މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله
މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله
އިންޓަރ-ޕާލިމެންޓަރީ ޔުނިއަން (އައިޕީޔޫ) ގެ 153 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުالله، ޓެންޒޭނިއާގެ އަރޫޝާއަށް ފުރާވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަހުގެ 5 އިން 9 އަށް ކުރިއަށްދާ މި ބައްދަލުވުމުގައި މަޖިލީހުގެ ރައީސް ތަޤުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަބްދުއްރަހީމް ވާހަކަފުޅު ދައްކަވާނީ "އެންމެންގެ ޝާމިލުވުމާއި، އިތުބާރާއި، އަދި ފުރުޞަތުތައް ފަހިކޮށްދީގެން ހެޔޮވެރިކަން ކުރިއެރުވުމާއި މުޖުތަމަޢުތައް ބާރުވެރިކުރުވުން" މި މައުޟޫޢުގެ މައްޗަށެވެ.

މަޖިލީހުގެ ރައީސްގެ އަރިހުގައި މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އިދާރީ އިސް ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. އޭގެ ތެރޭގައި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު، ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް، ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާ، ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ އަދި ތޮއްޑޫ ދާއިރާގެ މެންބަރު ޙުސައިން ސަމީރު ހިމެނިވަޑައިގަންނަވައެވެ.

މީގެއިތުރުން، މަޖިލީހުގެ ކައުންސެލް ޖެނެރަލް އަލްއުސްތާޛާ ފާތިމަތު ފިލްޒާ އާއި، މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯ އަޙްމަދު ނިހާން ޙުސައިން މަނިކު އަދި ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ޒުއްޔިނާ ބަދުރީ ވެސް މި ވަފުދުގައި ހިމެނިވަޑައިގަންނަވައެވެ.

އައިޕީޔޫއަކީ ދުނިޔޭގެ އެކި ޤައުމުތަކުގެ ޤާނޫނުހަދާ މަޖިލިސްތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ސުލްޙަމަސަލަސްކަމާއި ޑިމޮކްރަސީގެ އަސާސްތައް ކުރިއަރުވައި، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމުގެ މަޤްޞަދުގައި 1889 ވަނަ އަހަރު އުފައްދާފައިވާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެކެވެ. ރާއްޖޭގެ ޤާނޫނުހަދާ މަޖިލީހުން އަބަދުވެސް އަންނަނީ މި ޖަމްޢިއްޔާގެ ހަރަކާތްތަކުގައި ފުޅާ ދާއިރާއެއްގައި ބައިވެރިވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް