ރާތިބު
ރާތިބު
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ނުރައްކާތެރި ހަމަލާތަކާއި ހަނގުރާމައިގެ ނާމާންކަމުގެ ތެރޭގައި، އާއިލާގެ އެތައް ބަޔަކު ޝަހީދުވެ، އަމިއްލަ ހަށިގަނޑުން ގުނަވަނެއް ބުރިވެގެންދިޔަ ނަމަވެސް، ދިރިއުޅުމުގެ އުއްމީދު ދޫނުކޮށް ހިތްވަރާއެކު ފާޅުކުރި "ރާތިބު"ގެ އަސަރުގަދަ ވާހަކައަކީ މުޅި ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ ހިތާމަވެރި އަދި އެހާމެ ހިތްވަރުގަދަ ހާދިސާއެކެވެ.

އިސްރާއީލުގެ ބޮންއެޅުމެއްގައި މަންމަ ޝަހީދުވެ، އަމިއްލަ އެއްފައި ބުރިވެގެންދިޔަ އުމުރުން އެންމެ 9 އަހަރުގެ ރާތިބު މަހުމޫދު އަބޫ ކުލައިކް ވަނީ، ސިއްހީ އެހީތެރިކަމާއި އާކިފޯރީ ފައި (ޕްރޮސްތެޓިކް) ނުލިބުމުގެ ސަބަބުން، އަމިއްލަ އިޖާދީ ހިކުމަތްތެރިކަމާއެކު ޕްލާސްޓިކް ހޮޅިއެއް ބޭނުންކޮށްގެން އަމިއްލައަށް ފައެއް ހަދައިގެން ހިނގައިއުޅެން މަސައްކަތްކޮށްފައެވެ.

​"މަގޭ ނަމަކީ ރާތިބު، އަހަރެން ބޭނުންވަނީ މުޅި ދުނިޔެއަށް އަހަރެންގެ އަޑު އިއްވަން!" ކަމަށް ބުނެ، އޭނާ ވަނީ އޭނާގެ ހިތުގެ އުދާސްތަކާއި އަސަރުގަދަ މެސެޖު މުޅި ދުނިޔެއަށް ތިލަކޮށްދީފައެވެ.

އޭނާގެ އެންމެ ބޮޑު އުއްމީދަކީ އަލުން އެހެން ކުދިންނެކޭ އެއްފަދައިން ދުވެ، ފުޓްބޯޅަ ކުޅެ، އަމިއްލަ ފައިމައްޗަށް ސާބިތުކަމާއެކު ތެދުވުމުގެ ފުރުސަތު ލިބުމެވެ.

ނަމަވެސް، ޣައްޒާގެ ހޮސްޕިޓަލްތަކާއި ސިއްހީ ނިޒާމު މުޅިން ހަލާކުވެ، އެހީގެ ތަކެތި އެތެރެކުރުމަށް އިސްރާއީލުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، ރާތިބު ފަދަ ހާހުން ގިނަ ކުޑަކުދިންނަށް އެކަށީގެންވާ ފަރުވާ ނުލިބި، ކޮންމެ ދުވަހަކުވެސް ބޮޑެތި ތަކުލީފުތަކެއް އުފުލަން ވަނީ ޖެހިފައެވެ.

​މި ހިތާމަވެރި ހާދިސާ އާންމުންގެ ސަމާލުކަމަށް އައުމާއެކު، އަންރުވާ އާއި އެކި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ އެހީތެރިކަމާއެކު ރާތިބަށް އެކަށީގެންވާ ސިއްހީ ފަރުވާއާއި، ހާއްސަ ޕްރޮސްތެޓިކް ފައެއް ފޯރުކޮށްދީ، އަލުން ހިނގައިގަތުމުގެ ތަމްރީނުތައް ވަނީ ދޭން ފަށާފައެވެ. މިއީ އޭނާގެ ދިރިއުޅުމަށް އަލުން އުއްމީދާއި އުފާވެރިކަން ގެނެސްދިން މުހިންމު ބަދަލެކެވެ.

​ރާތިބުގެ ވާހަކައަކީ ހަމައެކަނި އެންމެ ކުއްޖެއްގެ ތަޖުރިބާއެއް ނޫނެވެ. އެއީ އަނިޔާވެރިކަމާއި، ހަނގުރާމައާއި، އެކަހެރިކުރުމުގެ ތެރޭގައިވެސް، ދިރިއުޅުމުގެ އުއްމީދު ކަނޑާނުލައި، ސާބިތުކަމާއެކު ކުރިއަށްދާން ޣައްޒާގެ އެތައް ހާސް ކުޑަކުދިން ކުރަމުންދާ ހިތްވަރުގަދަ ޖިހާދުގެ ރަމްޒެކެވެ.



ކިޔުންތެރިންގެ ހިޔާލު