ކުރީގެ ދާޚިލީ ވަޒީރު ޢުމަރު ނަސީރު
ކުރީގެ ދާޚިލީ ވަޒީރު ޢުމަރު ނަސީރު
ސަރުކާރުގެ ވަޒީފާތަކާއި، ކޮންޓްރެކްޓްތަކާއި، ވިޔަފާރިކުރަން ބޭނުންވާ ބިންތައް ގޭންގުތަކަށް ދެމުންދާކަމަށް ވިދާޅުވެ ކުރީގެ ދާޚިލީ ވަޒީރު ޢުމަރު ނަސީރު މިސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރަށްވައިފިއެވެ.

މީސްމީޑިއާގައި މިއަދު ޙިއްސާ ކުރެއްވި ވީޑިއޯއެއް ގައި ޢުމަރު ވިދާޅުވީ، މިސަރުކާރުން މިހާރު ގޭންގު ޙަރަކާތްތައް ހުއްޓިފައިވާކަމަށް ވިދާޅުވާއިރު ގޭންގުތަކުން ކުށްތަކަށް އަރައިގަންނަންޖެހޭ ސަބަބެއް މިހާރު ނެތް ކަމަށެވެ. އެގޮތުން ޢުމަރު ވިދާޅުވީ ސަރުކާރުން މިހާރު ގޭންގު މައްސަލަތަކާއި ޑްރަގް މައްސަލަތަކުގައި ޢަމަލު ކުރަމުން މިދަނީ ނާތަހުޒީބު މުޖުތަމަޢުތަކުގައި ރޭޕްގެ ޝިކާރައަކަށްވާ އަންހެން ކުއްޖާ ރޭޕިސްޓާއި ދެވވުމުގެ ސަޤާފަތާއި އެއްގޮތަށް ކަމަށެވެ.

އެގޮތުން ޢުމަރު ވަނީ، ސަރުކާރުގެ ވަޒީފާތަކާއި، ކޮންޓްރެކްޓްތަކާއި، ވިޔަފާރިކުރަން ބޭނުންވާ ބިންތައް ގޭންގުތަކަށް ދެމުންދާކަމަށް ތުހުމަތު ކުރަށްވާފައެވެ. އަދި ދާދި ފަހުން ޢުމުރަށް ޖަލަށްލާފައިވާ މަސްތުވާތަކެތީގެ ބޮޑެއް ޕެރޯލްގެ ދަށުން މިނިވަން ކޮށްފައިވާތީ އެކަމަށްވެސް ޢުމަރުވަނީ ފާޑުވިދާޅުވެފައެވެ

"މިބުނަނީ މިހާރު އެއްގޭންގް އަނެއް ގޭންގަކަށް ވަޅިއެއް ނުހަރައޭ. ތެދެއް ވަޅިހަރަންޖެހޭ އެއްވެސް ސަބަބެއް ނެތް ދެއްތޯ. ޤާނޫނު ކޮން ކޮޅަކަށްތޯ ކިޔާނީ މިހެން ހަދާފަ." ޢުމަރު ވިދާޅުވިއެވެ.

ޢުމަރު މިހެން ވިދާޅުވެފައިވާއިރު، ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ކުށް ސާބިތުވެ، 25 އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ އައްޑޫ ސިޓީގެ އިބްރާހިމް ރަޝީދު (އަބުޗާ) ޕްރޯލް ބޯޑުން ޝަރުތުތަކަކާއެކު މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ވަނީ މިނިވަން ކޮށްފައެވެ.

"ކޮބާތޯ ޤާނޫނު؟ ޤާނޫނު އެކޮޅުކޮޅުން ޖެހުނީ ނޫންތޯ މިހާރު؟ ރާއްޖޭގެ އެއްވެސް ޕޮލިޓިކަލް ޕާޓީއަކަށް ރާއްޖޭގައި މިހުރި ބޮޑެތި މައްސަލަތައް ޙައްލެއް ނުކުރެވޭނެ." ޢުމަރު ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު ޢުމަރު ވިދާޅުވީ، ސިޔާސީ ޕާޓީތަކުގައި އާ ޚިޔާލެއް ނެތްކަމަށާއި، އެމީހުންނަށް ރައްޔިތުންނަށް ކޮށްދެވޭނެ އިތުރުކަމެއް ނެތް ކަމަށެވެ. އަދި ރާއްޖެއަށް ބޭނުންވަނީ "ސްޓްރޯންގް އަދި އޮނެސްޓް ލީޑަރެއް" ކަމަށްވެސް ޢުމަރު މިވީޑިއޯގައި ވިދާޅުވެފައިވެއެވެ.

މީގެކުރިން ސިޔާސީ ޕާޓީތަކުގެ މައްސަލާގައި ޢުމަރު ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ސަރުކާރެއްގައި ސިޔާސީ ޕާޓީތަކުގެ ނިޒާމު ހަރުދަނާކޮށް އިސްލާޙު ކުރުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށެވެ. އެގޮތުން، މިހާރު ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް އަހަރަކު ދޫކުރަމުން އަންނަ ގާތްގަނޑަކަށް 30 މިލިއަން ރުފިޔާގެ ފައިސާ ދޫކުރުން އެއްކޮށް އުވާލައްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް