯގާތެރިވުމަށެވެ. ސޫރަތުލް އިސްރާގެ 23 އަދި 24 ވަނަ އާޔަތުގައި ވަނީ، މައިންބަފައިންނަށް އިހުތިރާމާއެކު ވާހަކަދެއްކުމަށާއި، އުނދަގޫވެގެން ނުރުހުމުގެ ބަހެއް (އުއްފު ވެސް) ނުބުނުމަށާއި، އެބައިމީހުންނަށް ރަޙުމްކޮށް ހެޔޮ ދުޢާކުރުމަށެވެ.

އާދައިގެ ދިރިއުޅުމުގައި ތިޔަ ދަރިންގެ ކިބައިން ނުރުހުމުގެ އަސަރުތައް ފެންނަނީ ކިހާ ފަސޭހައިންތޯ ވިސްނާލާށެވެ.

ލޯ އަޅާލުން.

ބާރަށް "ކީކޭ؟" އޭ ބުނުން.

ފުން ނޭވާއެއް ބޭރުކޮށްލުން.

"ކީއްވެ އަނެއްކާވެސް ތި އަހަނީ؟"

މުދައްރިސުންނާއި، ކަސްޓަމަރުންނާއި، ބޭރު މީހުންނާ ތިޔަ ދަރިން ރީތިކޮށް ވާހަކަދައްކާއިރު، އަހަރުތަކެއް ވަންދެން ތިޔަ ދަރިން ބަލާބޮޑުކުރި މަންމައާ ދިމާލަށް ބޭނުންކުރެވެނީ އެންމެ ހަރުކަށި ބަސްތަކެވެ. ޤުރުއާނުގެ އިރުޝާދުތަކުން އަހަރެމެންނަށް ހަނދާންކޮށްދެނީ މިފަދަ ކުދިކުދި ވަގުތުތަކަށް ސަމާލުވުމަށެވެ. އިހުތިރާމަކީ ހަމައެކަނި ޚާއްޞަ މުނާސަބަތެއްގައި ދޭ ހަދިޔާއެއް ނޫނެވެ. އެއީ އާދައިގެ ހަވީރެއްގައި މަންމަ ކުރާ އާދައިގެ ސުވާލަކަށް ދޭ ޖަވާބުވެސްމެއެވެ.

މީހަކު ރަސޫލާ ﷺ ގެ އަރިހުގައި، އޭނާގެ އެންމެ ރަނގަޅު އެކުވެރިކަމާއި އަޅާލުން އެންމެ ބޮޑަށް ޙައްޤުވަނީ ކާކަށްތޯ ސުވާލުކުރުމުން، ބައްޕަގެ ނަން ވިދާޅުވުމުގެ ކުރިން ތިން ފަހަރު މަންމަގެ ނަން ވިދާޅުވިއެވެ. (ޞަޙީޙުލް ބުޚާރީ 5971). މި އުނގަންނައިދިނުމުން އެނގެނީ ތިޔަ ދަރިންގެ އަޅާލުމާއި ސަމާލުކަމުގައި މަންމައަށް ޚާއްޞަ މަޤާމެއް ދޭންޖެހޭ ކަމެވެ.

ހެޔޮ އެކުވެރިކަމުގެ ތެރޭގައި މަންމަގެ ވާހަކަތައް އަޑުއެހުމާއި، ވަގުތު ދިނުމާއި، ތިޔަ ދަރިންގެ ހާލު އަހާލުމުން އޯގާތެރިކަމާއެކު ޖަވާބުދިނުން ހިމެނެއެވެ. އަދި ތިޔަ ދަރިން ކުޑައިރު މަންމަ ދިން އަޅާލުން ހަނދާންކޮށް، މައިންބަފައިންނަށް ރަޙުމްކުރެއްވުން އެދި ދުޢާކުރުމަކީ ތިޔަ ދަރިންގެ އަޚުލާޤު ބައްޓަންކުރަންވީ ގޮތެވެ.

ބައެއް ފަހަރު "ކައިފިންތަ؟" ގެ މާނައަކީ "ކިހިނެއް އަޅާލަންވީ؟" އެވެ.

ގިނަ މަންމައިން ވާހަކަ ފަށަނީ "މަންމަ ތިޔަ ދަރިން މަތިން ހަނދާންވޭ" އޭ ބުނެއެއް ނޫނެވެ. އޭގެ ބަދަލުގައި މަންމަ އަހާނީ ކެއުމުގެ ވާހަކައެވެ.

"ނާސްތާ ކުރިންތަ؟"

"ރޭގަނޑު ކެއުން ބަހައްޓަންވީތަ؟"

"ރަނގަޅަށް ނިދޭތަ؟"

މިއީ އަހަރެމެން މައިންނަށް އެނގޭ އަޅާލުމުގެ ބަހުރުވައެވެ.

ކޮޓަރީގެ ދޮރުމަތީގައި ހުރެ މަންމަ "ދަރިފުޅާ، ހާލު ކިހިނެއް؟" އޭ އަހާލާއިރު، ފަހަރެއްގައި ތިޔަ ދަރިން މަޑުމައިތިރިވެފައި ހުރިކަން މަންމައަށް ފާހަގަވީ ކަމަށް ވެދާނެއެވެ. އިމްތިހާނުގެ ބުރަކަމެއް، އެކުވެރިންގެ މައްސަލައެއް ނުވަތަ ދެރަވާ ކަމެއް އުޅެނީކަން މަންމައަށް ޝައްކުވަނީއެވެ.

ހުރިހާ ވާހަކައެއް އެއްފަހަރާ ކިޔައިދޭކަށް ނުޖެހެއެވެ. އެކަމަކު ކޮންމެވެސް މިންވަރަކަށް މަންމަ ބައިވެރިކޮށްލެވިދާނެއެވެ.

"މިއަދު ތަންކޮޅެއް ބުރަކޮށް ދިޔައީ މަންމާ. އަދި ވާހަކަދައްކާލެވޭވަރެއް ނުވޭ، އެކަމަކު އަހާލީތީ ޝުކުރިއްޔާ."

މިފަދަ ޖަވާބަކުން، ތިޔަ ދަރިންގެ އަމިއްލަ މިނިވަންކަން ނުގެއްލި، މަންމަގެ ހިތަށް ހަމަޖެހުން ލިބޭނެއެވެ. އަދި އެހީތެރިކަމަށް ބޭނުންވާ ވަގުތު، އެހީއަށް އެދުމަކީ ބަލިކަށިކަމެއް ނޫންކަން ހަނދާންކުރާށެވެ.

ކޮންމެ އުމުރެއްގެ ދަރިއަކަށްވެސް މަންމައަށް ހިތްހަމަޖެހުން ހޯދައިދެވިދާނެއެވެ.

މިއީ ހަމައެކަނި ފުރާވަރުގެ ކުދިންނަށް އޮތް މެސެޖެއް ނޫނެވެ.

ތިޔަ ދަރިންނަކީ އެހެން ރަށެއްގައި އުޅޭ ޒުވާނުންނަށް ނުވަތަ އަމިއްލަ ދަރިން ބަލާބޮޑުކުރާ މީހުންނަށް ވެދާނެއެވެ. ރާއްޖެއިން ބޭރުގައި މަންމައާ އެތައް މޭލެއް ދުރުގައި އުޅޭ މީހުންނަށްވެސް ވެދާނެއެވެ.

އަދިވެސް މަންމަ އަހާފާނެއެވެ:

"ގެއަށް ދެވިއްޖެތަ؟"

ތިޔަ ދަރިންނަށް އެއީ ކޮންމެ ރެއަކު ވަންނަ ތަނަކަށް ވިޔަސް، މަންމައަށް އެއީ ތިޔަ ދަރިން ސަލާމަތުން ހުރިކަން ޔަގީންކުރަން ބޭނުންވާ ތަނެވެ.

ކޮންމެ ފޯނަކަށް ވަގުތުން ޖަވާބު ނުދެވިދާނެއެވެ. ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން އެއީ ވެދާނެ ކަމެކެވެ. އެކަމަކު ފުރުސަތު ލިބުނުހާ އަވަހަކަށް މަންމައަށް ގުޅާލާށެވެ.

ކުރު މެސެޖެއް ފޮނުވާލާށެވެ:

"މަންމާ، މިވަގުތު ތަންކޮޅެއް ބިޒީ، އެކަމަކު ހާލު ރަނގަޅު. މަސައްކަތް ނިންމާލާފައި ގުޅާލާނަން."

އަދި މަންމަ ސުވާލުކުރުމުގެ ކުރިން، އިސްވެ މަންމަގެ ހާލު އަހާލާށެވެ.

"ކައިފިންތަ؟"

"ހާލު ކިހިނެއް؟"

"މިއަދު ކިހިނެއް ދިޔައީ؟"

ދަރިން ބޮޑުވަމުންދާއިރު، އަޅާލުމަކީ ދެފަރާތުން ލިބިދޭންޖެހޭ އެއްޗެކެވެ. މަންމައަކީ ހަމައެކަނި ކަމަކު ބޭނުންވުމުން ހަނދާންވާ މީހަކަށް ނުހަދާށެވެ.

ވިސްނުންތެރިކަމާއެކު ލޯބި އިތުރުކުރުން.

ލޯތްބާއެކު އިތުބާރާއި، މިނިވަންކަމާއި އަދި ތިޔަ ދަރިން އަމިއްލައަށް ގޮތް ނިންމުމުގެ ފުރުސަތު އޮންނަންވާނެއެވެ. ތަކުރާރުކޮށް ހާލު ބެލުމަކީ ބައެއް ފަހަރު ތިޔަ ދަރިންނަށް އުނދަގުލަކަށް ވެދާނެއެވެ. މިއީ މަންމައާއި ތިޔަ ދަރިންވެސް ވާހަކަދައްކައިގެން ހައްލުކުރަންޖެހޭ ކަމެކެވެ.

މަންމަގެ ކަންބޮޑުވުން ދެނެގަތުމުގެ މާނައަކީ ކޮންމެ ސިކުންތަކު މަންމައަށް ވަގުތު ދިނުމެއް ނޫނެވެ. އޭގެ މާނައަކީ އެ ކަންބޮޑުވުމަށް އޯގާތެރިކަމާއެކު ޖަވާބުދިނުމެވެ. ހަމައެފަދައިން، ތިޔަ ދަރިން މިނިވަންކަމަށް ބޭނުންވާ ވަގުތު، މަންމަވެސް އެކަން އަޑުއަހަންވާނެއެވެ.

ދެމީހުންގެ ގުޅުން ވަރުގަދަވާނީ، "އަހަރެން ތިޔަ ދަރިންނަށް އަޅާލަން، އަދި ތިޔަ ދަރިން ބޭނުންވާ ކަންކަން ދެނެގަންނަން ބޭނުން" ކަމަށް ބުނެވޭ ހިސާބުންނެވެ.

ހަމައެކަނި ސުވާލަށް ނޫން، އެ ލޯތްބަށް ޖަވާބުދީ.

ދެން ފަހަރަކުން މަންމަ "ދަރިފުޅާ، ހާލު ކިހިނެއް؟" އޭ އަހާލުމުން، އެ ބަސްތަކުގެ ފަހަތުގައިވާ އަހަރެމެން މައިންނާ މެދު ވިސްނާލާށެވެ.

ތިޔަ ދަރިންގެ ބަލި އެނދުގެ ކައިރީގައި ނިދިނަގާލާފައި އިން މަންމައެވެ.

ތިޔަ ދަރިންގެ އަޑުގައިވާ މާޔޫސްކަން މިއަދުވެސް ދެނެގަންނަ މަންމައެވެ.

މަންމަ "ލޯބިވޭ" އޭ ބުނާ ގޮތަކީ، ކެއުމަށް ހަނދާންކޮށްދިނުން ނުވަތަ އިރުއޮއްސުމުން ގުޅާލުން ކަމަށް ވެދާނެއެވެ.

ބޮޑެތި ތަޤުރީރުތަކެއް ބޭނުމެއް ނުވެއެވެ. ބައެއް ފަހަރު އޯގާތެރި މަދު ބަސްކޮޅެއް ފުދެއެވެ:

"ލައްބަ މަންމާ، އަހަރެން ރަނގަޅު. އަހާލީތީ ވަރަށް އުފާވެއްޖެ. މަންމަ ކިހިނެއް؟"

ތިޔަ ދަރިންނަކީ މިހާރު ބޮޑުވެފައިވާ ބައެއްކަން މަންމައަށް އިހުސާސްކޮށްދޭށެވެ. އަދި ތިޔަ ދަރިންގެ ދިރިއުޅުމުގައި އަދިވެސް މަންމައަށް ޚާއްޞަ މަޤާމެއް އޮތްކަން އަންގައިދޭށެވެ.

އަޅުގަނޑުމެންގެ މަންމައިންގެ އަޅާލުން ދެނެގަނެ، އެބައިމީހުންނަށް އޯގާތެރިކޮށް ހިތުމަށާއި، އެބައިމީހުން އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ހޯދައިދިން ފަދައިން، އަޅުގަނޑުމެންނަކީ އެބައިމީހުންނަށް ހިތްހަމަޖެހުން ލިބޭ ބަޔަކު ކަމުގައި ލައްވާށިއެވެ. އާމީން.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް